• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަޅުގަނޑު ދެމިހުންނާނީ އިސްލާމްދީނަށް ޙިދުމަތްކުރުމުގައި: ރައީސް ނަޝީދު

Posted by faradays on Sunday, January 16, 2011 No comments

”ބަޔަކު އަޅުގަނޑާއިމެދު ކޮންމެ ގޮތަކަށް ދެކެ، ކޮންމެ ގޮތަކަށް ވާހަކަތަކެއް ދެއްކިނަމަވެސް” އަބަދުވެސް ދެމި ހުންނާނީ އިސްލާމްދީނަށް ޙިދުމަތް ކުރެއްވުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދުނަޝީދު ވިދާޅުވެއްޖެއެވެ
އިއްޔެ މެންދުރުފަހު، މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނަވާ ސިފަ ބަޔަކަށް ތަފާތުވެދާނެކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް މާތްﷲ ދެއްވި ބޭރު ފުށުގެ ސިފަކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅުހުރީ އަބަދުވެސް އިސްލާމްދީނަށް ޙިދުމަތްކުރެއްވުންކަމަށެވެ
”މިކަމުގައި އަޅުގަނޑުގެ ވިސްނުންވެސް އަދި އަޅުގަނޑުގެ ނިޔަތެއްވެސް އެއްވެސް އިރެއްގައި ތަފާތެއްނުވާނެ. އަޅުގަނޑު ދެމިހުންނާނީ އިސްލާމީ އުއްމަތަށް ޙިދުމަތްކުރުމުގައި” ރައީސް ނަޝީދު ވިދާޅުވިއެވެ
ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހުކުރުދުވަހުގެ ހުތުބާއިން އެމަނިކުފާނަށް ވަރަށްފުން އަސަރުތަކެއް ކުރިކަމަށާއި، އިސްލާމީ އުންމަތް ބަލިކަށިވެފައިވާ މިންވަރާއި ބައިބައިވެފައިވާ މިންވަރުގެ މައްޗަށް ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގެންނެވިކަމަށެވެ
އިސްލާމީ ތާރީޚްގެ ރަންޒަމާން ކަމުގައިވާ ޢައްބާސީ ޚިލާފަތުގެ ޒަމާނަށް އިޝާރާތް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އިސްލާމް ދީނާއި އިސްލާމީ އުންމަތް ކުރިއަރާ ދިޔައީ މިނިވަންކަން ލިބި، ހަނި މަގެއްގައި ހިނގުމަށް އެއްވެސް މީހަކު މަޖުބޫރު ނުކުރީތީ ކަމުގައި ވިދާޅުވިއެވެ. އަދި އިސްލާމީ އުންމަތް ދެންވެސް ދިރޭނީ “ރައްޔިތުން ހަނި މަގަކަށް ނުދާ ފުޅާ ވިސްނުން ރައްޔިތުންނަށް ދީގެން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި ސަރުކާރުގެ އަބަދުގެވެސް އަމާޒަކީ، ޤައުމާ ދީން ކުރިއަރާ ދިއުން ކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އަޅުގަނޑުމެންގެ އުންމަތް ކުރިއެރުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ
ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމަކަށް ބެލިނަމަވެސް ދަންނަބޭކަލުން ނުވަތަ ދީނީ އިލްމުވެރިންނަށް އެބޭފުޅުން ދައްކަވަން ބޭނުންފުޅު ހުރިހާ ވާހަކަތެކެއް ދެއްކެވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އަބަދުވެސް އެފުރުސަތު އެގޮތަށް ބާއްވާނެކަމަށެވެ
އަދި ވެރިކަން ކުރެވޭނީ ރައްޔިތުންގެ ރުހުމާއި ލޯބިލިބިގެން ކަމަށާއި ރައްޔިތުންގެ ލޯބި ލިބިވަޑައިނުގަންނާވާނަމަ ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ދެމި އޮންނަތާ އެއް ހާސް އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ ކަމަށާއި، ހުއްޓުމެއް ނެތި އިސްލާމީ ޝަރީޢަތް، އިސްލާމީ އުސޫލުތައް، އިސްލާމީ ޘަޤާފަތް މި ދަރަޖައަށް މިހާ ދިގަށް ދެމިގެން ގޮސްފައިވާ ޤައުމެއް ރާއްޖެ ފިޔަވާ މިދުނިޔޭގައި ނޯންނާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ
ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ކިނޮޅަހަކީ ރާއްޖޭގެ ޒަމާންވީ ޤަދީމީ ތާރީޚްގެ ތެރެއިން އެންމެ ފާހަގަވެފައި އޮތް އެއް ރަށް ކަމަށާއި، މީލާދީން ސާދަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ކިނޮޅަހުގައި ސާޅީސް މިސްކިތް ހުރި ކަމަށް އިތުބާރު ހުރި ތާރީޚީ މަޢުލޫމާތު ތަކުން އެނގެން އެބައޮތް ކަމުގައި ވިދާޅުވިއެވެ

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments