ތަނަވަސްކަމުގެ ދަޅައިގައި ނުޖެހޭށެވެ! ޤާރޫނު އަވަދިކޮށްލީ އޭނާގެ ތަނަވަސްކަމެވެ. ޙާލަތާމެދު ބޮޑާ ނުވާށެވެ! ޙައްލާޖު ޤަތުލުކޮށްލީ އޭނާގެ ޙާލަތެވެ

THE OFFICIAL WEBSITE OF FARADAYS

ަޤާމާއި ޤަދަރަށް ބަރޯސާ ނުވާށެވެ! ފިރުޢައުނު ތިރިކޮށްލީ އޭނާގެ މަޤާމެވެ. އަބޫ ޖަހުލު ނަރަކައަށް ވައްޓާލީ އޭނާގެ ޤަދަރެވެ. އަބޫ ލަހަބު އަންދާލީ އޭނާގެ ޒަޢީމު ކަމުގެ އަލިފާނެވެ

ތިބާ މާތް ﷲ ހަނދުމަކޮށް ޒިކުރުކޮށްފިނަމަ، މަތިވެރިކުރައްވަ އެވެ. ޝުކުރުކޮށްފިނަމަ، އިތުރުކުރައްވަ އެވެ. ވަކީލުކޮށްފިނަމަ، ފުއްދަވައިދެއްވައެވެ. ދަންނަވައިފިނަމަ، ހިންމަވައިދެއްވައެވެ. ޙިމާޔަތަށް އުންމީދުކޮށްފިނަމަ، ރައްކާތެރިކުރައްވަ އެވެ

  • RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަޙުލާޤީގޮތުންދަށް ފެންވަރުގެ ފޮޓޯތަކަށް ތިބާ ލޯބިކުރަންތޯ؟

Wednesday, November 23, 2011


އިސްލާމީ ހެދުން އަޅާގެންތިބެ އޮރިޔާމުން ހުރިމީހަކާއި އެކު ފޮޓޯނަގަންވީ ކީއްވެ؟
މިކަލަކަށް އައިސް ވަރަށް ގިނަބަޔަކު އެބައިމީހުންގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއަށް ވަރަށް އަހުލާޤީގޮތުންދަށް ފޮޓޯތަށް ލަމުންދާކަން ފާހަގަކުރެވެއެވެ. ބައެއްމީހުން ކުޑަކުޑަ ދެކުދިން ލައްވާ ދުންފަތާ ތުންޖައްސާ ކިސްކުރުވާފައި ފޮޓޯނަގާފައިވެސް ލައެވެ. މިކަހަލަ ވަރަށް ގިނަފޮޓޯތަށް އަޅުގަނޑަށް ވަނީ ފެނިފައެވެ. އަދި ބައެއް މަންމަމެން އެބައިމީހުންގެ ތުއްތު ދަރީންނާއި އިސްވެދެންނެވިގޮތަށް ތުންފަތާއި ތުން ދައްޖައިގެން ފޮޓޯ ނަގާފައި ލަމުންގެންދެއެވެ. ގިނައިން މިކަން ކުރަނީ އަންހެން ކަނބަލުންކަން ފާހަގަވެއެވެ. އޭ މުސްލިމު އަޙުންނާއި އުޙުތުންނޭވެ. މިބާވަތްތަކުގެ ފޮޓޯތަކަކީ އަޅުގަނޑުމެންގެ މާތް އަޙުލާގިއްޔަތާއި ހިލާފު ކަމަކަށް މެނުވީނުވާނެއެވެ. އެއީ މާބޮޑުކަމެއްކަމަށް ނުހަދައި ވާކަށް ނެތެވެ. އެއީ ފިކުރީ ހަގުރާމައިގެ ބައެކެވެ.
މިއީހަމަ އެންމެ ރަގަޅުގޮތްބާ؟ ކީއްތޯވާނީ އަންހެންކުއްޖާ ބުރުގާ އަޅުވާގައި ފިރިހެންކުއްޖާވެސް ރީތި އިސްލާމީ ހެދުމެއްލައްވާފައި ދެކުދިންވެގެން "ﷲ" ގެކަލިމަ ލިޔެފައި ކުލަޖައްސާ މަންޒަރު ސިފަވާ ގޮތަށް ފޮޓޯނެގިއްޔާ؟ މިދެން މިކުދިންގެ އަޙުލާހު ބައްޓަން ކުރަން އެންމެ ރަގަޅު ގޮތްބާ؟

މިގޮތަށް ފޮޓޯއެއްނަގާފައިވާ އަންހެނަކަށް އަހުރެން ފޭސްބުކުން މެސެޖެއް ފޮނުވީމެވެ. ޖަވާލު ލިބުނީ ވަރަށްވެސް ހިތްދަތިވާ ގިތަކަށެވެ.WTF, theena ah kon kameh. miee aharen ge amilla dharifulhu" go to hell. އަޅުގަނޑު ރަގަޅުގޮތް ބުނެދޭން މަސައްކަތް ކުރުމުން ލިބުނު ޖަވާބަކީ މިއީއެވެ. ކުދިންނޭވެ. މިކަމާއިމެދު ފުންކޮށް ވިސްނާ ފިކުރު ހިންގާލާށެވެ.

މީނަކީއްކުރަން ބުރުގާ ނުބާލަން އުލެނީ؟

ދެއަތްތިލަ މުށްކަވާފައި ޖައްސައިގެން ސަޖިދައިން ތެދުވުން

Tuesday, November 22, 2011


ބައެއް މީހުން، ސަޖިދައިން ތެދުވާއިރު، ދެއަތްތިލަ މުށްކަވާފައި، ޖަނަވާރެއްގެ މުއްގަނޑު ބިންމަތީގައި ޖައްސާހެން ޖައްސައިގެން ތެދުވާތަން ފެނެ އެވެ. ސުންނަތްވެގެންވަނީ، ސަޖިދައިން ތެދުވާއިރު، މިގޮތަށް ޢަމަލުކުރުންތޯ އެވެ؟


ޖަވާބު

ސުވާލު ކުރެއްވި ބޭފުޅާ ވިދާޅުވެފައިވާ ގޮތަށް ސަޖިދައިން ތެދުވުމަށް، ބައެއް ޢިލްމުވެރިން ދަލީލު ދައްކަވާ މަޝްހޫރު ދެ ރިވާޔަތެއްވެ އެވެ. ތިރީގައި މިވަނީ، އެ ދެ ރިވާޔަތާއި އެއާމެދު ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.


ފުރަތަމަ ރިވާޔަތް

އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައި ވެ އެވެ.

(أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ كَانَ إِذَا قَامَ فِي صَلاَتِهِ وَضَعَ يَدَيْهِ عَلَى اْلأَرْضِ كَمَا يَضَعُ اْلعَاجِنُ)

މާނައީ، "ހަމަކަށަވަރުން ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ނަމާދުގައި ތެދުވެވަޑައިގަންނަވާއިރު، ޢުމުރުން ދުވަސްވެފައިވާ މީހާ އަތް ޖައްސާ ފަދައިން އިތުރު އެކަލޭގެފާނުގެ ދެ އަތްޕުޅު ބިންމަތީގައި ޖައްސަވަ އެވެ."


ޢިލްމުވެރިންގެ ރައުޔު

މި ރިވާޔަތުގައިވާ އެއްޗަކާއި، މި ރިވާޔަތުގެ ޞައްޙަކަން ދެނެގަތުމަށްޓަކައި، ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާލަމާތޯ އެވެ.


އިބްނުއްޞަލާޙު

މިއީ، ޞައްޙަ ޙަދީޘްފުޅެއް ނޫނެވެ. އަދި މި ޙަދީޘްފުޅުން ޙުއްޖަތް ދެއްކުން ހުއްދައެއް ވެސް ނުވާނެ އެވެ.


އަންނަވަވީ

މިއީ ޟަޢީފު ޙަދީޘްފުޅެކެވެ. ނުވަތަ އެއްވެސް އަޞްލެއް ނެތް ބާޠިލު ޙަދީޘެކެވެ.


އަލްޣަޒާލީ

ދަރުސެއްގައި އިމާމު ޣަޒާލީ ވިދާޅުވި ކަމަށް ނަގުލުވެފައިވެ އެވެ.

(العَاجِنُ) ތޯ އެވެ؟ ނުވަތަ (العَاجِزُ) ތޯ އެވެ؟ މިއީ، ޞައްޙަ ޙަދީޘްފުޅެއް ކަމަށް ބެލި ނަމަވެސް، މި ޙަދީޘްފުޅުގައި ވާކަން ކަށަވަރީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތެދުވެވަޑައިގަންނަވާ ގޮތެވެ. މި ޙަދީޘްފުޅުގައިވަނީ، ދެ އަތްތިލައިގެ ބަނޑުފުށް ޖައްސައިގެން، ޢާޖިޒަކު ތެދުވާ ފަދައިން، އިތުރުއެކަލޭގެފާނު ތެދުވެވަޑައިގަންނަވާ ކަމަށެވެ. ޢާޖިޒަކީ، ޢުމުރުން ދުވަސްވެ މުސްކުޅިވުމުގެ ސަބަބުން ނުކުޅެދުންތެރިވެފައިވާ މީހާ އެވެ. އެ ބަސްފުޅުގެ މުރާދައަކީ، ފުށް މޮޑޭ މީހާ އެއް ނޫނެވެ. .... ޢަޖަމީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ނަމާދުގައި ސަޖިދައިން ތެދުވާއިރު، ދެ އަތްތިލަ މުށްކަވައިގެން އިނގިލިތަކުގެ ބޭރުފުށް ޖައްސައިގެން ތެދުވެއެވެ. އެމީހުން އެ ގެނެސްގަންނަނީ، ނަމާދުކުރާ ގޮތުގެ ތެރޭގައި ސާބިތުވާން ނެތް ކަމެކެވެ. ޙަދީޘްފުޅުގައިވަނީ، (العَاجِنُ) "އަލްޢާޖިނު" ކަން ސާބިތުވިޔަސް، ޢަރަބި ބަހުގައި (العَاجِنُ) "އަލްޢާޖިން" އަކީ ޢުމުރުން ދުވަސްވެފައިވާ މީހާ އެވެ.


ނޯޓް

ޢަޖަމީންނަކީ، ޢަރަބީން ނޫން މީހުންނެވެ.
(العَاجِنُ) އަކީ ފުށްމޮޑޭ މީހާ ކަމަށް މާނަކުރެވެ އެވެ. (العَاجِزُ) އަކީ، ނުކުޅެދުންތެރިވެފައިވާ މީހާ އެވެ.


ދެވަނަ ރިވާޔަތް

މި ރިވާޔަތް މަޝްހޫރުވެފައިވަނީ، "ޙަދީޘުލް ޢަޖްނު" ގެ ނަމުންނެވެ. މި ރިވާޔަތް ރިވާކުރެއްވި، އަލްއަޒުރަޤު ބްނު ޤައިސު ވިދާޅުވެފައި ވެ އެވެ.

(رَأَيْتُ عَبْدُ اللهِ بْن عُمَرَ وَهُوَ يَعْجِنُ فِي الصَّلاَةِ، يَعْتَمِدُ عَلَى يَدَيْهِ إِذَا قَامَ، فَقُلْتُ: مَا هَذَا يَا أَباَ عَبْدِ الرَّحْمَنِ؟ قَالَ: رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْجِنُ فِي الصَّلاَةِ)

ލަފުޒީ މާނައީ، "ނަމާދުގައި ޢަބްދުﷲ ބްނު ޢުމަރު ފުށް މޮޑުއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ތެދުވެވަޑައިގަންނަވާއިރު، އެކަލޭގެފާނު ދެ އަތްޕުޅަށް ބާރުލައްވަވަ އެވެ. ތިމަން ދެންނެވީމެވެ. އޭ އަބޫ ޢަބްދުއްރަޙުމާނެވެ! ތިޔައީ ކޮންކަމެއްތޯ އެވެ؟ އެކަލޭގެފާނު ވިދާޅުވި އެވެ. ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދުގައި ފުށް މޮޑުއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ."

ނަންގަނެވިދިޔައީ، ރިވާޔަތާއި އޭގެ ލަފުޒީ މާނަ އެވެ. ލަފުޒީ މާނައާ އެއްގޮތަށް ޢަމަލުކުރާ ކަމަށްވަނީނަމަ، ނަމާދަށް ދާންވާނީ ފުށްގަނޑެއް ހިފައިގެންނެވެ. ސަޖިދައިން ތެދުވާއިރު، ފުށްގަނޑު މޮޑެލާފައި، ދެއަތަށް ބާރުލާފައި ތެދުވާނީ އެވެ. މި ރިވާޔަތުގެ ލަފުޒީ މާނައިގައިވާ ގޮތަށް ޢަމަލުކުރެވުނު ކަމަށް ވާނީ، އޭރުންނެވެ. ރަނގަޅަށް ޢަރަބި ބަސް ނުދަންނަ މީހަކު، މިގޮތަށް މިކަން ކޮށްފާނެ އެވެ. ނަމަވެސް، މިރިވާޔަތުގައިވަނީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރައްވާއިރު، ފުށްމޮޑުއްވާ ކަމަށްތޯ އެވެ؟


އަލިއަޅުވާލުމެއް

ދެވަނަ ރިވާޔަތުގައިވާ އެއްޗެއް ސާފުކޮށް އޮޅުންފިލުވާލުމަށްޓަކައި، ޢިލްމުވެރިންގެ ރައުޔުތަކަށް ބަލާލަމާތޯ އެވެ.


އަލްބާނީ

އަޒުރަޤުގެ ރިވާޔަތަކީ، ޞައްޙަ ރިވާޔަތެއް ކަމަށް ވިދާޅުވީ ފަޟީލަތުއް ޝައިޚު ނާޞިރުއްދީނުލްއަލްބާނީ އެވެ. (އިސްލާމީ އުންމަތުގެ) އިސްވެދިޔަ އިމާމުން، ނަމާދު ކުރާގޮތް ބަޔާންކުރައްވާއިރު، މި ރިވާޔަތް ނުގެންނަވާ ކަމަށް އޭނާ ވިދާޅުވެ އެވެ. ނަމަވެސް މި ރިވާޔަތް ދިފާޢުކުރެއްވުމަށްޓަކައި، އޭނާ ޙުއްޖަތް ދައްކަވާފައިވެ އެވެ.


ބަކުރު ބްނު ޢަބްދު ﷲ

އަޒުރަޤުގެ ރިވާޔަތަކީ، ޟަޢީފު ރިވާޔަތެއްކަން ބަޔާންކުރައްވައި ފަޟީލަތުއް ޝައިޚު ބަކުރު ބްނު ޢަބްދު ﷲ ވަނީ ފޮތެއް ލިޔުއްވާފަ އެވެ. އެ ފޮތުގައި އޭނާ ވިދާޅުވެފައިވަނީ، މި ރިވާޔަތަކީ، ޟަޢީފު، ބީރައްޓެހި، މުންކަރު ރިވާޔަތެއްކަމަށެވެ. ދެވަނަ ސަޖިދައިން ތެދުވާއިރު، ބިންމަތީގައި އަތް ޖައްސައި އަތުގެ ބާރުގައި ތެދުވަންވާނީ، (ބަލިކަށިވުމުގެ ސަބަބުން ނުވަތަ ހަށިގަނޑުގައި ވަރު ނެތުމުގެ ސަބަބުން) އެގޮތަށް ތެދުވާން ޖެހިއްޖެ ޙާލަތެއްގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.


ނޯޓް

އަލްއަލްބާނީ އާއި ބަކުރު ބްނު ޢަބްދު ﷲ އާ ދެ ބޭކަލުން، މި މައްސަލައިގައި ރައުޔު ތަފާތުވި ނަމަވެސް، އެ ދެ ބޭކަލުންގެ ދެމެދުގައި އެއްވެސް ކަހަލަ ޢަދާވާތްތެރިކަމެއް ނެތެވެ. ކީއްތޯއެވެ. އެ ދެ ބޭކަލުންކުރެ ކޮންމެ ބޭކަލަކު ވެސް އަނެއް ބޭކަލަކަށް ހެޔޮ އެދިވަޑައިގެން، ހެޔޮ ބަސްފުޅު ވިދާޅުވެފައިވެ އެވެ.


އަލްޖިބްރީން

ފަޟީލަތުއްޝައިޚު ޢަބްދު ﷲ ބްނު އަލްޖިބްރީން ވިދާޅުވެފައިވެ އެވެ. "ސަޖިދައަށް ދާ ހިނދުގައްޔާއި، ސަޖިދައިން ތެދުވާ ހިނދުގައި، ދެއަތްތިލަ ޖައްސައި ދެއަތުގެ ބާރުގައި ތެދުވުން ހުއްދަވެގެންވަނީ، ޢުމުރުން ދުވަސްވެފައިވާ މީހުންނަށާއި ބަލިމީހުންނަށެވެ. ސަޖިދައިން ތެދުވެވޭހައި ބާރުހުރި މީހަކު އެކަން އެގޮތަށް ކޮށްގެން ނުވާނެ އެވެ. އެކަމަކީ، ކަންނެތްކަމާއި ފަރުވާކުޑަކަމާއި ބުރަހެލި ކަމުގެ ޢަލާމާތެކެވެ."


އިސްލާމްވެބް ގެ ފަތުވާއެއް

ސުވާލު

ދެވަނަ ސަޖިދައަށްފަހު، ރަކުޢަތަށް ތެދުވާއިރު، ދެއަތްތިލަ ބިންމަތީގައި ޖައްސާނީ ހުޅުވައިގެންތޯ އެވެ؟ ނުވަތަ މުށްކަވާފައިތޯ އެވެ؟


ޖަވާބު

ޙަނަފީ މަޒުހަބާއި ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މޮޅުއިތުރުވެގެންވަނީ، ނަމާދުކުރާ މީހާ ސަޖިދައިން ތެދުވާއިރު، އޭނާގެ ދެ އަތްތިލަ، ދެ ކަކޫ މަތީގައި ބާއްވައިގެން ތެދުވުމެވެ. ބިންމަތީގައި ދެ އަތްތިލަ ޖައްސައިގެން (ދެއަތުގެ ބާރުގައި) ތެދުވުމެއް ނޫނެވެ. ނަމަވެސް ދެ ކަކޫ މަތީގައި ދެ އަތްތިލަ ބާއްވައިގެން ތެދުވުމަކީ، ދަތި އުނދަގޫ ކަމަކަށް ވެއްޖެނަމަ، ބިންމަތީގައި ދެ އަތްތިލަ ޖައްސައިގެން ތެދުވުމަކީ، މި ދެ މަޒުހަބުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ.

މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މޮޅުއިތުރުވެގެންވަނީ، ނަމާދުކުރާ މީހާ ނަމާދުގައި ތެދުވާއިރު، އޭނާގެ ދެ އަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް، ބިންމަތީގައި ޖައްސައިގެން ތެދުވުމެވެ. ދެއަތްތިލަ މުށްކަވާފައި ބިންމަތީގައި ޖައްސައިގެން ތެދުވުމެއް ނޫނެވެ. އެހެނީ، ދެ އަތްތިލަ މުށްކަވާފައި ބިންމަތީގައި ޖައްސައިގެން ތެދުވުމަށް އޮންނަ ޙަދީޘްފުޅަކީ ޟަޢީފު ޙަދީޘްފުޅެކެވެ. އެއީ ޟަޢީފު ޙަދީޘްފުޅެއް ކަމަށް، އަންނަވަވީގެ "އަލްމަޖުމޫޢު" އާއި އައްޒައިލަޢީގެ "ނަޞްބުއްރާޔާ" ގައި ވެސް ވެ އެވެ.

ދެ އަތްތިލަ މުށްކަވައިގެން ތެދުވުމަށް ދަލީލު ދެއްކޭ ޙަދީޘްފުޅަކީ، ޞައްޙަ ޙަދީޘްފުޅެއް ކަމަށް ވިޔަސް، ދެ އަތްތިލަ މުށްކަވާފައި ޖައްސައިގެން ތެދުވުމަށް އެ ޙަދީޘްފުޅަކުން ދަލީލެއް ނުލިބެ އެވެ. މިކަން، "ތުޙްފަތުލްމުޙްތާޖް" ގައި އިބްނު ޙަޖަރުލް ހައިތަމީ ބަޔާންކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވެފައިވެ އެވެ. "ސަޖިދައިން ތެދުވާ ހިނދުގައްޔާއި، ދެ ސަޖިދަ ދެމެދުގައި އިނުމަށް ތެދުވާ ހިނދުގައްޔާއި، އައްތަޙިއްޔާތަށް ތެދުވާ ހިނދު، ބިންމަތީގައި ޖައްސަންވާނީ، ދެ އަތްތިލައާއި އިނގިލިތަކުގެ ބަނޑު ފުށެވެ. އެހެނީ، ތެދުވުމަށް ބޮޑަށް އެހީތެރިވެދެނީ އެ ގޮތެވެ. ތަވާޟުޢުވެރިކަން ވަނީ ވެސް އެގޮތުގަ އެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ސާބިތުވެފައިވަނީ ވެސް އެގޮތެވެ. ފުށްމޮޑޭ މީހާގެ އަތް ފަދައިން އަތް ޖައްސައިގެން ތެދުވާކަމަށް ބުނާ ބުނުމުގެ މުރާދައަކީ، ބިންމަތީގައި އަތްތިލައިގެ ބަނޑުފުށް ޖައްސާފައި ތެދުވުމެވެ. މުށްކަވާފައި އަތް ޖައްސައިގެން ތެދުވުމެއް ނޫނެވެ."

ދެ އަތްތިލަ މުށްކަވާފައި ޖައްސައިގެން ތެދުވުމަށް ދަލީލު ދެއްކޭ ޙަދީޘްފުޅު، ބައެއް ޢިލްމުވެރިން ޤަބޫލުކުރައްވަ އެވެ. އެ ޙަދީޘުގައިވާ ފުށްމޮޑުމަކީ، އަތްތިލަ މުށްކެވުން ކަމަށް އެ ބޭކަލުން މާނަކުރައްވަ އެވެ. އަލްބާނީ ލިޔުއްވި "ޞިފަތުއް ޞަލާތި" ފޮތުގައި މާނަކުރައްވާފައިވަނީ އެގޮތަށެވެ.


އިސްލާމްއޮންލައިންގެ ފަތުވާއެއް

ސުވާލު

ފުރަތަމަ އައްތަޙިއްޔާތުން ތެދުވާ ހިނދުގައްޔާއި، ސަޖިދައިން ތެދުވާ ހިނދުގައި، ދެ އަތްތިލަ މުށްކަވައިގެން ތެދުވުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން އެކަމާ ބެހޭ ޙަދީޘްފުޅެއް ވާރިދުވެފައިވޭތޯ އެވެ؟


ޖަވާބު

ދެ އަތްތިލަ މުށްކަވައިގެން ތެދުވުމަށް ދަލީލުލިބޭ ކަމަށް ބުނެވޭ ރިވާޔަތެއް ވާރިދުވެފައިވެ އެވެ. އަލްބާނީ ލިޔުއްވި ނަމާދުކުރާ ގޮތާ ބެހޭ ފޮތުގައި، އެ ރިވާޔަތް ހިމަނުއްވާފައި ވާނެ އެވެ.

ޝައިޠާނާގެ މަޅިތަކަށް މެހިގެން ނުދިއުމަށް، ތިބާއަށް ނަޞީޙަތްތެރިވަމެވެ. ނުކޮށް ދޫކޮށްލިޔަސް ނަމާދު ބާޠިލުނުވާނެ ކަންތައްތަކާމެދު އަޅުގަނޑުމެން މަޝްޣޫލުކުރުވަން ޝައިޠާނާ މަސައްކަތް ކޮށްފާނެ އެވެ. އެފަދަ ކަންކަމުގައި އަޅުގަނޑުމެން މަޝްޣޫލުވެއްޖެނަމަ، ނަމާދުގެ ރޫޙާ ޚިލާފުވެ، ނަމާދުގެ އަސާސީ ބައި، އަޅުގަނޑުމެންގެ އަތުން ދޫވެގެން ހިނގައިދާނެ އެވެ. ނަމާދުގެ ރޫޙަކީ ޚުޝޫޢަތްތެރިކަމެވެ. ޚުޝޫޢަތްތެރިކަމެއް ނެތް ކަންތައްތަކާމެދު ސުވާލުކޮށް ބަހުސްކުރުމުގައި ވަގުތުތައް ބޭކާރުކޮށްނުލުން ބުއްދިވެރި އެވެ. (އެބަހީ، ދެ އަތްތިލަ މުށްކަވާފައި ޖެއްސުމާމެދު ބަހުސްކުރުމުގައި ވަގުތު ނަގާނުލާށެވެ! އަދި ޖަމާޢަތާ ޚިލާފުވެ، ނަމާދުގެ ޚުޝޫޢަތްތެރިކަން ނަގާނުލާށެވެ!) ކާމިޔާބު ލިބިގެންވާ މުއުމިނުންނަކީ، ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުން ކަމަށް މާތް ﷲ އަންގަވާފައި ވެ އެވެ.


ފާހަގަކޮށްލަންޖެހޭ ނުކުތާތަކެއް

މި މަޒުމޫނުގައި ބަޔާންކޮށްފައިވާ ދެ ރިވާޔަތް ދިރާސާކުރިއިރު، ފާހަގަކޮށްލަންޖެހޭ ނުކުތާތަކެއް ވެއެވެ. އޭގެތެރެއިން މުހިންމު ނުކުތާތަކަކީ:

1. ދެވަނަ ރިވާޔަތް ރިވާކުރެއްވި، އަލްއަޒުރަޤު ބްނު ޤައިސަކީ، ޢަބްދު ﷲ ބްނު ޢުމަރުގެ ދަރިވަރެކެވެ. އަޒުރަޤަށް، އެކަލޭގެފާނު ފެނިވަޑައިގެންފައިވަނީ، އެކަލޭގެފާނުގެ ޢުމުރުފުޅުން ދުވަސްވެ، މުސްކުޅިފުޅުވެފައި ވަނިކޮށްނެވެ. އެހެންވީމާ، މުސްކުޅިޔަކު ސަޖިދައިން ތެދުވާއިރު، ބިންމަތީގައި އަތް ޖައްސާގޮތަށް، އިބްނު ޢުމަރު، އަތްޕުޅު ޖެއްސެވުމަކީ ސަލާމަތް ބުއްދި ޤަބޫލުކުރާ ކަމެކެވެ.

2. އިބްނު ޢުމަރުގެ ދެ އަތްތިލަފުޅުގެ އިނގިލިތައް ލައްޕަވާފައި، އެކަލޭގެފާނުގެ އިނގިލިފުޅުތަކުގެ ބޭރުފުށް ބިންމަތީގައި ޖެއްސެވިކަން، އަޒުރަޤުގެ ރިވާޔަތުގެ ނައްޞުން އެނގޭކަށެއް ނެތެވެ.

3. ފުށްގަނޑު މޮޑޭ ގޮތަށް ބިންމަތީގައި އަތް ޖެއްސުން ސިފަކުރުމަށް، އަޒުރަޤުގެ ރިވާޔަތުގައި ބޭނުންކުރެވިފައިވާ ކަލިމައަކީ، (يَعْجِنُ) އެވެ. މިކަލިމައިގެ ލަފުޒީ މާނައަކީ، "މޮޑެނީ" ނުވަތަ "ފުށް މޮޑެނީ" އެވެ. ޢަރަބި ބަހުގައި މިކަލިމައިން ދެގޮތަކަށް އަތް ޖެއްސުން ދޭހަވެ އެވެ. އެއްގޮތަކީ، އަތްތިލަ މުށްކަވާފައި، އިނގިލިތަކުގެ ބޭރުފުށް، ބިންމަތީގައި ޖެއްސުމެވެ. އަނެއް ގޮތަކީ، އަތްތިލަ ހުޅުވާލާފައި، އަތްތިލައިގެ ބަނޑުފުށް ބިންމަތީގައި ޖެއްސުމެވެ.

4. ޢަރަބި ބަހުގައި، (العَاجِنُ) އިން ދޭހަވާ ހަމައެކަނި މާނައަކީ، "ފުށްމޮޑޭ މީހާ" އެއް ނޫނެވެ. މި ކަލިމައިގެ މާނަތަކުގެ ތެރޭގައި، ޢުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހާ ވެސް ހިމެނެއެވެ.

5. ސަޖިދައިން ތެދުވާއިރު، އަތްތިލަ މުށްކަވާފައި އިނގިލިތަކުގެ ބޭރުފުށް ބިންމަތީގައި ޖެއްސުމަކީ، ޝަރުޢީ ސުންނަތެއް ނޫނެވެ. އެކަމަކު، އެއީ ޢަރަބި ބަހުގެ ސަގާފަތް ރަނގަޅަށް ނުދަންނަ ޢަޖަމީން ހަދާ ގޮތެކެވެ. އިބްނުއްޞަލާޙް ވަނީ މިކަމަށް އިޝާރަތްކުރައްވާފަ އެވެ.

6. ދެ އަތްތިލަ މުށްކަވާފައި، އިނގިލިތަކުގެ ބޭރުފުށް ބިންމަތީގައި ޖައްސައިގެން ތެދުވުމަކީ، ޞައްޙަ ގޮތެއް ކަމަށް، ހަތަރު އިމާމުންކުރެ އިމާމަކު ވިދާޅުވެފައެއް ނެތެވެ. އަދި އެ ބޭކަލުންގެ ފަހުން ވަޑައިގެންނެވި އިމާމަކު ވެސް، އެއީ ޞައްޙަ ގޮތެއް ކަމަކަށް ވިދާޅެއް ނުވެ އެވެ.

7. ދެ އަތްތިލަ މުށްކަވާފައި، އިނގިލިތަކުގެ ބޭރުފުށް ބިންމަތީގައި ޖައްސައިގެން، ތެދުވުމަށް އޮތް ރައުޔަކީ، ޢިލްމުވެރިންގެ ޖުމްހޫރުގެ ރައުޔާ ޚިލާފު ރައުޔެކެވެ.

8. ޖަނަވާރު ޙަރަކާތްތެރިވެ އުޅޭ ބައެއް ހުތުރު ގޮތްތަކާ ޚިލާފަށް، ނަމާދުގެ ޙަރަކާތްތައް ރީތިކޮށް ކުރުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޠާހިރު ސުންނަތުގައި ވަނީ އިރުޝާދު ދެއްވާފަ އެވެ.


ޚުލާޞާ

ސަޖިދައިން ނުވަތަ ފުރަތަމަ އައްތަޙިއްޔާތުން ތެދުވާއިރު، ދެއަތްތިލަ މުށްކަވާފައި އިނގިލިތަކުގެ ބޭރުފުށް ޖައްސައިގެން ތެދުވުމަށް، ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. ނަމަވެސް އެބޭކަލުން ދައްކަވާ ދަލީލުން، އެ ބޭކަލުން ވިދާޅުވާ ގޮތާ އިދިކޮޅު ގޮތަށް ވެސް ދަލީލު ލިބެ އެވެ. އިދިކޮޅު ގޮތަކީ، ދެ އަތްތިލަ ހުޅުވާލައިގެން، އަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް ޖައްސައިގެން ތެދުވުމެވެ. ސުންނަތްވެގެންވާ މޮޅުއިތުރު ގޮތަކީ މިއީ ކަމަށް، ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

އަލްބާނީ ޞައްޙަ ކަމަށް ވިދާޅުވި ރިވާޔަތަކީ، ޟަޢީފު ރިވާޔަތެއް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެ އެވެ. އަދި އެ ރިވާޔަތަށް ބާރު ލިއްބައިދޭނެ އިތުރު ރިވާޔަތްތަކެއް ވާރިދުވެފައި ނެތްކަމަށް ވެސް ޢިލްމުވެރިން ވިދާޅުވެ އެވެ.

ނަމާދުގައި، ދެ އަތްތިލަ މުށްކަވާފައި، ޖައްސައިގެން ތެދުވުމަކީ، ޢަޖަމީންނަށް ޢަރަބި ބަސް ރަނގަޅަށް ދޭހަ ނުވާތީ، ޢަޖަމީން ޢަމަލުކުރި ގޮތެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

މި މައްސަލަ ޢިލްމީ ހަމަތަކުގެ މަތިން ތަޙުޤީޤުކޮށްބަލާއިރު، ޞައްޙަކަން ބޮޑު، މޮޅުއިތުރުވެގެންވާ ގޮތަކީ، ސަޖިދައިން ތެދުވާއިރު، ދެއަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް ޖައްސައިގެން ތެދުވުން ކަން ސާބިތުވެ އެވެ. އިސްލާމީ ޝަރުޢުގެ ހަރުދަނާ ދަލީލުތަކުން ބާރުލިބިފައިވަނީ ދެއަތްތިލައާއި އިނގިލިތަކުގެ ބަނޑުފުށް ޖައްސައިގެން ތެދުވުމަށެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޠާހިރު ސުންނަތުގައިވަނީ މިގޮތްކަމަށް ގިނަގުނަ ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

އޭނާ ބަރަހަނާކޮށް، އޭނާގެ ޢައުރަ ބެލީ އެތައް ބަޔެއްގެ ކުރިމަތީގަ އެވެ

Tuesday, November 22, 2011

ބަރަހަނާކުރުމާއި ބަރަހަނާވުމާ ދެމެދުގައިވާ ތަފާތުތަކާމެދު ވިސްނަވާލެއްވިންތޯ އެވެ؟ މި ދެ ކަމުންކުރެ ކޮންމެ ކަމެއް ކުރިޔަސް ފެންނާނީ އެކައްޗެކެވެ. އެއީ އޮރިޔާމެވެ! ނަމަވެސް މި ދެ ކަމުގައި ތަފާތުތަކެއް ވެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އެކަމާމެދު އަޅާލާނެ މީހަކު މަދުން ނޫނީ ނުފެންނާނެ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، ގިނަބަޔެއްގެ ސަމާލުކަމަށް އެކަން އަންނާނެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އޭނާގެ ޙައްޤު ލިބޭނީ މަދުފަހަރަކު އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އޭނާއަށް ޙައްޤުހޯދައިދޭނެ އެތައް ފަރާތްތަކެއް ވާނެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އޭނާގެ ޢިއްޒަތާއި ޤަދަރު ވެއްޓި ވެއްޔާ މޮޑެވުނީ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އޭނާގެ ޢިއްޒަތާއި ޤަދަރު އުފުލި އޭނާގެ އަގު މަތިވެރިވީ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އެތައް ބަޔަކު އޭނާއަށް މަލާމާތްކޮށް އާޑަކިޔާނެ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އެތައް ބަޔަކު އޭނާއަށް ހިތްވަރާއި ސާބަސްދޭނެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އޭނާގެ އަތުން ހުރިހައި އެއްޗެއް ގެއްލިގެން ދިޔައީ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އޭނާއަށް ހުރިހައި އެއްޗެއް ލިބުނީ އެވެ.

މިއީ، މި ކަންކަން މިޒަމާނުގައި، މިދުނިޔޭގައި އޮތްގޮތެވެ. މި ޙަޤީޤަތްތައް ތިބާއަށް ޤަބޫލުނުކުރެއްވޭ ކަމަށްވަނީނަމަ، ސަމީރާ އިބްރާހީމް (سميرة ابراهيم) އާއި، ޢާލިޔާ މަހުދީ (عالية المهدي) ގެ ކަންތައް ހިނގާދިޔަ ގޮތަށް ބައްލަވާލައްވާށެވެ!

ސަމީރާއަކީ، ބަރަހަނާކުރެވުނު ޖިންސްލަޠީފެކެވެ. އޭނާގެ ޙައްޤުތައް ވަނީ ގެއްލިފަ އެވެ!
ޢާލިޔާ އަކީ، ބަރަހަނާވި ޖިންސްލަޠީފެކެވެ. އޭނާގެ ޙައްޤުތަކުގެ އަޑުން ދުނިޔެވަނީ ގުގުމާލާފަ އެވެ!!!

ސަމީރާއަށް ލިބެންވާ ޙައްޤަކީ، އޭނާ ބަރަހަނާކުރި ޖަރީމާ ހިންގި މުޖުރިމުންގެ އަތުން ލިބެންވާ ބަދަލެވެ.
ޢާލިޔާ އަށް ހޯދައިދޭން އަޑުއުފުލޭ ޙައްޤަކީ، ބަރަހަނާވުމާއި ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މިނިވަންކަމެވެ!!!

ސަމީރާ އާއި، ޢާލިޔާއަކީ އެއް ޤައުމަކަށް ނިސްބަތްވާ ދެ ޖިންސްލަޠީފެކެވެ.
އެ ދެ ޖިންސްލަޠީފުންގެ ޤައުމަކީ މިޞްރެވެ.

މިޞްރު މީހުން މިޞްރަށް ކިޔަނީ، އުއްމުއްދުންޔާ އެވެ.
އުއްމުއްދުންޔާގެ މާނައަކީ، ދުނިޔޭގެ މަންމަ އެވެ.
އެހެންކަމުން، ދުނިޔޭގައި ލެއްވިހައި ހެޔޮ ކަންކަމަކާއި، ނުބައި ކަންކަމެއް، އެ ގައުމުގައި ވާކަމަށް ބުނެވެ އެވެ.
އަދި އެއީ، "ތިން ޖީމުގެ ގައުމު" ކަމަށް ވެސް ބުނެވެ އެވެ.
ފުރަތަމަ ޖީމަކީ، ޖިންސީ ގުޅުންތަކާއި ފާޙިޝް ޢަމަލުތަކުގެ ޖީމެވެ.
ދެވަނަ ޖީމަކީ، ޖަރީމާއާއި އަނިޔާވެރިކަމުގެ ޖީމެވެ.
ތިންވަނަ ޖީމަކީ، ޖާސޫސްކުރުމާއި ނެތިނުބައި މޮށުމުގެ ޖީމެވެ.
ނަޢޫޛު ބިއްލާހި!

ސަމީރާގެ އުމުރަކީ 25 އަހަރެވެ.
ޢާލިޔާގެ ޢުމުރަކީ 20 އަހަރެވެ.

މިޞްރު ސިފައިން ސަމީރާ ހައްޔަރުކުރީ، އޭނާ މަގުމަތީގައި ހިނގާފައި ދަނިކޮށްނެވެ.
ސަމީރާ ގެންގޮސްފައި އޭނާގެ ގާތުގައި ބުނީ ސަލާންކުރަން އަތް ދިއްކޮށްލަބަލާށެވެ!
ސަލާންކުރަން އަތްދިއްކޮށްލިތަނާ، އޭނާގެ ބަނޑުގައި ޖެއްސީ ކަރަންޓް މުގުރެވެ!!!
ހަށިވިއްކާ ކަސްބީއެއްގެ ތުހުމަތު، ސިފައިން އޭނާގެ ބޮލުގައި އެޅުވި އެވެ!
ކަސްބީން ގެންގުޅޭ ތަކެތި އޭނާއާއެކުގައި ބަހައްޓާފައި ސިފައިން ފޮޓޯނެގި އެވެ!!!
އަމިއްލައަށް އެދުންފުއްދަން އަންހެން ކުދިން ގެންގުޅޭ ތަކެއްޗާއެކުގައި ވެސް ފޮޓޯނެގި އެވެ!!!
ސިފައިން އޭނާގެ ބޮލުގައި އެތައް ތުހުމަތެއް އެޅުވި އެވެ.
މަގުމަތީގެ ދުވާރުގައިވާ ގާތައް ތަޅައި މުގުރިކަމުގެ ތުހުމަތެވެ.
މަގުމަތީގައިވާ ކާރުތަކުގެ ބިއްލޫރިތައް ތަޅައި ފުނޑުފުނޑުކުރިކަމުގެ ތުހުމަތެވެ.
މިފަދަ މިފަދަ އެތައް ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތު އެޅުވުމަށްފަހު ޝަރިއަތްކުރި އެވެ.
ޝަރިއަތްކުރަން އިނީ މަރުމޯލެއް ފަދަ ގާޒީއެކެވެ! ނަމަވެސް ވަރަށް ޢިއްޒަތްތެރި އެވެ!!!
ސަމީރާގެ މައްޗަށް ދަޢުވާއުފުލި ވަކީލަކީ ރަނގަޅަށް ލިޔަންކިޔަން ވެސް ނުދަންނަ މީހެކެވެ!
އޭނާއަކީ މަގުމަތިން ހޮވައިގެން އެކަމަށްޓަކައި ހައްޔަރުކުރެވުނު އާދައިގެ މީހެކެވެ!!!

ސިފައިން، ސަމީރާ ބަރަހަނާކުރީ، އޭނާގެ ބިކުރުވެރިކަން ސަލާމަތުންހުރިތޯ ބެލުމަށްޓަކަ އެވެ!!!
އެހެނީ، (އެމީހުން ހަދަން އުޅޭ ގޮތުގައި) އޭނާއަކީ ހަށިވިއްކާ ކަސްބީއެކެވެ!!!
އޭނާ ބަރަހަނާކޮށް، އޭނާގެ ދެފައި ފޭކޮށް، އޭނާގެ ޢައުރަ ބެލީ އެތައް ބަޔެއްގެ ކުރިމަތީގަ އެވެ!
އެކަންކުރަން ޑަކުޓަރެއްގެ ގޮތުގައި ހުރި ފިރިހެނެކެވެ!
އޭރު، ކުޅިބަލަން ތިބި ސިފައިންގެ މީހުން، ސަމީރާއަށް މަލާމާތްކޮށް އާޑަކިޔަމުން ގެންދިޔަ އެވެ!
އެމީހުން ސަމީރާއާ ދިމާއަށް ހަޑިހުތުރު އެއްޗެހި ވެސް ގޮވި އެވެ!

ނަމަވެސް ....
ސަމީރާގެ ދިފާޢުގައި ތެދުވީ ކޮން މުސްލިމެއް ހެއްޔެވެ؟؟؟؟؟
ޢާލިޔާގެ ދިފާޢުގައި މިހާރުވެސް ޔަހޫދީންގެ 40 (ސާޅީސް) ޖިންސްލަޠީފުން ބަރަހަނާ ވެއްޖެއެވެ!!!!!
މިޞްރަކީ ކުޅިވަރަށް ލޯބިކުރާ ރައްޔިތެއް އޮތް ގައުމެކެވެ.
ކުޅިވަރުކުޅޭ ތަންތަނަށް ޒިޔާރަތްކުރުމަކީ އެމީހުން ދެވިހިފާފައިވާ ކަމެކެވެ.
ނަމަވެސް ޢާލިޔާގެ އޮންލައިން ޞަފުޙާތަކަށް ޒިޔާރަތްކުރުމަށް އެމީހުން ވަނީ މާބޮޑަށް ދެވިހިފާފަ އެވެ!
ބޮޑު 5 ފުޓްބޯޅަ މެޗް ބަލަން ދާވަރަށްވުރެ ގިނަމީހުން، ޢާލިޔާގެ ބްލޮގަށް އެންމެ ދުވަހަކު ޒިޔާރަތްކޮށްފައިވެ އެވެ!!!

ސަމީރާއާއި ޢާލިޔާގެ އެހެން ތަފާތެއް ވެސް ވެ އެވެ.

ސަމީރާ އަކީ، ނިވާކަން ބޮޑު ގޮތަކަށް މުސްލިމުންގެ ސަގާފީ ހެދުންއަޅާ ޖިންސްލަޠީފެކެވެ!
ޢާލިޔާ އަކީ، ނިވާކަން ކުޑަ ގޮތަކަށް ޣައިރު މުސްލިމުންގެ ސަގާފީ ހެދުންއަޅާ ޖިންސްލަޠީފެކެވެ!

ސަމީރާއަށް އަނިޔާކުރީ، ޙުސްނީ މުބާރަކުގެ ސަރުކާރު ސަލާމަތްކުރަން ނިކުތް ސިފައިންނެވެ.... ޙުސްނީ މުބާރަކާއި، ގައްޒާފީއާއި، ބިންޢަލީ ފަދަ ވެއްޓުނު ޒަޢީމުން ދިރުވައި އާލާކުރީ އެ އަނިޔާވެރި ސަގާފަތެވެ.

ބަޑި ފެމެލީ ލިޔެސް ހޮލިޑޭ ކަޕް މިއަދު ޕަސަންޓް ސުޕޯރޓުސްއިން ކާމިޔާބު ކުރާނެ.ސައްކު ނުކުރައްވާތި

Wednesday, November 16, 2011

މިއަދު ކުޅުމަށް ހަމަޖެހިފައިވާ ބަޑިފެމެލީ ލިޔެސް ހޮލިޑޭ ކަޕްގެ ޗެމްޕިއަންކަން ވަރަށް ބޮޑް ތަފާތަކާއި ، ލަންދޫ ސިއްސުވާލާނެ މޮޅު ކުޅުމެއް ދެއްކުމަށް ފަހު ޕަަސަންޓް ސުޕޯރޓްސް ކުލަބުން ކާމިޔާބު ކުރާނެ ކަމަށް މިކަމަށް ޓަކައި ދުރާލާ މި މެޗުގެ ސުކޯ މުބާރާތް ފެށުނީންސުރެވެސް ބުނަމުން އަންނަ" ހާ" ދާދި ދެންމެއަކު ބުނެފިއެވެ.ހާލުގެ ހިމަ އަދި އަހާލަން އެހާ ފަސޭހަ އަޑުން ތަފްސިލް ކޮއްދެމުން ބުނެފައި ވަނީ މިއަދުގެ މެޗު ވަރަށް  ހޫނު ވެގެން ދާނެ ކަމަށާއި އެހެން ނަމަވެސް  ހުނަރު ވެރި ރެފްރީއާއި، ހިންގުންތެރި އެޗް.އޯ.ސީގެ ރައީސްގެ ސާބިތު މަސައްކަތުން މާބޮޑް ހަމަނުޖެހުމަކާއި ނުލައި މިމެޗު ނިންމަލެވޭނެ ކަމަށެވެ.އަދި ޕަސަންޓު ސްޕޯޓުސް ކުލަބު މިއަދުގެ މެޗުން މޮޅުވެގެން ދާނީ 03 ލަނޑު 01 ލަނޑުގެ ތަފާތަކުން ޗެލެންޖާސް ބަލި ކުރުމަށް ފަހުގައެވެ.  މި މެޗުގެ ފުރަތަމަ  ގޯލް ޕަސަންޓަށް ކާމިޔާބް ކޮއްދޭނީ މި މުބާރާތަށް ޕަސަންޓަށް ގެނެސްފައިވާ ބޭރުގެ ކުޅުންތެރިޔާ ޕަސަންޓުގެ ޖޯޖީ ނަމްބަރ 07  ހަބީ ކަމުގައެވެ. އަދި ދެވަނަ ގޯލް ޖަހާނީ ޖަރުމަނުގެ މަސްހޫރު ކުޅުންތެރިއެއްކަމުގައިވާ އިރުސާދު މަހަމޫދު ރެޑޭއެވެ. ހާލުގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް ކައުންސިލަރ އިތުރު މައުލޫމާތު ދިނުމަށް ހާ ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އަޅަމުން ދާތީ މިވަގުތަށް ސާމަރާލައިވުގެ ޓީމް ވަނީ މަސައްކަތް ހުއްޓާލާފައެވެ. އިތުރު ތަފްސީލް އަންނަނީ  

މޮޔަފެން ކޯރުން އަހަރެންނަށް ފެންތައްޓެއް ގެނެސްދޭށެވެ"! މޮޔައިންގެ ދުނިޔޭގައި ބުއްދިވެރިއެއްގެ ގޮތުގައި ހުރުމަކީ މޮޔަކަމެކެވެ."

Tuesday, November 15, 2011

moyafenugekoaru
ބުއްދި ސަހަރުގެ މައި ފެންކޯރުގައި މޮޔަވައިރަސް އަށަގަތެވެ. ނަތީޖާއަކަށްވީ އެކޯރުން ފެންބޯ ހަމަ ކޮންމެ މީހަކުވެސް މޮޔަވުމެވެ. އެކޯރުން ފެންބޮއިގެން މޮޔަވާ އެންމެންވެސް ވާހަކަ ދައްކައި ހަދަނީ ހޭޖެހޭމީހުންގެ ބަހުރުވަޔާއި ތަފާތު ބަހުރުވަޔަކުންނެވެ. ކިޔާނުކިޔާ އެއްޗެއްގެ ލަފްޒީ މާނަތަކެއް ދޭހަވިއަސް ދައްކަނީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެވެ.
ވާނީވެސް އެހެންތާއެވެ. މޮޔަވަނީއެވެ. މިބަލި ދުވަހެއް ދުވަހަކަށް ބޮޑުވެ ރޯގާއެއްގެ ސިފަޖެހި މުޅި ސަހަރުގައި ވަރަށް ބާރަށް ފެތުރެމުން ދާންފަށައިފިއެވެ.
މޮޔަބައްޔަށް ފަރުވާކުރުމަށް އެސަހަރުގެ ރަސްގެފާނު ވަރަށް ގިނަގުނަ ފިކުރު ކުރެއްވިއެވެ. ނަމަވެސް ބަލިފެތުރުކަމަށް ހުއްޓުމެއް މަޑުޖެހުމެއްނެތި ކުރިއަށް ދިޔައެވެ. ކޮންމެދުވަހެއްގެވެސް އިރުއެރުމުން ޚަބަރުބައްލަވާއިރު ކުރިން މޮޔަނުވާ އެތައްބަޔަކު ތިބެނީ މޮޔަވެފައެވެ.
އެއްދުވަހަކު ޚަބަރުދަބަރު ބެއްލެވިއިރު ކަމަކުދާކަށް ނެތެވެ. ރަނިކަމަނާވެސް އިންނެވީ މޮޔަވެފައެވެ. އެކަމަނާގެ ކަމަކީވެސް މޮޔައިންގެ މައިދާންތަކުގައި ބައިވެރިވެ ރަސްގެފާނާއި އަޢުވާނުންގެ މޮޔަވާހަކަ ދެއްކުމެވެ. ރަސްގެފާނާއި ސަހަރުގެ ކަމުވޮށިވެގެންވާ މީހުންނަކީ ނުވިސްނޭ މޮޔައިންކަމަށް އެމައިދާންތަކުގައި ވާހަކަދެކެވެއެވެ. އެކަމާ ވަރަށް ހިތާމަފުޅުކުރައްވާ، އެހާމެ ކޯފާވެ ވަޒީރަށް ވިދާޅުވިއެވެ. " ރަނިކަމަނާ މޮޔަފެންބޯ ހިސާބަށް ދިޔައިރު އެކަމަނާގެ ފާރަވެރިން ކޮބާހެއްޔެވެ؟ "ޖަވާބުގައި ވަޒީރު ވިދަޅުވީ އެކަމަނާ އެކޯރުގެ ފެން ހިއްޕެވުމުގެ ކުރިން ފާރަވެރިން އެފެން ބުއީ ކަމުގައެވެ. ފާރަވެރިން މޮޔަވެފައި ތިބުމުން އެކަމަނާއަށް އެކަން ކުރައްވަން ހުރަސްއެޅުމުގެ ބަދަލުގައި އެމީހުންވެސް އެކަމަށް ހިއްވަރުދެއްވީކަމަށް ބެލެވެއެވެ. ލަސްނުކޮށް ޑަކްޓަރ ގެނައުމަށް ރަސްގެފާނުގެ އަމުރުފުޅު ނެރުއްވިއެވެ. ދުވަސްކޮޅެއްފަހުން، ވަރަށް މޮޅިވެރި ރާގަކަށް ވަޒީރު ވިދާޅުވީ، ޑަކްޓަރވެސް ހަމަ އެފެން ބޮއިގެން މޮޔަވެފައިވާ ކަމުގައެވެ.
ވަމުންމިދާ ގޮތާމެދު ރަސްގެފާނު ވަރަށް ފުންކޮށް ވިސްނަންޖެހިވަޑައިގެންފިއެވެ. އަދި މި ސަހަރުގައި މޮޔަނުވެ މިހާރު ތިބީ ކޮންބައެއްތޯ ރަސްގެފާނު ވަޒީރުކުރެން ސުވާލުކުރެއްވިއެވެ. ޖަވާބުގައި ވަޒީރު ދެންނެވީ މިހާރުދެން މޮޔަބަލިނުޖެހި ތިބީ ރަސްގެފާނާއި ވަޒީރު އެކަނިކަމުގައެވެ.
އަހަރެންނަށް ރަސްކަންކުރަން ޖެހިފައި މިއޮތީ ހުސް މޮޔައިންތަކެއްގެ މައްޗަށް ހެއްޔެވެ؟ ރަސްގެފާނަށް ބުނެވުނެވެ.
ވަޒީރު: މާފުކުރައްވާށެވެ.! މޮޔަބަލިޖެހިފައިވާ މީހުން ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ދެމީހުންނަކީ މިހާރު މިސަހަރުގައި މޮޔަވެފައިވާ ދެމީހުންނެވެ. ހޭޖެހޭ، ބުއްދިވެރިންނަކީ އެމީހުންނެވެ.
ރަސްގެފާނު: ތިޔަދައްކަނީ ކޮންޒާތެއްގެ ވާހަކައެއް ހެއްޔެވެ؟ މޮޔަކޯރުން ފެންބުއީ އެމީހުން ނޫންހެއްޔެވެ؟ އެކަމުގެ ސަބަބުން މޮޔަބަލި ޖެހުނީ އެފެން ބުއި މީހުންނަށް ނޫންހެއްޔެވެ؟
ވަޒީރު: އެމީހުން ކިޔާ އެއްޗެއް ދަންނަވަންތޯއެވެ؟ އެމީހުން ދެކޭގޮތުގައި އެމީހުން އެކޯރުން ފެންބުއީ މޮޔަކަމުން ސަލާމަތް ވުމަށެވެ. އަޅުގަނޑާއި މަނިކުފާނު އެފެންނުބޮއި މިތިބީ އަޅުގަނޑުމެންގެ މޮޔަކަމުންނެވެ. އެހެންކަމުން މިހާރު މޮޔައިންގެ ގޮތުގައި ތިބީ އަޅުގަނޑުމެންނެވެ. އެމީހުންނަކީ މިހާރު ހަމަ އެކަނި އަޣުލަބިއްޔަތެއް ނޫނެވެ. މުޅި ސަހަރުގެ ރައްޔިތުންނެވެ. އަޅުގަނޑުމެންނަކީ ސަހަރާއެއްގެ ތެރޭގައިވާ ދެފުށް ވެއްޔަށްވުރެވެސް ނިކަމެތި ބައެކެވެ. ޙައްޤާއި ބާޠިލު ކަނޑައަޅަނީ އެމީހުންނެވެ. ޢަދުލު އިންސާފާއި ރީއްޗާއި ހުތުރު ކަނޑައަޅަނީ އެމީހުންނެވެ. މޮޔައިންނާއި ބުއްދިވެރިންގެ މެދުގައިވާ ފަރަގުގެ މިންގަނޑުތައްވެސް ކަނޑައަޅަނީ އެމީހުންނެވެ.
އެވަގުތު ރަސްގެފާނު ފުން ނޭވާއެއްލުމަށްފަހު ވިދާޅުވިއެވެ. "މޮޔަފެން ކޯރުން އަހަރެންނަށް ފެންތައްޓެއް ގެނެސްދޭށެވެ"! މޮޔައިންގެ ދުނިޔޭގައި ބުއްދިވެރިއެއްގެ ގޮތުގައި ހުރުމަކީ މޮޔަކަމެކެވެ."

ކޮންމެވެސް ދުވަހަކުން

Tuesday, November 15, 2011

މިއީ ފަހަރެއްގައި ކަލާއަށްޓަކައި އަހަރެންގެ ޤަލަމުން ބޭރުކޮށްލާ އެންމެ ފަހު ދެލިކޮޅަށްވެސް ވެދާނެއެވެ. މިއީ ހުއްޓުމެއްނެތި އެތަކެއް އަހަރަކު ކަލާގެ ލޯބީގައި ދީވާނާވި ހިތް ކަލާއަށް ޚާއްޞަކުރާ އެންމެ ފަހު ލިޔުން ކަމަށްވެސް ވެދާނެއެވެ. މިހެން ހިތަށް އަރުވާލިޔަސް އަހަރެންގެ ހިތުގައި ރިހުން އުފެދެއެވެ. ހަމަ ތެދެކެވެ. އަހަރެންގެ ހިތަށް ތަދުވެއްޖެއެވެ. އެހެނަސް މި ހުރިހާ ކަމަކާއި އެކުވެސް އަހަރެން ތަކުރާރުކޮށް ބުނަމެވެ.


އަހަރެން ކަލާދެކެ ވަރަށް ލޯބިވަމެވެ.
އެއީ ޢަޖައިބެއް ކަހަލަ ލޯތްބެކެވެ. އަހަރެންގެ މުޅި މިޒާޖު ބަދަލުކޮށްލި ހަލާކެކެވެ. އަހަރެން މޮޔަކޮށްލި މަސްތެކެވެ. ޢަޖައިބުން ފުރިގެންވީ ޖާދޫ އެކެވެ. އެހެންނޫންނަމަ އަހަރެން ތި ކަސްތޮޅުގައި ހައްޔަރުވެފައި ހުންނާކަށް ނުޖެހުނީހެވެ. ކަލާގެ ހިމޭން އަނިޔާތައް ލިބިގަންނާކަށް ނޫޅުނީހެވެ. ކަލާގެ ކުށަކީ އެއީއެވެ. އަހަންނަށް ލޯބި ދަސްކޮށްދިން ކަމެވެ. އަހަރެންގެ ހިތުގައި ފުން ލޯތްބެއްގެ ބިންގާ އަޅައިދިން ކަމެވެ.

އަހަންނަށް ލޯބީގެ އިޝާރާތް ފުރަތަމަ ކުރީ ކަލާއެވެ. ތަކުރާރު ވަމުންދިޔަ މަޢުނަވީ ހިނިތުންވުން ތަކާއި ހިތްތައް ފޫ އަޅުވާލާފަދަ ތޫނު ބެލުންތަކެއް އަހަންނަށް ހަދިޔާ ކުރަމުން ދިޔައީ ކަލާއެވެ. އޭރު އަހަރެން ހީކުރީ ކަލާ މޮޔަވީ ކަމުގައެވެ. ރޭދުވާ ތަކުރާރު ވަމުން ދިޔައީ ކަލާގެ ގޯނާތަކާއި ލާނެތް ސަމާސާ ތަކުންނެވެ. އަހަރެންގެ ހިތަށް ވެރިވީ ފޫއްސާއި ރުޅިވެރިކަމެވެ. އެހެނަސް ކަލާގެ ޒުވާން އިޙްސާސްތައް ހުއްޓުވާކަށް އަހަންނަކަށް ނޭނގުނެވެ. ކަލާގެ ޢިޝްޤީ މޮޔަކަން ހައްތަހާ ވީ އިތުރެވެ. އޭރު އަހަރެންގެ ހިތް ނަފްރަތުން ފުރުނު ކަމުގައި ވިޔަސް މިއަދު އެ ހަނދާންތަކުންވެސް އަހަރެން އުފާކުރުވައެވެ. އޭރު އަހަރެން ކަނޑައެޅީ ދުވަހަކުވެސް ކަލާއަށްޓަކައި އަހަރެންގެ ހިތް ނުހުޅުވުމަށެވެ. އެއީ ކަލާ ކުރި ގޯނާ ތަކުގެ އަދަބެވެ.

އެހެނަސް ކަލާ ކުރި ކުށުގެ އަދަބު ލިބުނީ އަހަންނަށެވެ. އަހަންނަށް ކަލާދެކެ ލޯބި ވެވުނީއެވެ. އޭރު ކަލާ، އަހަރެން މަތިން ފޫހިވެއްޖެއެވެ. އަހަރެންގެ ހިތަށް ތަދުކޮށްލާފަ އެހެން މަންޒިލެއް ހޯދައިފިއެވެ. އަހަރެން އުންމީދު ކުރީ ކޮންމެވެސް ދުވަހަކުން ކަލާ ލިބި ދާނެ ކަމަށެވެ. އަހަރެންގެ އުންމީދު އާވީ ކަލާ، ކަލާގެ ލޯބި ވެރިޔާއާއި ވަކިވުމުންނެވެ. އަހަރެން ހުރީ ވަރަށް ފޮނި އިންތިޒާރެއްގައެވެ. އެހެނަސް މިފަހަރުވެސް ހަމަ ގަސްތުގައި ކަލާ އަހަރެން ދެރަކޮށް ރޮއްވާލީއެވެ. ކަލާގެ ލޯބީގައި ދީވާނާ ވަމުން ދިޔަ ހިތް ކުދިކުދިކޮށް ހަލާކުކޮށްލީއެވެ.

އަހަރެންގެ ހިތުގައި ކަލާގެ މައްޗަށް އޮތް ލޯބި ކަލާއަށް އެނގޭނެ ކަމާއި މެދު އަހަރެން ޝައްކެއްވެސް ނުކުރަމެވެ. އަހަރެންގެ ހަނުހިމޭން ބަސްމޮށުންތެރިކަން ކަލާއަށް އެކައްޗެއްވެސް ދޭހައެއް ނުކޮށްދޭ ހެއްޔެވެ؟ ކަލާއާއި ވާހަކަ ދައްކާލާއިރު ކަލާގެ ސިހުރުވެރި ލޮލުގެތެރެއަށް އަހަރެން ޣަރަޤުވަނީ ކީއްވެ ކަމެއް ނޭންގޭ ހެއްޔެވެ؟ ކަލާ ހާސްވެލާފައި އަހަރެންގެ ހާލާއިމެދު ސުވާލުކުރި ދުވަހު އަހަރެންގެ ހިތް ފުރިގެން އައީ ކީއްވެކަމެއް ނޭނގޭ ހެއްޔެވެ؟ ފަން އިސްތަށިކޮޅަކާއި ތިފަދަ އަސަރުގަދަ އަޑެއް އަހަންނަށް އެންމެ ކަމުދަނީ ކީއްވެކަން ބުނެދޭންވީ ހެއްޔެވެ؟ ވަކި މަޤްޞަދެއްނެތި ނަމަވެސް ކަލާ އަހަންނަށް ހިނިތުންވެލައިފިނަމަ، އަހަރެންގެ ހިތަށް އަރަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ 'މިރޭ ނުވެސް ނިދާނަމެވެ'. އެފަދަ ވަގުތެއްގައި އަހަރެންގެ ހިތް އުފަލުން ރޮއެވެ. ކަލާދިން އަނިޔާތަކުން އަހަރެން މަރުވެދާނަމޭވެސް ހިތަށް އެރިއެވެ. ކަލާގެ ތި ޢަޖައިބެއް ކަހަލަ ލޯބި، އަހަރެން ބަލިކޮށްލިއެވެ. އަހަރެން ގާތުގައި ބައިންދައިގެން ކަލާގެ ލޯބިވެރިޔާ އާއި ބައްދަލުކުރުވިރޭ ކަލާގެ މަޤްޞަދު ފުރިހަމަވިއެވެ. އަހަރެންގެ ކުދިކުދި ވެފައިވާ ހިތުގެ އެތިކޮޅުތައްވެސް އޮޔާ ވައިގެ ތެރެއަށް ގެއްލުނެވެ. ވަރަށް ބޮޑަށް ހިނިތުންވެލައިގެން އިންނަމަވެސް، އެރޭ އަހަރެންގެ ހިތުން ލޭ ކޮށުނެވެ. އަހަރެންގެ ހިތުގައި އަޅަމުންދިޔަ ވޭން އަހަރެންގެ ލޮލުން ކަލާވެސް ދެކޭނެއެވެ.

ކަލާ ތިޔައީ ކޮންކަހަލަ އިންސާނެއް ބާއޭ އަހަރެންގެ ހިތަށް އަރައެވެ. ތި ފުރިހަމަ އިންސާނާ އަހަންނަށް ދަސްނުވީ ކީއްވެބާއެވެ! އެކުގައި ހޭދަވީ ދުވަސްތަކެއް ނޫނެވެ. އެތަކެއް އަހަރު ތަކެކެވެ. އަހަރުމެންގެ ޙަޔާތުގެ އެންމެ ހިތްގައިމު އަހަރުތަކެވެ. ކަލާ އުޅޭ ގޮތުން ހީވަނީ އަހަރުމެންގެ މާޒީއެއް ނެތް ކަމުގައެވެ. އެހެނަސް އެ މާޒީގެ ހަނދާންތައް މުޅި އުމުރަށްވެސް އަހަރެންގެ ހިތުގައި ވާނެއެވެ. ކަލާ ހަނދާން ނައްތާލަން ބޭނުން ކަމުގައި ވިޔަސްވެހެވެ. ކަލާ ބޭނުންވާ އެކުވެރިކަމަށް އަހަންނަށް ޖާގަ ނުދެވެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ އެއަށްވުރެ ގާތް ގުޅުމަކަށް އަހަރެން އުންމީދު ކުރާތީއެވެ.

ކަލާ އަލުން އަހަރެންދެކެ ލޯބި ވާނެ ނަމަ އެވެ. އޭރުން ތި ހިތް އުފަލުން ފުރާލަދޭނަމެވެ. ދުވަހަކު ވަކިވާން ނުކެރޭވަރަށް ގާތް ކުރާނަމެވެ. އަހަރެންގެ މި ވަރުގަދަ ލޯބީގެ ފުންކަން ކަލާއަށް އިޙްސާސް ކޮށްދޭނަމެވެ. ކަލާ ހަމަ އެންމެ ހިނދުކޮޅަކަށް ނަމަވެސް އަހަރެންދެކެ ލޯބި ވެބަލާށެވެ! ހަމަ އެންމެ ފުރުޞަތެއް ދޭށެވެ. ކަލާއާއި އަހަރެން ގާތް ކޮށްލަދޭށެވެ. ލޯ މަރާލާނެހާ ހިނދު ކޮޅަކަށް ތި ތަނަވަސް މޭމަތީ އަހަރެންގެ މޫނު ފޮރުވާލަދޭށެވެ. އޭރުން ވޭތުވެދިޔަ ހުރިހާ ދުވަސްތަކެއްގެ ހިތާމަތަކާއި ހިތުގެ ރިހުންތަކަށް ލުޔެއް ހޯދިދާނެއެވެ. އެންމެ ފަހަރަކު ކަލާގެ ތި އަތުން އަހަރެންގެ ގައިގައި ބީހިލާށެވެ. އޭރުން އަހަރެން އުފަލުންވެސް މަރުވެދާނެއެވެ.

ކަލާއަށް އެނގޭ ހެއްޔެވެ؟ މި ދަންވަރުގައި އަހަރެން ކަލާގެ ހަނދާންތައް އާކޮށް ލޯބީގައި ޣަރަޤުވަމުން ދާއިރު ކަލާ ފުން ނިންޖެއްގައި ނިދާލަނީއެވެ. އަހަރެން ހިތަށް އަރަނީ ވަރަށް އޯގާތެރިކަމާއި އެކު ކަލާގެ މޫނުގައި ބީހިލާ ކަލާ ހޭލައްވާލުމަށެވެ. މި ލޯބީގައި އަހަރެން މޮޔަވެގެން ދިއުމުގެ ކުރިން އެހީވެދޭތޯ އާދޭސް ކުރުމަށެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުންދާ އިރު ކަލާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް ފުރަގަސް ދޭނީ ހެއްޔެވެ؟ އަހަރެން ލޯބިވާ މީހާ އެހާ ހިތް ހަރެއް ނުވާނެއެވެ.

ކަލާއަށް އެނގޭ ހެއްޔެވެ؟ އަހަންނަށް ހީވަނީ އަހަރެންގެ މުޅި ޙަޔާތުގެވެސް މަޤުޞަދަކީ ކަލާ ހެންނެވެ. އަހަރެންގެ ޢަޒުމަކީ ކޮންމެވެސް ދުވަހަކުން ކަލާ ޙާޞިލް ކުރުމެވެ. އެފަދަ ދުވަހަކުން އަހަރެން އުފާވެރި ކަމުގެ ކަރުނައިން ކަލާ ހިތްދަތި ކޮށްލާނަމެވެ. ކަލާގެ ލޮލުންވެސް ކަރުނަ ފޭދޭނެއެވެ. އަހަރެންގެ މުޅި ޙަޔާތް ބިނާވެފައި މި ވަނީ 'ކޮންމެވެސް ދުވަހަކުން....' މި ޢިބާރާތަށެވެ. އަހަރެންގެ އުންމީދު ފުނޑުވިޔަ ނުދެއްޗެވެ!

 
  • Blogroll

  • Consectetuer

  • Popular

  • Comments