ލަންދޫގެ ވެށި މަޑުމަޑުން ހަލަބޮލި ކުރަމުން، ހުރިހާ ރައްޔިތުންގެ ސަމާލުކަން އަތުލަމުން ބޯމަތިވެގެން މިއަންނަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ އިންތިހާބެވެ. މިއީ ލަންދުއަށްޓަކައި ރައްޔިތުންގެ ވިސްނުން ހިންގައި އަނެއްކާވެސް ރައްޔިތުންގެ ބަސްކިޔާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. މިއީވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަފަދަ މުހިއްމު އިންތިހާބެކެވެ. ނުވަތަ އެއައްވުރެވެސް މުހިއްމު އިންތިހާބެކެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ޤާނޫނުން ކައުންސިލްތަކަށް ލިބިފައިވާ ބާރުވެރިކަމުގެ ބޮޑުކަމާއި އުފުލަން ޖެހިފައިވާ ޒިންމާތަކުގެ ބުރަދަނެވެ. އެހެންކަމުން ކައުންސިލްގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާއި ބާރުވެރިކަމަށް ކުރުގޮތަކަށް ބަލައިލާނަމެވެ
ޤާނޫނުގައި ބަޔާން ކޮށްފައިވާގޮތުން ރަށުގެ ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުމުގެ ބާރު ކައުންސިލަށް އޮވެއެވެ. ރަށްޔިތުންގެ މާލިއްޔަތާއި ވަސީލަތްތައް ބަލަހައްޓާނީ ކައުންސިލުންނެވެ. އަދި ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު މިލްކުކޮށް އެފަދަ ތަންތަން ކުއްޔަށް ދޫކޮށް އިންވެސްޓްކުރުމާއި އިންވެސްޓްމަންޓްތައް މިލްކްކުރުމާއި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމުގެ ބާރުވެސް ކައުންސިލަށް ލިބެއެވެ މިފަދަ ކައުންސިލެއް ތިމާގެ އަތުން ދޭ ވޯޓަކުން ހޮވުމުގެ ކުރިން ވިސްނާލައްވާ. މި ރަށަށް ޓަކާ ތިމާގެ ފަރުދީ ޒިންމާ އަދާކުރައްވާ. ފުރިހަމަ ބާރާއެކު 2 އަހަރެއްހާ ދުވަހަށް ހިތަކަށް ކަންތައްތަކެއް ނިންމާދެން ތިމާ އިސްކުރީމާ އެއަތަކުން އެއް ކަމެއްވެސް ކޮއްދޭން ނޭންގުނީމާ އަޅުގަޑު ނަމަ ............... ކޮންމެގޮތަކަށް ދެކުނަސް
ކައުންސިލަށް ދީފައިވާ ބާރަކާއި ގުޅިގެން ކައުންސިލުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވާ ފަރާތަކަށް އަދަބެއްގެ ގޮތުގައި 500-5000ރ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި ކައުންސިލްގެ ވާޖިބު އަދާކުރުމުގައި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ދޭންވާނެކަމަށްވެސް ބުނެފައިވެއެވެ. މިއީވެސް ކައުންސިލްތަކަށް ދީފައިވާ ބާރުތަކެވެ.
ރަށް ހިންގައި ތަރައްގީކޮށް ރައްވެހިކަމުގެ ޙިދުމަތްތަކުގެ ޒިންމާ އޮތީވެސް ކައުންސިލަށެވެ. މީގެ ތެރޭގައި ވަރަށް ފަންނީ ކަންކަން ވެސް ހިމެނެއެވެ. އެގޮތުން ރަށް ގިރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، ތޮށިގަޑު މަރާމާތުކޮށް ބެލެހެއްޓުމާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމް ފަދަ އާންމު ޙިދުމަތްތައް ބެލެހެއްޓުމާއި، ޕްރައިމަރީ ހެލްތް ކެއާރއާއި ސިއްހީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ހިދުމަތްތަކާއި، ޕްރީ ސްކޫލް ހިދުމަތްދިނުމާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭ މަރުކަޒުތައް ހިންގުމާއި، ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމާއި، މުސްކުޅިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމާއި، އެމީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ. އަދި ރަށުގެ ބިން ދޫކުރުމާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިމާރާތްކުރުމުގެ ކަންކަން ބެލެހެއްޓުމާއި، އާއްމު ދަތުރުފަތުރުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާސާރީ ތަންތަން ބަލަހައްޓައި ސަގާފީ ކަންކަން ދިރުވައި ދެމެހެއްޓުންވެސް ރަށު ކައުންސިލުގެ ދައުރުގެ ތެރޭގައި ހިމެނެއެވެ.
ރަށު ކައުންސިލްގެ މައްސޫލިއްޔަތުތަކާއި ބާރުވެރިކަން މިހާ ބޮޑުވެފައި ރަށު ކައުންސިލަރުންނަކީ ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތްދޭން ތިބި މީހުންނަށްވުމުން ވޯޓް ދިނުމުގައި ރައްޔިތުން ވަރަށް ވިސްނަން އެބަޖެހެއެވެ. ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ވަކިމީހެއްގެ ނުފޫޒުން ވޯޓް ދިނުމުގެ ބަދަލުގައި ވަކި ފަރާތަކަށް ނުޖެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ކަންކަން ކޮށްދެވޭނެ ޤާބިލް މީހަކަށް ވޯޓް ދިނުން މުހިއްމެވެ. ޕާޓީއަށްވުރެ ބޮޑަށް ޤައުމަށާއި ރަށަށާއި ރައްޔިތުންނަށް ލޯބިހުރި ގާބިލްމީހަކަށް ވޯޓްދިނުން މާރަގަޅު ކަމުގައި ފެނެއެވެ. ރަށު ކައުންސިލުގެ ޒިންމާތައް ރަގަޅަށް ފިލާ ސާފުވެފައިހުރި އެކަންކަން ރަގަޅަށް ކުރެވޭނެ ހީވާގި މީހަކަށް ވޯޓްދިނުން މާލަފާވާނޭ ކަމުގައި ފެނެއެވެ. އަދި ފަންނީ ކަންކަން ކަމުގެ މާހިރުންގެ ލަފާ ހޯދައިގެން ނުވަތަ އެމީހުންނާއި ހަވާލުކޮށްގެންވިޔަސް ކުރެވޭފަދަ ހޭލުންތެރި މީހަކަށް ވޯޓްލުން އެންމެ ބުއްދިވެރި ގޮތްކަމުގައިފެނެއެވެ.








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ