މިފަހަރު މިނޫހުގެ ކިޔުންތެރިންނަށް މިގެނެސްދޭ ހާދިސާއަކީ މީގެ ދިހަވަރަކަށް އަހަރުކުރިން މާލެ ވިލިގިލީގައި ދިމާވިކަމަށް ބުނާ ހަޤީޤީ ހާދިސާއެކެވެ. މިހާދިސާ އަކީ މިހާރުވެސް އެކި މީސްމީހުން މަދުންނަމަވެސް ކިޔައިއުޅޭ ހާދިސާއެކެވެ.
ދުވަސްވަރަކީ ވިލިގިލީގައި އާބާދުވަމުން ދިޔަ ދުވަސްވަރެވެ. މިހެންކަމުން މާލެއާއި އަތޮޅުތަކުގެ ވަރަށްގިނަބައެއްގެ މަންޒިލެއްކަމުގައި ވިލިގިލި ވެފައިވެއެވެ. ވިލިގިލީގައި މީހުން އާބާދުވަމުން ދިޔަދުވަސްވަރު އެކިމީހުން ވިލިގިލީގެ ބޭނުން ހިފަމުން ދިޔައީ އެކިބޭނުންތަކުގައެވެ. ބައެއްމީހުން މަޖާކޮއްލުމަށް ދާއިރު އަނެއްބައިމީހުން ލޯބީގެ ވަގުތުތަށް ގުނާލުމަށްވެސް ވިލިގިއްޔަށް ގޮސްއުޅުނެވެ. ދެން މިހާދިސާއަށް ޖެހިލަމާ ހިގާށެވެ.
އަސްލުނަމެއްނޫން (ސިރާޖް) އަކީ މާލެއިން އުތުރުގެ ރަށަކަށް ނިސްބަތްވާ އޭރު އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ސިރާޖް މާލެއައީ ރަށުން ގްޭޑް 7 ނިންމައިގެން މާލެއިން ނުވަތަ ރިސޯޓުން ނަމަވެސް ވަޒީފާއެއް ހޯދުމުގެ ބޭނުމުގައެވެ. ސިރާޖް މާލެއައިަް މަޑުކުރަންޖެހުނީ ވިލިގިލީގައެވެ. ސިރާޖަކީ މީގެ ކުރިން ރަށުން ލޯބީގެ ދުވަސްތަކެއް ގުނާފައިވާ އެކަމަކު އޭރު ހުސްކޮއް ހުރި ހިމަތޮޅި ޒުވާނެކެވެ.
(އަސްލުނަމެއްނޫން) ފާތުންއަކީ މާލޭގެ އަމިއްލަ ސްކޫލެއްގެ ގްރޭޑް 9ގައި ކިޔަވަމުން ދިޔަ ތ. އަތޮޅަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޖިންސުއްލަތީފެކެވެ. ފާތުންވެސް އުޅެމުން ދިޔަކަމަށްވަނީ ވިލިގިލީ މިހާރުގެ ސިއްހީ މަރުކަޒު އެހުރި ހިސާބުގައިވާ ފާތުންގެ ބައްޕަގެ ރައްޓެއްސެއްގެ ގޭގައެވެ. ފާތުންނާ ސިރާޖް އެންމެ ފުރަތަމަ ވާހަކަދެކެވި ދިމާވިކަމަށް ވަނީ ފެރީންނެވެ. އެއީ ފާތުންގެ ފޮތެއް ފެރީތެރެއަށްވެއްޓިގެން އުޅުނުވަގުތެއްގައި ފާތުން ނަށް ސިރާޖް ދިން އެހީތެރިކަމެއްގެ ސަބަބުންނެވެ. އެދުވަހުން ފެށިގެން ދެމީހުންވެފައިވަނީ ވަރަށް ގާތްދެމީހުން ކަމުގައެވެ. މިގުޅުން ގިނަދުވަސްތަކަށް ނުވެ ލޯތްބަށް ބަދަލުވެ ދެމީހުންނަކީ ވެސް ލޯބީގެ އެންމެ އުހުގައި ފިޔތަޖަހަމުން ދިޔަ ދެތަރިންކަމުގައި ވުމުގެ އުފާލިބިގަތްފިއެވެ.
މިގުޅުމަސް އެއްވެސް ހުރަހެއްނެތުމުން ދެމީހުން ބައްދަލްކުރަމުން ދިޔަކަމަށްވަނީ ވިލިގިލީގެ ބީޗް ސަރަހައްދާއި ހޭޅިފަށުގެ ހިތްގައި ހިސާބުތަކުގައެވެ. ރޭގަނޑުގެ ގިނަވަގުތުތަކެއް މިދެމީހުން ގުނަމުން ދިޔަކަމަށްވަނީ މިގޮތުގައެވެ. ސިރާޖަށް ރިސޯޓަކުން ވަޒީފާއެއްވެސް ވަރަށް ފަސޭހައިން ލިބުނެވެ. އެކަމުކު ފާތުންގެ އިޝްޤުގައި ރަގަޅަށް ޖެހިފައިވުމުން ދެހަފްތާވަންދެކަ ވަޒީފާގައި އުޅެލާފައި ކެނޑިގެން އަނެއްކާ ވިލިގިލީގައި އުޅެން ފަށައިފިއެވެ.
ފާތުން އެއަހަރުގެ ބޮޑު ޗުއްޓީއަށްވެސް ރަށަށްނުގޮސް މަޑުކުރީ ސިރާޖްގެ އެދުމުގެ މަތިން ދެމީހުންގެ ލޯބީގެ ހުޅުކޮޅު އިތުރަށް ދިއްލުމަށްޓަކައެވެ. އެއަހަރުގެ ރޯދަމަހާއި ފިތުރު އީދުނިމިގެން ދިޔަގޮތްވެސް މިދެލޯބިވެރިންނަށް ހީވީ ފެނުނު ހިނދުކޮޅެއްހެންނެެވެ. އާއަހަުރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން ފާތުން އާންމުގޮތެއްގައި ރޭގަނޑު 11 ޖެހުމުގެ ކުރިން ގެއަށްވަންނަން ޖެހެއެވެ. އެހެންކަމުން ދިރާސީ އަހަރު ފެށުމުގެ ކުރިން މިދެލޯބިވެރިން ބޭނުންވީ ރޭގަނޑުގެ ހަތަރު ދަމު ލޯތްބަށްޓަކައި ވަގުފް ކުރާށެވެ. ފާތުން ބޭރަށް ދަނީ ރޭގަނޑު ގޭމީނުން ނިދުމުން ސިއްރިއްޔާތުގައެވެ. ގެއަށް އަންނަނީ ފަތިހުއެވެ. އެކަމަކު ފާތުންގެ ގޭމީހުންނަށް މިހިގަމުންދިޔަ އެއްވެސް ކަމެއް އެގުނުކަމަކަށް ނުވިއެވެ. ފާތުން އެއަށް ވުރެ މާ ހުށިޔާރެވެ.
ސްކޫލްގެ ކިޔެވުން ފެށެން 3 ދުވަހަށް ވުމުގެ ކުރީރޭ ފާތުންނާ ސިރާޖްވެސް ބައްދަލްކުރިއެވެ. ދުވަސްވަރަކީ ކަޅުފޮއި އަދިރި ދުވަސްވަރު ނަމަވެސް އެއަދިރިކަމެއް މިދެމީހުންގެ ލޯތްބަށް ފޯރިޔަދިނަކަ ނުދިނެވެ. ފަތިސް ވާން އުޅެނިކޮއް ފާތުން ސިރާޖް ގާތު މާދަމާ ރޭވެސް އަންނާޗޭކިޔާފައި ދެމީހުންގެ މިރޭގެ ވަދާއީ ސަލާމް ކޮއްފައި ސިރާޖްދިޔައީ ފާތުން ގެޔަށް ލާށެވެ.
ޖެހިގެން އައިރޭ ފާތުންނާ ބައްދަލު ކުރުމަށް ވަރަށް ތައްޔުާރުވެގެން ސިރާޖް ދިޔައީ އުތުރު ކޮޅުގައި ހުރި ދިއްގާ ގަސްތަކާ ދިމާލަށެވެ. އޭރު އެސަރަހައްދު ހުންނަނީ މާސިންގާ ބިޔަ ދިއްގާގަސްތަކުން ޖަންގަލީ ހެދިފައެވެ. ސިރާޖް އެތަނަށް ދިޔައިރު ފާތުން އެތާ ހުރި ދިއްގާ ގަހެއްގެ ކައިރީ ސިރާޖްގެ އިންތިޒާރުގައި ހުއްޓެވެ. ސިރާޖް ދިޔަގޮތަށް ގޮސް ފާތުން ސިރާޖްގެ ގަޔާ ގާތްކޮއްލިއެވެ. އެހެންނަމަވެސް ފާތުން އެއްވެސް އެއްޗެކޭ ނުބުނެ ހަމަ ހުރީއެވެ. ސިރާޖް ހީކުރީ ސިރާޖަށް ލަހުން އާދެވުމުން ފާތުން ހިތްހަމަ ނުޖެހިފައި ހުރީކަމަށެވެ. ސިރާޖް އެކަމަކާ އެއްވެސް ޝަކުވާއެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ސިރާޖަށް ފާތުން ސިރާޖްގެ ކައިރީ ހުރެވެނިކޮއް ސިރާޖްގެ ހުރިހާކަމެއް އެހާސިލްވީއެވެ.
ސިރާޖް މިގޮތުގައި ފާތުން ސިރާޖުގެ ގަޔާގާތްކޮއްގެން އިރު ކޮޅަކު ހުއްޓާ ފާތުން ސިރާޖުގެ އަތުގެ ތެރެއިން ކުޑަކޮއް ދުރަށްޖެހިލިއެވެ. އަދި ފާތުން އެއްވެސް ބަހެއްނުބުނެ ގަހުގެ އެންމެ ތިރީ ގޮފިގަނޑުގެ މަތީ އިށީނެވެ. ސިރާޖުވެސް ހަމަ ހިނދުކޮޅެއްގެ ތެރޭ ހަމަ އެގޮފިގަނޑަށް އެރިއެވެ. އަރާފައި ފާތުން ސިރާޖުގެ ގަޔާލާ ފިއްތާލިއެވެ. ސިރާޖު މިހެން އިދެ ފާތުން ދެކެ ވާލޯބި ތަފާތު ފަށުވި އިބާރާތްތަކުން ފާތުންގެ ކަންފަތުގެ ތެރެއަށް އަމުނަމުންގެންދިޔައެވެ. މިހެން އިރުކޮޅަކު އިންދާ ފާތުން ސިރާޖާ ދުރަށް ޖެހި ގެހުގެ މައްޗަށް އިންގޮފިގަނޑެއްގައި އަރާ އިށީދެއްޖެއެވެ. މިފަހަރު އެރުމުން ސިރާޖް ފާތުންއާ ދިމާއަށް ހާދަ ގަހަށް އަރަން މޮޅުދޯއޭ ބުނެލިއެވެ. ފާތުން އަކީ އާންމު ކޮއް އެހާ ބަސްމަދު ކުއްޖެއްކަމުން ސިރާޖް ބުނާ މިފަދަ އިބާރާތްތަކަށް އާންމުކޮއް ފާތުން އެއްވެސް ރައްދެއް ނުދެއެވެ. މިރޭވެސް ފާތުންގެ މިޒާޖުހުރީ ހަމަ އެފަދައިންނެވެ.
ސިރާޖް އެއޮފިގަނޑަށް އެރި އިރު ފާތުން އެއަށް ވުރެމައްޗަށް އިން ގޮފިގަނޑަށް އަރައިފިއެވެ. ސިރާޖް ހީކުރީ ފާތުން ސިރާޖްއާ މަޖާކުރަނީ ކަމަށެވެ. ސިރާޖްވެސް ދެރަނުވާންވެގެން ފާތުން އިންގޮފިގަނޑުގެ މަތިން އިން ގޮފިގަނޑަށް އަރާފައި ނިކަން ހިތްވަރު ހުރީޔާ މިތަނަށް އަރާބަލާށޭ ބުނެފިއެވެ. ސިރާޖު ބަސްބުނި ހިނދު ފާތުންވެސް އެރީ ސިރާޖު އިން ގޮފިގަނޑުގެ މަތީގައި އިންގޮފިގަނޑުގައެވެ. މިގޮފިގަނޑަށް އެރުމުން ސިރާޖު އާން ފާތުންގެ ގަދަކަން ގަބޫލް ކޮއްފީމޭ ދެން ތިއަށްވުރެ މައްޗަށް ނޭރުމަށް ބުންޏެވެ. މިހާރު ދެމީހުންނަށް މިތިބެވެނީ ގަހުގެ އެންމެ ކުރީގައި ކަމަށާއި މިރޭ ހަތަރުދަން ހުސްކޮއްލާނީ ގަހުގައި ކަމަށް ސިރާޖުވެސް އެދޭވާހަކަ ފާތުންނަށް އިވޭގޮތަށް ބުންޏެވެ. މަޑުކުރާށޭ މިއަރަނީއޭ ކިޔާފައި ސިރާޖް ފާތުން އިންއިފިގަޑަށް އެރުމަށް ޓަކައި މަސައްކަތް ފެށިއެވެ. މައްޗަށް އަރަމުން ގޮސް ސިރާޖްއަށް ފާތުން އިށީނދެ އިން ގޮފިގަނޑުގައި އަތްލެވުމުން ސިރާޖްއަށް ފާޑެއްގެ ސިހުމެއް ލިބުނެވެ. ސިރާޖްއަށް އެހެން ކަހަލަ އިހްސާސްތަކެއް ކުރެވެން ފެށިއެވެ.
ސިރާޖަށް ގަބޫލްކުރަންވެސް އުދަގޫވިއެވެ. އެކަމަކު ހިތްވަރުކޮއްލާފައި ފާތުންނާ ދިމާލަށް ބަލައިލިއެވެ. ފާތުން އިސްދަށައްޖަހައިގެން އިނެވެ. ފާތުން އެއިނީ ހަމަ އެގޮފިގަނޑުގައި އިށީދެގެންކަން ސިރާޖްއަށް ޔަޤީންކުރެވުނުވެ. އަދި ސިރާޖް އެގޮފިގަނޑުގައި މަޑުމަޑުން އަތްލިއެވެ. ހަމަ އަތްލާ ކޮންމެ ފަހަރަކު ސިރާޖްގެ ހިތް ތުރުތުރު އަޅަންފަށާވަރުން އަތްދޫކޮއްލެވެނީއެވެ.
ސިރާޖް ވިސްނާލިއެވެ. އެއީ ގޮރފިގަނޑެއްނޫނެވެ. އެހެނީ އެއީ ފަންސޫރަކަށްވުރެވެސް ހިމަ ހޯލި ކޮޅެކެވެ. އެހާ ހިމަހޯލި ކޮޅެއްގެ މަތީ ފާތުންނަށްނުވެއްޓި އެއިދެވެނީ ކީއްވެބާވައެވެ. މިހިސާބުން ސިރާޖް ކުޑަކަށް ބިރުގަންނަށް ފަށައިފިއެވެ. ހަމަ ހަޤީގަތުގައިވެސް އެގޮފިކޮޅުގައި މީހަކު އިށީދެއްޖެނަމަ ބިދޭނެކަން ސިރާޖަށް ކަށަވަރުވިއެވެ. ސިރާޖް ފާތުންނަށް އެއްފަހަރު ގޮވާވެސް ލިއެވެ. އެކަމަކު ފާތުން ދުލުންބަހެއްވެސް ނުބުނެއެވެ. މިއާއެކު ސިރާޖް އިތުރަށް ބިރުގަންނަށް ފެށިއެވެ. ތުރުތުރު ލާންއުޅޭހެންވެސް ހީވިއެވެ. މިހެންވާން ފެށުމުން ސިރާޖުއަށް އެހެންކަމެއް ޝައްކުވާންފެށިއެވެ. ސިރާޖު އެބައަންނަމޭ ކިޔާފައި ގަހުންފައިބަންފެށިއެވެ. ސިރާޖުއަށް ތުރުތުރުއަޅާވަރުން ގަހުންނުވެއްޓިފޭބުނީވެސް ހަމަ ކިރިޔާއެވެ. ތިރިޔަށް ފައިބާފައި ގަހަށް ބަލައިލިއެވެ. އަދިރިކަމުން ގަހުގައި އިންފާތުން ފެންނަގޮތެއްނުވިއެވެ.
ސިރާޖު މަޑުވެސް ނުކޮއްދިޔައީ ފާތުންގެ ގެއަށެވެ. އޭރު ދަންވަރު 2 ވެސް ޖަހާފާނެއެވެ. ގެއަށްގޮސް ފާތުން ނިދާ ކޮޓަރިއިންދިމާލަށް ގޮސް ފާތުންނަށް މަޑުމަޑުން ގޮވާލިއެވެ. ފާތުން ކޮޓަރީގެ ލޫއްވަގަނޑު ހުޅުވާލިއެވެ. ފާތުން އިނީގޭގައެވެ. ފުނާއަޅާށެވެ. މިތަންފެނުމުން ސިރާޖް އިތުރަށް ތުރުތުރު އަޅަންފެށިއެވެ. ހިތްބިރުގަންނަސް ފެށިއެވެ. ސިރާޖުއަށް އެއްވެސް އެއްޗެކޭ ނުބުނެވި އުޅެނިކޮއް ފާތުން ސިއްރުން މަޑުކުރާށޭބުންޏެވެ. އެއީ މިގޭ ބޭބެ ފާހާނާގައި ދާނި ތަޅުވާ އަޑުއިވޭތީ އަދި ބޭބެ ނިނިދާތީކަމަށް ބުންޏެވެ. ފާހާނާގައި ވަރަށް ގިނައިރު ވެއްޖެ ކަމަށާއި އެހާގިނައިރުވަންދެން ކުރަނީ ކީއްކަން ނޭގޭކަމަށް ފާތުންބުންޏެވެ. ބޭބެ ނިދުމުން ފާތުން ނިކުންނާނެކަމަށް ބުންޏެވެ. މިހެން ފާތުން ބުނުމުން ސިރާޖަށް މިކުރެވުނު ހީ ހަމަ ޔަޤީންކުރެވިއްޖެއެވެ. އަދި މިވީގޮތަ ހަމަ ރަގަޅަށް ސިރާޖަށް އެގުނެވެ. ފާތުން ކައިރީ މިރޭ ނުނިކުންނާޗޭ މާލަސްވެއްޖެ ނޫންހޭ ކިޔާފައި މިއުޅެނީ ކުޑަކޮއް ބޮލުގައި ރިއްސާތީކަމަސް ބުނެ ދިޔައީ ގެއަށެވެ. އެގޭ ބޭބެ މިރޭ މާލޭގެ ގެއެއްގައި މަސައްކަތެއް ކުރަން ދިޔަކަން ސިރާޖް އަށް ހަމަ ރަގަޅަށް އެގެއެވެ. އެހެންކަމުން ގިފިލީގައި އެއުޅެނީ ބޭބެ ނޫންކަން ވިސްނުނެވެ. ފާތުން ކާރިއެވާހަކަ ނުބުނީ ފާތުން ބިރުގަތްފާނެތީއެވެ. ނަމަނަމަ ނުނިކުންނާޗޭކިޔާފައި ސިރާޖް ދިޔައީ ގެއަށެވެ.
ގެއަށް ގޮސްވަތްއިރު ސިރާޖް ހުރީ ހަމަ ގަދަޔަށް ހުންއައިސްފައެވެ. ގޭމީހުންގެ ގާތު ވެގެން އުޅޭގޮތްކިޔައި ދިނުމުން ވަގުތުން ފަންޑިތަހަދާ މީހަކުގެއަށް ގެނެސް ބާވަތެއްގެ ކިޔެވެއްޔެއް ކިޔަވާފައި ސިރާޖުގެ ގަޔަށް ފެންއެއްޗެއް ޖެހިއެވެ. ތުވާލިގަނޑެއް ސިރާޖުގެ ފައިގައި އައްސާފައި މިރޭ ފަތިސް ނުވަނީ ނުމޮހުމަށް ބުނެ އެބޭ ދިޔައީ ގެއަށެވެ. ފަތިސްވީއިރު ހުންގަދަ ކަމުން ސިރާޖް ހަމަ ތެޅިފޮޅެނީއެވެ. ފަތިސް ނަމާދު ކޮއްގެން ފަންޑިތަ ހަދާމީހާ އައިސް ފޮތިގަނޑު މޮހާލައި ފަންވަތެއް އައްސާފައި އިތުރު ފެންއެއްޗެއް ކިޔެވިއެވެ. ނަސީބަކުން ހެދުނު 8 ޖަހާ ސިރާޖުލައިގެން އޮތް ތެތްހެދުން ހިކެމުން ދިޔަވަރަކަށް ސިރާޖްގެ ހުންގަނޑުވެސް މައިތިރިވަމުން ދިޔައެވެ. ސިރާޖް ހަމަޔަކަށް އެޅުނީ 3 ދުވަސް ވީފަހުންނެވެ.








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ