ލަންދޫސިއްޙީމަރުކަޒުގައި މަސައްކަތްކުރެއްވި ނ.އަތޮޅަށް މަޝްހޫރު ޑރ.މާލިކު ފުރިހަމަ ޢިއްޒަތުގައި ލަންދޫރައްޔިތުން މިއަދު ފުރުވާލައިފިއެވެ.
ނ.މާފަރުބޯޓުން ޑރ.މާލިކު މިއަދު މާލެދިޔުމަށްފުރީ އޭނާގެ ވަޒީފާގެ ކޮންޓްރެކްޓް ހަމަކުރެއްވުމަށްފަހުއެވެ. އަލުން ކޮންޓްރެކްޓް އާކުރައްވަން އޭނާ ވަރަށް ބޮޑަށް ބޭނުންވާކަމަށާއި، ނަމަވެސް މިދުވަސްކޮޅު އޭނަގެ ބައްޕަ މާބޮޑަށް ބަލިވެ އުޅޭތީ ކޮންމެހެންވެސް ބައްޕަގެ ޚިދުމަތުގައި އަމިއްލަ ޤައުމު ( އިންޑީޔާގައި ) ބައްޕަގެ ބައްޔަށް ޝިފާއެއް ލިބެންދެން މަޑުކޮށްލަންޖެހޭތީ އެނުބުރި ޤައުމަށް ދަނީކަމަށް އޭނާވަނީ ބުނެފައެވެ.
އަދި މިހާތަނަށް ލަންދޫގައި މީހަކު މިފަދަ ޢިއްޒަތުގައި ފުރުވާލައިފައެއްނުވެއެވެ. ލަންދޫގައި އޮންނަ ސަޤާފީ ކުޅިވަރު އާލާކޮށްދިރުވާ ގްރޫޕާއި، ލަންދޫ ކައުންސިލް އިދާރާއާއި، ލަންދޫ ހެލްތްސެންޓަރާއި، އަދި ލަންދޫގެ ބައެއްޒުވާނުން ގުޅިގެން ޑރ.މާލިކު ފުރުވާލުމަށް ހިންގި ޚާއްޞަ ޕްރޮގްރާމްގައި ބައިވެރިވި ލަންދޫގެ ގިނަމީހުން ތިބީ ހުދުގަމީހާއި، ހުދުމުންޑު އަނދެ ލަނދޫމީހުން ޒަމާނުއްސުރެ ކޮންމެ ބޮޑުޢީދެއްގައި ކުޅެމުން އަންނަ ކުޅިވަރެއްކަމުގައިވާ "ހިތްޗަށްވަޑައިގަތުން" މުގައި ހެދުން އަޅާއުޞޫލުން ނަލަހެދި ޒީނަތްތެރިވެފައެވެ.
ޑރ.މާލިކު މިއަދު ރަށުން ފުރާތީ އޭނާއަށް އަލްވަދާޢު ކިޔުމަށް ވަރަށްގިނަރައްޔިތުންވަނީ މިއަދު ލަންދޫ ސިއްޙީމަރުކަޒަށް ޒިޔާރަތްކޮށްފައެވެ. އަދި ވަރަށްގިނަ ތަފާތުބާވަތް ބާވަތުގެ ހަދިޔާ އާއި، ޕާރުސަލްވެސް ޑރ. މާލިކަށް ހަދިޔާކޮށްފައިވެއެވެ.
ޑރ. މާލިކަކީ އޭނާ ލަންދޫގަިއ މަސައްކަތް ކުރައްވަން ފެއްޓެވި ދުވަހުން ފެށިގެން މިވޭތުވެދިޔަ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ލަންދޫރައްޔިތުންގެ އިތުރުން މުޅި ނ.އަތޮޅު ރައްޔިތުންގެ ވެސް މަޤުބޫލްކަން ހޯދާފައިވާ މޮޅު ހުނަރުވެރި ޑޮކްޓަރެކެވެ. ހަމުގެ ތަފާތު ބަލިތަކަށާއި، ކަށީގެ އެކިއެކު ބައްޔަށާއި، ކަނޑައިގެންދާ ތަންތަން ފެހުމާއި، ކުދިއޮޕަރޭޝަން ތައް ކުރުމަކީ ޑރ.މާލިކުގެ ޚާއްޞަ ޕްރޮފެޝަން އެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.
އޭނާ އަދި އެނބުރި އަންނާނެދުވަހަކަށް ލަންދޫރައްޔިތުން ދަނީ އިންތިޒާރުކުރަމުންނެވެ. އެހެންކަމުން ސާމަރާ ލައިވުގެ ޓީމުންވެސް އެދެނީ ޑރ.މާލިކުގެ ބައްޕައަށް އަވަސް ޝިފާއެއް ލިބި ޑރ.މާލިކު އަލުން އެނބުރި ލަންދޫއަށް އައިސް ލަންދޫރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިހުރުމުގެ ހެޔޮނަޞީބެއް މިންވަރު ކޮށްދެއްވުމެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ