އެ ދެމަފިރިން ކޯޓަށް ދިޔަ އެވެ. އެއީ ފެމިލީ ކޯޓެއް ނޫނެވެ. އެކަމަކު އެއީ އިސްލާމީ ޤައުމެއްގެ ޢާއިލާއާބެހޭ ކޯޓެކެވެ. ފެމިލީ ކޯޓުގައި ގަންނަ ގަނޑުގަތުމެއް އެތާކު ނެތެވެ. އަނބިމީހާ ލައްވާ ފިރިމީހާއާ ދިމާއަށް އާޑަގޮވައި ފުރައްސާރަކުރުމެއް އެތާކު ނެތެވެ. ހަރުއަޑުން ހަޅޭލަވާ ރަޖިސްޓްރާއެއް ވެސް ނެތެވެ. ކޯޓަށްދާ މީހުންގެ ނަންތައް ބަދަލުކޮށްގެން ލިޔާ ގާޒީއެއް ވެސް ނެތެވެ. ވަރިވާންދާ މީހުންގެ އަނބީންނާ ބެހޭ އިސް ގާޒީއެއް ވެސް ނެތެވެ. ކަންކަމު ދާ މީހުންގެ އަތުން ރިޝްވަތު ހިފާ ދޭވާނީއެއް ވެސް ނެތެވެ. ... އެއީ ޢަދުލު އިންޞާފުން ފުރިގެންވީ ކޯޓެކެވެ. އެތަނުގައި އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަތުމެއް ނެތެވެ. ނުހަނު އަދަބު އިޙުތިރާމާއެކު، ފިރިމީހާއާއި އަނބިމީހާ ޝަރީޢަތުގެ މަޖިލީހަށް ގެންދެވުނެވެ. ނުހަނު ތެދުވެރިކަމާއެކު ފިރިމީހާ އެ މަޖިލީހުގައި ވާހަކަދައްކަން ފެށި އެވެ. ފިރިމީހާގެ ވާހަކަ މެދުކަނޑާލާފައި ރައްދު ދޭކަށެއް އަނބިމީހާއެއް ނޫޅެ އެވެ. ފިރިމީހާ ދެންނެވި އެވެ. ޢިއްޒަތްތެރި ގާޒީ އެވެ. އަޅުގަނޑަށް އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިޔާ އެންމެ ފުރަތަމަ ފެނުނީ، އަވަށްޓެރިއެއްގެ ގެޔަށް ދިޔަ ދުވަހެއްގަ އެވެ. ގޭ ބިއްދޮށް ފަރާތުގައި ކާރު ބާއްވާފައި އަޅުގަނޑު ދިޔައީ ދުރުދުރުން އޭނާ ދެކިލުމުގެ ނިޔަތުގަ އެވެ. އަޅުގަނޑު އެކަން ކުރެވޭތޯ އުޅެނިކޮށް އެސާހިތަކު ވަރަށް ބާރަށް އެކްސިޑެންޓެއްވީ އަޑު އިވުނެވެ. އެއަޑު އިވުނު ދިމާއަށް އަޅުގަނޑު ދިޔައިރު، އަޅުގަނޑުގެ ކާރު އޮތީ ފުނޑުފުނޑުވެފަ އެވެ. އޭގައި ޖެހި އެކްސިޑެންޓްވީ ކުނިނަގާ ބޮޑު ލޮރީ އެކެވެ. އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިޔާއާއި އަޅުގަނޑާ ދެމީހުންގެ ކާވެނި ކުރުން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުގެ ޢާއިލާގެ މީހުން އޭނާގެ ގެޔަށް ދިޔަ ދުވަހުގެ ވާހަކަ އައްސަވާށެވެ! އެދުވަހު އެނބުރި އައި މަގުމަތީގައި އަޅުގަނޑުގެ މަންމަ ނިޔާވި އެވެ. ގެޔަށް ދިއުމުގެ ބަދަލުގައި އެދުވަހު ދާންޖެހުނީ ގަބުރުސްތާނަށެވެ. ކާވެނިކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ސާމާނު ގަތުމަށް އަޅުގަނޑުމެން ދެމީހުން ބާޒާރަށް ދާ ކޮންމެ ދުވަހަކު ފުލުހުން އަޅުގަނޑު ހައްޔަރުކުރެ އެވެ. މާބާރަށް ކާރު ދުއްވައިގެންނެވެ. ނުވަތަ ބާރަށް ދުއްވަން ޖެހޭ މަގެއްގައި މާ މަޑުން ދުއްވައިގެންނެވެ. މިއީ އެހެން ދުވަހެއްގައި، އެންމެ ފަހަރަކު ވެސް އަޅުގަނޑާ ކުރިމަތިވި ކަމެއް ނޫނެވެ. އަޅުގަނޑުމެން ދެމީހުން ކާވެނިކުރި ދުވަހު، އަވަށްޓެރިއެއްގެ ގޭގައި އަލިފާންރޯވެ، އެ ގެ އެއްކޮށް އަނދާ ހުލިވި އެވެ. އެ އަލިފާންގަނޑު ފެތުރިގެން އައިސް، އަޅުގަނޑުމެންގެ ބަދިގެއިން ވެސް އެއްބައި އަނދާ ހުލިވި އެވެ. ޖެހިގެން އައި ދުވަހު، އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ގާތަށް އަޔެވެ. އެދުވަހު ބައްޕަ ސިޑިން ވެއްޓި، ބައްޕަގެ ފައި ބިންދައިގެން ދިޔަ އެވެ. ބައްޕަ ހޮސްޕިޓަލަށް ގެންދިއުމުން ޑަކުޓަރުން ބުނީ ބައްޕައަށް ހަކުރުބަލި ޖެހިފައިވާ ކަމަށެވެ. ބައްޕައަށް ފަރުވާކުރުމަށްޓަކައި ވިލާތުގެ ޤައުމަކަށް ގެންދިޔައީމު އެވެ. އެދަތުރަށްފަހު، ދުވަހަކުވެސް މިކޮޅަށް ނާދެވޭނެހެން ބައްޕަ އަނެއްކޮޅަށް ދާން ޖެހުނެވެ. އަޅުގަނޑުގެ ބޭބެއާއި އޭނާގެ އަންހެނުން އަޅުގަނޑުމެންގެ ގެޔަށް އަންނަ ކޮންމެ ދުވަހަކު އެދެމީހުން ކޮންމެވެސް ކަމަކާ އަރާރުންވެ ދެބަސްވާން ޖެހެ އެވެ. މިބާވަތުގެ އެތައް ކަމެއް އަޅުގަނޑުމެންނާ ކުރިމަތިވަމުން އެބަދެ އެވެ. މިކަން ދަންނަ ހުރިހާ އަވަށްޓެރިން ބުނަނީ، އަޅުގަނޑުމެންނާ ކުރިމަތިވާ މުޞީބާތްތަކުގެ ސަބަބަކީ އަޅުގަނޑުގެ އަންހެނުން ކަމަށެވެ. ނަމަވެސް އަޅުގަނޑު އެމީހުން ދައްކާ ވާހަކަތަކެއް ގަބޫލެއް ނުކުރަމެވެ. އަނތްބެއްގެ ކިބައިގައި ހުންނާނެ ހުރިހައި ރަނގަޅު ސިފަތަކެއް އަޅުގަނޑުގެ އަންހެނުންގެ ކިބައިގައި އެބަހުށްޓެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު އެހެން ކަމެއް ވެ އެވެ. އަޅުގަނޑުމެން ދެމީހުން ކާވެނިކުރި ފަހުން، އަޅުގަނޑަށް ލިބޭ އާމުދަނީ މަދުވަމުންދެ އެވެ. ލިބޭ މުސާރައިން ދެކޮޅު ޖެއްސެނީ ހަމަ ކިރިޔާ އެވެ. މި ޙާލުގައި އުޅެމުން ދަނިކޮށް އިއްޔެ އަޅުގަނޑު ވަޒީފާއިން ވެސް ވަކިކޮށްފި އެވެ. މިހެންވެ، އަޅުގަނޑު އަންހެނުން ވަރިކުރަން ބޭނުންވީ އެވެ. މިވާހަކަތައް އަޑުއެހުމަށްފަހު، ޢަދުލު އިންޞާފުން ފުރިގެންވީ ކޯޓުގެ ހެޔޮލަފާ ގާޒީ ވިދާޅުވި އެވެ. ތިބާއާ ކުރިމަތިވި ހުރިހައި ކަންތައްތަކަކީ، ހަމަ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަންތައްތަކެކެވެ. އެކަންތައްތައް ދިމާވީ އަނބިމީހާގެ ސަބަބުން ކަމަށް ހީކުރާކަށް ނުވާނެ އެވެ. ދެމަފިރިން އެކުގައި ރީތިކޮށް ދިރިއުޅެވޭތޯ ބަލާށެވެ. އަދި ވަރިއާ ހަމައަށް ދާކަށް ނުވެ އެވެ. މިބާވަތުގެ ރީތި ބަސްތަކުން ފިރިމީހާގެ ހިތްހަމަޖައްސާދީ، ދެމަފިރިން އެކުގައި އުޅުމަށް ގާޒީ ނަސޭހަތް ދެއްވި އެވެ. މިގޮތުގެ މަތިން މައްސަލަ ނިންމަވާފައި، ޝަރީޢަތުގެ މަޖިލިސް އޮތް ތަނުން ނުނިކުމެވިގެން އުޅުއްވަނިކޮށް ގާޒީއަށް ސިޓީއެއް އަތުވެއްޖެ އެވެ. އެސިޓީ ބެއްލެވިއިރު، އެއީ ގާޒީ ވަޒީފާއިން ވަކިކުރި ކަމުގެ ލިއުމެވެ! އެހިނދު، ވަޒީފާއިން ވަކިކުރެވިފައިވާ ގާޒީ، ވަރިވާން އައި ދެމަފިރިންނާ ދިމާއަށް ބައްލަވާލެއްވި އެވެ. އޭނާއަށް ފެނިވަޑައިގަތީ، ފިރިހެނަކާއި އެހެން މަޚުލޫޤެކެވެ. ... ގާޒީ، އަވަހަށް އޭނާގެ އަރިހަށް ފިރިމީހާ ގެންނަވާފައި ވިދާޅުވި އެވެ. "ދެންމެ މިތާނގައި އަޅުގަނޑު ދެއްކި ހުރިހާ ވާހަކައެއް ހަނދާންނައްތާލާށެވެ! އެކަކަށްވެސް ސަލާމަތެއް ނެތްކަން ޔަޤީންވެއްޖެ އެވެ! ތިބާގެ އަނބިމީހާ އަވަހަށް ވަރިކުރާށެވެ! އަވަހަށް ވަރިކުރާށެވެ!" |







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ