• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ގައްޒާފީއާއި އޭނާގެ ޢާއިލާ

Posted by faradays on Thursday, March 03, 2011 No comments

ޤައްޛާފީ

ގައްޒާފީގެ ޢުމުރަކީ، 68 އަހަރެވެ. މީނާއަކީ، ޢަރަބި ދުނިޔެއާއި، އެފްރިކާގެ ބައްރުގައި އެންމެ ދިގު މުއްދަތަކަށް ޤައުމެއްގެ ވެރިކަންކުރި މީހާ އެވެ. މީނާ ވެރިކަމަށް އައީ، އޭރު ލީބިޔާގައި ހުންނެވި ރަސްގެފާނު، ކިންގ އިދުރީސް (1) ގެ މައްޗަށް ގެނައި ލޭއޮހޮރުވާލެވުނު އިންޤިލާބަކުންނެވެ. އޭރު މީނާގެ ޢުމުރަކީ 27 އަހަރެވެ.

ގައްޒާފީ އުފަންވީ މީލާދީ ސަނަތުން 1942 ގައި، ލީބިޔާގެ ސިރުތެވެ ކިއުނު ރަށާ ކައިރީގަ އެވެ. މީނާ މަޝްހޫރުވެފައިވަނީ، ގޮތްބޮޑު ހެދުން އެޅުމާއި، ހަތިޔާރުއެޅި އަންހެން ކުދިން، ހަށިފާރަވެރިންނަށް ގެންގުޅޭ ކަމުންނެވެ. މީނާގެ ސިޔާސީ ފަލްސަފާ ހާމަކޮށްފައިވަނީ، މީނާގެ ފެހި ފޮތުގަ އެވެ. އެފޮތުގައިވަނީ، ކޮމިއުނިޒަމާއި ކެޕިޓަލިޒަމްގެ ފިކުރާއި އިސްލާމީ ފިކުރު މައްސުނިކޮށްފަ އެވެ.

ޖަމާހީރިއްޔާގެ ނަމަށް ލީބިޔާގެ ނަން މީނާ ބަދަލުކުރީ، 1977 ވަނަ އަހަރުގަ އެވެ. ޖަމާހީރިއްޔާ އަކީ، ރައްޔިތުންގެ ވެރިކަން ކަމަށް މާނަކުރެވެ އެވެ. މި ޒާތުގެ ވެރިކަމުގައި ދައުލަތުގެ ބާރުތައް އޮންނަނީ ރައްޔިތުން އިންތިޚާބުކުރާ އެތައް ހާސް ކޮމިޓީއެއްގެ އަތްމަތީގައި ކަމަށް ބުނެވެ އެވެ. ނަމަވެސް ޢަމަލީ ގޮތުން ހުރިހާ ބާރެއް އޮންނަނީ ގައްޒާފީގެ ގޮށްމުށުގެ ތެރޭގަ އެވެ.

ފާޅުކަން ބޮޑު ގޮތެއްގައި، ގައްޒާފީވަނީ، ސުޢޫދީ ޢަރަބިއްޔާއަށް އާޑަކިޔައި ފުރައްސާރަ ކޮށްފަ އެވެ. ލިބިޔާއިން ނެރުނު "ރިސާލަތުލް އިސްލާމް" ނަމަކަށް ކިއުނު މަޖައްލާގައި ބޮޑެތި އަކުރުން އެފަދަ ބައެއް ފުރައްސާރަތައް ލިޔެފައިވެސް ވެ އެވެ. އެއީ، ދިވެހިރާއްޖޭގެ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި ޢާއްމުކޮށްގެން ގެންގުޅުނު މަޖައްލާއެއްވެސްމެ އެވެ.


ގައްޒާފީގެ ފުރަތަމަ އަނބި

ގައްޒާފީގެ ފުރަތަމަ އިން މީހާއަކީ ޓީޗަރެކެވެ. ނަމަކީ، ފަތުޙިއްޔާ ޚާލިދެވެ. ބުނެވޭ ގޮތުގައި މިދެ މީހުން އިނުމުގެ ކުރިން ބައްދަލެއް ނުވެ އެވެ. މިދެ މީހުންނަށް ފިރިހެން ދަރިއެއް ލިބިފައިވެ އެވެ. ނަމަކީ މުޙައްމަދެވެ. ކާވެނިކުރިތާ ހަމަސްދުވަސް ފަހުން މި ކާވެނި ވަނީ ރޫޅިފަ އެވެ.


ގައްޒާފިގެ ދެވަނަ އަނބި

ގައްޒާފީގެ ދެވަނަ އަނބިމީހާގެ ނަމަކީ ޞަފިއްޔާ އެވެ. މީނާގެ ބަނޑުން ހަތްކުދިން ލިބިފައިވެ އެވެ. އޭގެ އިތުރުން، އެހެން ދެކުއްޖަކު އެޑޮޕްޓްކޮށްފައި ވެ އެވެ. އެއީ، ފިރިހެންކުއްޖެއް ކަމަށްވާ މީލާދާއި އަންހެން ކުއްޖެއް ކަމަށްވާ ހަނާ އެވެ. 1986 ވަނަ އަހަރު ޔޫއެސްއޭގެ ޢަސްކަރީ ބާރުތަކުން ލީބިޔާއަށް ދިން ޙަމަލާތަކުގައި ހަނާވަނީ ނިޔާވެފަ އެވެ. އޭރު ހަނާގެ ޢުމުރުން ހަތަރު އަހަރު ނުފުރެ އެވެ.





މުޙައްމަދުލް ގައްޒާފީ

މީނާއަކީ، ލީބިޔާގެ އޮލިމްޕިކް ކޮމިޓީގެ ރައީސެވެ. އެކޮމެޓީގެ މައިމަރުކަޒު ހުންނަނީ ލީބިޔާގެ ޓްރިޕޮލީގަ އެވެ. ލީބިއާގެ ޕޯސްޓާއި ކޮމިއުނިކޭޝަނާ ބެހޭ ކުންފުނީގެ ހެޑަކީ ވެސް މި މުޙައްމަދެވެ.


ސައިފުލްއިސްލާމުލް ގައްޒާފީ

މީނާގެ ޢުމުރަކީ، 38 އަހަރެވެ. މީނާއަކީ ރަނގަޅަށް އިނގިރޭސިބަސް ދަންނަ މީހެކެވެ. މީނާ ޕީއެޗްޑީ ހަދާފައިވަނީ، ލަންޑަނުގަ އެވެ. މީނާ ނިސްބަތްވަނީ، އިޤުތިޞާދީ ގޮތުން ލީބިޔާ މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާޢަތަށެވެ. ގައްޒާފީ ފައުންޑޭޝަންގައި އެންމެ އިސްކޮށް ހުންނަނީ ވެސް މީނާ އެވެ.

2006 ވަނަ އަހަރު، މީނާވަނީ ލީބިޔާގައި މީނާގެ ބައްޕަ ވެރިކަން ހިންގާ ގޮތަށް ފާޑުކިޔާފަ އެވެ. އެއަށްފަހު ލީބިޔާއިން ބޭރަށް ދިޔަ އެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ލީބިޔާއަށް އެނބުރި ދިޔަ އެވެ. ލީބިޔާގެ ޒަމާނީ މޫނަކީ މީނާ ކަމަށް ބެލެވެ އެވެ. ނަމަވެސް، 2008 ވަނަ އަހަރު މީނާވަނީ، މީނާގެ ބައްޕަގެ ވެރިކަން ވާރުތައިން ލިބި ނުގަންނާނެ ކަމަށް ބުނެ، އެކަން އިޢުލާންކޮށްފަ އެވެ.


އައްސާޢިދީ އަލްގައްޒާފީ

މީނާގެ ޢުމުރަކީ، 36 އަހަރެވެ. މީނާ އިނދެގެން އުޅެނީ، ޢަސްކަރީ ޤާއިދެއްގެ އަންހެން ދަރިއަކާ އެވެ. މީނާއަކީ، ކުރިން ފުޓްބޯޅަ ކުޅުންތެރިއެކެވެ. މިހާރު ލީބިޔާގެ ފުޓްބޯޅައާބެހޭ އިއްތިޙާދުގެ ރައީސަކީ މީނާ އެވެ. ކުޅިވަރުގެ މައިދާން ދޫކޮށް، މީނާވަނީ، ފިލްމީ ދުނިޔެއަށް ވަދެފަ އެވެ. ފިލްމީ ދުނިޔޭގައި މީނާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ވެ އެވެ.


މުޢުތަޞިމުލް ގައްޒާފީ

މީނާގެ ޢުމުރެއް ނޭނގެ އެވެ. މީނާއަކި، ލީބިޔާގެ ޢަސްކަރިއްޔާގެ ބްރިގެޑިއަރެކެވެ. ލީބިޔާގައި މީނާ އިންޤިލާބެއް ގެންނަން އުޅޭ ޚަބަރު ފެތުރުމާއެކު، ފިލައިގެން މިޞްރަށްދިޔަ އެވެ. ނަމަވެސް އެއަށްފަހު ގައްޒާފީ މީނާއަށް މާފުދިނުމުން އެނބުރި ލީބިޔާއަށް ދިޔަ އެވެ. މިހާރު މީނާ ހުރީ، ލީބިޔާގެ ޤައުމީ ސަލާމަތާބެހޭ އެޑްވައިޒަރެއްގެ މަޤާމުގަ އެވެ. އަދި ޢަސްކަރިއްޔާގެ ޔުނިޓެއްގެ ވެރިކަންވެސް ކުރެ އެވެ.


ހާނީބާލް އަލްގައްޒާފީ

މީނާ މަސައްކަތްކުރަނީ، ލީބިޔާގެ ތެލުގެ ވިޔަފާރިއާބެހޭ ދާއިރާގަ އެވެ. ގިނަ ޢަދަދެއްގެ ހަމަނުޖެހުން ހިންގުމާއި ޖަރީމާތަކުގައި މީނާ ބައިވެރިވާ ކަމަށް އަޑުއަރާފައިވެ އެވެ. 2005 ވަނަ އަހަރު މީނާވަނީ، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މީނާގެ ގާލްފްރެންޑްގެ ގައިގައި ތަޅައި އަނިޔާކޮށްފަ އެވެ. އެކަމުގެ ސަބަބުން މީނާ ހައްޔަރުވެސް ކުރެވުނެވެ.


ސައިފުލްޢަރަބް އަލްގައްޒާފީ

މީނާއާބެހޭ ގިނަ މަޢުލޫމާތެއް ނޭނގެ އެވެ. ޖަރުމަނުގެ ފުލުހުން މީނާގެ ކާރު ހިފެހެއްޓި ކަމަށް، ޑެއިލީ ޓެލެގްރާފް ނޫހުން ބުނެފައިވެ އެވެ. އޭރު މީނާއަކީ، ޖަރުމަނުގެ ޔުނިވަރސިޓީއެއްގެ ދަރިވަރެކެވެ.


ޚަމީސުލް ގައްޒާފީ

މީނާ މަސައްކަތްކުރަނީ ފުލުހުންގެ ތެރޭގަ އެވެ. ފުލުހުންގެ ޔުނިޓެއްގެ ވެރިކަން މީނާއާ ޙަވާލުކުރެވިފައިވެ އެވެ. ލީބިޔާގައި މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ފުލުހުން ޙަރަކާތްތެރިކުރުވަނީ މީނާ ކަމަށް ޚަބަރުފެތުރިފައިވެ އެވެ.


ޢާއިޝާ އަލްގައްޒާފީ

މީނާގެ ޢުމުރަކީ، 36 އަހަރެވެ. މީނާއަކި ލޯޔަރެކެވެ. ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމު ޙުސައިނުގެ ދިފާޢުގައި ވަކާލާތުކުރި ޓީމުގައި މީނާވަނީ ބައިވެރިވެފަ އެވެ. މީނާ އިނދެގެން އުޅެނީ، ގައްޒާފީގެ ބޮޑުބޭބެއެއްގެ ދަރިއަކާ އެވެ. ކާވެނިކުރީ، 2006 ގަ އެވެ. (ގައްޒާފީގެ ހަށިފާރަވެރިންނަށް ތިބޭ ޒުވާން އަންހެންކުދިންނަށް ނަންދީފައިވަނީ، މި ޢާއިޝާގެ ނަމުންނެވެ. ޢާއިޝާ 1، ޢާއިޝާ 2، ޢާއިޝާ 3، ... މިގޮތަށެވެ.)


މީލާދުލް ގައްޒާފީ

މިއީ، ގައްޒާފީ އެޑޮޕްޓްކޮށްގެން ގެންގުޅޭ ދަރިއެކެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments