ހިތްގައިމު ރެއެކެވެ. ސާދަވިލޭރޭގެ ރިހިއަލިން މުޅި ރަށް ވަނީ ޒީނަތްތެރިވެފައެވެ. އިރުއިރުކޮޅާ ގޮވަމުންދާ ކުދިކުދި ފަނިފަކުސައިގެ އަޑުން ރޭގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. ވިދާބަބުޅަމުންދާ ތަރިތަކުގެ ސަބަބުން އުޑުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ގަސްތަކުގެ ފަތްތަކާއި ފަންތައް ވަޔާ ކުޅެމުންދާއިރު މަޑުމަޑު ރީތި ނާނާއެއް އިއްވަމުންދާ ކަހަލައެވެ. ދުވާލުގެ ވަރުބަލި ކަމަށްފަހު ރޭގަނޑުގެ މި ހިތްފަސޭހަ ވަޤުތުގައި ރަށުގެ އެންމެން އެދަނީ އަރާމު ނިދީގެ އުފާ އުފާ ހޯދަމުންނެވެ. މިހިތްގައިމު ރޭގަވެސް އަހަރެންގެ ލޮލަކަށް ނިންޖެއްނައެވެ. ހިތައް ހަމަޖެހުމެއް ނުލިބުނެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހިތްވަނީ ވޭނުން ފުރިފައެވެ. ދިރުމެއްނެތް ހިތަކާއިއެކު ކުޑަދޮރުން ބޭރުބަލަން އިނީ ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ލިބޭތޯއެވެ.
ތަންދޮރު ވަކިވާން ފެށީއްސުރެ އުމުރުން 19 އަހަރުވީ އިރުވެސް އަހަރެން މިއުޅެނީ މިޙާލެއްގައެވެ. ހިތުގައި ވަނީ އާއިލީ ކޮޅިގަނޑެއް އުފެދިފައެވެ. އަހަރެންނަށް އަބަދުމެ އިވެމުންދަނީ މަންމަގެ ރުއިމުގެ އަޑެވެ. ވޭނާ ކެކުޅުމުގެ އަޑެވެ. ދޮންބައްޕަ ޒާހިރުގެ ފަރާތުން މަންމައަށް ލިބޭ އެއްވެސް އުފަލެއް ނެތެވެ. އަރާމެއް ހަމަޖެހުމެއް ނެތެވެ. މަންމަގެ އޮމާން މޫނުގެ ހަންގަޑު މިއަދު މިވަނީ ކަޅުލަކުނުތަކުން ފުރިފައެވެ. އެރީތި ހަށިގަނޑު އެވަނީ ހިކި އަނަރޫފަ ވެފައެވެ. ހަޔާތުގައި ކުރިމަތިވި އަޑިގަނޑު ގިރާކޮށް އުސްގަނޑަކަށް އެރޭތޯ މަސައްކަތް ކޮށްކޮށް އެފަކީރު އެވަނީ ވަރުބަލިވެފައެވެ. އެހާލުގައިވެސް ދޮންބައްޕަގެ އަނިޔާވެރި އަމަލްތައް އަހަރެންނަށް ސިއްރުކުރަން މަންމަ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް އަހަރެންގެ ޅަ ސިކުނޑިއަށް އެމަންޒަރުތަކާއި އަޑުތައް ދިޔައީ ފާހަގަ ކުރެވެމުންނެވެ. ފާޅުކުރަން ނުކެރުނު ނަމަވެސް އަހަރެންގެ މައުސޫމް ހިތުގައި އެއަނިޔާވެރިކަމުން އައީ ލަކުނުލެވެމުންނެވެ.
އާދައިގެ މަތިން ފަތިހު ތެދުވެ އަހަރެން އަވަސްވެގަތީ ރިސޯޓަށް ދާށެވެ. އޭރު އަހަރެން މަސައްކަތް ކުރަމުން އައީ ކުރަމަތި އައިލެންޑް ރިސޯތުގައެވެ. ކޮޓަރިން ނިކުތުމާއިއެކު އަހަރެންނަށް ބަލައިލެވުނީ “ދަރިފުޅާ ނާޒިމް މިހާރު ދަނީހޭ ” ބުނި އަޑަށްށެވެ. އަހަރެން މަންމައާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު މަޑުމަޑުން ބޯ ޖަހައިލީމެވެ. އޭރުވެސް އެދެލޮލުން ވަނީ ކަރުނަ ފާއްދާލައިފައެވެ. ފާލުވަމުން ދިޔައީ ހިތާމައިގެ އަސަރުތަކެވެ. މަންމަ އެހުރީ ރޭހަތަރުދަމު ނުނިދާކަން އަހަންނަށް ޝައްކަކާނުލައި އެނގުނެވެ. އެވަގުތު ދޮންބައްޕައާއި މެދު އަހަރެންގެ ހިތުގައި އިތުރު ހުޅުގަނޑެއް ރޯވިއެވެ. އެ އަނިޔާވެރިކަމުން އަހަރެންގެ މަންމަ މުޅި އުމުރަށް ސަލާމަތް ކުރުމަށް އަޒުމް ކަނޑައެޅީމެވެ. އިތުރު އެއްޗެއް ނުބުނެ އަހަރެން ގެއިން ނުކުތީމެވެ.އެއްޗެއް ބުނާނެހާ ހިތްވަރެއް ނެތިގެންނެވެ. އެކަމަށް އަހަރެންގެ ހިތް ނުކުޅެދިފައި ވާލެއް ބޮޑުކަމުންނެވެ.
ފެރީގައި އިންއިރު އަހަރެން ވިސްނަމުން ދިޔައީ ދޮންބައްޕަގެ އަނިޔާވެރި ވަކިތަކުން މަންމަ ސަލާމަތް ކުރާނެ ގޮތަކާއި މެދުގައެވެ. އެދުވަހު ރިސޯޓަށްގޮސް ކުރަފަތެއްހާ ތޫނުކޮށް ބޮޑުވަޅި ހަނުލީމެވެ. އަދި ވަރުގަދަ ކުރެދި ލަޓިބުރިއެއް ހޯދީމެވެ. ބޮޑުވަޅީ ހަނުލީ ހިންޏެއް އިށީނިއަސް ބުރިވާހާ ތޫނުކޮންނެވެ.
އިރުއޮއްސި ހައެއްޖެހުމާއެކު އަހަރެން ރަށަށްދާން ފުރީމެވެ. އޭރު އިރު އުދަރެހާ ނިވާވަނީއެވެ. ގޭދޮރުމައްޗައް އެރުމާއެކު އަހަރެންނަށް ހުއްޓުން އެރިއެވެ. ” އޭ….. މިހިރަ ޒުލޭހާއޭ…..”އޭ ކިޔާ ދޮންބައްބަ ހަޅޭލަވައިގަތް އަޑަށެވެ. އަހަރެންގެ ހިތް ވިރިގެން ފޭބިކަހަލައެވެ. އަހަރެންނަށް ފެނުނީ ވޭނުން ފުރިގެންވާ މަންޒަރެކެވެ. ހިތައް ކުރަމުން ދިޔައީ ކެތްކުރަން ދަތި އަސަރުތަކެކެވެ. އަހަރެންގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އިރުކޮޅެއްނުވެ ދޮންބައްޕަ ނުކުމެގެން ހިގައްޖެއެވެ.
މަންމަ އިނީ އަދަރާދު ގޮނޑިއެއްގައި ބަނދެފައެވެ. ލިބާހުގެ ބޮޑުބައިވަނީ ވީދާލާފައެވެ. އަރިކައްޓާއި ކޯތާފަތް ވަނީ ނޫފައިގަންފައެވެ. ބަލާބެލުމަށް ލަފާކުރެވެނީ ހަލާކުވެފައިވާ ފޮތިއަލަމާރީގެ ދަގަނޑުތަކުން ތަޅާ އަނިޔާކޮފައިވާކަމެވެ. އިސްތަށިގަނޑު އޮތީ ބުރިކޮށް ފެންޑާއަށް އެއްލާ ލައިފައެވެ. އެ މަންޒަރު ފެނިފައި ނިކަމެތި މަންމައަށްޓަކައި އަހަރެންގެ ހިތް ކުލުނުން ބަންޑުންވިއެވެ. އެދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެދިނުމަށް އެދި ހިތުގެ ވިންދު އަވަސް ވެގަތެވެ. އަހަރެން އަވަސްއަވަހަށް މަންމަ މޮހާލައި އުނަގަނޑުގައި ތުވާޔެއް އޮޅައިލީމެވެ. އަދި ބޭއއިހްތިޔާރުގައި މަންމަ ގައިގައި ބައްދާލެވުނެވެ.
އެރޭ މަންމައަށް އަހަރެން ކުރަން އުޅޭ ކަންތައް ކިޔައިދިނީމެވެ. އެއީ ކަޅުފޮއި ރެއެކެވެ. ބައެއް ގޭގޭގެ ގަސްތަކުގެ ތެރެއިން ފުރޭނިގެން މަގުމައްޗަށް އެޅިފައިވާ ފަނޑުއަލިކަން ނޫނީ ރަށުގެ މަގުތަކުގައި އެއްވެސް އަލިކަމެއް ނުވެއެވެ. ތުނިތުނިކޮށް ކެރިޖަހަމުން ދިޔައެވެ. އާއްމުކޮށް ކޮންމެ ރެއަކުވެސް ދޮންބައްޕަ ގެއަށް އަންނަނީ 12އިގެ ފަހުންނެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އެނުބައި، ސިންގާ އަންނާނެ އިރަކަށެވެ. މިރެޔަކީ ދޮންބައްޕައަށް މި ރަސްދޫގެ ފަސްގަނޑުމަސްޗަށް އަދި މިދުނިޔެމައްޗައްވެސް ނޭވާ ލެވޭނެ އެންމެ ފަހުރެއެވެ. ދިމާއެނދު ދަށުގައި ޝިކާރަކުރަން ބޭނުންވާ ހުރިހާ އާލާތްތައް ހުރީ ތައްޔާރަށެވެ.
ކެތްމަދުވެފައިވާހާލު ދަހިވެތިކަމާއެކު ޝިކާރަގެ އިންތިޒާރުގައި އަހަރެން ހުރީމެވެ. ކުޑައިރުކޮޅާކުން ދޮރާށި ހުޅުވާލުމަށްފަހު ދޮންބައްޕަ ވަދެގެން އަންނަ މަންޒަރު ފެނުނެވެ. އެއާއިއެކު އަހަރެން ލަޓިބުރިނަގާ އަތައް ހިޔޮވަރު ކޮށްލީމެވެ. އަދި ދޮންބައްޕައަށް ނުފެންނާނެހެން ގޭދޮރުފަތުގެ ނިވަލުގައި ހުށިޔާރުކަމާއެކު ތައްޔާރަށް ހުރީމެވެ. ގޭދޮރުން އެތެރެއަށް ދެފިޔަވަޅެއްވަރު އެޅުމާއިއެކު އަހަރެން އަތުގައި އޮތް ލަޓިބުރިން ދޮންބައްޕަގެ ފުއްކިބައިގައި ޖަހާ ވައްޓާލީމެވެ. އެއާއިއެކު ދޮންބައްޕަ ގޭތެރެއަށް ދެމުނެވެ. ބަރުއަޑަކުން ‘އައްދޯތް’ ފިޔަވައި އެއްވައި، އެދުލަކުން އެންމެ ލަފުޒެއްވެސް ބޭރެއްނުވިއެވެ. ބަހެއްބުނާނެ ތަންވަޅެއް އަހަރެން ނުވެސް ދެމެވެ. ބަލާކަށްނުހުރެ ކަރުގައި ކަތިވަޅިން ޖަހައި ބުރިކޮށްލީ މެވެ.
އެއާއިއެކު މުޅި ގޭތެރެއަށް ލޭތައް ބުރައިގެން ދިޔައެވެ. ނަފްރަތުގެ ގަދަ ހޫނާއެކު ދޮންބައްޕަގެ ނޭވާހޮޅި ބުރިކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. ދަތްދޮޅި ބުރިކޮށްލުމަށްފަހު ކެޔޮފީނި ތެރެއަށް ހޫރައިލީމެވެ. އޭރުވެސް ބޮކިބޮކިޖަހާފައި ލޭއާދެއެވެ. އަހަރެންގެ ނަފްސްވަނީ ކޮންޓްރޯލުން ނައްތާފައެވެ. ހަމަވިސްނުން ވސްނޭވަރަށް ވުރެ ރުޅިވަނީ ގަދަވެފައެވެ.
ދަތްދޮޅި ބުރިކޮށްލުމަށްފަހު ބޮލުގެނާށިގަނޑުގައި ވަޅިން ޖެހީމެވެ. ޕުސްލާފައި އަހަރެން ގެ މޫނުމައްޗައް ލޭތައް ބުރައިގެން ދިޔައެވެ. އަދި އެހަށިގަނޑުގެ އެކިގުނަވަންތައް ކޮށައި ބުރިކޮށްލީމެވެ. އެއްފަހު ގޯންޏަކަށް އަޅައިލީމެވެ. އޭރުވެސް މަންމަ ހުރީ ހުރިފިޔަވަޅު މަތީގައެވެ. އެންމެފަހުން މަންމަވެސް މިކަމުގައި އަހަރެންނާ ބައިވެރިވިއެވެ. މަންމަ ބަރޯގެނަސް ދިނުމުން ބަރޯތެރެއަށް ގޯނިލައިގެންގޮސް ކިޔޮފީނި ތެރޭ ވަޅުލީމެވެ. އޭރު ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އިރުއިރުކޮޅާ ވިދާލާ ވިދުވަރުން މުޅި ގިފިލި ފަރާތައް ދިޔައީ އަލިވަމުންނެވެ. މިއިން ކޮންމެ ވިދުވަރަކާއިއެކު ޖަހާބާރު ގުގުރީގެ އަޑުން މުޅިރަށް ދިޔައީ ގުގުމަމުންނެވެ.
ހިސާބަކަށް ހީކަރުވައިފައި ހުރުމުން ހޫނުސައިތައްޓެއް ހަދައިގެން ބޯލީމެވެ. ހީފިލުވާލުމުގެ ބޭނުމުގައެވެ. އެއަފަހު އެދުގައި އޮށޯވެލީމެވެ. ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ. ހަށިގަނޑަށް އަރާމެއް ލިބޭތޯއެވެ.
އެހެންނަމަވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތްބާރުބާރަށް ތެޅެން ފެށިއެވެ. ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ކޮޓަރީގެ އެކި ދިމަދިމާލުން ދޮންބައްޕަގެ ސޫރަ ފެންނަން ފެށިއެވެ. ލޯމަރާލާއިރަށް ފެންނަނީ ދޮންބައްޕަގެ އެނުބައި ސޫރައެވެ. އެ ރޫހެވެ. އެންމެފަހުން ތެދުވެއްޖައީމެވެ. އަދި ބޭރަށް ނިކުތީމެވެ. އޭރުވެސް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދެއެވެ. މުޅިރަށުގައިވަނީ ކަނު އަނދިރިކަން ވަށާލާފައެވެ.
އަހަރެން ދުއްވައިގަތީ ކަތީބު ގެއާ ދިމާލަށެވެ. އަދިގޮސް އެގޭދޮރުގައި ވަރަށް ބާރަށް ތަޅައިގަތީމެވެ. ދޮރު ހުޅުވާލުމާއިއެކު އަހަރެންގެ ދޮންބައްޕަ މަރާލިވާހަކަ ކަތީބުގާތު ބުނީމެވެ. ޤަބޫލުކުރަން ދަތިވިނަމަވެސް ހެކިފެންނަން ހުރުމުން ކަތީބަށް ޖެހުނީ ޤަބޫލުކުރާށެވެ.ފަތިހުފަތިހާ ސިފައިން ރަށަށް އައިސް މަންމައާއި އަހަރެން ހައްޔަރު ކުރިއެވެ. އަހަރެން މުޅި އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ. މަންމަ ގޭބަންދުކުރެވުނެވެ. އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. މިހާރު އަހަރެންގެ މުޅި ހަޔާތް ހޭދަކުރަން ޖެހިފައިމިވަނީ މި ކަނުއަނދިރި ހުރަގޭގައެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ