މިއަދު މި ދިވެހި ވަޠަންގައިވަނީ ނުތަނަވަސްކަމެެވެ. ހާސްކަމާއި ނާމާން ކަމެވެ. އަމަންއަމާންކަންވަނީ ގެއްލިފައެވެ. އިޖްތިމާޢީ ފޭރާން މިދަނީ ހަފުސް ވަމުންނެވެ. މި ޤައުމަށްޓަކައި ފަޚުރުވެރިވަމުން އަންނަ ދިވެހިން މިއަދު މި ތިބީ ލަދުވެތިކަމެއްގެ ތެރޭގައެެވެ. މިއީ މީގެ ކުރިން އަޅުގަނޑުމެން ދުށް ދިވެހިރާއްޖެބާވެއެވެ
ޤައުމުގެ ދުލުން މިއަދު އެދި ގޮވަމުން މިދަނީ ގެއްލިފައިވާ އިޖްތިމާޢީ ފޭރާން އަލުން އިޔާދަވުމަށެވެ. ދިވެހިންގެ ކާބަފައިންގެ ފަރާތުން ވާރަތަވަމުންއައި އެއްބަޑުއެއްބަފައިކަމުގެ ގުޅުމަށެވެ. އަހަރަމެންގެ މާތް ވެގެންވާ އިސްލާމްދީން ގޮވާލާ އަޙުވަންތަކަމުގެ ގުޅުމަށެވެ. ދޭދޭ ދެ އަފުރާދުންގެ މެދުގައި އޮންނަންވާ އަޙުވަންތަކަމުގެ ގުޅުމާއި ލޯބި މިވަނީ ގެއްލިފައެވެ. އާއިލާތަކުގެ މެދުގައި މިވަނީ ރުޅިވެރިކަމެވެ. މައިންނާއި ދަރިންގެ މެދުގައި ވަނީ ނުތަނަވަސްކަމެވެ. ފިރިމީހާއި އަނބިމީހާއާމެދު މިވަނީ ނަފްރަތާ ޒުވާބުކުރުމުގެ ހުޅު ރޯވެފައެވެ. ދިވެހި ކޮންމެ އަފުރާދެއްގެ ދުލުން މިއަދު ބޭރުވަމުން މިދަނީ މިފަދަ އިބާރާތްތަކެވެ
އޭ އަޙުންނޭވެ! މިއަދު ކޮންމެ މަންމައެއްގެ ލޮލުން އޮހިރިގެންދަނީ ވޭނީ ކަރުނައެވެ. ކޮންމެ މަންމައަކު ގިސްލާ ރޮމުން އެދަނީ އެ މީހުން އުފަންދަރިންގެ އުޅުމުގެ ސަބަަބުންނެވެ. އެބައިމީހުންގެ ހިތުތެރޭގައިވަނީ ވޭނީ އުދާސްތަކެކެވެ. ކޮންމެ ރެޔަކު ނިދި ނަގާލަމުން އެދަނީ އެމީހުންގެ ދަރިންގެ ސަބަބުންނެވެ. ތިމާގެ މައިންބަފައިންނަށް ތިޔަ ދެނީ ކޮންކަހަލަ ވޭނީ ދިރު އުޅުމެއްހެއްޔެވެ. ތިމާގެ މުސްތަޤުބަލައްޓަކައި އެ މައިން ނުކޮށްދެނީ ކޮންކަމެއްހެއްޔެވެ. ނުވަނީ ކޮން ޤުރުބާނީއެއްހެއްޔެވެ. ރޯމާ ދުވާލު ތިބާއަށްޓަކައި ކޮށްދިން ކަންތައްތަކުގެ ބަދަލުގައި ތިބާއަށް ދޭން އިނގުނީ ހިތްދަތިކާއި މޮޅިވެރިކަންހެއްޔެވެ. ތިބާ ޖަހާލަތުގެ އަދިރިކަމުގެ ތެރެއަށް ވެއްޓި ތިމާގެ އާޚިރަތުގެ ގޮވެތި ބަނަ ކުރަމުންތިދަނީ ،ހަމަ ތިބާ މި ގެއްްލެނިވި ކުރުވަނި ދުނިޔޭގެ ވަގުތީ އުފަލައްހެއްޔެވެ. ތިބާގެ ހަޤީޤީ މަންޒިލް އޮޅުވާނުލައްވާށެވެ. ވިސްނާށެވެ! ތިފަދަ އެތައް ޒުވާނުންނެއްގެ ސަބަބުން މި ޤައުމު މިދަނީ ނާމާންކަމާދިމާއަށެވެ. ގަދަކީރިތިވަންތަ ﷲގެ ކޯފާއާ ދިމާއަށެވެ.
ޤައުމުގައި މިވަނީ ޝަހުވަތުގެ ކަންތައްތައް އިތުރުވެފައެވެ. ޤައުމުގެ އިސްވެރިންފެށިގެން އާއްމު ރައްޔިތުންނާހަމައަށެވެ. ޒިނޭކުރުންދަނީ އާއްމުވަމުންނެވެ. އެއްވެސް ފަރުދަކު މިއަދަކު ޝަހުވަތުގެ ޝިކާރައަކަށް ނުވާނެކަމުގެ ޔަޤީންކަމެއްނެތެވެ. އެ ނުލަފާ ޖައްބާރުންގެ ކެހިވެރިކަމުގެ ދަލުގައި ޖެހިގެން ނުދާނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތެވެ. މިއަދު މިޤައުމުގައި ތުއްތު ކުދިންގެ އިތްފަތްތެރިކަން ފޭރިގަންނަނީ އެއްވެސް ޖެހުލުމެއްނެތިއެވެ. ބައްޕައިން އެމީހުންގެ އަމިއްލަ ދަރިންގެ އިތްފަތްތެރިކަން އެބަ ފޭރިގަނެއެވެ. އަޅުގަނޑުމެންގެ މާމައިންނަށްވެސް މިއަދު މި މުޖުތަމުގައި އުޅުމުގެ އެއްވެސް ޔަޤީންކަމެއްްނެތެވެ. އެންމެ ކުޑަމިނުން ވަލު ޖަނަވާރުންގެ ދަރަޖައަށް ، ހަމަމި ޤައުމުގެ ކޮންމެވެސް ބަޔަކު ވެއްޓި ޖަނަވަރުންނާ ގުޅުންތައް ހިންގަންފަށައިފިއެވެ. އަަދި މިވަރުން ނުފުދިގެން އެއް ޖިންސުން ގުޅުން ހިންގުންވެސް މި ދަނީ އާއްމުވަމުންނެވެ.
އަޅުގަނޑުމެންގެ މާމައިން މިއަދު މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ލޮބުވެތި މާމައިންނަށް އަމާންކަމާއެކު ދިރި އުޅުމުގެ މިނިވަންކަން މިވަނީ ގެއްލިފައެވެ. އުފާވެރިކަމާއެކު މަގުމަތީގައި އުޅުމުގައި އެ މާމަމެންނަކަށްވެސް އަމާންކަމެއް މިއަދަކު މިމުޖުތަމަޢަކު ނެތެވެ. އެ މާމައިން ދެކެމުންއައި އުފާވެރިކަން މިއަދު މި ފެންނަނީ އަވާމެންދުރެއްގެ ސިފައިގައެވެ. އެބައިމީހުން ވޭތުކުރުމުންދާ އުފާވެރި ހަޔާތް ބަނަވެގެން ދަނީ، މި ސައްތައިންސައްތަ އިސްލާމްކަމަށް ދަޢުވާކުރާ މި ޤައުމުގެ ކޮންމެވެސް ޒުވާނަކު ނުވަތަ އެހެންވެސް މީހެއްގެ ނުބައި އަމަލެއްގެ ސަބަބުންނެވެ. ހިތްދަތިކާއި ކަރުނުން އެ މާމައިން ފޯކޮށްލަނީ މި ޤައުމުގެ ނުބައި ޖައްބާރެކެވެ.
އަޅުގަނޑުމެންގެ ލޮލުގެ ފިނިކަންކަމުގައި ވާ ދަރިންނަށް ވަނީ މިއަދު ކޮން އަމާންކަމެއްބާވެއެވެ. އެ ލޮބުވެތި ދަރިންގެ އިއްފަތްތެރިކަން ފޭރިގަންނަނީ އެއްވެސް ޖެހުލުމެއްނެތިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ދަރިންގެ މުސްތަޤުބަލު އަނދިރިކޮށްލައެވެ. އެ ދަރިންގެ އުއްމީދީ “ހުޅު ކޮޅު” ނިއްވާލައެވެ. އެ މައުސޫމް ދަރިންގެ މުޅި ހަޔާތް ހަފުސްކޮށްލަނީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެވެސް މީހެކެވެ. މި ޤައުމުގެ ކޮންމެވެސްމީހެއްގެ ދަރިއެކެވެ. ތިބާ ތިބާގެ ދަރިފުޅު ،މަންމަ ނުވަތަ ދައްތައެއްގެ އިއްފަތްތެރިކަމަށް އަރައިގަންނަށް ރުހޭނުހެއްޔެވެ؟ ހަމަޔަޤީނުންވެސް ނުރުހޭނެއެވެ. އެހެންކަމަށްވާނަމަ އެބައިމީހުންވެސް ނުރުހޭނެއެވެ. އެވިސް ހަމަ ކޮންމެވެސް މީހެއްގެ ދަރިއެއް، މަންމައެއް ނުވަތަ ދައްތައެކެވެ.
އުފާވެރިކަމާއެކު ގެއިން ނުކުމެ ބޭރަށްގޮސް އެނބުރި ގެޔަށް އައުމުގެ އިތުބާރެއް މިއަދަކު މި މުޖްތަމަޢަކުނެތެވެ. ހައްޤަކާނުލާ ތިމާގެ މުސްލިމު އަޙާ މަރާލަނި އެއްވެސް ޖެހުލުމެއްނެތިއެވެ. ﷲ ވަޙީ ކުރައްވަނީ “އަދި ޤަޞްދުގައި މުއުމިނަކު މަރާމީހާ(ދަންނާށެވެ!) ފަހެ އެމީހެއްގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ.” ނަމަވެސް މި ޖަރީމާ ހަމަ ހިންގަނީ މި ސައްތައިން ސަައްތަ މުސްލިމު ގައުމެއްކަމަށް ދަޢުވާކުރާ ދިވެހި ދަރިއެކެވެ.
އޭ އަޙުންނޭވެ! އަދިވެސް ތިބާގެ ލޮލުން ކަރުނަހިލިގެން ނުދޭހެއްޔެެވެ. މިއީ ހަމަ އަޅުގަނޑުމެންގެ މުޖްތަމައުން ފެންނަން ހުރި މިސާލުތަކަެވެ. ދަންނާށެވެ! މިކަންކަމަކީ ހަމަ އަހަރަމެންގެ އަތުން ހޯދައިގެންކަންތައްތަކެވެ. ﷲ ވަޙީ ކުރައްވަނީ” ތިޔަބައިމީހުންނަށް ޖެހޭހައި މުސީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަަބުންނެވެ.”
މިކަންކަމާ އަޑު އުފުލާކަށް އަދިވެސް ނުވޭހެއްޔެވެ. މުންކަރާތްތަށް މަނާކުރާކަށް ތިބާ ތެދުވާކަށް ނުވޭހެއްޔެވެ. މި ނަބަވީ އިރުޝާދު ނިކަންދެކިބަލާށެވެ. ” އަނިޔާވެރިންގެ އަނިޔާތަކާއި ދުއްތުރާތައް މީސްތަކުންނަށް ފެންނަ ޙާލުގައިވެސް ތިމާމެންނަސް ވީ މިންވަރަކުން އެއަނިޔާތައް ހުއްޓުވުމަށް މަސައްކަތް ނުކުރާކަމުގައިވަނީނަމަ، މާތްﷲ ގެ ޙަޟްރަތުން ޢާއްމުވެގެންވާ ކޯފާއެއް ނުވަތަ ޢުޤޫބާތެއް އައުމަކީ ގާތްކަމެކެވެ.” ﷲގެ ކޯފާއަށް ބިރުވެތިލައްވާށެވެ.
އަދިވެސް މާތް ނަބިއްޔާ ހަދީޘް ކުރައްވަނީ ” ” ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ނުބައިކަމެއް ފެނިއްޖެނަމަ ދަންނާށެވެ. އޭނާ އެކަމެއް ތިމާގެ އަތުން އިޞްލާޙުކުރާ ހުށިކަމެވެ. އަދި އަތުން އިޞްލާޙުކުރުމަށް ކުޅަދާނަކަން ލިބިގެންނުވާނަމަ، ތިމާގެ ދުލުން އެކަން މަނާކުރާހުށިކަމެވެ. އަދި ދުލުން މަނާކުރުމަށް ކުޅަދާނަވެގެންނުވާނަމަ ތިމާގެ ހިތުން އެކަމަށް ނުރުހުންތެރިވާށެވެ. ސަވާބާއި ނަތީޖާގެ ގޮތުން އެންމެ ކުޑައީ މިގޮތެވެ.”
ޤައުމުގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ފިތުނަވެރިކަން ނަައްތާލުމަށް އެކެތި ގަޑަކަށްވެގެން ތެދުވަމާ ހިންގަވާށެވެ. އިންސާފުޤާއިމުކުރުމަށް އަޑު ހަރުކޮށް ގޮވަމާހިންގަވާށެވެ. އަމިއްލަ މަސްލަޙަތު ދޫކޮށްލުމަށްފަހު މުޖްތަމަޢުގެ މަސްލަޙަތުކުރިއަށް ނެރެމާ ހިނގާށެވެ. މި ޤައުމު އަމާންކަމުގެ ބަނދަރަށް ގެންދިޔުމަށް މަސައްކަތްފަށަމާ ހިނގާށެވެ. ހަމަޔަޤީނުންވެސް މި ހުރިހާ ނުބައިކަމަކަށް ޙައްލު ގެނެސްދޭނީ އިސްލާމްދީންކަން ކަށަވަރެވެ.







1 comments:
ވަރަށް ސަޅި މޮޅު ލިޔުމެއް މިހާރު ސިޔާސީ ކަން ކަނޑާލީތަ
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ