• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ތިޔަލޯބީގައި 1

Posted by faradays on Saturday, June 18, 2011 No comments


ފުން ނިންޖެއްގެ ތެރެއިން އަހަރެންނަށް ހޭލެވުނީ ފުރަތަމަ ފަހަރަށް އޭނާގެ ސޫރަ ހުވަފެނުގައި ފެނުމުންނެވެ. ހޭލެވުނުއިރު މުޅިމީހާ ވަނީ ދާ ހިތްލާ ފޯވެފައެވެ. ކޮންމެވެސް ވަރަކަށް މާނޭވާ ލެވެމުން ދިޔައެވެ. މާގަދައަށް ނިދިމުގެ ސަބަބުން ހަށިގަނޑުގެ ހަކަތަވަނީ ހުސްވުމާ ގާތްވެފައެވެ. ތެދުވެ އިށީންނަމުން ހުވަފެނާމެދު ވިސްނާލީމެވެ.

އެއީ ދެކި ފަރިތަ މޫނެކެވެ. ނަމަވެސް ބީރައްޓެހިކަމެއް ވާ ކަމުގެ އިހުސާސް އޭނާ ފެނުމާއެކު އަހަރެންނަށް ކުރެވުނެވެ. ގަޔާވާ ހިތްކިޔާ ކަހަލަ ރީތި ސިފަތަކެއް ގުދުރަތުން އޭނާއަށް ލިބިގެން ވިޔެވެ. ހަމުގެ ކުލަ އައްޔެވެ. ސާދަވިލޭރޭގެ ހަނދުފަދަ އަލި މޫނެކެވެ. ކިރުސަރުބަތު ކުލައިގެ ތުންފަތެވެ. ހިތިފަތެއްކަހަލަ ބުމައެވެ. ފަން އިސްތަށިގަނޑެވެ. މިހެންގޮސް ފިރިހެނެއްގެ ހިތް ލަންބުވާލާނޭ ހުރިހާ ސިފައެއް އޭނާގެ ކިބައިގައިވިއެވެ.

އަހަރެމެންގެ ދެމީހުންގެ ވަށައިލެވިފައިވަނީ އަނދިރިކަމެވެ. އޭނާ އެއްޗެއް ހޯދާ ބީދައަކުން ފަރާތް ފަރާތް ބަލަމުން ދިޔައެވެ. އަހަރެން ހައިރާންވެފައި ބަލަހައްޓައިގެން ހުރީމެވެ. މިހާ ރީތީގެ ރާނީއަށް މިއޮއް އަނދިރީގައި އެބުރަ މަސައްކަތް ޖެއްސީ ކާކުބާވައޭ ހިތަށް އަރާފައެވެ. އެންމެ ފަހުން އޭނާ އަށް އަހަރެން ފެނުނެވެ. އޭނާ އަހަރެންނަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އަދި އަހަރެންނާ ދިމާލަށް އުފަލުން ހުރެ އަންނާން ފެށިއެވެ. އޭނާ އެ ހޯދަނީ އަހަރެން ހެއްޔެވެ؟

އެ ސުވާލަށް ޖަވާބު ދޭކަށް އަހަރެންގެ ޟަމީރު ބޭނުން ނުވި ކަހަލައެވެ. މަޑުމަޑުން އޭނާ އާ ދިމާލަށް ދެވެން ފެށުނެވެ. އޭނާ އައި ގޮތަށް އައިސް އަހަރެންނަށް އަތް ދިއްކޮށްލިއެވެ. އަހަރެން އެއްވެސް ޖެހިލުމެއްނެތި އެ އަތުގައި ހިފީމެވެ. މަޑު މަޑު ފިނި އަތެކެވެ. އެ ފިނިކަން މިހާރުވެސް އަހަރެންނަށް އެބަ އިހުސާސް ކުރެވެއެވެ.

އޭނާ އަހަރެންގެ މޭގާ ބޯ އަޅާލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަޑު އަހާލުމަށް ކަންނޭނގެއެވެ. އަހަރެންގެ ހިތުގައި އެއްވެސް ސުވާލެއްނެތެވެ. ކުރެވެމުން ދިޔައީ ހިތްފުރިގެން ބަންޑުން ވަމުންދިޔަ ކަމުގެ އިހުސާސެވެ. އެގޮތުގައި އެތައް އިރަކު އަހަރެމެން ތިބީމެވެ. އަހަރެންގެ ހިތް ބުނަމުން ދިޔަ އެތައް ވާހަކައެއް އޭނާ އަޑުއެހިއެވެ.

ކުއްލިއަކަށް މީހަކު އޭނާގެ ގައިގައި ހިފާ ދަމައިގަތް ކަހަލައެވެ. އަހަރެންނާ ފެއަށް އޭނާ ދާން ފެށިއެވެ. އޭނާގެ މޫނަށް އަހަރެންނަށް ބަލައިލެވުނެވެ. ސަލާމަތްކުރާށޭ ބުނާކަހަލަ އާދޭހުގެ އަސަރެއް އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އަހަރެން އެހީވާން ބޭނުންވިއެވެ. ނަމަވެސް ބަލަހައްޓައިގެން ހުރުން ފިޔަވައި އެއްވެސް ކަމެއް އަހަރެންނަކަށް ނުކުރެވުނެވެ. އަހަރެންގެ އަތުތެރޭގައި އޮތް އޭނާގެ އަތް މަޑުމަޑުން ދޫވަމުންގޮސް އެކީ އެކަށް ދޫވެއްޖެއެވެ. އަދި އޭނާ މަޑުމަޑުން ގޮސް ލޮލުކޮޅަށް އޮބާފިއެވެ. ދެންވެސް އަހަރެންނަށް ހުރެވުނީއެވެ.

ހުވަފެނުގެ ހިޔާލުގެ ތެރެއިން އަހަރެންނަށް ހޭލެވުނީ އެއްޗެއް ތަޅުވައިގެން އަޑަށެވެ. ސިއްސައިގެންގޮސް ވަށައިގެން ބަލައިލެވުނެވެ. މީ ކޮންތަނެއް ހެއްޔެވެ؟ ހައިރާންވެފައި ހުރެ އަހަރެންގެ ހިތަށް އެރިއެވެ. މީ އަހަރެން އެއްވެސް އިރެއްގައި އުލެފައި ހުރި ތަނެއް ނޫނެވެ. ކުޑަވަރެއްގެ ގޮޅިއެވެ. ދިގުމިނުގައި 6 ވަރަކަށް ފޫޓް ހުއްޓެވެ. އެއްކަނުގައި ފާހާނާ ތައްޓެއް ހުއްޓެވެ. މީ ފާހާނާއެއް ބާވައެވެ؟ ނަމަވެސް އަހަރެންގެ ނިދާ އެނދުވެސް މިހުރީ މިތަނުގައެވެ. ނިކުމެވެން ހުރީ އެންމެ ދޮރެކެވެ. ނަމަވެސް އެތަންވަނީ ދަގަނޑު ތޭރިއަކުން ނުނިކުމެވޭގޮތަށް ބަންދު ކޮށްފައެވެ.

އެ ތަނާމެދު ހައިރާންވެފައި އެނބުރިލަ އެނބުރިލާ ހުރީމެވެ. ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ހަޅޭލައިގަތް އަޑު އިވުނެވެ. ދަގަނޑު ތޭރި ތަކުގެ ތެރޭން ބޭރު ބަލައިލީމެވެ. 'ސުބުހާނަﷲ....' އަހަރެންނަށް ބޭ އިހުތިޔާރުގައި ބުނެލެވުނެވެ. މީ ކޮންފަދަ ތަނެއްބާވައެވެ؟ މިތަނުގައި މުޅިންވެސް މިވަނީ އަހަރެން މިހުރިކަހަލަ ކުދިގޮޅި ތަކެވެ. އެ ގޮޅިތަކުގައި އެކި ޒާތްޒާތަށް ތިބި މީހުން ތިއްބެވެ. އެކިމީހުން ކުރަނީ އެކި މަސައްކަތެވެ. އެއްބަޔަކު ހުއްޓާނުލާ ރޮއެފާނެއެވެ. އަނެއްބަޔަކު ކަރުން ހަންދަންދެން ހަޅޭލަވާފާނެއެވެ. އަނެއްބަޔަކު ގައިގެ ފެރާންވީދައި އަމިއްލަ ނަފްސަށް އަނިޔާކޮށްފާނެއެވެ. 'މީ........... މީ އަނެއްކާ މޮޔައިންބާވައެވެ؟ އެހެންކަމުގައިވާނަމަ މީ މޮޔައިންގެ މަރުކަޒުކަން ނޭނގެއެވެ. އެހެން ވިއްޔާ އަހަރެން މިތާ މިކުރަނީ ކީއްބާވައެވެ؟ އަނެއްކާ އަހަރެންމީ..'

އަހަރެންނަށް ބޯ ހޫރާލެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހުވުނެވެ. ބޮލަށް އެނބުރުން އަރާކަމުގެ އިހުސާސްވެގެން އަހަރެން އިށީންނަން ދިޔައީމެވެ. ދެންވީ ގޮތެއް ނޭނގުނެވެ. އިށީނދެވުނު ހަނދާނެއްނެތެވެ.

....................................................................................................................................................................


އަހަރެންނަށް ހޭވެރިކަމެއްވީ ތޫނު ތަދެއް އިހުސާސްވެގެނެވެ. ލޯ ހުޅުވައި ބަލައިލީމެވެ. މީ ތަނަވަސް ބޮޑު ތަނެކެވެ. ކުރިން ފެނުނުތަނަށްވުރެ ސާފުތާހިރެވެ. ވަށައިގެން ފެންނަނީ ހުދުކުލައެވެ. ހަސްފަތާލެއްކަން ނޭނގެއެވެ. އަހަރެންގެ ދިމާ ކުރިމަތީގައި ހުދުކުލައިގެ ހެދުމެއްގައި ހުރި އަންހެނަކު ހުއްޓެވެ. ހުވަފެނުގައި ފެނުނު ކުއްޖާ ވަރު ނުވިއްޔެއް ކަމަކު ހުތުރެކޭ ނުބުނެވޭނެއެވެ. އަހަރެންގެ ދެ ފަރާތުގައި ޖާނުގައި ވަރުހުރި ދެ ފިރިހެނުން ތިއްބެވެ. އަހަރެން ލޯ ހުޅުވައިލިތަން ފެނުމުން ކުރިމަތީގައި ހުރި އަންހެންމީހާ އަހަރެންނަށް ހިނިތުން ވެލިއެވެ.

"ކަލާ އަށް ހޭލެވުނީތޯ؟" އޭނާގެ އަޑުގައި ހިތް ހެޔޮކަން ހުއްޓެވެ. އަހަރެން ބޯ ހިއްލާލާފައި ތެދުވާން މަސައްކަތް ކުރީމެވެ. ނަމަވެސް އެއަށް ވުރެ ކުރީން ކައިރީގައި ތިބި ދެމީހުން އަހަރެން ހިފެހެއްޓިއެވެ. ނަމަވެސް އަހަރެން އަނެއްކާވެސް ބޯ ހިއްލާލީމެވެ. މި ފަހަރު އެ އަންހެންމީހާ އަތުގެ އިޝާރާތުން އޮށޯތުމަށް އަހަރެންނަށް އެންގިއެވެ. އަދި އަހަރެންގެ ބޯލާކޮޅު އުސްކޮށްލަ ދިނީމެވެ. އަހަރެން ޝުކުރިއްޔާއޭ ބުނުމުގެ ގޮތުން ހިނިތުންވެލީމެވެ.

މީ ކޮންތަނެއް ބާވައެވެ؟ މީ ކޮންބައެއް ބާ ވައެވެ. އަހަރެން މިތާ މިކުރަނީ ކީއް ހެއްޔެވެ؟ އެތައް ބައިވަރު ސުވާލުތަކެއް އަހަރެންގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. އެ އަންހެން މީހާ އޭނާގެ މަސައްކަތައިގެން މަސްޢޫލްވެގެން އުޅުނެވެ. އަހަރެންގެ ހިތުގައިވާ ސުވާލަކަށް އަމިއްލައަށް ފެނިގެން ޖަވާބެއް ދޭން އޭނާ ހިތަށްވެސް ނާރާ ކަހަލައެވެ. މީ ކޮންކަހަލަ އަންހެނެއް ބާވައެވެ؟

'މީ ކޮންތަނެއް؟...' އެންމެ ފަހުން ކެތް ނުކުރެވިގެން އަހަރެން ސުވާލު ކުރީމެވެ. އެ އަންހެންމީހާ ސިއްސައިގެންގޮސް އަހަރެންނާ ދިމާލަށް ބަލައިލިއެވެ. އޭނާ ޖަވާބެއް ދޭކަށް ނޫޅުނެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުރީއެވެ. އަހަރެންމީ މަންމަނެއްކަމަށް އޭނާ ހީކުރަނީ ބާވައެވެ.

އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރު ކުރީމެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ. އޭނާ ފުން ނޭވާ އެއް ދޫ ކޮށްލިއެވެ. އަދި އަހަރެންނާ ދިމާލަށް ހިނިތުންވެލިއެވެ. މީނާއަށް މިހުރީ ބައްޔެއް ޖެހިފަބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އިރުކޮޅު ކޮޅާ ހިނިތުންވެވޭ ބައްޔެވެ.

'ކަލާ ތި އޮންނެވީ މޮޔައިންގެ މަރުކަޒުގައި. މީ މިތަނުގެ ހޮސްޕިޓަލް.' އޭނާ އެންމެ ފަހުން ވާހަކަ ދެއްކިއެވެ. އަހަރެންނަށް އަނެއްކާވެސް ހައިރާންކަމެކެވެ. 'އޭނ... މޮޔައިންގެ ހޮސްޕިޓަލޭ؟' ބޭ އިހުތިޔާރުގައި އަހަރެންނަށް އެހުނެވެ. އެ އަންހެންމީހާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments