• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ޙަޤީޤީ ލޯބީގެ ވާހަކައެއް

Posted by faradays on Wednesday, June 15, 2011 No comments


އެންމެ ޝަރަފްވެރި އަންހެނުންގެ ތެރެއިން ހިމެނި ވަޑައިގެން އިންނެވި މާތް ޢާއިލާއަކަށް ނިސްބަތް ވެވަޑައިގެންނެވި
ކަނބަލެކެވެ. އެހާމެ ރީތި އަދި އެތަކެއް މުދަލެއްގެ ވެރިއެއްކަމުގައިވި ކަނބަލެކެވެ. އެހެންގޮތަކަށް ބުނަނީ ނަމަ މަޝްހޫރު ވިޔަފާރިވެރި ވެރިއެކެވެ. އެކަމަނާއާ ކައިވެނިބައްލަވައިގަތުމުގެ ޝަރަފު ލިބުމަށް އެދޭ އެތަކެއް ފިރިހެނުންނެއް ވިއެވެ. މުޖްތަމްއުގައި މަޝްހޫރު ކަމާއި މުއްސަނދި ކަމުގައި އަރާތިބި މީހުން އެކަމަނާގެ ކައިވެންޏަށް ހުށަހެޅިއެވެ. ނަމަވެސް އެއްފަހަރު ކައިވެނިކޮށް ފިރިމަރުވެފައިވާ މި އަންހެން ކަމަނާ ދެވަނަ ފަހަރަށް އެއްވެސް މީހަކާއި ކައިވެނިކުރުމަށް ބޭނުންފުޅެއް ނުވިއެވެ.
އެހެނަސް އެއީ މި ޚާއްޞަ ކަލޭގެފާނު އެކަމަނާގެ ޙަޔާތަށް އަތުވެއްޖައުމަށް ދާންދެނެވެ. މިއީ ޢުމުރުން ފަންސަވީސް އަހަރުގެ ޒުވާން ބޭކަލެކެވެ. ޝަރަފްވެރި ޢާއިލާއަކަށް ނިސްބަތްވެވަޑައިގެން ހުންނެވި ނަމަވެސް މިކަލޭގެފާނަކީ ތުއްޕުޅު އިރުގައި ބައްޕާފުޅު އަވަހާރަ ވެފައިވާ ޔަތީމެކެވެ. އަދި މުއްސަނދިކަން ފަދަ ކަންތައްތައް ލިބިވަޑައިގެންފައެއް ނުވެއެވެ. ދިރިއުޅުއްވަނީ ޝަހަރުގެ ވަށައިގެންވާ ފަރުބަދަތަކުގައި ކަންބަޅި ހުއިހައްޕަވައިގެންނެވެ. އެހެނަސް ޢިބްރަތުން ފުރިގެންވާ ފުރިހަމަ އަޚްލާޤެއްގެ ވެރިއެއްކަމުގައި ވެވަޑައިގެންނެވިއެވެ. އަދި މީސްތަކުންގެ ތެރެއިން ވާ އެންމެ ތެދުވެރި އިޚްލާޞްތެރި ބޭކަލެއްކަމުގައި އެކެލޭގެފާނު މަޝްހޫރު ވެވަޑައިގެންފައި ވިއެވެ. މި އަންހެން ކަމަނާ އެކެލޭގެފާނަށް އިސްކަން ދޭން މެދުވެރިވި ސަބަބެއްކަމުގައި މިސިފަފުޅު ވިއެވެ. އެކަމަނާ ދިރިއުޅުއްވަމުން އައި މުޖްތަމަޢަކީ އެންމެހައި ކަމެއްގައި ވެސް ފިރިހެނުން އިސްކޮށްއުޅޭ މުޖްތަމަޢެއްކަމުން މިފަދަ ނުތަނަވަސް މުޖްތަމަޢެއްގައި އެކަމަނާގެ ވިޔަފާރި ކުރިޔަށް ގެންދާނޭ ތެދުވެރި އިޚްލާޞްތެރި މީހަކަށް އެކަމަނާ ދިޔައީ ބަލަމުންނެވެ. އެހެންކަމުން އެކެލޭގެފާނު އެކަމަނާގެ މުވައްޒިފެއްގެ ގޮތުގައި މަސަތްކަތް ކޮއްދޭން ފެއްޓެވި އެވެ.
އެކަލޭގެފާނުގެ އެންމެ ފުރަތަމަ ވިޔަފާރި ދަތުރު ނިމިވަޑައިގެން އެނބުރި ރަށަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނާއި އެކު އެދަތުރުގައި އެކަމަނާގެ ފަރާތުން ދިޔަ އަޅު މީހާގެ ގާތުގައި އެކަލޭގެފާނުގެ މަސައްކަތްޕުޅާ ބެހޭގޮތުން އެކަމަނާ ސުވާލު ކުރެއްވި އެވެ. އަޅުމީހާ ދިން ޖަވާބުގެ ސަބަބުން އެކަމަނާ ހައިރާންވެވަޑައިގަތެވެ. އޭނާ ކިޔައިދިންގޮތުގައި އެކަލޭގެފާނަކީ އޭނާއާ ބައްދަލުވެފައިވާ އެންމެ ޚުލްޤުހެޔޮ، އެންމެ މަޑުމަތިރި ކަލޭގެފާނެވެ. އެކަލޭގެފާނު ފަހަރެއްގައި ވެސް އަޅުމީހާއާ މެދު އެހެންމީހުން ކަންތައް ކުރާ ފަދައިން ހަރުކަށިކޮށް ކަންތައް ނުކުރައްވައެވެ. އެކަލޭގެފާނާއި އަޅުމީހާ ގަދަހޫނުގައި ދަތުރު ކުރަމުން ގެންދިޔަ އިރު މުޅި ދަތުރުގައި އެކަލޭގެފާނާއި އަޅުމީހާގެ މައްޗަށް ހިޔާ ދޭނޭ ވިލާ ގަނޑެއް ދަތުރުކުރަމުން ދިޔަކަން އަޅުމީހާއަށް ފާހަގަކުރެވުނެވެ. ވިޔަފާރީގެ ވެރިކަމަނާ އެކަމާނާގެ އާ މުވައްޒިފާއި މެދު ވަރަށް ހިތްހަމަ ޖެހިލެއްވިއެވެ.
މި އާ މުވައްޒިފު، އެކަލޭގެފާނަކީ އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުގައި ޒިންމާދާރު ވިޔަފާރިވެރިއެއްކަން ހަމައެކަނި ދެއްކެވީ އެއް ނޫނެވެ. ވިޔަފާރީގެ ވެރިކަމަނާގެ މުދާ ގެންދަވާ އެ ވިއްކެވި އެވެ. އޭގެން ލިބިލެއްވި ފައިދާއިން އައު މުދާ ގަނެ އަލުން އެމުދާ ވިއްކެވި އެވެ. އަދި އަޞްލު ފައިދާގެ ދެގުނަ ފައިދާ ހޯއްދެވި އެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން މިފެނިލެއްވި ކަންތައްތައް އެކަމަނާއަށް ފުދުނެވެ. އެކަމަނާގެ ހިތްޕުޅުގައި އަބަދަށްޓަކައި ހެން ނިވިފައިވާ ލޯބީގެ ހުޅުކޮޅު ދެވަނަ ފަހަރަށް ދިއްލުނެވެ. އަދި މިޒުވާން ކަލޭގެފާނާއި ކައިވެނި ބައްލަވައިގަތުމަށް އެދިވަޑައިގަތެވެ. އޭރު އެކަލޭގެފާނަކީ އެކަމަނާއަށް ވުރެ ޢުމުރުފުޅުން ފަނަރަ އަހަރު ހަނގު ބޭކަލެކެވެ.
އެހެންކަމުން އެކަމަނާ އެކަމަނާގެ ދައްތާފުޅު އެކަލޭގެފާނުގެ އަރިހަށް ފޮނުއްވެވި އެވެ. ދައްތާފުޅު އެކަލޭގެފާނުގެ އަރިހުން އެއްސެވިއެވެ. ”ކަލޭގެފާނު އަދިވެސް ކައިވެނި ބައްލަވައިނުގެން ތިހުންނެވީ ކީއްވެތޯއެވެ؟“
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”ފުދުންތެރިކަން ނެތުމުގެ ސަބަބުންނެވެ.“
”ތިމަން ކަމަނާ ކަލޭގެފާނަށް ކައިވެނި ބައްލަވައިގަތުމަށް ޝަރަފުވެރި، ރީތި، މުދާވެރި އަންހެން ކަނބަލަކު ހުށަހަޅައިފި ނަމަ އެކަނބަލަކާ މެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭ ތޯއެވެ؟“ ދައްތާފުޅު ދެންނެވިއެވެ.
އެކަލޭގެފާނު ޖަވާބުގައި އާނއެކޭ ވިދާޅުވެ އިޝާރާތް ކުރެއްވިއެވެ. އަދި އެއީ ވިޔަފާރީގެ ވެރިކަމަނާގެ ވާހަކަކަން އެގިނވަޑައިގަތުމުން އުފާފުޅުން ގޮސް ހިނިފުޅުވެޑުވުނެވެ. އަދި ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު އެކަމަނާއާ ކައިވެނި ކުރައްވާނީ ކިހިނަކުން ތޯއެވެ. ޝަހަރުގެ އެންމެ ޝަރަފުވެރި މީހާ އެކަމަނާއަށް ބޭނުން ވެއެވެ. އެއީ ތިމަން ކަލޭގެފާނަށް ވުރެ މުދާވެރި މުހިއްމުކަން ބޮޑު މީހެކެވެ. ތިމަން ކަލޭގެފާނަކީ ނިކަމެތި ކަންބަޅި ހުއި ހައްޕާ މީހަކީމެވެ.“
”ކަލޭގެފާނު ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ތިމަންކަމަނާ ތިކަން ހައްލު ކުރާނަމެވެ.“ ދައްތާފުޅު ވިދާޅުވިއެވެ.
މާގިނަދުވަސްތަކެއް ނުވެ މުދާވެރި ވިޔާފާރިވެރި ކަމަނާ އެކަމަނާގެ މުވައްޒިފާއި ކައިވެނި ބައްލަވައިގަތެވެ. އަދި އެހިސާބުން ފެށިގެންދިޔައީ އިންސާނީ ތާރީޚުގައި ރަން އަކުރުން ލިޔެވިގެން ދިޔަ ލޯބީގެ އެންމެ އުފާވެރި، މާތް ކައިވެނިފުޅެވެ. އެއީ ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) އާއި ޚުވައިލިދުގެ ދަރިކަނބަލުން ކަމުގައިވާ ޚަދީޖާ (رضى الله عنها) ގެ ކައިވެނިފުޅެވެ. ނަބިއްޔާ (صلى الله عليه وسلم) އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަލޭގެފާނު (صلى الله عليه وسلم) ގެ ޢުމުރުފުޅަކީ 25 އަހަރު ފުޅެވެ. އެކަލޭގެފާނަށް އެކަމަނާގެ ފަރާތްޕުޅުން ތިން ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭކަނބަލުން ލިބިވަޑައިގަތެވެ. ހުރިހާ ފިރިހެން ބޭފުޅުން ޅައުމުރުފުޅުގައި އަވަހާރަވިއެވެ. ޚަދީޖާ (رضى الله عنها) ވެވަޑައިގަތީ އެކަނބަލެއްގެ ފަރާތްޕުޅުން އެކެލޭގެފާނު (صلى الله عليه وسلم) އަށް އެންމެ މަތިވެރި ލޯތްބެއް ލިބިލެއްވި ކަމަނާ ކަމުގައެވެ. ހިތްވަރާއި ހިތްހަމަޖެހުން އެކަމަނާގެ ފަރާތުން އެކަލޭގެފާނު (صلى الله عليه وسلم) އަށް ލިބިލެއްވީ އިންތިހާއަށެވެ. އެކެލޭގެފާނުގެ ހަޔާތްޕުޅުގައި އައި އެންމެ މުހިއްމު ރޭގައި އެލޯތްބަކާއި އެހީތެރިކަމެއް އެންމެ ފުރިހަމަގޮތުގައި ލިބިއްލެއްވި އަދި އޭގެމައްޗަށް އެކަލޭފާނު ބަރޯސާވެވަޑައިގެން އެއްޗެއް ކަމުގައި އެކަމަނާގެ ލޯތްބާއި އެހީތެރިކަން ވިއެވެ.

އެކަލޭގެފާނު ހިރާފަރުބަދައިގެ ހޮހޮޅައިގައި ފުން ވިސްނުން ފުޅެއްގައި އިންނަވަނިކޮށް ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު ވަޑައިގެން ޤުރުއާނުގެ ފުރަތަމަ އާޔަތް އެކަލޭގެފާނަށް ވިދާޅުވެދެއްވި އެވެ. އަދި އެކަލޭގެފާނު ނަބިއްޔަކަށް ވެވަޑައިގަތުމަށް ތަދުބީރު ކުރެވިފައިވާކަން އެންގެވި އެވެ. އެކަލޭގެފާނަށް މިފެނިވަޑައިގެން ކަންތައްތަކާ މެދު ބިރުފުޅުން ގެކޮޅަށް ޚަދީޖާ (رضى الله عنها) އަރިހަށް ދުވެވަޑައިގެންނެވި އެވެ. ގެއަށް ވެދެވަޑައިގެން ތުރުތުރުއަޅާ ކީރިތި ކުރައްވާ ހާލު ޚަދީޖާ (رضى الله عنها) އަރިހުގައި އޮށޯވެވަޑައިގެން މިފަދައިން ވިދާޅުވާން ފެއްޓެވި އެވެ. ”ފޮތިގަނޑަކުން ތިމަންކަލޭގެފާނުގެ ހަށިކޮޅު ނިވަކޮށްދެއްވާށެވެ! ފޮތިގަނޑަކުން ތިމަންކަލޭގެފާނުގެ ހަށިކޮޅު ނިވަކޮށްދެއްވާށެވެ!“ އެކެލޭގެފާނު ބިރުފުޅުގެންވަޑައިގެންފައި ވާލެއް ބޮޑުކަމުން ޚަދީޖާ (رضى الله عنها) ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގެންނެވި އެވެ. ހިނދުކޮޅެއްގެ ތެރޭގައި އެކަމަނާ އެކެލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވައި އެކެލޭގެފާނުގެ އުދާސްތައް ފިލުއްވައިދެއްވި އެވެ. ދެން އެއަށްފަހު ނަބިއްޔާ (صلى الله عليه وسلم) ހަމަޖެހިވަޑައިގެން އެކެލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ކަންތައް ކިޔުއްވައި ދެއްވެވި އެވެ.
އެކެލޭގެފާނުގެ ވިސްނުންފުޅު އުނިވުންކަހަލަ ކަމެއްކުރިމަތިވެ ވަޑައިގަތީ ކަމުގައި ނުވަތަ އެކެލޭގެފާނުގެ މައްޗަށް އެހެންބާރެއް ގަދަވެގަތީކަމުގައި ހީފުޅުކުރެއްވި ނަބިއްޔާ (صلى الله عليه وسلم) ބިރުފުޅުގެންވަޑައިގެންނެވި އެވެ. ނަމަވެސް ޚަދީޖާ (رضى الله عنها) އެކެލޭގެފާނުގެ ހުރިހާ ބިރެއް އެކެލޭގެފާނަށް ފަސޭހަކޮށްދެއްވި އެވެ. އަދި ވިދާޅުވިއެވެ. ”ކަންބޮޑުވެވަޑައިނުގަންނަވާށެވެ. އެފަރާތަކަށް ޚަދީޖާގެ ފުރާނަ މިލްކުވެގެންވާ ފަރާތް ގަންދީ ބުނަމެވެ. މިއުއްމަތަށް ފޮނުއްވިގެންވާ ރަސޫލަކީ ކަލޭގެފާނު ކަމުގައި ތިމަންކަމަނާ އުއްމީދުކުރަމެވެ. އަދި ﷲ ކަލޭގެފާނާއިމެދު ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނަކީ ކަލޭގެފާނުގެ ގާތް ތިމާގެ މީހުނަށް ހެޔޮކޮށް ހިއްތަވާ ބޭކަލެކެވެ. އަދި ކަލޭގެފާނަކީ ބުނުމުގައި ތެދުވެރިޔަކީމުއެވެ. އަދި މެހެމާނުންނަށް ކާންދެއްވަމުއެވެ. ކަންބޮޑުވެ ހިތާމަ ޖެހިފައިވާ މީހާގެ ގޮވާލުމަށް ކަލޭގެފާނު އިޖާބަ ދެއްވަވަމުއެވެ.“ އެކަމަނާގެ އަޚެއްކަމުގައިވާ ޔަހޫދީ އަދި ނަޞާރާ ފޮތްތައް ވަރަށް ރަނގަޅަށް ހިތުދަސް އިލްމުވެރިޔެއްކަމުގައިވި ވަރަޤާ އިބްނު ނައުފަލު ނަމަކަށް ކިޔުނު މީހެއްގެ ގާތަށް އެކަމަނާ އެކެލޭގެފާނު ގެންދެވިއެވެ. އަދި އެކެލޭގެފާނަށް ބާއްވައިލެއްވެވުނީ ވަޙީކަމުގައިޔާއި އެކެލޭގެފާނަކީ އެންމެފަހުގެ ނަބިއްޔާކަމުގައި ޔަޤީން ކޮށްދެއްވެވި އެވެ.
އެކަލޭގެފާނުގެ ދަޢްވަތު ފެށިގެން ދިއުމާ ގުޅިގެން އެކެލޭގެފާނާއި އިދިކޮޅު މީހުންގެ ދެކޮޅުވެރިކަން އިންތިހާއަށް ގޮސް ހައްދުފަހަނަ އަޅާ ހިސާބަށް ދިޔައެވެ. މިނުރައްކާތެރި ދަނޑިވަޅުގައި ވެސް ނަބިއްޔާ (صلى الله عليه وسلم) އަށް ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމުގައްޔާއި އެކަމަނާގެ މުދާ އިސްލާމްދީނަށްޓަކައި ހޭދަކުރުމުގައި ޚަދީޖާ (رضى الله عنها) ސާބިތުވެ ހުންނެވި އެވެ. ނަބިއްޔާ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ ޢާއިލާ މައްކާއިން ބޭރުކުރެވި މައްކާގެ ރަށްބޭރުގައި ވާ ފަރުބަދަތަކުގެ ތެރޭގައި އުޅެން ޖެހުނު ހިނދު އެކަމަނާ އެކަލޭގެފާނުގެ އަރިހުގައި އެތަނަށްވެސް ވަޑައިގެންނެވި އެވެ. އެ ތަނުގައި ތިންއަހަރު ދުވަސް ވަންދެން ދަތިއުނދަގުލާއި ބަނޑުހައިހޫނުކަމުގައި ހޭދަކުރެއްވުމަށް ފަހު އެކަމަނާ އަވަހާރަވެ ވަޑައިގަތެވެ. ނަބިއްޔާ (صلى الله عليه وسلم) އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި ވަރަށް ބޮޑަށް ކީރިތި ކުރެއްވި އެވެ. އަދި ފުން ހިތާމައެއް ލިބިވަޑައިގެންނެވި އެވެ. އެކަމަނާ ދެކެ ވެވަޑައިގަންނަވާ ލޯބީގެ ބޮޑުކަމުން، އެކަމަނާ އަވަހާރަ ވުމަށް ފަހުގައި ވެސް އެކަމަނާގެ އެކުވެރިންނާއި ގާތްތިމާގެ މީހުންނަށް ކާނާއާއި އެހީތެރިކަން ފޯރުކޮށްދެއްވަވައެވެ.
ޚަދީޖާ (رضى الله عنها) އަވަހާރަވިތާ އެއްއަހަރު ފާއިތުވިފަހުން އެކަމަނާ އުޅުއްވި ހާރުކޮޅެއް ފެނިވަޑައިގަތެވެ. އެހާރު ކޮޅު ފެނިވަޑައިގަތުމާ އެކު އެކަމަނާގެ މަތިން ހަނދުމަފުޅު ވިލެއް ބޮޑުކަމުން ގިސްލާ ކީރިތި ކުރައްވަން ފެއްޓެވުނެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެކަމަނާއަށްޓަކައި ލިޔެވިފައިވީ ލޯބި ދުވަހަކުވެސް ފޮހެވިގެން ނުދެއެވެ. އިންތިހާ ދަރަޖައަށް ލޯބިވެވަޑައިގަންނަވައެވެ. މީގެ ސަބަބުން އެކަލޭފާނު ފަހުން ކައިވެނި ބައްލަވައިގެން އަނބިކަނބަލުން ކަމުގައިވާ ޢާއިޝާ (رضى الله عنها) އެކަމާއި ހަސަދަވެރިވެވަޑައިގަންނަވައެވެ. އަދި އެކަމަނާ ނަބިއްޔާ (صلى الله عليه وسلم) އަށް ވިދާޅުވިއެވެ. ކަލޭގެފާނުގެ ލޯބި ޙައްޤުވާ އެހެން ފަރާތެއް އެކަމަނާ ފިޔަވާ ނުވަނީ ތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”އެހެން އެއްވެސް މީހަކު ތިމަން ކަލޭގެފާނުގެ ބަސްފުޅު ޤަބޫލު ނުކުރި ހިނދުގައި އެކަމަނާ ތިމަން ކަލޭގެފާނުގެ ބަސްފުޅު ޤަބޫލު ކުރެއްވި އެވެ. މީސްތަކުން ތިމަންކަލޭގެފާނަށް ފުރަގަސް ދިން ހިނދު އެކަމަނާ އިސްލާމްދީން ޤަބޫލު ކުރެއްވި އެވެ. އަދި ތިމަން ކަލޭގެފާނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެއްވެސް މީހަކު ނުވި ދުވަހުގައި އެކަމަނާ ތިމަންކަލޭފާނަށް އެހީތެރިކަން ދެއްވިއެވެ. އަދި ތިމަން ކަލޭފާނަށް ހިތްހަމަޖެހުން ހޯދާ ދެއްވިއެވެ.“
އެއްވެސް މީހަކަށް މިފަދަ ލޯބީގެ އަސަރުގަދަ ވާހަކައެއް ނުހޯދޭނެ އެވެ. އިޙްތިރާމާއި އޯގާވެރިކަމާއި ލޯބިން ފުރިފައިވާ މަތިވެރި މިސާލެއްކަމުގައިވީ ކައިވެންޏެކެވެ. އެފަދަ ދެވަނަ އެހެން ގުޅުމެއް މިބިންމަތިން ނުފެންނާނެ ފަދަ ގުޅުމެކެވެ. އެތަކެއް ކުރިއެރުންތަކާއި ހުނަރުވެރިކަން ލިބިފައިވާކަމަށް ދަޢުވާ ކުރާ ހޮލީވުޑް އާއި ބޮލީވުޑްއިން ވެސް މިފަދަ އިބްރަތުން ފުރިފައިވާ ލާމަސީލު ޙަޤިޤީ ވާހަކައެއް ނުނެރެވޭ ހުއްޓެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments