މީގެ އަހަރުތަކެއް ކުރިއެވެ. ‘ބެރެއިން ޓިއުމަރ’ ޖެހިގެން ބަލީގެ ދާނުގައި ދުވަސްތައް ވޭތުކުރަމުންދިޔަ އަޅުގަނޑުގެ ރަޙުމަތްތެރިޔާގެ މަރުގެ ޚަބަރު ލިބުނީ ފުން ހިތާމަޔާއެކުއެވެ. އޭނާގެ ޙަޔާތުގެ ޒުވާން ޢުމުރުގައި ދެދަރީން ޔަތީމު ޙާލާއިގެން، އަނބި ހުވަފަތް ޙާލައިގެން އުޅުމަށް ދޫކޮށް މިދުނިޔެއާއި ވަކިވެގެންދިޔައީ އެކަނި މާއެކަންޏެވެ.
އަޅުގަނޑުގެ ރަޙުމަތްތެރިޔާ ނިޔާވި ޚަބަރު ލިބުނީ ރޭގަނޑު ގާތް ގަނޑަކަށް ހަތެއް ޖަހާހާ އިރުއެވެ. މިޚަބަރު ލިބުނުއިރު އަޅުގަނޑާއެކު ތިބި މީހުންގެ ތެރޭގައި މިދަންނަވާ ރަޙުމަތްތެރިއާގެ ’މައިފުނަ ގެ’ އާއި އިންވެގެން ހުންނަގޭ އަންހެން ކުއްޖެއް ހުއްޓެވެ. އެއީ އަޅުގަނޑަށްވުރެ ދެތިން އަހަރު ދޮށީ ކުއްޖެކެވެ. އަޅުގަނޑުމެން އެންމެނަށް މިހިތާމަވެރި ޚަބަރު ލިބުމާއެކު އެންމެންހެންމެ އަވަސްވެގަތީ އަޅުގަނޑުމެންގެ އާދަޔާ އެއްގޮތަށް މައްޔިތާގެ މޫނު ދެކިލަން ސަހަރާއަށް ދިއުމަށެވެ.
ރަޙުމަތްތެރިއާގެ މޫނު ދެކިލަން އަޅުގަނޑާއެކު އާސަހަރާއަށްދިއަ މީހުންގެ ތެރޭގައި މިދަންނަވާ އަންހެންކުއްޖާ ވިއެވެ. ސަހަރާއަށްގޮސް މޫނު ދުށުމަށްފަހު އަޅުގަނޑުމެން ގެއަށް އައީ އަނެއްދުވަހު ގޭގައި ޚިތާނު ކުރުމަށް ހަމަޖެހިފައިވާތީވެ އެކަމަށް ގޭތެރެ ތައްޔާރުކުރުމަށެވެ. ލިބިފައިވީ ފުން ހިތާމަޔާއެކުވެސް ގޭތެރެ ތައްޔާރުކުރުމުގައި އަޅުގަނޑުމެން ވަގުތު ހޭދަކުރީ ޖޯޝާއި ފޯރީގައެވެ. ރޭގަނޑުގެ މާއިރާ ވަގުތު އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔުމާއެކު އެންމެންވެސް މަސައްކަތް ނިންމާފައި ދިޔައީ އަރާމު ނިންޖެއް ނިދާލުމަށެވެ.
އަޅުގަނޑުމެންނާއެކު ސަހަރާއަށް އޭނާގެ އަވައްޓެރިއާގެ މޫނު ދެކިލަން ދިއަ، އަދި އޭގެފަހުން އަޅުގަނޑުމެންނާއިއެކު ގޭތެރެ ތައްޔާރުކުރުމުގައި މުރާލިކަމާއެކު މަސައްކަތްކުރި އަޅުގަނޑުމެންގެ އުޚްތާވެސް ދިއައީ އޭނާ ދިރިއުޅޭގެއަށެވެ. ވަރުބަލިކަމާއެކު އަރާމު ނިންޖެއް ނިދާލުމަށްޓަކައެވެ.
އާދޭހެވެ! އަޅުގަޑުމެންގެ އުޚްތާ ނިދައިފިއެވެ. އޭނާގެ އަވަށްޓެރިއާގެ ކިބައިން ޢިބުރަތް ޙާސިލުކޮށްގެން ހަމަ އެރޭ އޭނާވެސް މި ފަނާވެދަނިވި ދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާޢި ކިއީއެވެ. ރޭގަނޑު އޭނާގެ އަވައްޓެރިއާގެ މައްޗަށް އެތައްބަޔަކު ކަށުނަމާދުކުރިތަން ބަލަންއިން އުޚްތާގެ މައްޗަށް އަނެއްދުވަހު އެތައްބަޔަކު ކަށުނަމާދުކޮށް ވަޅުލީއެވެ.
މިއީ އަޅުގަނޑުގެ ލޯމަތިން ފެނިގެންދިޔަ ޢިބުރަތުން ފުރިގެންވީ ޙަޤީޤީ ޙާދިޘާއެކެވެ. ޝައްކެއްނެތެވެ! ކޮންމެ މީހަކީ މަރުގެ ރަހަ ލިބިގަންނާނޭ މީހެކެވެ. ތިމާގެ ހިތް ކިތަންމެ ނުރުހުނު ކަމުގައިވިއަސް މަރަކީ ތިމާޔާ ބައްދަލުނުވެ ނުދާނޭ އެއްޗެކެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ