• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އެންމެ ދިގު ލޯބީގެ ވާހަކަ

Posted by faradays on Thursday, July 07, 2011 No comments

ދެލޯބިވެރިން ބައްދާލައިގެން / ފޮޓޯ: ބައިޓްސް އޮފް ނިއުސް
ދެލޯބިވެރިން ބައްދާލައިގެން / ފޮޓޯ: ބައިޓްސް އޮފް ނިއުސް
މީލާދީން 2007 ވަނަ އަހަރު މީޑިއާގައި ވަރަށް ވަރުގަދަ ޚަބަރެއް ފެތުރެން ފެށިއެވެ. މި ޚަބަރާ ގުޅިގެން ތަފާތު ފޯރަމްތަކުގަޔާއި ޓީވީޝޯ ތަކުގައި މީހުން ބަހުސްކޮށް ހަދާފައިވެއެވެ. ޚާއްޞަކޮށް ޒުވާނުން މި ވާހަކައަށް ވަރަށް ބޮޑު ޝަޢުޤުވެރިކަމެއް ދީފައިވެއެވެ. ހުރިހާވެސް ސަބަބަކީ މިއީ ލޯބީގެ ވާހަކައަކަށްވީކަމެވެ. މީގެ 5000 އާއި 6000 ދެމެދުގެ އަހަރުތަކެއް ވެފައިވާ ލޯބީގެ ވާހަކައަކަށް މި ވާހަކަވީކަމެވެ. ދެ ލޯބިވެރިއަކު ނުވަތަ ދެމަފިރިއަކު ބައްދާލައިގެން ތިބިގޮތަށް މަރުވެފައި ތިއްބާ އާކިއޮލޮޖިސްޓުންނަށް ފެނުނީއެވެ.
ބައިޓްސް އޮފް ނިއުސްގެ 2007 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 07 ވަނަދުވަހު ޝާއިޢުކުރި ސައިންސާއި ޓެކްނޮލޮޖީ ޞަފްޙާގައި މި ހާދިސާއަށް އަލިއަޅުވާލާފައިވެއެވެ. ލިޔުންތެރިޔާ ފިލިޕް ރޫބިއޯ ލިޔެފައިވާ ގޮތުގައި މި ކަޕުލް ފެނިފައިވަނީ އިޓަލީވިލާތުގެ ހުޅަނގު ފަރާތު ރަށެއްކަމަށްވާ މެންޓޯވާ އިންނެވެ. މިދެމީހުންގެ ކަށިތައް ހުރީ ރީތިކޮށް އާދައިގެ ހާލަތެއްގައިކަމުން މިދެމީހުން ތިބީ ބައްދާލައިގެންކަން އެނގުނެވެ. އާސާރީ ހޯދުންތައް ހޯދުމަށް ބިންގަނޑު ކޮންނަމުންދިޔަ މީހުންނަށް މިދެލޯބިވެރިން ފެނުމާއެކު ހައިރާންކަމެއް ލިބުނެވެ. އަދި އެމީހުންގެ އުމުރު ދެނެގަތުމުގެ މަސައްކަތް ކުރެވުނެވެ. ލެބޯޓްރީ ޓެސްޓްތަކުން އެދެމީހުންނަކީ ޒުވާން އުމުރުގައި އެގޮތަށްތިބެ މަރުވެފައިވާ ދެލޯބިވެރިންކަން ޔަގީން ކުރެވުނެވެ. ރިޕޯޓްތައް ބުނާގޮތުގައި މިދެމީހުންގެ ދަތްތައްވެސް ހަމައަށް ހުއްޓެވެ. އެކަމަކީ ލެބޯޓްރީ ޓެސްޓްތަކަށް ލިބިގެންދިޔަ އިތުރު ޔަގީންކަމެކެވެ.
ފޮޓޯ: ބައިޓްސް އޮފް ނިއުސް
ފޮޓޯ: ބައިޓްސް އޮފް ނިއުސް
މި ހާދިސާއާގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައިންޓިސްޓުން އެތަން ބައްލަވާލެއްވުމަށް ޒިއާރަތްކުރެއްވިއެވެ. ބައެއް ސައިންޓިސްޓުން ވިދާޅުވެފައިވާ ގޮތުގައި މިއީ އިންސާނީ ތާރީޚުން ފެންނަން އޮތް އެންމެ ދިގު ލޯބީގެ ވާހަކަ އެވެ. މިއަދު މި ލޯބީގެ ވާހަކަ ހޯދާ އެމީހުންގެ ލޯބީގެ މުއްދަތު ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް އެބޭފުޅުންވެސް އެއްބަސްވެއެވެ. އެހެންނަމަވެސް ހޯދުންތަކުން އެނގޭ ގޮތުގައި، އެ މުއްދަތު ފަސް ހާސް އަހަރަށްވުރެ ކުރުނުވާނެ ކަމަށާއި އިތުރަށް ދިރާސާކޮށްފިނަމަ، އެ މުއްދަތު ހަހާސް އަހަރާ ގާތްކުރާނެކަމަށް އެ ސައިންޓިސްޓުން ދެކެވަޑައިގަންނަވައެވެ.
އެކަކު އަނެކެއްގެ ގައިގައި ރީތިކޮށް ބައްދާލައިގެން ތިއްބާ ފެނުނު ދެ ލޯބިވެރިން ހޯދި ޓީމުގެ އިސްވެރިއަކަށް ހުންނެވީ އެލީނާ މެނޯޓީ އެވެ. އޭނާއަކީ މިފަދަ އާސާރީ ހޯދުންތައް ހޯދުމުގެ މަސައްކަތުގައި 25 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. އެ ދިގު މުއްދަތުގެ ތެރޭގައި އޭނާ ކުރެއްވި ބޮޑެތި މަސައްކަތްތަކުގެ ތެރެއިން ޕޮމްޕޭގެ ބިން ކޮނެ އެ ސަހަރު ހޯދުންވެސް ހިމެނެއެވެ. އެލީނާ ވިދާޅުވެފައިވަނީ މިފަދަ ތާރީޚީ ހޯދުމެއް މީގެކުރިން ދުވަހަކުވެސް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށާއި އޭނާ މަސައްކަތްކުރެއްވި ބިންތަކުގެ ތެރެއިން އެއްވެސް ބިމަކުން މިހާ ވަރުގަދަ ލޯބީގެ ވާހަކައެއް ފެނިފައި ނުވާކަމަށެވެ.
ޒަމާންވީ ދެކަށިގަނޑު ފެނުމާއެކު މިއަދު އެދެލޯބިވެރިންގެ ވާހަކަ ދުނިޔޭގެ މޮޅެތި ލިޔުންތެރިންގެ ސަމާލުކަމަށްވަނީ އައިސްފައެވެ. ތަފާތު ގޮތްގޮތަށް މިދެ ކަށިގަނޑާމެދު ވާހަކަތައް ލިޔެވެމުން އެބަދެއެވެ. އެއީ ދެލޯބިވެރިންކަމަށާއި އެދެމީހުން އެކަކު އަނެއްގެ ގައިގައި ބައްދާލީ ދުވަހަކުވެސް ވަކިނުވުމަށެވެ. އެރެއަށްފަހު އެމީހުންއެމީހުންގެ ލޯބީގައި ކައްވަޅަށް ދަތުރުކުރިއެވެ. ދިރިތިބި މީހުން އެދެލޯބިވެރިން އެދުނުގޮތަށް އެކަން ފަހިކޮށްދިނެވެ. މި ވާހަކައަށްވުރެ ދިގު ލޯބީގެ ވާހަކައެއް ނެތެވެ. މިހާރުވެސް މިވާހަކަ މިދަނީ ލިޔެވެމުންނެވެ. ގިނަ ލޯބީގެ ވާހަކަތައް އެބައެއްގެ މަރާ ހިސާބުން ނިމިދެއެވެ. ލޯބީގެ ނިޝާނެއް ދުނިޔެމަތިން ފެންނަން ހުއްޓަސް އަސްލު އެދެމީހުން މިނޫނީ ފެންނާކަށް ނެތެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments