• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އެތައްމިތަނުން .....ޑިމޮކްރަސީ ދޮންވެ ފައްކާވީ އެވެ.

Posted by faradays on Wednesday, July 13, 2011 No comments


ޤައުމުގައި ހުންނެވީ ޤައުމަށް ނުހަނު ހެޔޮއެދޭ ރައީސުލްޖުމްހޫރިއްޔާއެކެވެ. އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާރަވެރިވެ ޒިންމާދާރުކުރުވަން ތިއްބެވީ ރައްޔިތުންގެ ވިންދާއި އިޙްޞާޞް ދަންނަ ޢިއްޒަތްތެރި ބޭފުޅުންނެވެ. ރައްޔިތުންނަށް އިންޞާފު ހޯދައިދޭންހުރީ އިންސާފުވެރި ފަނޑިޔާރުގެތަކެކެވެ. ރަށްރަށުގެ ތަަރައްޤީއަށްޓަކައި ފޫގަޅައިގެން އެތިއްބެވީ އެތައްސަތޭކަ ކައުންސިލަރުންނެކެވެ. އެންމެންނަކީވެސް ޤައުމުދެކެ ލޯބިވާ އިޚްލާޞްތެރީންނެވެ. މިއަދު ޤައުމަށް ހެޔޮއެދޭ ވެރިން ހައްތަހާ ވަނީ ގިނައެވެ. އެކަމަކު ޤައުމުގެ ޙާލަތު ހައްތަހާ ވަނީ ގޯހެވެ. ޑިމޮކްރަސީ ދޮންވެ ފައްކާވަނީ ދެއްތޯއެވެ.
ޤަތުލްކުރުމާއި މަގުފޭރުން ޢާއްމުވެއްޖެއެވެ. ޙައްލުހޯދުމަށް ، ޕްރިވެންޝަން ކޮމިޓީތައް އުފެދިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުންނާއި ކޯޓްތަކާއި  ކަމާއި ގުޅޭ ހުރިހާދާއިރާއަކުންވެސް އެއްބާރުލުންދޭން ތިބީ ތައްޔާރަށެވެ. އެހެނަސް ''އިރުއޮއްސޭ ޤާނޫނު''ވެސް މިވަގުތަށް ވީފޭއްޔެވެ. ކޯޓްތަކުންވެސް މިނިސްޓްރީތައް ޖަވާބުދާރީކުރުވަން ނުރައްކާތެރިކުށްވެރިން ދޫކުރަނީއެވެ. ހަމަ ޑިމޮކްރަސީ ދޮންވެ ފައްކާވީ ދެއްތޯއެވެ.
ޖަންކްޝަން މައިދާނުގައި އެތައްރެއެއްވަންދެން ގިނަޢަދަދެއްގެ ބަޔަކު މުޒާހަރާކޮށްފިއެވެ. ރައްޔިތުން ހަނާވާތީ އަގުތިރިކުރުމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށްވީ އުދަނގުލެއް ނެތެވެ. އެހެނަސް ރައްޔިތުންހަނާވާތީ އަޑުއުފުލާ ޢިއްޒަތްތެރި ބޭކަނބަލަކަށް އަވަށްޓެރިގެއެއްގައި ދިރިއުޅުއްވާ ޢިއްޒަތްތެރި މެމްބަރެއް ގެންގުޅުއްވާ ދޫންޏެއްގެ އުނދަގޫ ބޮޑުވެ ހަނާވީއެވެެ. މުޅި މަގުގެ ރައްޔިތުންނަށްވެސް ދޫންޏާއި ހެދި ދިރިއުޅުން ދަތިވީއެވެ. އަދި ތަޙްޤީޤަށް ފުލުހުންވެސް ޙާޟިރުކުރީއެވެ. ޑިމޮކްރަސީ ދޮންވެ ފައްކާވީ ދެއްތޯއެވެ.
ވެދުމަށް އެރުވި ރިޔާސީ ކެނޑިޑޭޓްކަން އަނބުރާ ބޭނުންވެއްޖެއެވެ. ތަބަކަށްލާފައި ދިނުމުގެ ނަތީޖާ ހިތިކަމަށްވެސް ޤަބޫލު ކުރެވިއްޖެއެވެ. އިޚްލާޞްތެރި މިތުރު ހަތުރަކަށް ވީއެވެ. އެންމެފަހުން އަޞްލާއި ނަޞްލުވެސް އޮޅިއްޖެއެވެ. އަޞްލު ޕާޓީއާއި އަޞްލު ލީޑަރުވެސް މެއެވެ. ނިކަން ރަނގަޅަށް ޑިމޮކްރަސީ ދޮންވެ ފައްކާވެއްޖެ ދެއްތޯއެވެ.
ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލަވާ ބޭފުޅުން ރައްޔިތުންގެ ކޯޓް ހަދާ ހުކުމްކުރަމުންދަނީއެވެ. އަޣްލަބިއްޔަތު ލިބިއްޖެނަމަ ކުރާނެކަންކަމުގެ ދިގު ލިސްޓް ޢާއްމުކުރަމުން ދަނީއެވެ. މިނިވަން މުއައްސަސާތަކަށް ''އަތްބާނާނެ'' ކަމަށް ޞަރީޙަ ޢިބާރާތުން ވިދާޅުވަމުން ދަނީއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެއްތޯއެވެ. ޑިމޮކްރަސީ ދޮންވެ ފައްކާވީއެވެ.
ޕާޓީތަކުގެ ޢިއްޒަތްތެރި މެމްބަރުން މަޖިލީހުގައި ތަމްސީލްވާ ނިސްބަތަށް ރިޢާޔަތްކޮށް ކޮމިޓީތައް އެކުލަވާލުމަށް މަޖިލީހުގެ ޤަވާޢިދުގައި ވަނީ ބަޔާން ވެގެންނެވެ. މިއަދު އެމަޖިލީހުގައި ޕާޓީތައް ނިސްބަތްވެގެންވާ ތަރުތީބަށް އައި ބަދަލުގެ ސަބަބުން ކޮމިޓީތަކަށް އަންނަން ޖެހޭ ބަދަލު ނުގެނެވި ކޮމިޓީތައް ހުއްޓުނީއެވެ. އަނެއްކާވެސް ''މެދު އިރުމައްޗާ'' ޖެހެނީއެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ހުއްޓާލާނެއެވެ. މަޖިލިސްދޮށަށް ޢާއްމުން އެއްވާނެއެވެ. މިޙާލަތަށް ނުގޮސްފިނަމަ ކިތަންމެހާވެސް ރަނގަޅެވެ. އެހެނަސް އެޙާލަތަށް ދިޔުމަކީވެސް ޑިމޮކްރަސީ ދޮންވެ ފަންކާވުން ދެއްތޯއެވެ.
މިވާހަކަތަކަކީ ހެޔޮ ވާހަކަތަކެކޭ އެކަކު ބުނެފިނަމަ ދެވަނަ މީހާ ބުނާނީ އަޅުގަނޑު ސިޔާސީވަނީ ކަމަށެވެ. މައްސަލައެއް ނެތްތާއެވެ. މިނިވަންކަން ވިއްޔާއެވެ. ޑިިމޮކްރަސީ ދޮންވެ ފައްކާވަމުން ދަނީއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments