• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މައުމޫން ސްޓޭޖުން ފައިބައިވަޑައިގަތުމާއެކު ތަސްމީން ކުއްލި ގޮތަކަށް ކަލާފާނުން ނުކުމެވަޑައިގެންފި

Posted by faradays on Friday, January 07, 2011 No comments

ރޭ ކަލާފާން ސްކޫލްގައި އޮތް ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގަތްޔޫމްގެ ޚާއްސަ ބައްދަލުކޮށްލެއްވުމުގައި ޑީއާރުޕީގެ މެމްބަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ނިންމަވާލެއްވުމަށްފަހު ސްޓޭޖުން ފައިބައިވަޑައިގަތް ވަގުތު ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ ކުއްލި ގޮތަކަށް ކަލާފާން ސްކޫލުން ނުކުމެވަޑައިގެންފިއެވެ.
މައުމޫން ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު ތަސްމީން ހުންނެވީ ސްޓޭޖުގެ ކަނާތްފަރާތުގައެވެ. ތަސްމީނާއެކު އެމަނިކުފާނުގެ ކޮއްކޮ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް އާއި ނާޝިޒްގެ އަނބިކަބަލުން ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ނުކުމެވަޑައިގެންފައިވެއެވެ.
މައުމޫން ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު ނާޝިޒްގެ ދެކަނބަލުން ތިއްބެވީ ސްޓޭޖުގެ ވާތް ފަރާތު އަރިމަތީގައެވެ. މައުމޫން ވާހަކަފުޅު ނިންމަވާލެއްވުމަށް ފަހު ސްޓޭޖުން ފައިބައިވަޑައިގެން، ވަޑައިގެންނެވީ ސްޓޭޖުގެ ފަހަތުގައި އެމަނިކުފާނަށް ޚާއްސަ ކުރެވިފައިވާ ކްލާސް ރޫމަކަށެވެ. މައުމޫންގެ ފަހަތްޕުޅުން ޑީއާރުޕީގެ ލީޑަރޝިޕްގައި ހިމެނޭ ވަރަށްގިނަ ބޭފުޅުން ވަޑައިގަތް ނަމަވެސް ތަސްމީން އެދިމާއަށް ވަޑައިގަތުމުގެ ބަދަލުގައި ހިންގަވަން ފެއްޓެވީ ސްކޫލުން ނުކުމެވަޑައިގަތުމަށް ސްކޫލް ދޮރާ ދިމާއަށެވެ.
ތަސްމީން ސްކޫލުން ނުކުމެވަޑައިގަތުމަށް ހިންގަވަންފެއްޓެވިއިރު ކޮއްކޮ ނާޝިޒް އާއި ރޮޒައިނާ ކުރިއަށް ވަޑައިގަތުމަށް ހިންގަވަން ފެއްޓެވި މަންޒަރު ފެނިފައިވެއެވެ. ނަމަވެސް އެދެބޭފުޅުން އަރިހު ތަސްމީން ވާހަކަފުޅެއް ވިދާޅުވުމުން އެދެބޭފުޅުންވެސް ތަސްމީނާއެކު ސްކޫލުން ނުކުމެވަޑައިގަތުމަށް މިސްރާބު ބަދަލު ކުރެއްވި މަންޒަރު ވަނީ ފެނިފައެވެ.
އާންމު ގޮތެއްގައި ޑީއާރުޕީގެ ޖަލްސާ ތަކުގައި މައުމޫން ވާހަކަފުޅު ދައްކަވައި ނިންމާލެއްވުމަށްފަހު ސްޓޭޖުން ފައިބައިވަޑައިގަތުމާއެކު އެންމެ ފުރަތަމަ މައުމޫންއާ ސަލާމް ކުރައްވާ ތަސްމީން ރޭ މައުމޫންގެ ފަހަތްޕުޅުން ވަޑައިނުގެން ސްކޫލުން ނުކުމެވަޑައިގަތީ މައުމޫނާ ސަލާމްވެސް ނުކުރައްވައިކަން ފާހަގަ ކުރެވުނެވެ.
ރޭ މައުމޫން ޖަލްސާއަށް ވަޑައިގަތުމުން ތަސްމީން ވަނީ މައުމޫނަށް އިސްތިގުބާލް ކުރައްވާފައެވެ. ނަމަވެސް ރޭގެ ޖަލްސާއަށް ތަސްމީން އާއި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ އަލީ ވަޙީދު ވަޑައިގަތް ފަހުން ޑެޕިއުޓީ ލީޑަރ އުމަރު ނަސީރު ވަޑައިގަތުމުން ޖަލްސާއަށް ވަޑައިގެންތިއްބެވި ގިނަބޭފުޅުންގެ ނަޒަރު އެދިމާއަށް ހުއްޓުނު މަންޒަރު ވަނީ ފެނިފައެވެ.
އުމަރު ވަޑައިގެންނެވިއިރު ތަސްމީން އެތަނުގައި ހުންނެވި ނަމަވެސް އުމަރު ފުރަތަމަ ވަޑައިގަތީ ޖަލްސާއަށް އައިސްތިބި މެމްބަރުންގެ ތެރެއިން ކުރީ ސަފުގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށެވެ. އެއަށްފަހު އުމަރު ވަނީ ތަސްމީން އަރިހަށް ވަޑައިގެން ތަސްމީންއާވެސް ސަލާމް ކުރައްވާފައެވެ. އެއާއެކު ސަޕޯޓަރުންގެ ހޫނު ތަރުޙީބެއްގެ އަޑު އިވިގެންދިޔަ ނަމަވެސް ތަސްމީން އާއި އުމަރު ވާހަކަފުޅު ދެއްކެވި މަންޒަރެއް ނުފެނެއެވެ.
ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނިގޮތުގައި އުމަރު ޖަލްސާއަސް ވަޑައިގެންފިނަމަ ތަސްމީނު ޖަލްސާއަށް ވަޑައިނުގެންފާނެކަމުގެ ބިރަށް އުމަރު ޖަލްސާއަށް ވަޑައިގަތުން ފަސްކުރެއްވީއެވެ، އަދި ތަސްމީނު ޖަލްސާއަށް ވަޑައިގަތުމުން އުމަރު މިވަޑައިގަތީ އެހިސާބުން ޖަލްސާ ދޫނުކުރައްވާނެކަމަށް ބައްލަވާފައެވެ.
އަދި ރޭ މައުމޫނު ދެއްކެވި ވާހަކަފުޅުގައި ކަންކަން ތަރުތީބުކުރުމުގެ ނަމުގައި ޑީއާރުޕީގެ ކައުންސިލްގެ ނިންމެވުންތަކަށް ފާޑުވިދާޅުވެ މައުމޫނު ގެންގުޅުއްވި “ސްޓޭންޑް” ދިފާއުކުރައްވަން މަސައްކަތްކުރެއްވިކަން ގިނަބަޔަކު ފާހަގަކުރިއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments