• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ސިޔާސީ ފޯރީގައި ލަންދޫގެ ޢާ އިލާތައް ފޮތިފޮތިވެ ނިމިއްޖެ

Posted by faradays on Monday, January 31, 2011 1 comment


ލަންދޫގެ ރައްޔިތުންނަކީ ޒަމާނުންސުރެ ވަރަށް ގާތް، އެއްބަނޑު އެއްބަފާ އަޚްވަންތަ ބައެއްގެ ގޮތުގައި ދިރިއުޅެމުން އައިބައެކެވެ. އެކަކަށް ލިބޭ އުފަލަކާ ހިތާމައެއްގައި އަނެކެއްގެ ބައިވެރިވުން އޮތް ބައެކެވެ. ގޭގެ ބަދިގޭ އުނދުންމަތީގައި ހުރި ބަތްތަވާގެ ފޫ ކަހާލާއަޑަށް ޖެހިގެން ހުރި ގެއިން ބަތް ހިފައިގެން އާދެ އެވެ. ރަށުގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ރައްޔިތުން އެކަތި ގަނޑަކަށްވެ އެކަމެއް ނިންމާލަ އެވެ. ގެއެއްގައި މާ މީރުކޮށް އެއްޗެއް ކައްކާނަމަ ޖެހިގެން ހުރި ގެއަށްވެސް ދަޢުވަތު ދެއެވެ. ރަށުގައި ދޯންޏެއް އެހެލަން ނުވަތަ ތަނެއް ހިޔާކުރަން ފަން ގަނޑެއް ނިއުޅުވާތަން މީހަކަށް ފެނިއްޖެނަމަ އެފަންގަނޑުގެ ނުވަތަ ވަލުގެ އަނެއްކޮޅުގައި ހިފައެވެ. އެހާވެސް އަޚްވަންތަ އެވެ. ތަބާވަމުން ދިޔައީ އެއް ދީނަކަށެވެ. ދީނީ ބައިބައިވުން ނުވަތަ ހިޔާލު ތަފާތުވުމެއް ނެތިއެވެ. ވާހަކަ ދައްކަމުން ދަނީ ދިވެހިންގެ ދިވެހި ބަހުންނެވެ. އެއްވެސް މަސްހުނި ކުރުމެއް ނެތިއެވެ. އީދު ދުވަހެއް އަތުވެއްޖެނަމަ ދިވެހި ސަޤާފަތް ދައްކުވައިދޭ ކުޅިވަރު ކުޅެއެވެ. ގަނޑު ފިއްލާ ކުޅުމާއި، ފަން ކުޅުމާއި، ތިންމުގޯލި، ބަށި ، އެލަން ގަލަން މިލަން ގަލަން، ބަނޑިޔާ، ބޮޑުބެރު، ތާރަ އަދި ރަދުން ބޮޑު ހިއްޗަށް ދިއުންފަދަ އެތައް އެތައް ސަޤާފީ ކުޅިވަރެކެވެ. އެއްބައިވަންތަ ކަމާއެކު އެއް ރޫހެއްގައެވެ. އެއްވެސް ކަހަލަ ހަސަދަ ވެރިކަމެއް ތަޅާ ފޮޅުމެއް މިކުޅިވަރުތަކުގައި އެކުލެވިގެނެއް ނުވެއެވެ.  ރަށަށް ދިމާވާ ކޮންމެ އަޑިގުނޑަން ގަނޑަކުން، އުސް ގަނޑަކަށް އަރައިގަތުމުގައިވެސް ލަނދޫގެ ކުދިބޮޑް އެންމެން މިއެއްބައި ވަންތަކަން ދައްކުވައިދެއެވެ.
އެހެންނަމަވެސް މިއަދު މިދަނީ މިހުރިހާ ކަމެއް މާޒީވެ، ވެއްޔާ މޮޑެވެމުންނެވެ. އެކަކު ކެއުމަށް އަނެކަކު ނޭދެއެވެ. މިހާރުގެ ކުޅިވަރުތަކަށް ބަލާއިރު ކޮންމެ ކުޅިވަރެއް ކުޅުނަސް އެކުޅޭ ދެބައެއްގެ ދެމެދުގައި އޮންނަނީ ހަސަދަވެރިކަމެވެ. ތަޅާ ފޮޅުމެވެ. 

ސިޔާސީ ފޯރީގައި ޢާ އިލާތައް ފޮތިފޮތިވެ ނިމިއްޖެ އެވެ. އެއްގެއެއްގައި ތިންމީހަކު ދިރިއުޅޭނަމަ އެތިންމީހުން ތިބޭނީ ތިންފަރާތަށް މޫނު އަނބުރައިގެންނެވެ. ބައްޕައާއި، ދަރިފުޅު ދެޕާޓީއެއްގައި ހިމެނޭތީވެ ދެބަފައިން އެއްމޭޒުދޮށަށް ކާން އެރޭކަށް ނޯވެ އެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއް ލިބުނަސް،  ޚިޔާލާއި، ފިކުރު ތަފާތުވުމުން، އެހީތެރިކަމެއް ފޯރުކޮށްދެވޭކަށް ނޯވެ އެވެ. ޢާއިލާގެ ތެރޭގައި މިފަދަ މިންވަރަކަށް ޢާއިލީ ގުޅުން ހީނަރުވުމުން، މުޅި މުޖުތަމަޢު އޮންނާނެ ގޮތް ވިސްނަވާށެވެ. އެކަން މިހާރު މިއޮތީ ވެފައެވެ. އިޖުތިމާއީ ފޭރާން މިހާބޮޑަށް ދޯހަޅިވެއްޖެނަމަ، އަޅުގަނޑުމެން ތިބޭނީ ނިވާނުވެފަ އެވެ. މީހެއްގެ އަބުރެއް، ޤަދަރެއް، ޢިއްޒަތެއް އެބައޮތްތޯއެވެ؟ ކޮންމެ މީހެއްގެ ނަޒަރުގައިވެސް އެނޫން އެހެން އެންމެންނަކީ ގޯސްމީހުންނެވެ. ވަގުންނެވެ. ޚިޔާނާތްތެރިންނެވެ. މިގޮތުން ބަލައިފިނަމަ، މި މުޖުތަމަޢުގައި ރަނގަޅު ހަމަ އެކަކުވެސް މިހާރަކު ނެތެވެ. އެކަމަކު މިކަން ޤަބޫލުކުރާނެ މީހަކުވެސް ނެތެވެ.
ދީނީ ޚިޔާލު ތަފާތުވެ، ދީނާއި މެދު ދެކޭގޮތް އޮޅުން ބޮޅުމުގެ ތެރެއަށް ވައްދައިފިއެވެ. ދެމީހަކު އެއްގޮތަކަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް މިދައްކަނީ މިއަދުގެ ޖީލުތަކުންވެސް މިފަދަ ކަންކަމަށް އެއްބާރުލުން ނުދޭ ވާހަކައެއް ނޫނެވެ. އެއްބައިވަންތަކަން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ނިއުޅެމުން ދާ ވާހަކަ އެވެ.

އެހެންކަމުން އަޅުގަނޑުމެން މިއަދު މިވަނީ މި ލޮބުވެތި ފަސްގަނޑުގެ އިޖުތިމާއީ ފޭރާން އާކުރަން ޖެހިފައެވެ. ވީދިފައިވާ ތަންތަން އަލުން އައު ރޮދިޖަހައިގެން ފަހަން ޖެހިފައެވެ.

1 comments:

ތި ކަމަކި މިޔަދު ވާނޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments