• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ސަރުކާރު މުވައްޒަފުންގެ މުސާރަ އަލުން އަނބުރާ އިޢާދަކުރެވޭކަމީ، ސަރުކާރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލެއް - ރައީސުލްޖުމްހޫރިއްޔާ

Posted by faradays on Friday, January 07, 2011 No comments

ސަރުކާރު މުވައްޒަފުންގެ މުސާރަ އަލުން އަނބުރާ އިޢާދަކުރެވޭކަމީ، ސަރުކާރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެ އިޤްތިޞާދީ ވަރަށްބޮޑު ވަޅުގަނޑަކަށް ވެއްޓެމުންދިޔަ ދަނޑިވަޅެއްގައި، ސަރުކާރު މުވައްޒަފުން، އެބޭފުޅުންގެ މުސާރައިން ބައެއް އުނިކުރެއްވުމަށް އެއްބަސްވެވަޑައިގެން، އެކަން ކޮށްދެއްވިކަމީ، އިޤްތިޞާދު ހަމަ މަގަށް ގެނައުމަށް މެދުވެރިވި އެންމެބޮޑު އެއްސަބަބެވެ. އެސަބަބަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ސިވިލް ސަރވަންޓުންނަށް ޝުކުރުވެރިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ނެއްޓި، މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުވެފައިވާތީ، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރާއްޖެ، މެދުފަންތީގެ ޤައުމަކަށް ބަދަލުވިކަމުގައިވިޔަސް، ރާއްޖޭގައި ތިބި ފަޤީރުންގެ ޢަދަދު ވަރަށްގިނަ ކަމަށާއި، އ.ދ.ގެ ހިސާބުތައް ދައްކާގޮތުގައި، ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަކީ، އަދިވެސް އެމީހުންނަށް ދުވާލެއްގެ މައްޗަށް ދިހަ ބާރަ ރުފިޔާވެސް ނުލިބޭ ނިކަމެތި ފަޤީރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން ނިކަމެތި ފަޤީރުންނަށް ސަރުކާރުން ގެންދަވަނީ އެހީތެރިވެދެއްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މެދު އާމްދަނީގެ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ އޮތުމަކީ، ސަރުކާރުން ދެކެވަޑައިގަންނަވާ ގޮތުގައި، މިވަގުތަށް ދިވެހިރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި، ފަޤީރު ޤައުމެއްގެ ގޮތުގައި އޮވެ، އެހީ ހޯދަން މަސައްކަތް ކުރުމަށްވުރެ، ލިބޭ އެއްޗަކުން އަމިއްލައަށް ކަންތައްތައް ނިންމޭނެ އުޞޫލަކަށް، ނިންމޭނެ މަގަކަށް ދިޔުމަކީ، ސަރުކާރުން އަބަދުވެސް ދެކެވަޑައިގަންނަވާ އަދި ގަބޫލު ކުރައްވާ ފަލްސަފާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަންނަ އާދީއްތަ ދުވަހަކީ، މިއަހަރުގެ ދިރާސީ އާ އަހަރު ފެށޭ ދުވަސް ކަމަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އާ ދިރާސީ އަހަރު ފެށޭއިރު، ވަރަށްގިނަ ސްކޫލްތަކެއްގައި ކަންތައްތައް ހުރީ ވަރަށް ރަނގަޅަށް ރޭވި އިންތިޒާމްވެފައި ކަމަށާއި، އެހެން ނަމަވެސް، އާ އަހަރު ފަށާއިރު، ބައެއް ބާވަތުގެ ދަތިތައް ކުރިމަތިނުވެނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އާ އަހަރު، ހުރިހާ މައިންބަފައިން، ދަރިވަރުންނަށް އެހީތެރިވެދެއްވައިގެން، މިދިޔަ އަހަރު ހޯދުނު ނަތީޖާއަށްވުރެ ވަކިން ރަނގަޅު ނަތީޖާއެއް ދަރިވަރުންނަށް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނުގެ އުންމީދު ކަމުގައެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments