• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ރަށުގެ ތަރައްޤީ އިހުގެ ކަތީބުންގެ ބޮލުގައިއަޅުވައި މާދަމާ ކައުންސިލެއް ހޮވާ އެ ޒިންމާ ހަވާލް ކުރާއިރު ވިސްނަވާ

Posted by faradays on Thursday, February 03, 2011 No comments

ރަށުގެ ތަރައްޤީ އިހުގެ ކަތީބުންގެ ބޮލުގައިއަޅުވައި އެމީހުންނަށް ބަދުބަސްތައް ބުނެ އަޑުއުފުލީމުއެވެ. ލަންދޫގެ  ތަރައްޤީގެ އެތައްކަމެއް، ރަށުގެ ވެރިންގެ ދޯދިޔާކަމުން ނުލިބުނު ވާހަކަ ދެއްކީމް. ތަރައްޤީގެ ދުވެލީގައި ފަސްޖެހިފައިވާ ވާހަކަ ރެޔެއް ދުވާލެއް ނުބަލާ ގޮވީމް.މާޅެންދޫ އާއި ކެނދިކުޅުދޫވެސް ކުރިއަރާދާވާހަކަ ވެސް ދެއްކީމް.

ކޮންމެއަކަސް އެއީ މާޒީއެވެ. އިހުގެ ޤާނޫނުއަސާސީ އުވި އާ ޤާނޫނުއަސާސީއެއްގެ ހިޔަލުން ރައްޔިތުން ބާރުވެރި ކުރުވައިފިއެވެ. ތިންބާރު ވަކިކުރެވި، ހައްޤުތައް ކަށަވަރުކޮށްދިނުމާއެކު ރައްޔިތުންގެ ބަސްބުނުމުގެ ފުރުޞަތުވެސް ލިއްބައިދީފިއެވެ. ލޯކަލް ކައުންސިލްތައް އުފެދި އެ ކައުންސިލްތަކަށް ޤާނޫނީ ބާރު ލިއްބައިދީފަ ވުމަކީ މިކަމުގެ ހެއްކެކެވެ.

ވިމާ މުސްތަޤުބަލުގައި ރަށުގެ ތަރައްޤީގެ ފޮނިރަހަ ލިބިގަތުން އޮތީ ހަމަ ތިޔަ ރައްޔިތުންގެ އަތްމަތީގައެވެ. ހޮނިހިރު ދުވަހު  ތިޔަ ރައްޔިތުން ވޯޓުދޭގޮތަކުން
ލަންދޫގެ ތަރައްޤީ އެކަށައެޅިގެންދާނެއެވެ. މިދެންނެވި ތަރައްޤީ ގުޅިފައިވަނީ ތިޔަ ރައްޔިތުން ރަށުކައުންސިލަށާއި އަތޮޅުކައުންސިލަށް އިންތިޚާބުކުރާ މެންމްބަރުންނާއެވެ. އާދެ! އެ މެމްބަރުންގެ ލަޔާޤަތާއި ޤާބިލިއްޔަތާއެވެ. ޢިލުމާއި ތަޖުރިބާއާއެވެ. ރައްޔިތުންނާމެދު ގެންގުޅޭ ވިސްނުމާއެވެ.

ވަކިކުލައެއްގެ މީހަކަށްވީތީ ވޯޓުދީގެން މިއަދު
ލަންދޫ ތަރައްޤީކުރެވޭކަށް ނެތެވެ. ވަކި ކުލައެއްގެ ބަޔަކަށް އަޣުލަބިއްޔަތު ނުލިބުމަކީ ލަންދޫގެ ތަރައްޤީއަށް އެޅޭނެ ހުރަހެއްވެސް ނުމެނޫންމެއެވެ. ބައެއް ކެނޑިޑޭޓުންގެ ކެމްޕޭނުތަކުގައި، ވެރިކަންކުރާ ޕާރޓީގެ އަޣްލަބިއްޔަތުނެތް ކައުންސިލެއް އިންތިޚާބުކޮށްފިނަމަ ލަންދޫގެ ތަރައްޤީއަށް، އަދި ދާއިރާގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫއުތަކަށް ހުރަސްއެޅޭނެކަމަށް ބުނެ ވަކާލާތުކުރެއެވެ. ދަންނަވަންތޯއެވެ. މިއީ އެއްވެސް ހަޤީގަތެއްނެތް ވާހަކައެކެވެ. ކައުންސިލްގެ އަޣުލަބިއްޔަތު ހޯދުމަށްޓަކައި ރައްޔިތުން ވާވެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކައެކެވެ. މިގޮތަށް ބަޔާންކުރުމުން އަޅުގަނޑަކީ އިދިކޮޅު ފިކުރުގެ އެކްޓިވިސްޓެއްކަމަށް ބަޔަކުމީހުން ޤަބޫލުކޮށްފާނެއެވެ. ނަމަވެސް ލަންދޫގެ ރައްޔިތުންނަށް ބުނެލަންއޮތީ މިވާހަކަތަކާމެދު ސަމާލުވާށެވެ. ލޯކަލް ކައުންސިލްތަކަކީ ކޮބާކަން ރަނގަޅަށް ދެނެގަންނާށެވެ. ރައްޔިތުންގެ މަޖުލީހާ، ކައުންސިލްތަކުގެ ތަފާތު ދެނެގަންނާށެވެ. ކައުންސިލްތަކަކީ އިހުގެ ރަށްކުރިއަރުވާ ކޮމެޓީތަށްކަމަށް ހީކޮށް، އެ ފިކުރުގަހުރެ ވޯޓްކަރުދާހުގައި ފާހަގަނުޖަހާށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އެއްފަހަރުނަމަވެސް ބަލާލަބަލާށެވެ. ކައުންސިލްތަކީ ވަކި ޤާނޫނީ ސަޙުސެއްކަމާއި ކައުންސިލްތަކުގެ ބާރު ނުވަތަ އިޚްތިޞާޞް މިއީ ވޯޓްކަރުދާހުގައި ފާހަގަޖެހުމުގެ ކުރިން ކޮންމެހެން އެގެންޖެހޭކަންކަމެވެ. ހަމަ އެއްމެ ކަމަކަށް ޓަކައެވެ. ލަންދޫގެ ތަރައްޤީއަށްޓަކައެވެ.

ކައުންސިލްގެ އަޣްލަބިއްޔަތު އިދިކޮޅުފަރާތްތަކުގެ އަތްމަތީގަ އޮތުންވެސް މުޙިއްމެއްނޫނެވެ. އެހެނީ ވެރިކަންކުރާބާރު ނުވަތަ ސަރުކާރު ޖަވާބުދާރީކުރުމަކީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމަކަށްނުވާތީއެވެ. ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނެނީ އެ ކައުންސިލެއް ނިސްބަތްވާ ދާއިރާއެއްގެ ތަރައްޤީގެ ޕްރޮގްރާމްތައް ރާވާހިންގުމެވެ. ސަރުކާރާއި އަދި އެނޫންވެސް އެކިއެކި ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް އެއްބާރުލުންދީ، ރައްޔިތުންގެ ފިކުރާ އެއްގޮތަށް އެ މަޝްރޫޢުތައް ކުރިއަށްގެންދިއުމެވެ. ކައުންސިލްގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއްމެހާ ވަޞީލަތްތަކުގެ ބޭނުންފުރިހަމަގޮތުގައި ހިފާ، ރައްޔިތުންނަށް އޭގެ ލާބައާ މަންފާ ހޯދައިދިނުމެވެ.

ޢިއްޒަތްތެރި ކެނޑިޑޭޓުންނޭވެ. ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވާ، ރައްޔިތުންނަށް ހަޤީގަތް އޮޅުވާލުމުގެ ބަދަލުގައި ރައްޔިތުންނަށް ހަޤީގަތް އަންގައިދީގެން ވޯޓުހޯދަން މަސައްކަތްކުރާށެވެ.  ވަކި މީހެއްގެ ނެތިނުބައި ވާހަކަ ދެއްކުމުގެ ބަދަލުގައި، ތިމާ ރަށު ކައުންސިލަށް ނުވަތަ އަތޮޅުކައުންސިލަށް އިންތިޚާބުވެއްޖެނަމަ،
ލަންދޫގެ ނުވަތަ ދާއިރާގެ ތަރައްޤީއަށް އެ ކައުންސިލެއްގެ ބާރުގެ ތެރޭން އެމީހަކަށް ކޮށްދެވޭނީ ކޮންކަންތައްތަކެއްކަން އަންގައިދީގެން ރައްޔިތުންގެ ތާޢީދު ހޯދަން މަސައްކަތްކުރާށެވެ. އެކަންތައްތައް ޙާޞިލުކުރުމަށް ތިމާގެ ޤާބިލްކަންހުރިމިންވަރު ރައްޔިތުންނަށް އަންގައިދޭށެވެ. މިއީ ލަންދޫގެ ހިތުގެ ގޮވުމެވެ.
ވޯޓަކީ ކޮންމެ މީހެއްގެވެސް އަމިއްލަ ހައްޤެކެވެ. އެ މީހަކު ވޯޓުދޭނެ ފަރާތެއް އެނގޭނީ ހަމަ އެމީހަކަށެވެ. އެ ވޯޓަށް ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނެ އިތުރު މީހަކު ނުހުންނާނެއެވެ. މިއީ ޑިމޮކްރެޓިކް ހަމަތަކާއި ގާތްގޮތެވެ. ނަމަވެސް ދުލާއި ގަލަމުން އެ މީހެއްގެ ފިކުރު ހާމަކުރުމަކީ ޑިމޮކްރެޓިކް ވެއްޓެއްގައި ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްޤެއް ކަމުން އެ ހައްގުގެ ބޭނުން ހިފައި ތިޔަ ކިޔުން ތެރިންނާއި އަޅުގަނޑުގެ ވިސްނުން ހިއްސާ ކޮއްލީމް

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments