ލަންދޫގެ ކައުންސިލަށް އިންތިޚާބުވި ކަމަށްޓަކައި އެންމެ ފުރަތަމަ އަޅުގަނޑުގެ ހިތުގެ އިޚްލާސްތެރި ތަޙްނިޔާއާއި ހެޔޮ އެދުންތައް ތިޔަ އެންމެ ބޭފުޅުންނަށް އަރިސްކުރަމެވެ. އިދާރީގޮތުން ކައުންސިލްތަކެއް ރަށްރަށުގައި ހެދެނީ ވަރަށް މުޙިއްމު މަޤްސަދަކަށްޓަކައެވެ. ޚާއްސަކޮށް މައި ސަރުކާރަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ބާރުތަކެއް މެންބަރުންތަކެއް އެކުލެވޭ ކައުންސިލްއަކަށް ދިނުމުގެ ސަބަބުން ރައްޔިތުންނާއި ގާތުން ޚިދުމަތް ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސް ވެގެންދެއެވެ “
ތިޔަ ބޭފުޅުން އިންތިޚާބުވެފައި ތިޔަ ތިއްބެވީ ވަަރަށް ފޮނި އުންމީދު ތަކާއި އެކުގައެވެ. އިންތިޚާބުވީ ކޮންމެ މެންބަރަކަށްވެސް 200 އަށްވުރެ ގިނަ ވޯޓު ލިބިފައިވުމަކީ މީގެ ހެއްކެކެވެ. މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ހައްދަވާފައި ޓައި އަޅައިގެން ރަށުގެ ފިނި މައިޒާންތަކުގައި އަރާމްކުރަން ތިއްބެވުމަކީ ރައްޔިތުން ތިޔަ ބޭފުޅުންނަށް ކުރި އުންމީދުގައި ކޮޅުފައިންޖެހުމެވެ. އޭގެ ބަދަލުގައި ތިޔަ ބޭފުޅުން ވާންޖެހޭނީ ރައްޔިތުންނަށް އަޅާލާ އިޙްތިރާމް ކުރާ "ގުޅިފައިވާ ލަޝްކަރެއްގެ ވަރުގަދަ ފަހުލަވާނުން" ތަކަަކަށެވެ.
ކެމްޕޭނު ކުރެއްވި ދުވަސްވަރު ނިމި ހިނގައްޖެއެވެ. އަދި ސަމާސާކުރުމާއި ޖެއްސުންކުރުމާއި ފުރައްސާރަ ކުރުންވެސް ނެތިގެން ހިނގައްޖެއެވެ. މިހާރު ތިޔަ ތިއްބެވީ ރަށުގެ މަތި ފަޑީގައެވެ. ރައްޔިތުންގެ ވެރީންގެ މަޤާމުގައެވެ. އެއީ ރަޢީސުލްޖުމްހޫރިއްޔާ ނުވަތަ ޤައުމުގެ ސަރުކާރުން އިންތިޚާބު ކުރައްވައިގެނެއްނޫނެވެ. އެހެނެއްކަމަކު ރައްޔިތުން ތިޔަ ބޭފުޅުން އިޚްތިޔާރު ކުރެއްވީ އެރައްޔިތުން ހިތުން ރުހުމާއި އެކު ރައްޔިތުންގެ މައްޗަށް ވެރިކަން ހިނގާ އަމުރުމަޢުރޫފް ރަށުގައި ހިންގާ ހުޅަނގާއި އިރުން އަދި އުތުރާއި ދެކުނުން ތަރައްޤީ ގެނެސް ރަށުގެ ފަސްގަނޑަށް ޖަމާ ކުރުމުގެ އުންމީދުގައެވެ.
އެހެންކަމުން އެކަން ހަނދާން ނައްތަވައިނުލައްވާށެވެ. ކެމްޕޭނު ދުވަސްވަރު އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރިޔަސް މިއަދު އެއީ މާޒީއެވެ. އެހެންކަމުން މިވަގުތު އެންމެ އިސް އަމާޒުކަމުގައި ހައްދަވަންވާނީ ރައްޔިތުން އެކުވެރިކޮށް އެއްބައިވަންތަ ކުރުމަށެވެ. ތިޔަ ޒުވާނުން ރައްޔިތުންގެ ވެރީންކަމުގައި އިޚްތިޔާކުރެއްވި ހިނދު އޭގެ ރައްދުގައި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮއްދެއްވުމަށް އެކި އެކި ޕްލޭންތަކާއި ޕްރޮޕޯސަލްތައް ހައްދަވައިގެން ރަށުގެ ކުރިމަގު އުޖާލާކުރެވޭތޯ ހިންމަތާއިއެކު ހުރިހާ މެންބަރުން ގުޅިގެން މަސައްކަތް ކުރެއްވުމަށް އަޅުގަނޑު ގޮވާލަމެވެ.
ވަކިކުލައެއްގެ ވާހަކަ ދައްކާކަން ނެތީމު އެހެނީ މިވަގުތު އަޅުގަނޑުމެންނަށް މުޙިއްމީ ކޮންމެ ކުލައެއްގައި ކޮންމެ ސިފައެއްގައި ހުރި މީހެއް ނަމަވެސް މައި ސަރުކާރާއި ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ މެންބަރުންނެވެ. ސަރުކާރާއި އިދިކޮޅުވެ އިދިކޮޅު ޕާރޓީގެ ޕްރޮޕެގެންޑާ ފެތުރުމަށް ނުވަތަ ޒާތީ މަސްލަހަތާއި އާއިލީ މަންފާއަށް ކަންތައްތައް ނުކުރުމަށް އަޅުގަނޑު އާދޭހާއިއެކު އެދެމެވެ. އެކަން އެގޮތަށް ކުރައްވައިފިނަމަ ރަށުގެ ހާލަތު ހިތައްވެސް ނުގެނެވޭހާ ދަށަށް ދާނެއެވެ.
ތިޔަ ބޭފުންނަކީ ކުރިން ކޮންމެފަދަ ގޮތަކަށް އުޅުމާއި އަޚްލާގު ގެންގުޅުނު ބޭފުުޅުންކަމަށް ވިޔަސް މިއަދު އެންމެ ފުރަތަމަ ޢަޒުމެއްކަމުގައި ހައްދަަންވީ ގޮތަކީ 'ދެކޭގޮތް' ބަދަލުކުރެއްވުމެވެ. ވެރިއެއްގެ 'ކެރެކްޓަރ' އަށް ބަދަލުވެވަޑައިގަންނަވާށެވެ. ވެރިއެއްގެ ގައިގައި ހުރުން ލާޒިމްވާ ސިފަތައް ތިމާގެ ގައިގައި އަށަގެންނެވޭތޯ މަސައްކަތް ކުރައްވާށެވެ. ރައްޔިތުމީހާއަކީ ތިމާގެ ޕާރޓީ ނުވަތަ ތިމާގެ ވިސްނުމާއި ތަފާތު މީހެއް ކަމަކު އޭނާއާއިމެދުވެސް ކަންތައް ކުރަންވާނީ ހަމަހަމަކަމާއި އިންސާފުންނެވެ.
ނ..އަތޮޅު އަތޮޅުކައުންސިލާއި ގުޅިގެން މި 3 އަހަރު ދުވަހަކީ ފަހި ފާގަތި 3 އަހަރު ކަމުގައި ހަދަން ތިޔަ 5 މެންބަރުން އަތާއި އަތް ގުޅާލައްވައިގެން މަސައްކަތް ކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ، އަދި ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަޅުގަނޑުމެންގެ ވެބްސައިޓުންވެސް އަޅުގަނޑުމެންނަށް ވެދެވެން އޮތް މިންވަރަކުން ތިޔަ ބޭފުޅުންނަށް އެހީތެރިކަން ދެމުން ގެންދާނަމެވެ، އަދި ރަށުގެ އަޑު މުޅި ރާއްޖެއަށް ފެތުރުމަށް އަޅުގަނޑުމެންނާއި ދާދި ގާތުން ތިޔަ ބޭފުޅުން މަސައްކަތް ކުރައްވާނެކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. އަޅުގަނޑު އެދެނީ ﷲ ތިޔަ އެންމެ ބޭފުޅުންނަށް ހެޔޮ ވިސްނުންދެއްވައި އަޅުގަނޑުމެންގެ ރަށަށް ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުމެވެ.
01 މާރޗް 2011
ފަރުހާދު ހުސައިން
(އެޑިޓަރ








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ