• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ހަޤީޤީ ހާދިސާ - ޖަވާބެއް ނެތެވެ

Posted by faradays on Monday, March 14, 2011 No comments


” މިއީ އަންހެން ކުއްޖަކަށް ދިމާވެފައިވާ ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ވާހަކަ ލިޔެފައިވާނީ ސާމަރާލައިވްގެރިޕޯޓަރަށް އެ އަންހެންކުއްޖާ ކިޔައިދިންގޮތަށް އެއްވެސް އުނިއިތުރުކަމެއް ނެތިއެވެ. ނަމަވެސް ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ. “
ކޮންމެ ދުވަހަކީވެސް ދުނިޔެއަށް ތަފާތުދުވަހެކެވެ. އިހުސާސްތަކާއި މަންޒަރުތައް ތަފާތެވެ. ނަމަވެސް އަހަރެންގެ އިހުސާސްތައް ފިޔަވައެވެ. އަހަރެންގެ އިހުސާސްތަކާއި ހާސްކަން މިދަނީ ފުރެމުން ބަންޑުންވަމުންނެވެ. ހިތްދަތިކަން އާވެ އާލާވަމުން މިދަނީ ސިލްސިލާއެއްހެންނެވެ. ސަހަރޯއެވެ. މިނޫން ދެވަނަ ގޮތެއް ހަމަނެތީބާވައެވެ. ޚިޔާލުކޮށް ވިސްނެނީ ހަމައެހާދިސާތަކަށެވެ. މާފޮޅުމުގެ ކުރިން މާބުރުތަކެއްގެ ޝިކާރައަކަށްވާން އުޅުނީތީއެވެ.

އެއީ ދެހާސް ހަތަރުވަނަ އަހަރެވެ. އޭރު އަހަރެންގެ އުމުރުން ސޯޅައެވެ. އަހަރެން ކިޔަވަމުންދިޔައީ ރަށު ސްކޫލް ގްރޭޑް ނުވައެއްގައެވެ. ރަށު ސްކޫލަކީ ރާއްޖޭގެ ނިސްބަތުން ކިޔެވުން ރަގަޅު ސްކޫލެއްކަމުން އެކިރަށްރަށުގެ ކުދިން ކިޔަވަމުން ދިޔައެވެ. އެ އަހަރު އަހަރުމެން ގެއަށްވެސް ކައިރި ރަށެއްގެ ފިރިހެން ކުއްޖަކު ކިޔަވަން ގެނައެވެ. އެއީ ބައްޕަގެ ރައްޓެހި ހާމިދުގެ ޔޫސުފެވެ.


ޔޫސުފު އައިތާ ދެމަސްދުވަސް ފާއިތުވެގެން ދިޔައީއެވެ. ޖެހުނު ބޮޑުކަމެއްގައި މެނުވީ ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނަމެވެ. އިސްވެ އޭނަ ވާހަކަ ދައްކައިފިއްޔާ މެނުވީއެވެ. ނަމަވެސް ފަހުން ފަހުން އައިސް އޭނަ މާވެގަނެގެން އުޅެއެވެ. އެހެނަސް ގިނަފަހަރަށް އަހަރެން ދެނީ ބީރު ކަންފަތެވެ. ނޭނގޭކަމަށް ހަދާލަނީއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ފުރަތަމަ ޓާމްގެ ޗުއްޓީއާއި ކުރިމަތިލީ މޮޅުދަރިވަރެއްގެ ގޮތުގައި ހިތްހަމަ ޖެހިގެން ހުއްޓައެވެ. ނަމަވެސް އެކަމަށްވެސް ވިއްސާރަވިލާތައް ކުރިމަތިވާން އުޅޭކަމުގެ ލިސާންތައް ހިމަރޮނގެއްހެން ފެންނަން ފެށިއެވެ.


ޗުއްޓީ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އަހަރެން ހުރީ ގޭތެރެ ކުނިކަހާށެވެ. އެވަގުތު ގޭގައި އުޅެނީ އަހަރެން އެކަންޏެވެ. ޔޫސުފް ބޭރުން އައިސް ގޭތެރެއަށް ވަދެގެން ދިޔައީ ހައިސްޕީޑް ލާންޗެއް ފަދަ ހަލުވި ބާރުމިނެއްގައެވެ. އަދި ގޭތެރެއަށް ވަދެވުނުހާއަވަހަށް ނުކުމެ ސިއްރުސިއްރުން ވަރަށްބޮޑު ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުންޏެވެ. އަހަރެން އަޅާވެސް ނުލުމުން އެނާގޮސްވަނީ ކޮޓަރިއަށެވެ. އިރުކޮޅެއްފަހުން ކޮޓަރި ނުކުމެގެން އައިސް އަހަންނާ އަރާ ހަމަކުރަމުން ވަރަށް ލޯބިވާ ވާހަކައާއި، ޖަވާބަކަށް އިންތިޒާރު ކުރާނެ ވާހަކަ ބުންޏެވެ. އަހަރެން ރުޅިއައިވަރުން ދަތްކުޑި ވިކައިގަނެވުނެވެ. "ކަލޭ ތިވާހަކަ ގޮސް ކޮންމެވެސް އެހެންމީހަކު ކައިރީ ބުނޭ. މަގޭ ކައިރީ ބުނާނެ ކަމެއްނެތް. ކަލެއަށް ދޭނެ ޖަވާބެއްވެސް ނޯންނާނެ." ވަރަށް ހަރުކަށި ގޮތަކަށް އަހަރެން ބުނީމެވެ. އޭނަ ވަރަށް ރަކިވެހުރެ ނުކުމެގެން ދިޔައީއެވެ. އުފެދުނު ހިތްހަމަނުޖެހުން އެއްކާރިކުރުމަށް އެވާހަކަ ލޯބިވެރިޔާ ގާތުގައި ދެއްކީމެވެ. ގޯތީގެ އެއްވެސް މީހަކަށް ނާންގަމެވެ. ލޯބިވެރިއާ ކައިރީގައި އެވާހަކަ ބުނުމުން އޭނަގެ ގައިގައި ތަޅައިގަންނަންވެސް އުޅުނެވެ. ނަމަވެސް އެކަމަށް އަހަރެން ހުރަސް އެޅީމެވެ. އެހެނަސް ލޮލޮގެ ކޮޅަށް ފެންނަމުން ދިޔަ ވިލާ ރޮނގު ފުޅާވެ ވިލާގަނޑަކަށް ވާން އުޅޭކަމުގެ ނިޝާންތައް ފެންނަންފެށިއެވެ.


އޭނަގެ އުނދަގޫ މަޑުމަޑުން ކުރިމަތިލާން ޖެހޭކަމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. ސިއްރުސިއްރުން އަހަރެންގެ ބޯކޮޅުބަލަމުންދާކަން އަހަންނަށް ފާހަނގަވިއެވެ. އޭގެ ދެދުވަސް ފަހެވެ. ހަވީރު ގަޑީގައި އަހަރެން ނިދާފައި އޮތްވާ އުދަނގޫ ގޮތްތަކެއް ވާންފެށިއެވެ. ފައިގައި އެއްޗެއް ޖެހޭހެން ހީވެގެން ކުއްލިއަކަށް ހޭލެވުނުއިރު އޭނައުޅެނީ އަހަރެންގެ ދެފައިގައި ހިފަހައްޓައިގެންނެވެ. ގަދަކަމުން އުޅުނީ އަހަރެންގެ ގައިމައްޗަށް އަރަން ވެގެންނެވެ. އަހަރެންގެ މުޅި ގައިން ހީބި ނަގައިގެންދިޔައެވެ. ދެލޯ ބޮޑުވެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. އަދި އަޑުގެކޮޅަށް "މަންމާއޭ" ކިޔާ ގޮވަންފެށީމެވެ. އަދި ގަޔަށް ލެވުނުހާ ބާރެއްލާ ކޮއްޕާ އޭނަ ތަޅުންގަނޑު މައްޗަށް ވައްޓާލީމެވެ. އެވަގުތަކީ ބަޔަކު ގޭގައި ނޫޅޭވަގުތަކަށްވިޔަސް ނަސީބަކުން މަންމަ އެވަގުތުއައެވެ. ވަގުތުން އަހަރެންގެ ބަޑި ފަޅައިގެންދިޔައެވެ. އަދި ވެގެން އުޅޭގޮތް އޮޅުން ފިލުވަން އުޅުނެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ޔޫސުފް ގެއިން ނުކުމެގެން ހިނގައްޖެއެވެ. ވެގެން އުޅޭގޮތް މަންމައަށް އަހަރެން ކިޔައިދިނީމެވެ. ގޭއެހެން މީހުންނަށާއި ބައްޕައަށް އެވާހަކަ ކިޔައިދިނުމުން އޭނާ ގެއިން ބޭރުކުރިއެވެ. އަދި ލޯބިވެރިއާއަށް އެކަން އެނގުމުން އޭނަ ގައިގަ ތަޅަންވެސް ތެޅިއެވެ. އެރޭ އެކަމާ ވިސްނޭވަރުން އަހަންނަށް ވަރަށް ރޮވުނެވެ. ގިނައިރުތަކެއް ވަންދެން ނުނިދިފަ އިނީމެވެ. އަނެއްދުވަހު ޚަބަރު ލިބުނުގޮތުގައި މާލެދާން ފުރިއޮޑިއެއްގައި އޭނާ މާލެދިޔައީއެވެ.


އަހަރެން އުއްމީދުކުރީ އެވިލާގަނޑު ވަޔާއެކުގައި ކެހިގެން ދިޔައީކަމަށެވެ. ނަމަވެސް ދެން ނެގިވިލާގަނޑުން ފެންއަންނަ ވަރުވިއެވެ. އޭގެ ފަހުން އަހަރެން ޝިކާރައެއް ކަމަށް ބަލަންފެށީ ޅިޔަނެވެ. ދައްތަ މީހަކާއި އިނުމާއެކު ގޭގައި ދިރިއުޅުމުގެ ޖާގައިގެ ދަތިކަން ބޮޑުވިއެވެ. އެހެންކަމުން އަހަރެން ނިދަން ޖެހުނީ ދައްތަމެންގެ ކޮޓަރީގައެވެ. އެކޮޓަރި ހުންނަނީ ޕާޓިޝަން ޖަހާފައި ދެބަޔަށް ބައިކޮށްލާފައެވެ. އަހަރެން ނިދަނީ ދައްތަގެ ކުޑަދެފިރިހެން ކުދިން ނިދާ ބައިގައެވެ.


ދުވަސްތައް ފާއިތުވަމުންދާވަރަކަށް ނުރައްކާތެރި ނިޝާންތައް ފެންނަމުން ދިޔައެވެ. ޅިޔަނުގެ ވިސްނުމާއި ފިކުރު ބަދަލުވަމުންދާކަން ޔަޤީންވަމުން ދިޔައެވެ. އަހަރެންގެ ފޮނިމީރުކަމަށް ޅިޔަނު ފެންބޮވައިގެން އުޅޭވާހަކަ އޭނާ އަހަންނަށް އެންގިއެވެ. އެއްރޭ ފަތިހު އަހަންނަށް ހޭލެވުނުއިރު ޅިޔަނު ހުރީ އަހަރެންގެ ކައިރީގައެވެ. ވެގެން އުޅޭގޮތް އަހަރެން އޮޅުން ފިލުވަން އުޅުމުން އެވާހަކަ ބާއްވާފައި އެހެން ވާހަކަތަކެއް ފެއްޓިއެވެ. އޭނަގެ އެދުންތަކަށް ފުރުގަސް ނުދިނުމަށްއެދި އާދޭސްކުރަމުންދިޔައެވެ. އަދި އެއްވެސް މީހަކަށް އެކަން ނޭންގުމަށް އޭނާ އާދޭސްކުރިއެވެ. އަހަރެން އެކަމަށް އިންކާރުކުރަމުން ދިޔައީމެވެ.


ޅިޔަނުގެ މަސައްކަތް ތަކުރާރުވާން ފެށިއެވެ. އަހަރެންގެ ޒުވާންކަން އިއްޒަތާއެކު ނަގާލުމަށް ޖެހިގެން އައިރޭވެސް ޅިޔަނު މަސައްކަތްކުރި އެވެ. ނަމަވެސް އޭނާގެ އެއްވެސް އެދުމަކަށް އަހަރެން އިޖާބައެއް ނުދެމެވެ. އެރޭވެސް ކުރީރޭފަދައިން ވަރަށް އާދޭސް ކުރިއެވެ. ދެރޭވެސް މަސައްކަތްކުރީ ނަމާދަށް ތެދުވެއެވެ. މިހިސާބަށް ކަންތައްދިޔައިރުވެސް ގޭ މީހަކަށް ނާންގަމެވެ. ނަމަވެސް އޭގެފަހުން އެކޮޓަރީގައި ނިދަން ވަރަށް ބިރުގަނެއެވެ. އިވޭ ކޮންމެ އަޑަކަށް ސިއްސަ ސިއްސައިގެން ދެއެވެ. އެހެންކަމުން ނުވެސް ނިދެއެވެ. ރޭގަނޑު ހަތަރުދަމު އުޅެންޖެހުނީ އެހާލުގައެވެ.


އޭގެ ހަތަރުވަނައަށްވީ ރެއެވެ. އެހެން ރޭތަކެކޭ އެއްފަދައިން އަހަންނަކަށް ނުނިދެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވިއިރުވެސް އަހަރެން އޮތީ ހޭލައެވެ. އިރުކޮޅެއް ފަހުން ޅިޔަނު ވަރަށް ސިއްރުން އައިސް އަހަރެން ގައިގައި އަތްލަން އުޅުމުން ތެދުވެއްޖައީމެވެ. އަދި ގަދަކަމުން ގައިގެ އެތަންމިތަނުގައި އަތްލާން މަސައްކަތްކުރިއެވެ. ހަމައެގޮތަށް އެކަމަށްއެދި ވަރަށް އާދޭސް ކުރަމުންދިޔައެވެ. އެކަމަށް އަހަރެން ދެކޮޅު ހަދަމުން ދަނިކޮށް، ކުއްލިއަކަށް ދައްތަ ފެނުމުން ޤަބޫލް ކުރަންވެސް ދަތިވިއެވެ. ދައްތައަށް ހުރީ ރޮވިފައެވެ. ޅިޔަނުގެ އެމުޑުދާރު އަމަލުތައް ދައްތައަށްވެސް އެނގޭކަން އެރޭ އަހަންނަށް އެނގުނެވެ. ދައްތަބުނިގޮތުން އެކަން ސިއްރުކޮށްގެން އުޅެނީ ދުނިޔޭގެ ލަދަށެވެ. އަދި ދަރިންނަށްޓަކައެވެ. ޅިޔަނު ކުށްވެރިކުރުމުގެ ބަދަލުގައި ދައްތަ އެދުނީ ދުވަހަކުވެސް ކަމެއްކޮށްދެންޏާ އެކަން ސިއްރުކޮށްދިނުމަށެވެ. ނަމަވެސް އެކަން ސިއްރުވެފައި އޮތީ އެދުވަހުގެ އިރުއެމާ ހަމައަށެވެ. އެދުވަހު ގޭ އެންމެންނަށް އެކަން އެނގިއްޖެއެވެ. އެނގުނު ގޮތެއް އަހަންނަކަށް ނޭނގެއެވެ. އަދި ގޭ މީހުން މައްސަލަ ޖައްސާފާނެތީ އެދުވަހު މަންމަ ކައިރީވެސް ދައްތަ ވަރަށް ރޮއިފައި އާދޭސް ކުރިއެވެ. މިކަމެއް ޅިޔަނަކަށް ނޭނގެއެވެ. ދައްތަ އާދޭސްކުރިވަރުން ގޭ މީހަކު ނޫން އިތުރު އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެއެވެ.


އޭނަ އެފަދަ ކަމެއް ކޮށްފާނެކަމެއް ދުވަހަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. އެހާވަރަށް އަހަރެން އޭނައަށް އިތުބާރުކުރީމެވެ. އޭނައަކީ ބަރާބަރަށް ވަގުތުން ވަގުތަށް ނަމާދުކޮށް ސުންނަތަށް އުޅޭމީހަކަށް ވީތީއެވެ. ހުންނަނީ ފައިކުރި ކުރުކޮށްފައި، ބޮޑު ތުބުޅިއެއް ލާފައެވެ. ގޭ މީހުންނަށް ވަރަށް ގިނައިން ދީނީ ކަންކަމުގަ ނަސޭހަތްދީ ހަދައެވެ. ބޭބެމެން ނަމާދަށް ނުދާތީ، ނަމާދަށް ދިއުމަށް ބާރުއަޅައެވެ. ގޭގައި ލަވަޖަހާނަމަ އެކަން މަނާކުރެއެވެ. ދަރިން ނަމާދަށް ފޮނުވައެވެ. ދީނީ ކޮންމެ ކަމެއް އެކަމެއް އޮންނަ އެންމެ ރަގަޅު ގޮތުގައި ކުރުމަށް މަސައްކަތްކުރެއެވެ. އެހެންކަމުން އޭނައަކީ ރަށު މީހުން ވަރަށް ޤަދަރުކުރާ މީހެކެވެ. މިފަދަ މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޤަބޫލުކުވޭނީ ކިހިނެތް ހެއްޔެވެ؟


ނަމަވެސް އޭނަގެ އަސްލުސިފަ އެނގުނު ހިނދުން ފެށިގެން އެކަހަލަ މީހުންނަށް އަހަރެން ނަފްރަތު ކުރަން ފެށީމެވެ. އެއީ ހަމަހުސް ދެއްކުންތެރި ކަމެކެވެ. އެމީހުން އަހަންނާ އަޅައިގަނެގެން އުޅެނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރައެވެ. މިއީ ޖަވާބު ލިބުމެއްނުވާ ބޮޑު ސުވާލެކެވެ. މިހާރު އޭގެ ފަހުން ހަތަރު އަހަރު ވެއްޖެއެވެ. އަހަރެން މިއިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. އެމަންޒަރު ސިފަވާ ކޮންމެފަހަރަކު މިހާރުވެސް އަހަންނަށް ރޮވެއެވެ. ފިރިމީހާގެ ގޭގައި އުޅުނުކަމުގައި ވިޔަސް ވަރަށް ގިނައިން އަހަރެން ގެއަށްގޮސް އުޅެމެވެ. އަދި އެނުލަފާމީހާ ފެނުމުން ވަރަށް ބިރުގަނެއެވެ. ދުވަހަކުވެސް ހަތަރުކަޅި ހަމަކުރާކަށް ގަސްތެއް ނުކުރަމެވެ. ހަމައެގޮތަށް ދުވަހަކުވެސް އަހަރެން އޭނާއަށް މާފެއް ނުކުރާނަމެވެ. އަދި ވާހަކަވެސް ނުދައްކާނަމެވެ. ނަމަވެސް އޭނާގެ ވަކިތަކުގެ ޝިކާރައިން ޖިސްމާނީ އަނިޔާއެއް ނުލިބި ސަލާމަތްވީތީ ﷲ އަށް ހަމްދުކުރަމެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments