• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަހަރެންގެ ވާހަކަ

Posted by faradays on Monday, March 14, 2011 No comments

” މިހާރު އަހަރެންގެ ދިރިއުޅުމުގެ ބައިވެރިންނަކީ ކަރުނައާއި އާހެވެ. ނިދުމާއި ހޭލައި ހުރުމުގައި ، ގެއްލިފައި ވާ އުފާވެރިކަމުގެ ހިތާމަ މެ އެވެ. އެއްހިތަކާއި އެއްފުރާނައެއް ކަމަށް ވީ މީހާއަކީ ދަތުރުވެރިއަކަށް ވެ ބީރައްޓެއްސަކަށް ވެއްޖެއެވެ. އަމިއްލަ ބާރުނުފޯރުވޭ މީހެއްގެ ހުވަޔާއި އަޙުދަކީ ކޮންއެއްޗެއް ހެއްޔެވެ؟ ކަލޭ ދިއުމަށްފަހު އުފާވެރިކަންވަނީ އަހަންނަށް ޙަރާމްވެފައެވެ. ނުތަނަސްވެފައިވާ ހިތަށް އަލުން ހަމަޖެހުމެއް ނައެވެ. “
ހިތުގެ ލޭގެ ދެލިން އުއްމީދުގެ ނޯޓްފޮތުގައި ، ވަކިވުމުގެ ރޭގައި ، ވަފާތެރިކަމުގެ ދެލިން ލިޔަމެވެ

ދެތުންފަތުގެ ހަނގާކުރުންތައް ދުނިޔެއަށް ކަޝްފުކުރީ ފަށުވީގެ ސާލެއްފަދަ ތިޔަ ރީތި އިސްތަށިގަނޑެވެ.
ތިޔަ ރީތި އިސްތަށިގަނޑުން ފަރުދާވެފައިވި އެހަރަކާތްތައް ބަލަން ނުކެރި ހަނދުވެސް ވިލާގަނޑާއި ނިވާވެލިއެވެ.
އެމަސްތުކަމުގައި އަހަރެމެންގެ ލޯބި ދިޔައީ ކިހާ ހިސާބަކަށް ހެއްޔެވެ؟
އެވައުދުތަކާއި، އަހުދުތައް އަދި އާދޭސްތައް މިއަދު ކޮބައިހެއްޔެވެ؟
ހިމަލޯލި އިނގިލިތަކުގެ ފިރުމުންތަކަށް މިހަށިގަނޑު އެދެނީ ކިހާވަރަކަށް ހެއްޔެވެ؟
އެއުފާވެރި ލޯބީގެ އައްސޭރި މިހާރުވެސް އަހަރެމެންނަށް އިންތިޒާރުކުރެއެވެ.
އަހަރެމެންގެ ލޯބިވީ އެތަނުގައެވެ. އެބިމުގެ ކޮންމެ ވެލިފުކެއް އަހަރެމެންގެ ލޯތްބަށް ހެކިވާނެއެވެ. 
ކޮންމެ ވައިރޯޅިއެއްގައިވަނީ އަހަރެމެންގެ ލޯބީގެ މީރުވަހެވެ.
އުއްމީދުގެ އިރު ވިއްސާރި ވިލާގަނޑުގެ ތެރޭގައި ފިލައިފިއެވެ.
ވަޢުދުކުރެވުނު ރޭގަނޑު ހިތާމައިގެ ބައިގަނޑުގެ ތެރެއަށް ގެއްލިއްޖެއެވެ.
އަހަރެންގެ ހިތުގެ ވިންދު ކަލެއަށް ގޮވައެވެ.
އަހަރެންގެ ލަވަޔާއި ޅެމަކީ ހިތާމައިގެ އަޑެވެ.

ކަލޭ މަތިން ހަނދާން ނައްތާލުމަކީ އަހަންނަށް ކިހިނެއް ކުރެވޭނެ ކަމެއް ހެއްޔެވެ؟

އަހަރެންގެ ވަފާތެރިކަމުގެ ހުވަޔަކީ އުވުމެއްނެތް ވަރުގަދަ ހުވައެކެވެ.
ލޯބީގެ ހިތާމަ، ހެދިގެން އުޅެން އަހަންނަށް ދަސްކޮށްދީފިއެވެ.
އަހަރެންގެ ހިނިތުންވުމާއި ސަމާސާއަކީ ހަމަމުޅީން ދެއްކުމެކެވެ.
އުފާވެރި މީހެއްކަމަށް ފެންނަނީ ހަމައެކަނި މަޖްބޫރު ވެފައިވާތީއެވެ.

ވަފާތެރިކަމުގެ ވިޔަފާރީގެ ފަރުޟު އަދާކުރަނީކަމަށް ވިސްނާށެވެ.

ހަށިގަނޑުން ހުޅު ނުކުމެއެވެ. މޭ އަނދައެވެ.
ހިތާމާ އާ އެވެ! ރޭގަނޑުގެ ހަމަހިމޭންކަމުގައި ކަލެއަށް ގޮވައެވެ.
ކަލެއަކީ އަހަަންނެވެ. އަހަންނަކީ ކަލޭގެއެވެ.
ދެންހުރީ ހައްތާވެސް ކުށްހީއެވެ.
ދުނިޔޭގެ އަހުލުވެރިންނާއި އުއްމީދުގެ އަހުލުވެރިންނާމެދު އަހަރެންގެ ފަރުވާލެއް ނެތެވެ.

އަހަރެންގެ ކެއުމަކީ ކަލޭގެ ހަނދާންތަކެވެ. އހަރެންގެ ބުއިމަކީ ކަރުނައެވެ.

ދެން އިތުރަކަށް ވަކިވުމުގެ ވޭނަކަށް ކެތެއް ނުކުރެވޭނެއެވެ.
އަހަރެންގެ ވާހަކައަކީ ފުން ދިގު އާހެކެވެ.
އަހަރެންގެ މަހާނައިގެ ގަލުގައި ވަފާތެރިކަމުގެ ޝަހީދެއްކަމުގައި ލިޔެވޭނެއެވެ.
ވަކިވުމުގެ އަލިފާނުގައި އަނދަނީއެވެ.
ވަކިވުމުގެ ހިތާމަ ހަމަޖެހުން ފޭރިގެންފިއެވެ.
އަހަންނަށް ރޭގަނޑު ރޭގަނޑަކަށް ނުވެއެވެ. ދުވާލު ދުވާލަކަށް ނުމެވޭމެއެވެ.
ހިތުގެ ހަމަޖެހުމަކީ ދުރަށްދުވަމުންދާ ހިޔަންޏެކެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments