• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަރުތެރޭ ތޯއެ އޭސްލީގެ ހިނގާ ޒަހަރަކީ

Posted by faradays on Saturday, May 07, 2011 No comments




ކަރުނައޭ މުޅި ޢުމުރު އަޅުގެ ބައިވެރިޔަކީ،
            މަރުގެ ވޭނޭ މެޔާ ހިތުގެ އެކުވެރިޔަކީ،
                    ފަރުދުނޭ ބޭވަފާ ޢިޝްޤު ދިން ބަދަލަކީ،
                         އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،

ލޯބި ހީލަތުގެ ބާޒާރު ނޭނގޭކަމުން،

    ލޯބި ޢިއްފަތުގެ އިންފާރު މުގުރާކަމުން،
         ނޭނގިހުރެ ހިތުގެ އިޤްރާރު ކުރެވުނުކަމުން،
                  
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


 އިއްޒަތާ އަބުރުވެރިކަމުގެ މޫރިތި ޙިޖާބު
       އިސްވެ ހުރެ ޝަރުޠު ކުރުމުން ދިނީ ދޮގުޖަވާބު،
              އިސްޖެހޭ މި އަދު ލަދުވެތިކަމުގެ ލިބި ޢަޒާބު،
                
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


ހޫނު ނަރަކައިގެ ގިނި ހޫނުކަން  ހަމަބޮޑޭ
       މޫނު އެނބުރޭ ލަދުގެ އަސަރުތައް މާބޮޑޭ
            ތޫނު ފިކުރެއްގެ މިބުނުމުގެ ޙިކްމަތް ބޮޑޭ
                
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


 އުޑުދަށުން ނިކުމެގެން ގޮސް ފިލަންބޭނުމީ،
       ފުނޑުވެ ގޮސް ބިމުގެ ވެއްޔަށް ވެލަން ބޭނުމީ،
           ކަނޑުވެ ގޮތް ހުސްވުމުން ވާނެ ގޮތްނޫންހެމީ؟                                      
                 
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،

   
ހާދަ އުންމީދެކޭ މި އަދު އަޅިޔަށްމިވީ
      ހާދަ ޖަޒުބާތެކޭ  ހޫނު އަނގުރަށްމިވީ
          އާދެ! މުޅި ދިރިއުޅުން ގެއްލި ފުނޑުފުނޑުމިވީ
                  
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،

  
ކީއްވެގެންހޭ މިހާ އަޅެ ރަޙުމްކުޑަވަނީ؟
     ކީއްވެގެންހޭ މި ކަރުނައިން އަސަރު ނުކުރަނީ؟
           ބީވެގޮސް  ޢިއްޒަތުންނަފުސު ނެތި ގެއްލުނީ،
                    
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


ހެޔޮ ނުވާނޭ މި ފަދަ ވޭން ހިތަށް ދޭކަށެއް،
     ހެޔޮ ނުވާނޭ މި އަނިޔާ މިހެން ދޭކަށެއް،
           ހެޔޮ ނުވާނޭ މި ފަދަ މަކަރުވެރިވާކަށެއް.
                   
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


ދެން މަޤާމެއް ކޮބާތޯއެ ހިނިތުންވެލަން،
     ދެން އަރާމެއް ކޮބައިތޯއެ  އިޙްސާސްވެލަން،
          ކޮށްލި ބަދުނާމުގައި ހަމަ  އޮތީ ހުސް ގިލަން،
                  
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


ކިހިނަކުން ޙައްޤުވާނީ، ނުބައި ހީކުރުން،
     މި ހިތުގައިވާ ރިހުންތައް މި ކުށްވެރިކުރުން،
            މިހިރިމިހިރީ، ޙަޤީޤަތް ނުއެނގިހުރި ދުރުން،
                   
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


ވައިނުސާފުވެ ދިޔަސް އޭގެ ސަބަބެއް އޮވޭ،
        އޮއިބަދަލުވާ، ބަދަލުވުމުގެ ސިއްރެއް އޮވޭ،
            ގާތްވެފައި، ދުރުވި މިގުޅުމުގެ އަސްލެއް އޮވޭ،
                   
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


ރަނގަޅު އިންސާނުނަށް ދުނިޔެ އަނިޔާދެޔޭ
        ''ރަނގަޅު'' ޝައިޠާނުނަށް ބޮޑެތި ހަދިޔާދެޔޭ،
            ރަނގަޅު އަޚުލާޤު، ނީލަންކިޔަސް ނުވިކެޔޭ،
                   
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ،


މުޅި ޢުމުރު ގެއްލުނީ، މުޅި ޙަޔާތްގެއްލުނީ،
        މުނިއުފާވެރިކަމުގެ ހިޔަނިވެސް ގެއްލުނީ،
            މުޅި ހިތާ ސިކުނޑިޔާ ނަފުސު ގިސްލެވިރޮނީ،
                  
އަރުތެރޭ ތޯއެ އޭސްލީގެ  ހިނގާ ޒަހަރަކީ

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments