ނާދިޔާ ސުލައިމާނަކީ، ފިރިއަކާ ނުލައި 14 ދަރިން ވިހޭ އަންހެނެކެވެ. އޭނާއަށް އެތައް ބަޔެއްގެ ހަމްދަރުދީ އާއި، އެތައް ބަޔެއްގެ ނަފުރަތު ލިބުނެވެ. އޭނާއާމެދު އޯގާވެރިވީ، އިންސާނިއްޔަތުކަން އިސްކުރި މީހުންނެވެ. އޭނާއާމެދު ނަފުރަތުކުރީ، ކުށްވެރިކުރުން އިސްކުރި މީހުންނެވެ... ނާދިޔާ ސުލައިމާނަކީ، ޢިރާޤުގެ އާޝޫރީ (Assyrian) ދަރިކޮޅުގެ އާއިލާއަކަށް ނިސްބަތްވާ ޔޫއެސްއޭގެ ރައްޔިތެކެވެ. ނާދިޔާ ސުލައިމާނަށް މެދުވެރިވި ހާލަތު، މިޒަމާނުގެ ހޭލުންތެރިކަން ކުޑަ ކޮންމެ އަންހެން ކުއްޖަކަށް ވެސް ކުރިމަތިވެދާނެ އެވެ. އެއްބަޔެއްގެ ނަޒަރުގައިނާދިޔާއަކީ، ބޮނޑިއެއް ލިބުނު އަންހެނެކެވެ. އޭނާއަށް ބޮނޑިއެއް ދިނީ ޑަކުޓަރެކެވެ.... ޑަކުޓަރު، ނާދިޔާގެ ދަރިފެން ނަގައިގެން، އެހެން ފިރިހެނެއްގެ ދަރިފެނާ މުޑުވައްކޮށްގެން 14 ޓެސްޓްޓިއުބް ބޭބީގެ ބިސް ތައްޔާރުކުރި އެވެ. އެ އުފެއްދީ ނާދިޔާގެ ދަރިފެން ބޭނުންކޮށްގެން ކަމަށްވާތީ، އެއިން އެއްވެސް ކުއްޖަކު ނުވިހާ މަރާލާކަށް ނާދިޔާ ބޭނުމެއް ނުވި އެވެ. ކުޑަކުދިންދެކެ އޭނާ ނުހަނު ލޯބިވެ އެވެ. 1996 ވަނަ އަހަރު ނާދިޔާ ސުލައިމާނު މީހަކާ އިނެވެ. ނަމަވެސް 2000 ވަނަ އަހަރު ވަނީ އެކާވެނި ރޫޅުނެވެ.... ޓެސްޓްޓިއުބު ބޭބީއެއް އޭނާގެ ބަނޑުގައި އަށަގެންނެވުނީ އޭގެ ފަހުންނެވެ.... ނާދިޔާ ފުރަތަމަ ދަރިފުޅު ވިހެއީ، 2002 ވަނަ އަހަރު އެވެ. އެއަށްފަހު 2007 ވަނަ އަހަރުގެ ނިޔަލަށް އޭނާވަނީ އިތުރު 5 ކުދިން ވިހާފަ އެވެ. އޭނާއަށް ޖުމުލަ 6 ކުދިން ލިބިފައިވަނިކޮށް، 26 ޖެނުއަރީ 2009 ގައި އޭނާވަނީ، އެއްމާބަނޑު 8 ކުދިން ވިހާފަ އެވެ. މި 14 ކުދިން، ޓެސްޓްޓިއުބްގައި މުޑުވަށްކޮށްފައިވަނީ، ނާދިޔާ އިން މީހާގެ ދަރިފެން ބޭނުންކޮށްގެނެއް ނޫނެވެ. އެއްމާބަނޑު 8 ކުދިން ވިހައިގެން ތާރީޚުގެ ތެރެއަށް އެންމެ ބޮޑު ދޮރޯށިން ވަނުމުގެ ނަސީބު ލިބުނެއްކަމަކު، ގިނަގުނަ މައްސަލަތައް ނާދިޔާއާ ކުރިމަތިވި އެވެ. އެއް މައްސަލައަކީ، 14 ކުދިން ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމެވެ. އަނެއް މައްސަލައަކީ، އޭނާއަކީ ކުށްވެރިއެއް ކަމަށް ބުނާ ބައެއް މީހުން، އޭނާ މަރާލާނެ ކަމުގެ އިންޒާރު ދިނުމެވެ. އެންމެފަހުން އޭނާވަނީ، ދިރިއުޅޭ ގެ ދޫކޮށް އެހެން ގެއަކަށް ގޮސް ފިލާފަ އެވެ.... ނާދިޔާއަކީ، ޔޫއެސްއޭގެ ތާރީޚުގައި، އެއްމާބަނޑު 8 ކުދިން ވިހޭ ދެވަނަ މަންމަ އެވެ. އޭނާ މަޝްހޫރުވެފައިވަނީ އަށްކުދިންގެ މަންމަ (Octomom) ގެ ނަމުންނެވެ. ނާދިޔާގެ އުފަން ތާރީޚަކީ، 11 ޖުލައި 1975 އެވެ. 26 ޖެނުއަރީ 2009 ގައި އޭނާ އެއްމާބަނޑު 8 ކުދިން ވިހޭއިރު، އޭނާގެ ޢުމުރަކީ، 33 އަހަރެވެ. މި ޢުމުރުގެ އަންހެނަކު އެއްމާބަނޑު ދެ ކުދިންނަށްވުރެ ގިނައިން ވިހެއުމަކީ ނުރައްކާތެރި ކަމެކެވެ. މިހެންވެ، އޭނާގެ ބަނޑުގައި 8 ކުދިން އަށަގެންނެވި ޑަކުޓަރާ ދެކޮޅަށް މައްސަލަ އުފުލުނެވެ. ނާދިޔާ 8 ކުދިން ވިހެއުމުގެ 8 ދުވަސްކުރިން، އޭނާވަނީ ކެމެރާގެ ކުރިމަތީގައި ހުއްޓިހުރެ އޭނާގެ ބަނޑު އެންމެނަށް ދައްކާފަ އެވެ. 8 ކުދިން އޭނާގެ ބަނޑުތެރޭގައި އެއްފަހަރާ ހެދިބޮޑުވަމުންދާ ކަމަށްޓަކައި އޭނާ ފަޚުރުވެރިވި އެވެ. އޭރު އޭނާގެ ބަނޑު ވަރަށް ބޮޑެވެ.... 8 ކުދިން ވިހޭ ފަހުން ވެސް އޭނާވަނީ ކެމެރާތަކަށް އޭނާގެ ބަނޑު ދައްކާފަ އެވެ. އޭރު އޭނާގެ ބަނޑު ވަނީ މުޅިން ހިނދިފަ އެވެ. ނާދިޔާ ސުލައިމާނުގެ 14 ކުދިންގެ ތެރޭން 3 ކުދިންނަކީ ނުކުޅެދޭ ކުދިންނެވެ. ޔޫއެސްއޭގެ ސަރުކާރުންނާއި، ހެޔޮއެދޭ ފަރާތްތަކުން އެކުދިން ބެލުމަށް ދީލަތި އެހީތައް ދެމުން ގެންދެ އެވެ. އެކަމަށްޓަކައި ނާދިޔާ އެންމެނަށް ޝުކުރުވެރިވެ އެވެ. |







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ