ބޮޑުބެރު ލަވައަކުން ކިޔަމުންދިޔަ މަރުހަބާއާއިއެކު އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ފިތިގެން އާޓިފިޝަލް ބީޗްގައި ހުރި އެމްޑީޕީގެ ސްޓޭޖަށް ވަޑައިގެން އެޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އަލީ ވަހީދު ދެއްކެވި ވާހަކަފުޅުގައި ފުރަތަމަ ވެސް ވިދާޅުވީ އޭނާ ޑީއާރުޕީ ދޫކުރައްވައި ވަޑައި ގަތީ އެޕާޓީއަކީ ވާރުތަ މުދަލަކަށް ވަމުންދާތީ ކަމަށެވެ
" ދިވެހި ރާއްޖެއަށް އަޅުގަނޑުމެން ބަދަލު ގެނައީ ވަކި އާއިލާއަކަށް ނިސްބަތްވީތީ ނުވަތަ ވަކި ނަސަބަކާ ހަސަބަކަށް ނިސްބަތްވީތީ މީހާ ކުރިއަރާކަށެއް ނޫން، އެމީހާގެ މަސައްކަތުން އެމީހާ ކުރިއަރަން، މިކަން ހަޖަމު ނުކުރެވިގެން ފާޑުފާޑުގެ ފެކްޝަނާ އެއްޗެހި ހަދައިގެން މިއަދު އަޅުގަނޑުމެންނަށް ފެންނަން އެބައޮތް އަޅުގަނޑުމެން ބުރަ މަސައްކަތް ކުރި ޕާޓީ އޮތް ހާލު، އެހެންވީމާ ވާރުތަ މުދަލަކަށް ވާތީވެ ދޫކޮށްލާފައި އަޅުގަނޑު ހުސްއަތާ މިނުކުތީ،" އަލީ ވަހީދު ވިދާޅުވި އެވެ
ޑީއާރްޕީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމުގައާއި ޑީއާރްޕީގެ އެކި ޕޯޑިއަމްތަކުގައި ޑީއާރްޕީގެ ޒައީމަށާއި އެ ޕާޓީގެ އާންމު މެމްބަރުންނަށް އެތައް އެތައް ތައުރީފެއް ކުރައްވާފައިވާ އަލީ ވަހީދު މިރޭ ޑީއާރްޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވިދާޅުވީ މިހާރު ބަހުގެ ހަމަލާއެއް ދެއްވަން ބޭނުން ފުޅު ނުވާ ކަމަށެވެ
ނަމަވެސް އަލީ ވަހީދު ވަނީ ޑީއާރްޕީން ކޮށްފައިވާ އެކި އެކި މަސައްކަތްތަކަށް ވަކިވަކިން ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޑޮލަރުގެ އަގު ބޮޑުކުރުމާއި ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ޒުވާނުން ކުރި މުޒާހަރާއަށް ޒުވާނުންގެ މުޒާހަރާގެ ނަން ދިނީ ޕާޓީގެ ނަން ފޭލް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ
" ޕާޓީގެ ނަން ފެއިލްވީމަ ޒުވާނުންގެ ނަން ޖެހީމަވެސް ހަމަ މުޒާހަރާއަށް ނުކުތިން، އެއީ ދިވެހި ރައްޔިތުންގެ ހައްގުގައި، އެހެން ނަމަވެސް މަޝްވަރާކުރަން ދާންވީމަ ވިޔަސް ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ގެންނެވި ބަދަލު ނޫން މޮޅުވާނެ ގޮތް ބުނަން ވީމަ، މިހާރު ކިޔާ އެއްޗަކީ އިތުރަށް މުޒާހަރާ ނުކޮށްފިއްޔާ ތިމަންނާ މެން ހައްޔަރުކޮށްފާނޭ،" ޒުވާނުންނާއި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރި މުޒާހަރާގެ މަގުސަދާއި މެދު ސުވާލު އުފައްދަވަމުން އަލީ ވިދާޅުވިއެވެ
ޖަލްސާއަށް ގޮސްތިބި އެމްޑީޕީގެ މީހުންނާއި ޖަމާވެފައިވާ އެތައް ހާސް އާއްމު މެމްބަރުންނަކާއި އެ ޕާޓީގެ އިސް ބޭފުޅުންގެ ތަރުހީބުގެ އަތްތިލަ ބަޑިތަކާއި ހަޅޭކުގެ އަޑަށް ވަގުތު ދެއްވަމުން އަލީ ވަހީދު ވާހަކަ ކުރިއަށް ގެންދެވި ކޮންމެ ޖުމްލައަކަށް އޯޑިއަންސް ދިޔައީ ތަރުހީބު ދެމުންނެވެ
ރައީސް ނަޝީދުގެ ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކަށް އިންޒާރު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ދެން ހުޅުވުމުން ޗާޓް އަލުން ކުރައްސަވާނެ ކަމަށެވެ
"ދެން ރައްޔިތުންގެ މަޖިލިސް ހުޅުވުނީމަ ޗާޓް ވެސް ކުރަހާނަން، އެ ޗާޓްގެ އެތެރެ ވެސް އިނގޭނެ، އެ ޗާޓްގެ މައްޗަށް އަރައި ދިވެހިރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކަށް ހުރަސްއަޅާ މީހުން އެއްކައިރިކޮށްފަ ވެސް މިސަރުކާރު ކުރިއަށް ގެންދާނަން،" އަލީ ވަހީދު ވިދާޅުވިއެވެ
އަލީ ވަހީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޗާޓްގެ ބޭރުން ބައެއް ކަންތައްތައް ކުރައްވާފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަން ޖެހިވަޑައިގަތީ ސަރުކާރު ދެމި އޮތުމަށްޓަކައި ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ
އަލީ ވަހީދުގެ ވާހަކައިގާ އޭނާ ދާދި ފަހުން ބައިވެރި ވެޑައިގެންނެވި މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ ގޮވުން ތަކުރާރު ކުރައްވަމުން ވިދާޅުވީ ތަކެތީގެ އަގު އުފުލެމުންދާ ކަމަށާއި ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް ދާ ކަމަކީ އެއީ އެންމެންވެސް ގަބޫކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ
އެހެން ނަމަވެސް އެކަން ހައްލުކުރާނެ އެއްވެސް ޕްލޭނެއް ނެތްކަމަށާއި އެފަދަ ޕްލޭނެއް ނެތި ހަމަ އެކަނި އަގު ތިރިކުރާށޭ ގޮވިޔަސް "ތިރިވާނީ ސޯޓް"ކަމަށް ވިދާޅުވެ، އަމިއްލަފުޅަށް ބައިވެރިވެ ވަޑައިގެން ނެވި މުޒާހަރާއަށް ވެސް އަލީ ފާޑު ވިދާޅުވި އެވެ
އަލީވަހީދުގެ ވާހަކަފުޅާ ގުޅިގެން މިރޭގެ ޖަލްސާގައި ތަކެތީގެ އަގު އުފުލޭ ކަމަށް ރައީސް ނަޝީދުވެސް ވަނީ ފުރަތަމަ ފަހަރަށް އެއްބަސް ވެވަޑައިގެންފަ އެވެ
އެމްޑީޕީއަށް އަލީ ވަހީދު ސޮއިކުރެއްވުމާ ގުޅިގެން ޖަލްސާގައި ބޮޑުބެރު ޖެހުމަށް ގެނެސްފައިވާ ގްރޫޕުން ކުޅުނީ ޑީއާރުޕީއަށް މަލާމާތް ރައްދުކުރާ ފަދަ ލަވައެކެވެ. އެގޮތުން، "ފަންރިޔަލުގައި މަހަށް ދުއްވާކަށެއް، އެންމެ ދުވަހަކު ވިޔަސް ނުފުރޭނެޔޭ..." މިލަވަ ކިޔަމުން ދިޔައިރު އެމްޑީޕީގެ އިސް ބޭފުޅުން އަލީ ވަހީދުއާ ކަރާ ކަރުޖައްސައި ސަލާމްކުރައްވަމުން ދިޔައެވެ
ޖަލްސާގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ކަމަށް ވިދާޅުވި ނަމަވެސް އަލީ ވަހީދު ސޮއިކުރެއްވުމުން އެމްޑީޕީއަށް ހަމަވީ 34 މަޖިލިސް މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ 39 މެމްބަރުންނެވެ އަލީ ވަހީދާއެކު އެކްޓިވިސްޓ އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އައްސަދު )އަޑުބަރޭ( އާއި އެޕާޓީގެ ކައުންސިލް މެންބަރު، ހަސަން ސުޖާވެސް ސޮއިކުރެއްވެވި އެވެ. ސުޖާ އެމްޑީޕިއާ ގުޅިވަޑައިގަތުމާއެކު އޭނާއަށް ވަނީ ސްޓޭޓް މިނިސްޓަރުކަންވެސް ދެއްވާފަ އެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ