• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ތެޔޮފެންލެވޭ ހިނދު މާބަނޑުން ތޮޅެމުން އެދާއިރު ހީވެޔޭ ހެޔޮކަމުގެ ތިލަފަތް ބަރުކުރާ ހެވަކަށް މިދަރިފުޅުވާނެޔޭ

Posted by faradays on Sunday, May 22, 2011 No comments

ހަތްދިހައިގެ އަހަރުތައް ގުނަމުން ދާ ފާރޫގް އޮތީ ގެޔާވަކިން ފަނުން ހަދާފައިވާ ޖިފްޓިގަޑެއްގައެވެ. ތަންމަތިފާރު އަޅާފައިވުމުގެ ސަބަބުން ގައިގެ އެތެން މިތަނުން ފާ ދޮސްތައް ފައިބަމުންދިޔައެވެ. ކުނަލެއްހާ މިންވަރުވެސް ނެތް ރޯނުފުރި އެނދުގެ ޖާޓްވަނީ ބުރަކަށީގައި ކުރެހިފައެވެ. އެ ކުޑަ ޖިފްޓިގަޑުގެ ތެރޭގައި ދުވާ ތަންމުޑުވަހުން ނޯ ދަމާލަންވެސް ނުކެރެއެވެ. ޓީބީގެ ނުރައްކާތެރި ބަލީގެ ސަބަބުން އިރުއިރުކޮޅާ ކެއްސާލައެވެ. ޓީބީގެ ވޭނަށްވުރެ ހިތުގައި އަޅަމުންދިޔަ ވޭން މާ ބޮޑެވެ. ފަސްދަރިން ތިބި އިރުވެސް މުސްކުޅިވި ދުވަހު ވަނީ އަޅާލާނެ މީހަކު ނެތި ނިކަމެތިވެފައެވެ.


މީގެ ބާވީސް އަހަރު ކުރިން އެންމެ ހަގު ޖައުފަރު ވިހެއުމުގެ ތެރޭގައި އަބިމީހާ ހައްވަ މަރުވުމާ އެކު ކުދިން ބެލުމުގެ ބުރަ މައްސޫލިއްޔަތު އެޅުނީ ފާރޫގުގެ ބޮލުގައެވެ. ދަރިންނަށް ދޮންމަންމައަކު ހޯދައި ދޭން ބޭނުން ނުވީ އެ ދަރިންނާމެދު އަޅާލުންކުޑަވެ އެހެން މީހެއްގެ ފަރާތުން އެދަރިންނަށް ގެއްލުމެއް ލިބިދާނެތިއެވެ. ދިހަ އަހަރުން ދަށުގެ ފަސްކުދިން ބަލަމުންދިޔައީ އެއްވެސް ބުރަކަމެއް ޝަކުވާއެއް ނެތިއެވެ. ދަރިންނަށް ރަގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ހޯދައި ދިނުމަށްޓަކައި ހޭބޯނާރާ މަސައްކަތް ކުރަމުންދިޔައެވެ. ވަރުބަލިކަމެއްނެތި އެކުދިންނަށް ހިދުމަތް ކުރުންމަތީ ދެމިހުއްޓެވެ.

މާޒިގެ ކަޅު އަދިރި ދުވަސްތައް ފަސްދީގޮސް ދަރިން ބޮޑެތިވެއްޖެއެވެ. ފާރޫގުގެ ގައިގެ ބާރުދޫވެ މުސްކުޅިވެއްޖެއެވެ.ނަމަވެސް އޭނާ ހުރީ އުފަލުންނެވެ. މަޔަކާ ނުލާ ދަރިންނަށް ރަގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދެވުނީމައެވެ. އެންމެ ދޮށީ ތިންބެއިންނަށް ސަރުކާރުގެ މަތީ ވަޒީފާތައް ލިބި އަމިއްލަ ދިރިއުޅުމެއް ފަށައިފިއެވެ. ފާރުގު ދެކުނުގޮތުގައި މި އޮތްފަދަ ތައުލީމީ ޒަމާނުގައި އަންހެން ކުދިންވެސް ކިޔެވުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ކުރަން ޖެހޭނެއެވެ. އެހެންކަމުން ހުރި ހަމައެކަނި އަންހެންދަރިފުޅު ޑޮކްޓަރުކަން ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ. ދަކެ ފަރިތަ ގިނަ ރައްޓެހިންތައް ތިބެ ފާރޫގު އަކީ ރަށުމީހުން ގަދަރު ކުރާ މީހަކަށް ވުމުގެ ނަތީޖާ އަކީއެންމެ ހަގު ޖައުފަރަށް ރަށު ކައުންސިލަރުކަން ލިބުމެވެ. އެ ފަދަ ކާމިޔާބީއެއް ފާރޫގުގެ ހިތްވަރާ މިންނަތުން އޭނަގެ ދަރިއަކަށް ލިބުމުން އޭނަވަނީ ހިތްހަމަޖެހިފައެވެ.

އުމުރުގެ ފަހުދުވަސްތައް ގުނަމުންދާ ފާރޫގު ބާކީވީ ފާރޫގަށް ދެން ދަރިންނަށް ކޮށްދެވޭނޭ އެއްވެސް ކަމެއް ނެތުމުންނެވެ. ކެޔޮގަނޑު ކަނޑާލީމައި ގަހުގެ ބޭނުމެއް ނެތްފަދައިން މި އަދު އެދަރިންނަށް ފާރޫގުގެ ބޭނުމެއް ނެތެވެ. މުސްކުޅި ބަލީގެ ވޭނުގައި އުޅެމުން ދިޔަ ފާރޫގު ބަލާނޭ ދަރިއަކު ނެތެވެ. ކޮންމެ ދަރިޔަކުވެސް ފާރޫގު ބަލަންޖެހުމުން އުދަގޫވެފައިވާ ކަހަލައެވެ. އެންމެފަހުން ބަލާނެ މީހަކުނެތުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މިހުން ބަލާ މަރުކަޒަށް ފޮނުވާލަން ނިންމިއެވެ. ކާކުގެ ނަސިބެއް ކަމެއް ނެގެއެވެ. ހަމަ އެދުވަސްކޮޅު 65 އަހަރު ވީ މީހުންނަށް އިނާޔަތް ލިބޭނެ ވާހަކަ ދެކެވެން ފާށައިފިއެވެ. ކޮންމެ ކުއްޖަކުވެސް ބެނުންވީ ފާރޫގު އެ ކުއްޖެއްގެ ގޭގައި ބަހައްޓާށެވެ. ފާރުގު ދެކެ ލޯބިވާތީ އެއް ނޫނެވެ. ފައިސާގެ ބޭނުމުގައެވެ. ނަމަވެސް އެ ނަސީބު ލިބުނީ ޖައުފަރަށެވެ. ފާރުގުއަށް ހާއްސަ ކޮޓަރިއެއް ދީ ފާރުގުގެ ހިދުމަތުގައި ބަންގްލަދޭޝް މީހަކު ބެހެއްޓިއެވެ. އެކަމުގެ އުޖޫރައެއްގެ ގޮތުން ކޮންމެ މަހަކު ފާރުގަށް ލިބޭ ދެހާސް ރުފިޔާ ދޭން ޖެހެނީ ޖައުފަރަށެވެ. ކިހާ އިންސާފުވެރި ހެއްޔެވެ؟ ނުކުޅެދޭ ތުއްތު ތުއްތު ކުއްޖެއްގެ ގޮތުގައި ހުރި ދުވަހުން ފެށިގެން އުމުރުން އެކާވީސް އަހަރުވަންދެން ބަލާ ބޮޑުކޮށް ތައުލީމު ދިނުމުގެ އުޖޫރައެއް ނެތީ ހެއްޔެވެ. ބޭރު މީހާއަށްވެސް ފާރޫގު ބެލުން ބުރައަކަށެވެ. އަމިއްލަ ދަރިން ހިތުހުރި ގޮތަކަށް ކަންތައް ކުރިއިރު އެއްވެސް ގުޅުމެއް ނެތް ބޭރުމީހަކު ވަކި އަޅާލާނެ ހެއްޔެވެ؟ ޖައުފަރުގެ އަންހެނުންނަށް ފާރޫގުގެ ކެއްސުމުގެ އަޑާ ހަޅޭކުގެ އަޑުވީ ބަރުދާސްތު ކުރަން ދަތި ކަމަކަށެވެ. އެންމެ ފަހުން ގެއިން ދުރުގާ ވަކިން ތަނެއް ހަދާ އެތާގައި ފާރޫގު ބޭއްވީ ގެއިން ނެރެލައިގެން ފަރުޖެހެން ނެތުމުންނެވެ. ހިގާ ހަރަދު ބޮޑުކަމުން ބޭރުމިހާ ފޮނުވާލީވެސް އޭނައަށް ލާރި ދޭންޖެހޭތީއެވެ.


ފާރުގު ވޭނުން ފުރިފައިވި ގޮތަކަށް ކުކުރަމުންދިޔައެވެ. ފެންފޮދެއް ދިނުމަށް އެދި އާދޭސް ކުރަމުންދިޔައެވެ. ނަމަވެސް އެ އަޑު އިވޭނީ ކާކަށް ހެއްޔެވެ؟ ދެ ލޮލުން އެއްވެސް ހިފަހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެންމެ ފަހުން ވަރުބަލިވެގެން ހުއްޓާލުމަށްފަހު މަޑުމަޑުން ލޯ މަރާލިއެވެ. އެ ވަގުތު އެ މޫނުމައްޗަށް ވަނި ފަޑުހިނިތުންވުމެއް ވެރިވެފައެވެ.


ރާއްޖެއިން ބޭރުގައި ކިޔަވަން ހުރި މާލާ ކިޔެވުން ނިންމާލުމަށްފަހު ރަށަށް އައީ ފޮނި އުއްމީދުތަކަކާ އެކުގައެވެ. ފުރަތަމަވެސް ބައްޕަ ފާރޫގާ ބައްދަލުކުރުމަށްޓަކައި ދިޔައީ ޖައުފަރުގެ ގެ އަށެވެ. "ބައްޕަ ކޮބާ؟" މާލާ ސުވާލުކޮށްލީ ޖައުފަރާއެވެ. ޖައުފަރު އިނީ ބުނާނެއެއްޗެއް ނޭގިފައެވެ. މާލާ ގުޅާ ކޮންމެފަހަރަކު ފާރޫގުގެ ހާލު އެހުމުން ހާލު ރަގަޅޭ ބުނާ ޖައްފަރު އިނީ ލަދުގަނެފައެވެ. މާލާ ކުރިމަތީ ހަދާފައިވާ ދޮގުތައް ބެޒާރުވެދާނޭތީއެވެ. އެވަގުތު އަނެއް ތިންބެއިންވެސް އެތާ ތިބުމާ އެކު މާލާ ފަހަރަކު މީހެއްގެ މޫނަށް ވަކި ވަކިން ބަލާލިއެވެ.އެކަކުވެސް ޖަވާބެއް ނުދިނެވެ. "އެ އޮތްތާ ގަ ކަލޭގެ ބައްޕަ އޮންނާނެ. މި ގޭތެރޭގައި އޮވެގެން ކެއްސާވަރުން އަހަރެމެންނަށް ނުނިދިގެން އެތާ ބޭއްވީ." ޖައުފަރުގެ އަންހެނުން ބުނެލިއެވެ. މަލާ ގެއާ ވަކިން ހުރި ކުޑަ ގެއަށް ވަންއިރު ނިދާފައި އޮތް ފާރުގު ފެނުމުން ހައިރާން ވިއެވެ. އެ ބިޔަ ހަށިގަނޑުގެ ވެރި ފާރޫގުވަނީ ހިކި އަނަރޫފަ ވެފައެވެ. މާލާ ނޭފަތުގައި އަތް އަޅާ ލުމަށްފަހު ފާރޫގުގެ ކައިރީ މަޑުކޮށްލިއެވެ. ދެ ފަހަރަކު ފާރުގަށް ގޮވާލުމުންވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. މަޑުމަޑުން ފާރޫގުގެ އަތުގައި ހިފާލިއެވެ. މަރުވެ ހަރުވެފައިވާ ފާރުގުގެ އަތުން ދޫކޮށްލުމަށް ފަހު ބާރަށް ރޮއިގަތެވެ.


ފާރޫގުގެ ކަށުކަމާ ކެމީގެ ކަންތައް ކުރިޔަށް ދިޔައީ ފާރޫގު އާއި ހައްވަގެ ލޯބީގެ ބިންގާ އެޅުނު މުސްކުޅި ގޭގައެވެ. މާލާ މަޑުމަޑު އާހަކާ އެކު ރޮމުން ދިޔައެވެ. އެ ވަގުތު ގެއަށް ވަދެގެން އައި ހަތަރު ބެއިން ފެނުމުން މާލާ ރުޅިވެރިކަމާ އެކު ހަޅޭއްލަވައިގަތެވެ. "ހަބަރު ދާރު. މިގެއަށް ނުވަންނާތި. ކަލޭމެން ތީ އަހަރެންގެ ބައްޕަގެ ގާތިލުން. އެ ބައްޕަ ކަލޭމެންނަށްޓަކައި އެ ބައްޕަގެ ޒުވާން ދުވަސްވަރު ދުއްވާލީ. ކަލޭމެންގެ އުފަލަށްޓަކައި އެ ބައްޕަގެ އުފާތައް ގުރުބާންކޮށްލީ. އުމުރުގެ އެންމެ ޒުވާން ދުވަސްވަރު ލޯބިން މަހުރޫމުވީ ކަލޭމެންގެ ހައްގުގައި. އެންމެ ތުއްތު އިރުއްސުރެ އަތުގައި ހިފައިގެން ހިގަން ދަސްކޮށްދީ މުޖުތަމައަށް ބޭނުން ހިފޭ ބަޔަކަށް ހެދީ ހާދަ ބުރަ މަސައްކަތަކުންނޭ. އެކަމަކު އެ ބައްޕަ މުސްކުޅިވެ ގައި ބާރުނެތް ދުވަހު އެ ބައްޕަ ބަލާނެ މީހަކު ނުވި. ކަލޭމެން ކުޑައިރު ކަލެމެންނަށް ދޮންމަންމައަކު ހޯދާ ނުދިނީ ކަލޭމެންގެ ކަންތައް ކުރަންވުމުން އޭނައަށް ބުރައަކަށްވެ ކަލޭމެންނަށް އަނިޔާއެއް ކޮށްފާނެތީ. އެކަމަކު ކަލޭމެން އެ މުސްކުޅި ބައްޕަ ބަލަން ބޭރުމީހަކު ގެނެސް އެ ބައްޕައަށް އެތެއް އަނިޔާއެއް ވަނީ ކޮށްފަ. ކަލޭމެންތީ އިންސާނުންތަ؟ އަރާމުތަންމަތިގައި ނިދާފައި ތިބެ އިރު އެ ބައްޕަގެ ހާލާމެދު ވިސްނާލިންތަ. ހުސް ރޯނުގަޑެއްގެ މަތީގައި އޮންނަ އެ މުސްކުޅި ބައްޕަގެ ގައިގައި އަޅާނޭ ވެން އިހްސާސް ކުރެވޭތަ.. ނުކުރެވެނެ.. ކލޭމެންނަށް ތި ތިބީ ކަލޭމެން ފެނިފަ. އަހަރެން ދުވަހަކުވެސް ކަލޭމެންނަށް މަޢާފެއް ނުކުރާނަން. ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ބައެއް ނޫން. މިއަދު މިތަނަށް ތިއައީ އެ މުސްކުޅި ބައްޕަ މަރުވުމުން ވާރުތަވާ މުދާކޮޅު ހޯދަންކަން ނޭގޭ. އެންމެ ދެހާސްރުފިޔާގެ ދަހިވެތިކަމުގައި އަމިއްލަ ބައްޕައަށް ތިހެން ކަންތައްކުރި ބަޔަކު އެ ބައްޕަ މަރުވުމުން އެ ބައްޕަގެ ހަށިގަނޑު ވަޅުނުލާ ބާއްވާކަށްވެސް ފަހެއް ނުޖެހޭނެ. ދެން އެ ބައްޕަ ކަލޭމެންނަށް އުދަގޫ ކުރާކަށް ނާންނާނެ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ބައްޕަގެ މޫނުވެސް ދައްކާކަށް. ހަމަ މިހާރު ނިކުމޭ. ތިކަހަލަ މީހުންނަށް ކިތެންމެ ތައުލީމެއް ލިބުނަސް ތި ޖާހިލް ކަމެއް ފިލާނުދާނެ.. ނިކުމޭ.." މާލާގެ ވާހަކަ އިވުމުން ކުށްވެރިންތަކެއް ފަދައިން އިސަޖަހާލިއެވެ. މިއަދު އެ ބައްޕަ ކޮށްދިން ބުރަ މަސައްކަތް ހިތަށް އެރުމުން އެ ބައްޕަގެ ކިބައިން މާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް ފާރޫގު ދެން ދުވަހަކުވެސް އެބުރި އައުމެއް ނެތް ދުނިޔެއަށް ހިގައްޖެއެވެ... މުޅި އުމުރު ދުއްވާލީ ދަރިންނަށްޓަކައި ދަރިންގެ ހިދުމަތުގައެވެ.. އެންމެ ފަހުން ދަރިންނަށް އުދަގޫ ނުކުރަންވެގެން މި ދުނިޔެ އަޅާ ދިޔައީވެސް އުފަލުންނެވެ.... (ނިމުނީ)

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments