ހ. ޑެންގޫ ހުން ފެތުރެނީ ކިހިނެތް؟
މިބަލި ފެތުރެނީ ބަލިފަތުރާ ޖަރާސީމު އުފުލާ މަދިރި އީޑިސް އީޖިޕްޓި މީހުން ގައިގާ ހެފުމުންނެވެ. މިމަދިރިއަކީ ހުދު ރޮގުތަކެއް ހުންނަ މަދިރިއެކެވެ. މަދިރިއަށް ޖަރާސީމު ލިބެނީ ބަލިޖެހިފައިވާ މީހެއްގެ ގައިގާ ހެފުމުންނެވެ. ބަލީގެ އަސަރު ފެންނަން ފަށަނީ މަދިރި ހަފާތާ 7-5 ދުވަސް ފަހުންނެވެ.
ޖަރާސީމު އުފުލާ މަދިރި އާއި އެހެން މަދިރި ބެރުފުށުން އެނގޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން މަދިރި ފެހުމުން އެންމެން ރައްކާތެރިވުން ބުއްދިވެރިއެވެ.
ށ. އެމަދިރި އުޅެނީ ކޮންތާކު؟
އެމަދިރި އުޅެނީ ގޭތެރޭގައެވެ. ކަބަޑުތަކާއި އަދިރި ތަންތަނުގައެވެ. ބޭރުގައި އޭތި އުޅެނީ ހިޔާދޭ ފިނިތަންތަނުގައެވެ. އަންހެން މަދިރި ބިސް އަޅަނީ ގޭތެރޭގައި ހުންނަ ސާފު ފެން އަޅާފައި ހާމައަށް ހުންނަ އެއްޗެއްސަށެވެ. މިބިހުން މަދިރި ވިހާ ބޮޑުވާން ނަގަނީ 10 ދުވަހެވެ.
ނ. މަދިރި ބިސްއަޅަނީ ކޮންތަންތަނެއްގައި؟
މި މަދިރި ބިސްއަޅާ އާލާވަނީ ހަމައެކަނި ހަނޑި ފެންގަނޑުތަކުގައެއް ނޫނެވެ. ސާފު ފެނުގައިވެސް މި މަދިރި ބިސްއަޅާ އާލާވެއެވެ.
ރ. ޑެންގޫ ހުމަށް ދޭ ފަރުވާއަކީ ކޮބާ؟
ޑެންގީ ހުމަކީ ވަކި ޚާއްސަ ފަރުވާއެއް އެކަމަށްނެތް ބައްޔަކަށްވާތީ ޑޮކްޓަރުން ގެ އިރުޝާދު ބިނާވެފައި އޮންނަނީ ހުންއައުމާއި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑުން ބޭރުވާ ފެން ހިފެހެއްޓުމަށްޓަކައި ގިނަގިނައިން ދިޔާއެއްޗިހި ބުއިމާ ހުން މަޑުކުރުމަށް ބޭސް ކެއުމެވެ. އަދި ހަށިގަނޑުގެ ފިނި ހޫނުމިން ބަލަމުން ގެންދިއުމެވެ.
ޑެންގޫއިން ރައްކާތެރިވާނީ ކިހިނެއް؟
މިބަލިން ރައްކާތެރިވުމަށް މަދިރިއަށް ކޮންޓުރޯލުކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ. އަދި މަދިރި ބިސްއަޅާ އާލާވާފަދަ ތަންތަން ނައްތާލުމަށް ސަމާލުކަން ދޭންޖެހެއެވެ. ބަލިފެތުރޭ ދުވަސްވަރުގަޔާއި ވާރޭވެހޭ ދުވަސްވަރާއި ވާރޭވެހިފައި ހުއްޓާލުމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރާނީ ކޮންކަމެއް؟
ޑެންގޫގެ ޖަރާސީމު އުފުލާ މަދިރި ހަފާނީ ދުވާލުގެ ވަގުތުތަކުގައެވެ. އެހެން ކަމުން ކުރެވޭނެ ކަންތައްތަކަކީ
ހ. އަތްފައި ފޮރުވުމުގެ ގޮތުން އަތްދިގު އަދި ފައިކުރި ދިގު އަންނައުނު ލުން.
ށ. ކުޑަކުދިންނަށާއި ދުވަސްވީމީހުންނަށް މަދިރި ދުރުކޮށްދޭ ލޯޝަންތަކާއި ކުރީމު އުގުޅުން
ރ. ދުވާލުގެ ވަގުތުތަކުގައި މަދިރި ދުންދަޑި، މަދިރި ބޭސް ނުވަތަ މަދިރި އާވި ބޭނުންކުރުން.
ބ. ކުޑަކުދިންނާއި ދުވަސްވީ މީހުން ދުވާލު ވަގުތުތަކުގައި އަރާމުކުރާއިރު މަދިރި ދާ ބޭނުންކުރުން. މަދިރި ދާ ބޮޑަށް ރަނގަޅީ )ޕާމެތްރިން( ބޭސް އުގުޅައިގެން ބޭނުންކުރުމުންނެވެ. އަދި ގޭތެރޭގައި ހުންނަ ދޮރުފޮތިތަކުގައި އެބޭސް ބޭނުންކުރެވިދާނެއެވެ.
ޅ. ބަލިޖެހިފައިވާ މީހުންގެ ކިބައިން އެހެން މީހުން ރައްކާތެރިކުރުން. ބަލިފެތުރެނީ ބަލިޖެހިފައިވާ މީހާގެ ގައިން މަދިރި ހަފައިގެން ގޮސް އެހެން މީހުންގެ ގައިގާ ހެފުމުން ކަމަށްވާތީ ބަލިޖެހިފައިވާ މީހާގައިގާ މަދިރި ހެފިޔަ ނުދީ ވޭތޯ ބަލަންޖެހޭނެއެވެ. އެގޮތުން ބަލިމީހާ އޮންނަތަނުގައި މަދިރި އާވި ނުވަތަ މަދިރި ދުންދަޑި ބޭނުންކުރަންވާނެއެވެ. ނުވަތަ ބަލިމީހާ އޮންނަ އެނދު ވަށައިގެން މަދިރި ދާޖެހިދާނެއެވެ.
މަދިރި އާލާވެ ގިނަވިޔަ ނުދިނުމަށް ހަދާނީ ކިހިނެއް؟
- ތަކެތީގައި ހަރުލާފައި ހުންނަ ފެން ހުސްކުރުމާއި ފެން ހަރުނުލާނެ ގޮތަކަށް އެތަކެތި ބެހެއްޓުން.
- ބޭނުން ނުކުރާ ފެން އެއްޗެތީގައި ނުބެހެއްޓުން ނުވަތަ ފެންއަޅާތަކެތީގައި މަތިޖަހާފައި ބެހެއްޓުން.
ކޮންމެހެން އެގެން ޖެހޭ ކަންތައްތައް
- ޑެންގޫއަކީ ވައިރަހުގެ ސަބަބުން މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބައްޔެކެވެ.
- ޑެންގޫގެ ދެވައްތަރެއް އުޅެއެވެ. އެއީ ޑެންގޫ ހުމާއި ލޭފައިބާ ޑެންގޫ ހުމެވެ.
- ޑެންގޫއަކީ ބޮޑެތި ކުދިންނަށާއި ބޮޑެތިމީހުންނަށް ޖެހޭ ރޯގާއެކެވެ. އަދި އެމީހުންނަށް މަރުވުމުގެ ފުރުސަތު ހަންޏެވެ. ނަމަވެސް، މިބަލިން އެންމެ ބޮޑުވަރުވަނީ ކުޑަކުދިންނަށާއި ދުވަސްވީ މީހުންނަށެވެ. އަދި ގިނަ އަދަދަށް ކުޑަކުދިންނާއި ދުވަސްވީ މީހުން މަރުވާ ބައްޔަކަށް މިބަލިވެއެވެ.
- ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ޑޮކުޓަރަށް ދައްކަންވާނެއެވެ. ލޭފައިބާ ޑެންގޫ ހުމަކީ ވަރަށް ނުރައްކާތެރި ބައްޔެއްކަމުން ކުރީބައިގައި އެބަލި ދެނެގަތުމާއި ފަރުވާކުރަން ފެށުމުން ފުރާނަ ސަލާމަތްކުރެވޭނެއެވެ. ފަރުވާކުރުމުގައި ލަސްވެއްޖެނަމަ، ބަލިމީހާ ޝޮކު ސްޓޭޖަށް ގޮސް މީހާ މަރުވެދާނެއެވެ.
- ކަޅުކޮށް ބޮޑުކަމު ދެވި ވަރަށް ބޮޑަށް ބަޑުގައި ރިއްސައި، ހަމަށް ލޭއަރާ، ހިރުގަޑާއި ނޭފަތުން ލޭއައިސް، ދާހިތްލައި، ހަންގަނޑު ފިނިވުމަކީ މިބަލި ނުރައްކާތެރި މަރުހަލާއަކަށް ހިގައްޖެނަމަ އަލާމާތްތަކެވެ. މިފަދަ މީހަކު ފެނިއްޖެނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ގެންދަންވާނެއެވެ. އަދި ގެންދާ މަގުމަތީގައި ގިނަގިނައިން ދިޔާތަކެތި ދޭންވާނެއެވެ.
- ބަލިމީހާއަށް ސިއްހަތަށް ރަނގަޅު ފައިދާހުރި ކާނާ ދިޔުމާއި ގިނަގިނައިން ދިޔާތަކެތި ދޭންވާނެއެވެ.
- ޑެންގޫގެ ޖަރާސީމު އުފުލާ މަދިރި ހަފާނީ ދުވާލުގެ ވަގުތުތަކުގައެވެ.
- މަދިރި ދާޖަހައި ނުވަތަ މަދިރި ނުވަދެވޭނެ ގޮތަށް ހަދާފައިވާ ތަނެއްގައި
ބަލި މީހާ ބޭއްވަންވާނެއެވެ.
- ކޮޓަރި ތެރޭގައި މަދިރި އުޅޭތޯ ބެލުމާއި މަދިރީ ދާ ބޭނުންކުރުމާއި މަދިރި ލޯޝަން ބޭނުންކުރަންވާނެއެވެ.
- ނާށިބުރި، ދަޅު، ފުޅިބުރި ފަދަ ތަކެތީގައި ހުންނަ ފެން ހުސްކުރުމާއި ފެން ހަރުނުލާނެ ގޮތަކަށް ބެހެއްޓުން. އަދި ފެން ހުންނަތަކެތީގައި ރަނގަޅަށް މަތި ޖަހައި މަދިރި ނުވަންނާނެ ގޮތެއް ހަދަންވާނެއެވެ.
ނޯޓު: ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގޫ ހުމުގެ ބިރުވެރިކަން ފެތުރި، އެބަލި ޖެހުމުގެ އެންމެ ނާޒުކު ބަޔެއްކަމުގައިވާ ކުޑަކުދިން މަރުވަމުން ދިޔުމާ ގުޅިގެން، އެކަމާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި ލިޔުން ލިޔެ ޕަބްލިސް ކުރަމެވެ. އަދި މިމައުލޫމާތު ވީހާވެސް ގިނަ ދިވެހި އާއިލާތަކަށް ފޯރުކޮށްދިނުމަށް ސާމަރާލައިވް ޓީމުން ކިޔުންތެރިންގެ ކިބައިން އެދެމެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ