• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ތިބާގެ އަގު ވަޒަންނުކުރާ މީހަކަށް ތިބާގެ ހިތް ނުދޭށެވެ

Posted by faradays on Wednesday, July 20, 2011 No comments

 

ތިބާ ހޯދާއިރު، ތިބާގެ ހިތް ނުފެނިއްޖެނަމަ،
ތިބާ ހޯދާއިރު، ތިބާގެ ޝުޢޫރުތައް ނުފެނިއްޖެނަމަ،
ތިބާ ހޯދާއިރު، ތިބާގެ ހުވަފެންތައް ނުފެނިއްޖެނަމަ،
އެތަކެތި ވަގަށްނެގީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާ ބަލަހައްޓައިގެން ހުއްޓައި، ތިބާގެ އިޙުސާސްތައް މަރުވެއްޖެނަމަ،
ތިބާ ބަލަހައްޓައިގެން ހުއްޓައި، ތިބާގެ އުންމީދުތައް ވަޅުލެވިއްޖެނަމަ،
ތިބާ ބަލަހައްޓައިގެން ހުއްޓައި، ތިބާގެ ފުރާނަ ހަށިގަނޑާ ވަކިވެއްޖެނަމަ،
އެކަންކުރި ޤާތިލަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާ އަރުވާލަން ޙުކުމްކޮށްފިނަމަ،
ތިބާ ދަންޖައްސަން ނިޔާކަނޑައަޅައިފިނަމަ،
ތިބާ ދިރިހުއްޓައި ވަޅުލަން އަމުރުކޮށްފިނަމަ،
އެކަންކުރި ފަނޑިޔާރަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާގެ އަގުވައްޓާލަން އަޑުތައް އަރުވައިފިނަމަ،
ތިބާގެ ބޮލުގައި އެތައް ބަދުނާމެއް އަޅުވައިފިނަމަ،
ތިބާ ނުހިންގާ ޖަރީމާތަކެއް ތިބާއާ މަތިކޮށްފިނަމަ،
އެކަންކުރި ޒާލިމަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާ ކުރި އިތުބާރު ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ،
ތިބާގެ ފުރަގަހުން އައިސް މައިބަދައަށް ވަޅިހަރައިފިނަމަ،
ތިބާ ކުރި ހުރިހައި އިތުބާރެއްގައި ކޮޅުފައިން ޖަހައިފިނަމަ،
އެކަންކުރި ޚާއިނަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާގެ މަޢުނަވިއްޔާތު ފުނޑުފުނޑުކޮށްފިނަމަ،
ތިބާގެ ފިނިފެންމާ ތަނޑުން ލުހެލައިފިނަމަ،
ތިބާގެ ޢުމުރުގެ ބަގީޗާތައް ޚަރާބުކޮށްފިނަމަ،
އެކަންކުރި މުދައްމިރަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާގެ ކަރަށް، ހިތާމައިގެ ތިއްކަކަށްފަހު ތިއްކެއް އަޅައިފިނަމަ،
ތިބާގެ ޙަޔާތުން، ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ވަގަށްނަގައިފިނަމަ،
ތިބާގެ އުންމީދުތައް، ގަނޑަކަށްފަހު ގަނޑެއް ވީދައި ކުދިކުދިކޮށްފިނަމަ،
އެކަންކުރި އަނިޔާވެރިޔަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާއަށް ލޯބި ދަސްކޮށްދިނުމަށްފަހު، ނަފުރަތު ދަސްކޮށްދީފިނަމަ،
ތިބާއަށް އޯގާވެރިކަން ދަސްކޮށްދިނުމަށްފަހު، ހަރުކަށިކަން ދަސްކޮށްދީފިނަމަ،
ތިބާއަށް ވަފާތެރިކަން ދަސްކޮށްދިނުމަށްފަހު، ޣަދަރުވެރިކަން ދަސްކޮށްދީފިނަމަ،
އެކަންކުރި އެދުރަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާއަކީ، އަނެކުން ހަފާ ޗުއިންގަމު ކިރުގަނޑަކަށް ހަދައިފިނަމަ،
ތިބާއަކީ، އެމީހުންގެ އަނގައިގައިވާ ސުވަޔަކަށް ހަދައިފިނަމަ،
ތިބާއަކީ، އެމީހުންގެ ދޫތަކުން ނަގުލުކުރާ ނެތިމޮށުމަކަށް ހަދައިފިނަމަ،
އެކަންކުރި މީހަކީ، ތިބާގެ އެންމެ ގާތްމީހާކަން އެނގުނަސް ...
ހައިރާންނުވާށެވެ!

ތިބާއަށް ކިތަންމެ ގިނަ ގެއްލުންތަކެއް ދިނަސް،
ތިބާގެ އަތުން ކިތަންމެ ގިނަ އެއްޗެއް ހަލާކުރިޔަސް،
ތިބާއަށް ކިތަންމެ ގިނަ ކަންތަކެއް އެނގުނަސް،
ހައިރާންވެ އަންތަރީސް ނުވާށެވެ!

ތިބާއަށް މިންވަރުކުރެއްވިފައިވަނީ އެއާއެކު ދިރިއުޅުމަށެވެ!
ތިބާގެ ހިތަށްވެސް ނާރާ ކިތަންމެ ކަމެއް އަދި ހިނގާނެ އެވެ!
އެ ހުރިހައި ކަމަކަށް މިދުނިޔޭގެ މަސްރަޙު ތަނަވަސްވެގެން ވެ އެވެ!

އެހެންވީމާ، ތިބާގެ އަގު ވަޒަންނުކުރާ މީހަކަށް ތިބާގެ ހިތް ނުދޭށެވެ!

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments