އަންހެންކުއްޖާ މިހާހިސާބަށް ހުވަފެން ކިޔާދިނުމުން، ޝައިޚު ޙަމްދީ ވިދާޅުވީ، "އަވަހަށް ޤަބުރުސްތާނަށް ގޮސް މަންމަ ނަގާށެވެ!" ދެން އެއާއިލާ މީހުން ގޮސް ބެލިއިރު، އެކުދިންގެ މަންމަ ކަށްވަޅުގައި އޮތީ މަރުނުވެ އެވެ. އޭނާ ނޭވާލަ އެވެ. ނަމަވެސް އޭނާ އޮތީ ވަރަށް ބޮޑަށް ވަރުދެރަވެފަ އެވެ. ދެން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވުނެވެ. އެއަށްފަހު، އޭނާ ފުރިހަމަ ޞިއްޙަތެއްގައި، ރީތިކޮށް ދިރިއުޅެމުން ގެންދިޔަ އެވެ.
ބައެއް ފަހަރު، މީހަކު މަރުވެއްޖެ ކަމަށް ހިތައި، ހިނަވާ ކަފުންކޮށްފައި ވަޅުލާއިރު، އޭނާ މަރެއް ނުވެ އެވެ. ޢަރަބި ދުނިޔޭގައި ހިނގި އެފަދަ އެންމެ މަޝްހޫރު ހާދިސާއަކީ، ޞަލާޙު ޤާބީލު ވަޅުލި ހާދިސާ އެވެ. އޭނާއަކީ މަޝްހޫރު ފަންނާނެކެވެ. އެހެން މީހަކު ވަޅުލަންވެގެން މަޤުބަރާގެ ދޮރުހުޅުވިއިރު، އޭނާ ހުރީ ދޮރުކައިރީގައި މަރުވެފަ އެވެ. މިއިން އެނގުނު އެއްޗަކީ، އޭނާ މަރުނުވަނީސް ވަޅުލެވުނު ކަމެވެ. އޭނާ ހޭއެރީ ކަށްވަޅުގައި އޮއްވަ އެވެ. އޭނާ މަރުވީ، ހޭއަރައިގެން އައިސް ދޮރުހުޅުވަން މަސައްކަތްކުރަނިކޮށް ނޭވާ ހާސްވެގެންނެވެ.
މަރުނުވަނީސް ވަޅުލުމުގެ ހާދިސާތައް ދިވެހިރާއްޖޭގައި ވެސް ހިނގާފައިވެ އެވެ. އެފަދަ ހާދިސާއެއް މީހަކު ކިޔާދިނެވެ. އެއީ މީގެ ފަންސާހަކަށް އަހަރު ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އެހާދިސާގައި މަރުވަނީ ސާދަ ފަނަރަ އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ހިނަވާ ކަފުންކޮށްފައި ވަނިކޮށް، މޫނު ބަލަން ދިޔަ މީހުންގެ ތެރޭގައި ޙަކީމީބޭހަށް މޮޅު ބޭކަލަކު ހިމެނިވަޑައިގެންނެވި އެވެ. އެ ބޭކަލަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި މަޝްހޫރު ކުދެރަނިޔަގެ ބެއްޔާ އެވެ. ބެއްޔާ އެކުއްޖާގެ މޫނަށް ބައްލަވާފައި ވިދާޅުވި އެވެ. "މިކުއްޖާ އަދި މަރެއް ނުވެ އެވެ." ދެން އެކުއްޖާއަށް ހަދަންވީ ގޮތް ބެއްޔާ ވިދާޅުވެދެއްވި އެވެ.
ބެއްޔާ ވިދާޅުވީ، ދެއަތާއި ދެފައިގައި ދެމީހަކު ހިފަހައްޓައިގެން އުނދޯއްޔެއް ހެއްލާހެން އެކުއްޖާ ދެފަރާތަށް ހެއްލަމުން، އެކުއްޖާގެ ގަޔަށް ފެން އެޅުމަށެވެ. އެގޮތަށް ހަދަން ފެށުމުން ފަނަރަވަރަކަށް މިނެޓްތެރޭގައި އެކުއްޖާ ހޭއަރައިފި އެވެ. ސާމަރާ ލައިވުގެ ރިޕޯޓަރަށް މިވާހަކަ ކިޔާދީފައިވަނީ މަންޒަރު ލޮލުން ދުން މީހެކެވެ.
މާތް ﷲ ކުދެރަނިޔަގެ ބެއްޔާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ! އާމީން!







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ