• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ތިރީސް ޖިންނި ވިއްސި ފޫޅުމައި

Posted by faradays on Friday, July 22, 2011 No comments



ލޫކު ސަހަރުގެ ފޫޅުމަޔަކު ސާމަރާލައިވުގެ ރިޕޯޓަރަށް ކިޔާދިނެވެ.
އެއީ، 1982 ވަނަ އަހަރުގެ ޖޫން މަހުގެ މެދުތެރޭގެ ރެއެކެވެ. ދަންވަރު އަޅުގަނޑުމެންގެ ގޭ ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ދެން އަޅުގަނޑު ދޮރުފަތުގައިވާ ކުޑަކުޑަ ލޯވަޅަކުން ބޭރު ބަލައިލީމެވެ. ބޭރުގައި ތިބީ ދެ ފިރިހެނެކެވެ. އެ ދެ މީހުންގެ ސިފައަށް ބަލާއިރު، އެއީ ޔަމަނުކަރައިގެ ދެ މީހެއްކަން އެނގެ އެވެ. އެއީ އަޅުގަނޑުގެ ފިރިމީހާގެ ގަބީލާގެ މީހުންނާ ވައްތަރު ދެ މީހެކެވެ. އަޅުގަނޑު އެހީމެވެ.
"
ތިޔައީ ކޮންކަމަކު އައި ބަޔެއް ހެއްޔެވެ؟"
އެ ދެ މީހުންކުރެ އެކަކު ބުންޏެވެ.
"
ތިމަންނާގެ އަނބިމީހާ ވިހެއުމުގެ ވޭންވަރު އައިސްގެން އުޅޭތީ ފޫޅުމައިގެ އެހީތެރިކަމަށް އެދިގެން އައީ އެވެ."
އަޅުގަނޑު ބުނީމެވެ.
"
އަޅުގަނޑު މިއަދު މަސައްކަތްކުރާ ވަގުތު ނިމިއްޖެ އެވެ."
ދެން އެ ދެ މީހުން އަޅުގަނޑު ކައިރީ އާދޭސްކުރަން ފެށި އެވެ. ތިމަންމެން ތިބާގެ ގާތަށް މިއައީ މިވެނި އެވެނި މީހަކު ބުނެގެންނޭ ކިޔައި، އަޅުގަނޑު ދަންނަ އެތައް ބަޔެއްގެ ވާހަކަ ވެސް ދެއްކި އެވެ. އެ ދެ މީހުން އާދޭސްކުރުން ހުއްޓައިނުލުމުން އަޅުގަނޑު އެއްބަސްވީމެވެ.
އެ ދެ މީހުންކުރެ މީހަކު ނުލަފާ ކަމެއް ކޮށްފާނެ ވައްތަރެއް ނުޖަހަ އެވެ. މިހެންވެ، މާތް ﷲ ގެ ޙަޟުރަތަށް ވަކީލުކުރުމަށްފަހު އަޅުގަނޑު އެ ދެ މީހުންނާއެކު ދާން ގެއިން ނުކުތީމެވެ. އަޅުގަނޑުގެ ހިތް ބުނި ފަދައިން އެއީ ވަރަށް މުއްސަނދި ބަޔެއްކަން ކަށަވަރުވި އެވެ. އެ ދެ މީހުން އައިސްތިބީ ވަރަށް އަގުބޮޑު ރީތި ކާރެއްގަ އެވެ. އެ ކާރުގައި އަޅުގަނޑު ގޮވައިގެން އެމީހުން ދިޔައީ ލޫކު ސަހަރަށެވެ. އެ ސަހަރަށް ލޫޤު ވެސް ކިޔަ އެވެ. އެއީ ޞޯމާލިއާގެ ދެކުނުގައިވާ ސަހަރެކެވެ. އަޅުގަނޑުމެންގެ އަވަށާއި އެ ސަހަރާ ދެމެދުގައި ގާތްގަނޑަކަށް ސާޅީހަކަށް ކިލޯމީޓަރުގެ ދުރުމިން ވާނެ އެވެ. ލޫކަކީ ތިންފަރާތުގައި ކޯރު އޮންނަ ޝިބުހު ޖަޒީރާއެއް ފަދަ ސަހަރެކެވެ. އެއީ، ސިޙުރުވެރިންނާއި ޖިންނީންގެ ވާހަކަތަކުން މަޝްހޫރުވެފައިވާ ސަހަރެކެވެ.
ސާޅީސް ފަސް މިނެޓްގެ ދަތުރަކަށްފަހު، އަޅުގަނޑު ގޮވައިގެން އެ ދެ މީހުން ދާން ބޭނުންވި ގެއަށް ވާޞިލުވި އެވެ. އެއީ، ވަރަށް ރީތި އަގުބޮޑު ތަކެތި ހުރި ގެއެކެވެ. އަޅުގަނޑު އެ ގެއަށް ވެއްދުމަށްފަހު، އެ ދެ މީހުން ގޭ ދޮރު ލައްޕައި ރަނގަޅަށް ތަޅުލި އެވެ. އެއަށްފަހު އެ ދެ މީހުން އަޅުގަނޑުގެ ގާތުގައި ބުންޏެވެ.
"
ތިމަންމެންގެ ދެ މީހުންނަކީ، މުސްލިމު ދެ ޖިންނިއަކީމެވެ. މިރަށުގެ ޖިންނީންގެ ތެރޭގައި ތިމަންމެންވަނީ އެކަހެރިކުރެވި ބާކީކުރެވިފަ އެވެ. ތިބާގެ އެހީތެރިކަމަށް ތިމަންމެން ބޭނުންވީ މިހެންވެގެންނެވެ. ތިބާފަދަ ތަޖުރިބާކާރު ފޫޅުމަޔަކަށް ނޫނީ އަޅުގަނޑުމެންގެ ދަރީންނެއް ނުވިއްސޭނެ އެވެ."
އެ ދެ މީހުން މިހެން ބުނި އިރަކު އަޅުގަނޑު އެއްވެސް ބިރެއް ނުގަނެ އެވެ. އެ ދެ މީހުން އަޅުގަނޑަށް ގެއްލުމެއް ދޭން ބޭނުންވި ނަމަ، ރައްކާތެރިކަމާއެކު މިހިސާބަށް ނުގެންނާނެކަން ޔަޤީންވާތީ އެވެ. އަނެއްކާ ވެސް އެ ދެ މީހުން އަޅުގަނޑުގެ ގާތުގައި އެހެން ވާހަކައެއް ބުނެފި އެވެ.
"
ތިބާ މިގޭގައި އުޅޭއިރު ނަމަނަމަ އަޢޫޛު ނުކިޔައްޗެވެ. އަޢޫޛު ނުކިޔައި، މިކަންތައް ކޮށްދީފިނަމަ، އެހެން މީހުން ތިބާއަށް ދޭ އުޖޫރައެއްގެ އެތައް ގުނައެއް އިތުރަށް ދޭނަމު އެވެ."
މިހެން ބުނެ އެ ދެ މީހުން އަޅުގަނޑު ކޮޓަރިއަކަށް ވެއްދި އެވެ. އެއީ ވަރަށް ތަނަވަސް ކޮޓަރިއެކެވެ. އެ ކޮޓަރީގައި ވިހަން ތައްޔާރުވެފައިވާ އަންހެނަކު އޮތެވެ. އޭނާގެ އޮށޯވެގެން އޮތް އެނދުގެ ވަށައިގެން ތިރީސް ގޮނޑި ބަހައްޓާފައިވެ އެވެ. އެއިން ކޮންމެ ގޮނޑިއެއްގެ މަތީގައި މަދު ކާއެތިކޮޅެއް އަޅާފައިވާ ތަށްޓެއް ވެ އެވެ.
އެ ކޮޓަރިއަށް އަޅުގަނޑު ވައްދާފައި، އަޅުގަނޑު ގޮވައިގެން ދިޔަ ދެ މީހުން ބޭރަށް ނިކުތުމުން، އަޅުގަނޑު މަސައްކަތް ފެށީމެވެ. ވިހަންވެގެން އެނދަށް އަރާއޮތް އަންހެން މީހާ ވޭންވަރު އައިސްގެން އުޅޭކަން އެނގެ އެވެ. ނަމަވެސް އޭނާ އެއްވެސް އަޑެއް ނުލައްވަ އެވެ. އޭނާގެ ލޮލަކުން ކަރުނައެއް ވެސް ނުފައިބަ އެވެ. ނަމަވެސް އޭނާ ރޯހެން ހީވެ އެވެ. ބައެއް ފަހަރު ވަރަށް އަވަސްއަވަހަށް ދެފަރާތަށް ފުރޮޅިލަ އެވެ. ބައެއްފަހަރު މަޑުމަޑުން ފުރޮޅިލަ އެވެ. އޭނާ އުޅޭ ގޮތް ފެނުމުން އަޅުގަނޑު ކުޑަކޮށް ޖެހިލުންވި އެވެ. ދުވަހަކު ވެސް އެހެން އުޅޭ މާބަނޑު އަންހެނަކު ނުދެކެމެވެ.
މާތް ﷲ ގެ ޙަޟުރަތަށް ވަކީލުކުރުމަށްފަހު، އަޅުގަނޑު ވިއްސުމުގެ މަސައްކަތް ފެށީމެވެ. އޭނާގެ ބަނޑުން ދަރިފުޅު ބޭރުވާންވެގެން ހުރިހައި ކަމެއް ހިނގަމުން ދިޔައީ އާދައިގެ ގޮތަކަށެވެ. އޭނާގެ ގާތުގައި ފިނިކޮށްފައިވާ ފެނާއި، ތުވާލިތަކާއި، ތެލާއި ކްރީމް ފަދަ ތަކެތި ވެސް ބަހައްޓާފައިވެ އެވެ. ކުޑައިރުކޮޅަކަށްފަހު، އޭނާގެ ބަނޑުން ކުއްޖެއްގެ ބޯ ބޭރުވި އެވެ. އެއީ ވަރަށް ބިރުވެރި ސިފައެއްގައި އޮތް ކުއްޖެކެވެ. ދެ ލޯ ހީވަނީ ދެ ބޯތަށި ހެންނެވެ. ދެ ލޮލުގެ ހުދުކަޅި ވަރަށް ހުދެވެ. ކަޅުކަޅީގައި ވަނީ އަޅިކުލައެކެވެ. އެއީ ވިދާބަބުޅާ ދެ ލޮލެކެވެ. ފުރަތަމަ ފެނުނު ހިނދު ވަރަށް ޖެހިލުންވި އެވެ. ނަމަވެސް ކުއްޖާ ބޭރުވެ ނިމުނު ހިނދު އިންސާނުންގެ އާދައިގެ ކުއްޖެއްގެ ސިފައަށް ކުއްޖާގެ ސިފަ ބަދަލުވި އެވެ. ބިރުގެންފައިވާ ޙާލު، އެކުއްޖާ ނަގާފައި އަޅުގަނޑު ބިންމަތީގައި ބޭއްވީމެވެ. އެހިނދު އެކުއްޖާ ކޮޅަށް ތެދުވެގެން ދުވެފައި ގޮސް އެނދުގެ ވަށައިގެންވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއަކަށް އަރައި، ގޮނޑިމަތީގައިވާ ތަށި ނަގައިގެން ކާންފެށި އެވެ.
ފުރަތަމަ ކުއްޖާ ފަދައިން ދެވަނަ ކުއްޖަކު ވެސް އުފަންވި އެވެ. ތިންވަނަ ކުއްޖަކު ވެސް އުފަންވި އެވެ. ހަތަރުވަނަ ކުއްޖަކު ވެސް އުފަންވި އެވެ.... މިހެންގޮސް ބަރާބަރު ތިރީސް ކުދިން އުފަންވި އެވެ. ތިރީސް ވަނަ ކުއްޖާ ވިހެއުމަށްފަހު، އެ އަންހެން މީހާ އަޑެއް ލައްވާލި އެވެ. އަދި ވަރަށް ރީތިކޮށް ހިނިތުންވެލާފައި އަޅުގަނޑަށް ޝުކުރުއަދާކުރި އެވެ.
ވިއްސުމުގެ ކަންތައް ނިމުމުން އަޅުގަނޑު ބަލާލިއިރު އެނދުގެ ވަށައިގެންވާ ގޮނޑިތަކާއި އެ ގޮނޑިތަކުގައި ތިބި ކުދިންނެއް ނެތެވެ. އެ ކުދިންގެ މަންމަ ވެސް މަޑުމަޑުން ތެދުވެގެން ގޮސްފައި އެނބުރި އައިސް އަޅުގަނޑުގެ އަތަށް ހެދުމާއި ތުވާލި ފަދަ ތަކެތި ދިނެވެ. އޭރު އަޅުގަނޑު ލައިގެން ހުރި ހެދުން ވަނީ ހަޑިވެފަ އެވެ. ދެން އަޅުގަނޑު އެ ތަކެތި ހިފައިގެން ގޮސް، ފެންވަރައި ވުޟޫކޮށްގެން ހެދުން ބަދަލުކުރީމެވެ. އޭރު ފަތިސް ނަމާދު ވަގުތު ކައިރިވަނީ އެވެ. ފަތިސް ނަމާދަށް އިންތިޒާރުކުރަން އިނދެ ބައެއް ދުޢާތައް ކިޔަން ޤަޞްދުކުރީމެވެ.
ދުޢާކުރަން ފެށުމުގެ ކުރިން އަޢޫޛު، ބިސްމި ކިއުމަކީ އަޅުގަނޑަށް އާދަވެފައިވާ ކަމެކެވެ. އެހިނދު، އެއްކަލަ ދެ ފިރިހެނުން އަޢޫޛު ނުކިޔަން ބުނިކަމެއް ހަނދާނަކު ނެތެވެ. ދެން އަޅުގަނޑު ދުޢާކުރުމަށްޓަކައި އަޢޫޛު ކިއުމާއެކު މުޅިތަން ބަދަލުވެގެން ހިނގައްޖެ އެވެ. ހިނގަމުންދިޔަ ވަގުތު ކުއްލިއަކަށް ހުއްޓުނު ކަހަލަ އެވެ. އަޅުގަނޑަށް ހީވީ އުޑާއި ބިމާ ދެމެދުގައި އަޅުގަނޑު އެލުވިފައިވާ ހެންނެވެ. އޭރު އަޅުގަނޑު ވަނީ ބާރުކެނޑި ވާވެފައި ކަހަލަ ގޮތެއްވެފަ އެވެ. ހަށިގަނޑަށް ބަލާލިއިރު ގަޔަކު އެއްވެސް އެއްޗެއް ނެތެވެ. ހުރިތަނަށް ބަލާލިއިރު، އެއީ، ލޫކު ސަހަރުގެ ރަށްބޭރުގައިވާ ކޯރު ކައިރިކަން އެނގުނެވެ. އަޅުގަނޑު އޮތީ އެކޯރުގެ އައްސޭރީގައިވާ ކުނިގޮނޑެއްގެ ތެރޭގަ އެވެ. އޭރު އަޅުގަނޑު ވަނީ އޮރިޔާން ޙާލުގަ އެވެ. ދާނެ ނުދާނެ ވަކިދިމާއެއް ހިތަކަށް ނައެވެ. އިރުކޮޅަކުން ހަށިގަނޑުގައި ވަރުޖެހުމުން، ތެދުވެ ދުއްވައިގަތީމެވެ. ކުނިގޮނޑުގެ ސަރަހައްދުން ބޭރަށް ނުކުމެ ތަންކޮޅަކަށް ދެވުނުތަނާ، ފަތިސްނަމާދަށް ދިޔަ މީހަކަށް އަޅުގަނޑު ފެނިއްޖެ އެވެ. އަޅުގަނޑު އޮރިޔާން ޙާލުގައި ހުއްޓާ އޭނާއަށް ފެނުމުން، އޭނާގެ ބޮލުގައި އަޅާފައި އޮތް ފޮތި ފަގުޑި އަޅުގަނޑާ ދިމާއަށް އެއްލާލި އެވެ. ދެން އެ ފަގުޑި ނަގައިގެން، އެ ރޫޅައިގެން އެއިން އަޅުގަނޑުގެ ހަށިގަނޑު ނިވާކުރީމެވެ....
މި ހާދިސާއަށްފަހު، ފޫޅުމައިކަން ކުރުމުން އަޅުގަނޑު އެއްކިބާވީމެވެ. އެއަށްފަހު ދުވަހަކުވެސް މީހަކު ނުވިއްސަމެވެ.... ސަޢޫދީ ޢަރަބިއްޔާ އަށް ހިޖުރަކުރުމަށްފަހު، އަޅުގަނޑު ދިރިއުޅެމުން މިދަނީ އާދައިގެ ދިރިއުޅުމެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments