• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަހަރެންގެ ޙަޔާތުން ދެތީން ފޮޅުވަތް

Posted by faradays on Wednesday, August 24, 2011 No comments


އަހަންނަކީ ދީނީގޮތުން މަތީ ތަޢުލީމް ޙާޞިލް ކުރުމަށް އެދިއެދި ހުރި އަންހެން ކުއްޖެކެވެ. އެތައް ދުވަހެއް އެހުވަފެންތަކުގައި ވޭތުކުރަމުން ދަނިކޮށް ޙަޤީޤީ ކުލަޖެހުމުގެ ފެހި ސިގްނަލް ލިބުނެވެ. އަހަންނަށް ސަޢުދީއެރެބިޔާއަށް ކިޔަވަން ދިއުމުގެ ފުރުޞަތު ލިބުނީއެވެ. އުފަލުގެ ކޮޅެއްނެތެވެ. އެތަނުގައި ކިޔެވުމުގައި ދުވަސްތައް ހޭދަވުން ދިޔައިރު އަހަންނަށް އެންމެ ފާހަގަވި ކަމަކީ އެތަނުގެ ފިރިހެނުން އަންހެން ކުދީންނާ ދިމާއަށް ކަޅިއަޅާކަމެވެ. އެމީހުންގެ ކަޅިއެޅުންތަކުން އުނަދޫވާން ފެށިއެވެ. އެކަމާ ހެދި އަހަރެން ބޭނުންވީ އަންހެނުންނަށް ނިވާވާންޖެހޭ އެންމެ ބޮޑަށް ނިވާވުމަށެވެ. އޭރު އަހަރެންގެ ރާއްޖޭގައި ކަޅުހެދުމާއި މޫނުބުރުގާ އަޅައެއް ނޫޅެއެވެ. ޒުވާނުންގެ ކަޅިއެޅުންތަކުން ސަލާމަތްވުމަށް ޓަކައި އަހަރެން ޚިޔާރުކުރީ އެންމެ ރަނގަޅުގޮތް ކަމުގައި އަހަރެންގެ ކްލާސް ކުދީން ބުނެއެވެ. އެޤައުމުގައި ވަރަށް ގިނަ އަންހެނުން ނިވާވެފައި ތިބެނީ ދީނީ ގޮތުން ނިވާވާން ޖެހޭތީއާއި އަދި އެތައްބައެއްގެ ކަޅިއެޅުންތަކުން ސަލާމަތްވުމަށް ޓަކައެވެ. އަހަރެންގެ ހެދުން ތަކަށް ގެނެވުނު ބަދަލުތަކަށް ހިތްހަމަ ޖެހުން ލިބުނެވެ. އޭގެ ހަތަރު އަހަރު ފަހުން ކިޔެވުން ނިންމާލީމެވެ.

އަހަރެން ބައެއް ޤައުމު ތަކަށް ކުރި ދަތުރު ތަކުގެ ތެރެއިން އޮސްޓްރޭލިޔާގެ ދަތުރަކީ ހިތުން ފިލުވާލަން ދަތި ދަތުރެކެވެ. އެއީ އެޤައުމުގެ އެއާޕޯރޓަށް ފޭބުމާއިއެކު އަހަރެން ފާސްކުރުމަށް ޓަކައި އެތައް ބަޔަކު އައެވެ. އެމީހުންގެ ނަޒަރުގައި އަހަރެންމީ ޓެރަރިސްޓެކެވެ. އެއަރޕޯރޓްގައި އަހަރެން ފަސްގަޑިއިރުވަންދެން މަޑުުކުރަން ޖެހުނެވެ. އަހަރެންމީ ޓެރަރިސްޓެއް ނޫންކަމަށް އެތައް ފަހަރަކު ބުނުމުންވެސް ޤަބޫލެއް ނުކުރިއެވެ. އަހަރެންގެ ފޮށި ހާވާ ހެދިއިރު ހީވަނީ އެމީހުންގެ އެއްޗެއް ވަގަސް ނަގައިގެން އަހަރެން ފިލީތީ އެހޯދާހެންނެވެ. އެތައް ވަރަކަށް ޗެކުކުރި އިރުވެސް އެމީހުން ޝައްކުގެ ނަޒަރުން ބަލަމުން ދިޔައެވެ. ހުރިހާ ވެސް މައްސަލައަކީ ހަށިިގަނޑު ފޮރުވައިގެން އުޅޭތީއެވެ. އަހަރެން މޫނު ނިވާކޮށްފައި ހުރުމަކީ ޓެރަރިސްޓަކަށް ޝައްކުވާ ކަންތަކެވެ.

މިރާއްޖޭގައިވެސް އެތައްބަޔަކު ބަލާލާ ގޮތުން އިޙްސާސް ކުރެވެނީ އަހަރެންމީ ފާޑެއްގެ ބައްޔެއް ޖެހިފައި ހުރި މީހެއްގެ ގޮތުގައި އެހެންމީޙުން ދެކޭ ކަމުގައެވެ. އެވަރަށް މީހުން ބަލަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މިފޭރާން ފަޚްރުވެރި ކަމާއިއެކު އަޅާއިރު އަހަރެންގެ ޢާއިލާގެ ބައެއް މީހުންނާއި ރައްޓެހީންވެސް ބަލާލަނީ ބީރައްޓެހި ކަމުގެ ނަޒަރަކުންނެވެ. އަދި ބައެއް މީހުން ހަމްދަރުދީގެ ނަޒަރުން ބަލާލާއިރު އަނެއްބަޔަކު ބަލަނީ ނަފްރަތު ކަމާއެކުއެވެ. އަހަރެންގެ ހަށިގަނޑަކީ އެންމެންގެ ލޯ ހުއްޓައިގެން، ކަޅިޖަހާނުލާ ބެލުމަށްޓަކައި ވާ އެއްޗެއް ނޫނެވެ! އަހަރެންގެ ޗާލު ރީތި ވަނާތަކަކީ މަގުމަތީގައާއި އެކިތަންތާ ތިބޭހާ ފިރިހެނުންނަށް ދެއްކުމައްޓަކައި ވާ އެއްޗެއްވެސް ނޫނެވެ!

އަހަރެންގެ ޗާލު ރީތި ވަނާތަކަކީ މަގުމަތީގައާއި އެކިތަންތާ ތިބޭހާ ފިރިހެނުންނަށް ދެއްކުމައްޓަކައި ވާ އެއްޗެއްވެސް ނޫންކަން އެމީހުން ނުދަންނަނީ ކީއްވެބާއެވެ. އަދި އަހަންނަށް ލިބިފައިމިވާ ފުރިހަމަ ބައްޓަމާއި، ބުރުސޫރައަކީ، އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ކޮންމެކޮންމެ މީހަކަށް އެއިން ވަޤުތީ ހިތް ހަމަޖެހުމާއި އަރާމު ލިބިދިނުމައްޓަކައި ވާ އެއްޗެއް ކަމުގައި އަންހެން ކުދީންނަށް ދަހިވެތި ނަޒަރުން ބަލަން ތިބޭ މީހުންނަށް ހީވާ ކަހަލައެވެ. އަގުބޮޑު ތަކެތި ހުންނަނީ ފޮރުވާފައިކަން އެމީހުންނަށް ނޭނގެނީ ކަމުގައި ވެދާނެއެވެ. އަގުބޮޑު ކޮންމެ އެއްޗަކީ ކޮންމެ ކޮންމެ މީހަކަށް ފެންނާނެ އެއްޗިއްސެއް ނޫނެވެ. އަދި ކޮންމެ މީހަކަށް އަތްލެވޭނޭ އެއްޗިއްސެއްވެސް ނޫނެވެ.


އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވަނީ ރަންމުތެއްގެ ދަރަޖައާއި މަޤާމުކަން މަގުމަތީ ހޭލަމޭލައަށް ދުވާ ޒުވާނުންނަށް ނޭނގެނީ ކަމަށް ވެދާނެއެވެ.
އެމީހުން ކިތަންމެ ވަރަކަށް އެފާޑަށް ބެލި ކމަުގައި ވިއަސް އަހަރެން ރުހޭ މީހަކާއި މެނުވީ އަހަރެން ކައިވެންޏެއް ނުކުރާނެކަން އެމީޙުންނށް ނޭނގެނީބާއެވެ. އެގޮތުގައި ދުވާލުދާ ހަތަރުދަމު ތާކުން ތާކުންނުޖެހޭ މީހުންނާ އެކީ އުޅޭނީ ކިހިނެއް ބާއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދޭން، ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްދޭނެ މީހަކު މެނުވީ އަހަރެން ބޭނުމެއް ނޫނެވެ. އަދި އަހަންނާ ދިމާއަށް ނުރުހުމުގެ ނަޒަރުން ބަލާލަންވެސް އަހަރެން ނޭދެމެވެ. ބައެއް ފިރިހެނުން އެމީހުންގެ އަނބީންގައިގައި ތަޅާއިރު އަހަރެމެން އަންހެނުންގެ ނިކަމެތި ކަމާއި މެދު ވިސްނާލާނަމައެވެ.

އަހަންނަށް މަގުތައްމަތިން ނިވާކަން ކުޑަ ހެދުން ލައިގެން ހިނގާފައި ދާ، އަހަރެން ފަދަ އެހެން އަންހެންކުދިން ފެނެއެވެ.
އެކުދިންނާ މީހުން ފޮށެ ހަދާތަންވެސް ފެނެއެވެ. އުދަނގޫ ކުރާތަންވެސް ދެކެމެވެ. އެމަންޒަރުތައް ފެނިފައި އަހަންނަށް އަހަރެންގެ މާޒީ ހަނދާންވެއެވެ. އޭރު މަގުމަތިން ދާއިރު ހުންނަނީ އަބަދުވެސް މީހަކު ކޮށްފާނެ ޖެއްސުމަކަށް ސިހިސިއެވެ. ބިރުގަނެފައެވެ.


ނަމަވެސް ކުރިން އަހަރެން މަގުމަތިން ހިގާފައި ދާއިރު އަހަންނާ ދިމާލަށް ގޮވައި އުނދަގޫ ކުރާ މީހުންތަކެއް މިހާރަކު އަހަންނާ ދިމާލަށް ގޮވައި އުނދަގޫކޮށެއް ނުހަދައެވެ. މިހާރު އަހަރެން މަގުމަތިން ހިނގާފައި ދާއިރު، މަސްތުވެ ވާނުވާ ނޭނގޭ ވަރުވެފައިވާ މީހުންވެސް އަހަންނަށް އިޙްތިރާމް ކުރެއެވެ. އަހަރެންނަށް މަގު ހިނގަން ތަން ދައްކައެވެ. އަހަރެންގެ ގައިގައި އޭގެން އެކަކުވެސް އެނގިހުރެ ނުބީހެއެވެ. ނޭނގިގެން ޖެހުނަސް އަވަހަށް ދުރަށް ދެއެވެ. އަހަންނަށް އިޙްތިރާމް ކުރާ ޙާލު ލަދުގަނެފަ ހުރެގެންނެވެ.

އަހަންނާ ދިމާލަށް ކިރިޔާވެސް ބަހެއް ބުނެ އުނދަގުލެއް ކުރަނީ އަހަންނަށް ހަސަދަވެރިވާ އަހަންނާއި އެއްޖިންސުގެ މީހުންނެވެ.
ނޫނީ ގާތް ތިމާގެ މީހެކެވެ. ނުވަތަ އަހަރެންގެ ޢާއިލާގެ ކޮންމެވެސް މީހެކެވެ.އެމީހުން އެކުރާ މަލާމާތަލުން އަހަރެންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ.އެމީހުންވެސް ކުޑަ ދުވަސްކޮޅަކުން މިއީ ރަނގަޅުގޮތް ކަމުގައި ދެކޭނެކަން ޔަޤީނެވެ.ކޮންމެ މީހަކީ މިނިވަނެކެވެ. އެއްވެސް މީހެއްގެ އަޅެއް ނޫނެވެ. ވީއިރު ރަނގަޅު މަގާއި ނުބައިމަގު ޚިޔާރު ކުރާނީ އެމީހަކު އަމިއްލައަށެވެ. އަހަރެންގެ ފޭރާމަކުން އަހަންނަކަށް ނިކަމެތިކަމެއް ނުލިބެއެވެ.އޭގެ ސަބަބުން އަހަރެންނަށް ލިބުނީ މިނިވަންކަމެވެ. އެފޭރާން، ނުބައި ނުލަފާ ޖައްބާރު ފިރިހެނުންގެ ކިބައިން އަހަރެން ސަލާމަތް ކޮށްދެއެވެ.


މި މިނިވަންކަން ވަނީ މީގެ އެތަކެއް އަހަރުތަކެއްގެ ކުރިންވެސް އަހަރެންނަށް ދެއްވާފައެވެ.ނަމަވެސް އޭރު އަހަންނަށް އެކަމެއް ނޭނގެއެވެ.
އެހެން ބައެއް އަންހެން ކުދީންނެކޭ އެއްފަދައިން އޭރު އަހަރެންވެސް ހީކުރީ އަޅުވެތިކަމަކީ އެއީ ކަމުގައެވެ.ކުރީގައި އަހަރެންވީ، އަބަދުމެ ކަންބޮޑުވެ ހާސްވެފައި ހުންނަ މީހެއްކަމުގައެވެ. މަރުވުމާއި އާޚިރަތާއި މެދު ވިސްނާލައިފިނަމަ ވަކިން ބޮޑަށް ހާސްވެ ހިތް ނުތަނަވަސްވާ ގޮތް ވެއެވެ.އެހެންނަމަވެސް މިހާރު މިފޮރުވިފައިވާ ޙިޖާބުގެ ތެރެއިން އަހަންނަށް އީމާން ކަމުގެ ފޮނިކަން އިޙްސާސް ކުރެވެއެވެ.އަހަރެންގެ ވެރި ރައްބާއި މިވަޤުތު ބައްދަލު ކުރަންޖެހުނަސް ކޮންމެވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބޭނެކަމަށް އުއްމީދު ކުރެވެއެވެ.
ފަހެ ޙަޤީޤީ ހިތްހަމަ ޖެހުމަކީ މިއީ ނޫން ހެއްޔެވެ؟އެންމެހައި ޝުކުރަކާއި ޙަމްދެއްވަނީ، ޙައްޤު މަގު ދައްކަވައި، ބަޔާންކޮށްދެއްވެވި އިލާހަށެވެ. މުޅި ކާއިނާތާއި އެތަނުގައި ވާހާ އެއްޗެއްގެ ވެރި، ގަދަ ކީރިތިވަންތަ ﷲ ތަޢާލާއަށެވެ. އަހަރެން ކަހަލަ އުޚްތުންނަށް ﷲ ތެދުމަގު ދައްކަވާތޯ އަބަދުވެސް ދުޢާ ކުރާނަމެވެ. ( ނިމުނީ)

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments