ރޮނީ އާއި ޑޮނީ އުފަންވީ، އެމެރިކާގެ އޮހަޔޯ (Ohio) ސްޓޭޓްގެ ޑޭޓަން (Dayton) ގައިވާ ސައިންޓް އެލިޒަބަތު ހޮސްޕިޓަލް (St. Elizabeth Hospital) ގަ އެވެ. އުފަން ތާރީޚަކީ، 28 އޮކްޓޯބަރ 1951 އެވެ. ހަށިގަނޑުގެ މެދުން ގުޅިފައިވާއިރު، އެ ދެބެއިންގެ ހަށިގަނޑުގައި ބައިވެރިވާ ބައެއް ގުނަވަންތައް އެތެރެހަށީގައި ވެ އެވެ. އެހެންކަމުން، އެ ދެބެއިން ވަކިކުރުމަކީ، ކުރެވޭނެ ކަމެއް ކަމަކަށް ނުވި އެވެ. އެ ދެބެއިންގެ ހަށިގަނޑުގައި ދެ ބޮލާއި، ދެ ހިތާއި، ހަތަރު ފައި ވެ އެވެ. 2009 ވަނަ އަހަރުގެ ގިނިސް ވަރލްޑް ރެކޯޑް ފޮތް ބުނާ ގޮތުގައި، ދުނިޔޭގައިވާ އުމުރުން އެންމެ ދުވަސްވީ ގުޅިފައިވާ އެއްމާބަނޑު ދެބެއިންނަކީ، ރޮނީ އާއި ޑޮނީ އެވެ.
ރޮނީ އާއި ޑޮނީގެ މަންމަ، އެ ދެބެއިން ދޫކޮށްފައި ދިއުމުން، އެ ދެބެއިންގެ ބައްޕަ ވިސްލީ އެހެން މީހަކާ އިނެވެ. ވީސްލީގެ ދެވަނަ އަނބިމީހާ އަކީ، އެ ދެބެއިންނަށް މަންމަގެ ދައުރު އަދާކޮށްދިން ހެޔޮލަފާ އަނތްބެއް ކަމުގައިވި އެވެ. އެ ދެބެއިން ކުޑައިރު، ބައެއް ވިޔަފާރިވެރިން އެ ދެބެއިން ބޭނުންކޮށްގެން ފައިސާ ހޯދުމުގެ ޚިޔާލު، ވިސްލީ އަށް ދިނެވެ. ނަމަވެސް ފުރަތަމަކޮޅު އޭނާ އެ ޚިޔާލާ ދެކޮޅުހެދި އެވެ. ނަމަވެސް އެންމެފަހުން އޭނާގެ ދަރަނިތައް އަތްނުފޯރާ ފަށަށް ދިއުމުން އެކަންކުރަން މަޖުބޫރުވި އެވެ. އޭނާއަކީ 9 ކުދިންގެ ބައްޕައެކެވެ. އޭނާއަށްފަހު އެ ދެބެއިން ވެސް އެގޮތުން ފައިސާ ހޯދި އެވެ.
އެންމެ ފުރަތަމަ އެ ދެބެއިން އާންމުންނަށް ދެއްކެން ފެށީ، ކޮޓަރީގެ ފާރުގައި ޖަހާފައިވާ ބިއްލޫރިގަނޑަކުންނެވެ. ކޮޓަރިތެރޭގައި އެދެބެއިން އުޅޭ ގޮތް ބަލަން ބޭނުން މީހަކު ފައިސާ ދީފައި އެކަންކުރާ ގޮތަށެވެ.... 1991 ވަނަ އަހަރުން ފެށިގެން އެ ދެބެއިން ވަނީ ޝޯއަށް ނިކުތުން ހުއްޓާލާފަ އެވެ. ނަމަވެސް ބައެއް މުނާސަބަތްތަކުގައި ޓީވީ އިން ފެނެ އެވެ.
ރޮނީ އާއި ޑޮނީ ކުޑައިރު ވަރަށް ގިނައިން އަރާރުންވެ އެވެ. އެ ދެބެއިންކުރެ އެކެއްގެ ޚިޔާލާއި ފިކުރު، އަނެކެއްގެ ޚިޔާލާއި ފިކުރާ ތަފާތެވެ. އެހެންކަމުން ޒުވާން އުމުރުގައި ވެސް އަރާރުންވުން ދެމިއޮތެވެ. އެކަމުގެ މުހިންމު އެއް ސަބަބަކީ، އެ ދެބެއިންގެ ވިސްނުމާއި ފިކުރު ތަހުޒީބުކޮށް ތަރައްޤީކުރާނެ އެއްވެސް ތަޢުލީމެއް ނުލިބުނު ކަމެވެ.
ރޮނީ އާއި ޑޮނީ އަކީ އެއް ހަށިގަނޑަކުން ގުޅިފައިވާ ދެބެއިން ކަމަށްވިޔަސް، އެއިން ކޮންމެ މީހަކީ ވަކި ޝަޚުޞިއްޔަތެކެވެ. ކާކުކަން އަންގައިދޭ ކާޑުވެސް ތަފާތެވެ. އިންތިޚާބުތަކުގައި އެ ދެބެއިންނަށް ދެވޯޓްވެސް ދެވެ އެވެ. ނަމަވެސް އެ ދެބެއިންގެ ޕާސްޕޯޓަކީ އެއް ޕާސްޕޯޓެކެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ