އަޅުގަނޑު މަސައްކަތް ކުރާނީ މައުމޫނުގެ ހިޔަނީގައި ހުރެގެން ނޫންކަމަށް ޕީއޭގެ ކުރީގެ ލީޑަރު، މިހާރު މައުމޫނު އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއަށް އެންމެފުރަތަމަ ސޮއިކުރެއްވެވެވި މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު އަބުދުﷲ ޔަާމީނެ ރޭގެ ދިޓީވީގެ ހަބަރުތެރޭ ޕުރޮގުރާމުގައި ވިދާޅުވެއްޖެ. އަޅެފަހެ މިވާހަކައަކީ ބަޔަކު އަޖައިބުވެ އަންތަރީސް ނުވާންވީ ވަރުގެ ވާހަކައެއްތޯއެވެ. ޔާމީން އެހެން ވިދާޅުވުމުން އެކަން ގަބޫލު ކުރެވޭނީ ކިހިނަކުންތޯއެވެ. ދިވެހިރާއްޖޭގެ ވެރިކަމަށް އާދެވިދާނެކަމަށް އަދި ހުވަފެނުންވެސް ފެނިފައިނުވާ އަބުދުﷲ ޔާމީން މައުމޫނުގެ ހިޔަނީގައި ހުރެގެން މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާނަމަ އަމިއްލަ ޕާޓީ( ޕީއޭ) ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނުކުރިގެން އުޅެނީ ކީއްވެބާއެވެ.
ޔާމީންއަކީ މިޤައުމުގެ ވެރިކަމަށް އައުމުގެ ދަހިވެތިކަމުގައި އެސްފިޔަ ޖަހާނުލެވި ހުރި މީހެކެވެ. ވެރިކަމުގެ ދަހިވެތިކަމުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންވެގެން ޑީއާރުޕީގައި ހުންނެވުމަށްފަހު އެޕާޓީގެ ރިޔާސީ ޓިކެޓު ޔާމީންއަށް ނުލިބޭނެކަން ޔަގީންވެގެން ބޮޑުބޭބެދެކެ އައި ރުޅިން ބޮޑުބޭބެއާއި ވާދަކުރުމުގެ ނިޔަތުގައި ޕީޕަލްސް އެލަޔަންސްގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް ޔާމީންއަށް އޭނާގެ ހަޤީޤީ ސައިޒު ފެނިގެންދިޔައީ އުންމީދުކުރި ވަރަށް ޕާޓީއަށް ވަންނާނެ މީހުން ނުލިބުމުންނެވެ. އެހާހިސާބުން ރައްޔިތުންގެ ކުރިމަތީގައި ތިމާއަކީ އެއްވެސް މީހެއްނޫނަކަން ގަބޫލުކުރެވިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެންމެފަހުން ޖެހުނީ ބޮޑުބޭބެގެ ޕާޓީއާއި ކޯލިޝަން ހަދާށެވެ. ކޯލިޝަން ހަދައިގެންވެސް ލިބުނީ ޒީރޯއެވެ. އާދެ ވެއްޓުނީއެވެ.
ދެންދިމާކުރެއްވީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2013 ވަނަ އަހަރު ވާދަކުރާށެވެ. އެހެނަސް އަހުމަދު ތަސްމީނު އަލީއާއި އޭނާގެ އާއިލާގެ ބޭފުޅުން ޑީއާރުޕީ ހައިޖެކު ކުރުމުަށްފަހު ޔާމީނަށް އެފުރުސަތެއްނުދިނެވެ. ތަސްމީނުވެސް ބޭނުމީ މައުމޫނުގެ ހިޔަނީގައިހުރެ ވެރިކަންކުރާށެވެ. އެހެނެސް އާއިލީގޮތުން ގުޅުންއޮތީ ޔާމީނާއި ކަމުގައިވާތީ، މައުމޫނުގެ އާއިލީވެރިކަން ދެމެހެއްޓުމުގެ މަޤުސަދުގައި މިފުރުސަތު ޑީއާރުޕީ އެތެރެއިން އަބުދުﷲ ޔާމިންއަށް ލިބެން ނެތުމުގެ ސަބަބުން މައުމޫނުއަށް މަޖުބޫރުވީ އާޕާޓީއެއް ހަދައިގެން ޔާމީނުއަށް އެފުރުސަތު ހޯދަދޭށެވެ . މިގޮތުން މިހާރު އެވަނީ ޕްރޮގުރެސިވު ޕާޓީ އޮފް މޯލްޑިވެސް ގެ ނަމުގައި 50 މީހުންގެ ސޮޔާއި އެކީގައި އިލެކްޝަން ކޮމިޝަންއަށް ހުށަހަޅާފައެވެ. މިޕާޓީއާއި އެކީގައި އިދިކޮޅުވަރުގަދަ އިއްތިހާދެއް އުފެދިގެން ދާނެކަމަށް މިޕާޓީ އުފެއްދުމަުގައި މައުމޫނުއާއި އެއްކޮށް އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އާޙިރުގެ ނަތީޖާ ބަލަން ތިބޭފުޅުން ތިއްބަވާށެވެ. އާޙިރުގެ ނަތީޖާ އަހަންނަށް މިހާރުވެސް އެބަފެނައެވެ. އެހެނަސް އެވާހަކައެއް ދައްކާކަށް މަށެއް ބޭނުމެއްނޫނެވެ.
އެބޭފުޅުން އެވިދާޅުވާ ކޯލިޝަން ތެރޭގައި 2008 ވަނަ އަހަރު ރައީސް ނަޝީދުއަށް ވެރިކަން ހޯދުމަށް އިއްތިހާދު ވެގެން އުޅުނުބޭފުޅު ހިމެނެއެވެ. އެހެންކަމުން ދެއަގައިން ވާހަކަ ދައްކާބަޔެއްގެ ވާހަކަ ރައްޔިތުން ގަބޫލުކުރާނެހެނެއް އަޅުގަނޑަށް ހިޔެއްނުވެއެވެ. އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އެވަނީ ޕުރޮގިރަސިވް ޕާޓީ އޮފް މޯލްޑިވެސް އާއި ކޯލިޝަން ހަދާނެކަމުގެ ފެހި ސިގުނަލްދީފައެވެ. އެހެންކަމުން 2013 ގައި މި ޕާޓީއާއި އެކީގައި ކޯޅލިޝަން ހަދައިގެން ނުކުންނަކަމަށް ލަފާކުރެވެނީ، އަދާލަތުޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕަލްސް އެލަޔަންސް، މޯލްޑިވިއަން ލޭބާ ޕާޓީ، މޯލްޑިވިއަން ޝޯޝަލް ޑިމޮކްރެޑިކު ޕާޓީ އެވެ. މީގެ ތެރެއިން ސިޔާސީ ގޮތުން ކިރިޔާވެސް ރައްޔިތުން ބަލައިގަންން ޕާޓީ ތަކަކީ ޖުމްހޫރީ ޕާޓީ އާއި، އަދާލަތުޕާޓީއެވެ. ދެންތިބީ ނަމެއްގައި ހަމައެކަނި ރަގިސްޓްރީ ކޮށްގެން ސަރުކާރުން ދޭ ލާރިގަނޑު ކާލައިގެންތިބޭ ޕާޓީތަކެވެ. އެހެންކަމުން މިކޯލިޝަންގައި އެއްވެސް ސިޔާސީ ބުރަދަނެއް ނެތެވެ.
އަންނަ ރިޔާސީ އިންތިހާބާއި ހަމަޔަށް މިކޯލިޝަން ދެމިއޮނާނެ ކަމާއިމެދު ޝައްކެވެ. މިހާތަނަށް މިކޯލިޝަން ތެރެއިން ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕުރައިމަރީސްގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވަނީ އުމަރު ނަސީރުއާއި، އަބުދުﷲ ޔާމީނުއެވެ. އަދި އިއުލާން ކޮށްފައި ނެތްކަމުގައިވިއަސް ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް މި ކޯލިޝަންގެ ތެރެއިން ޕުރައިމަރީސްގައި ވާދަކުރާނެކަން ޔަޤީނެވެ. އެހާހިސާބުން އެއޮތީ މައްސަލަ ގޯސްވެފައެވެ. ކޮންމެއަކަސް ޕުރައިމަރީސް ތެރޭގައި މި ކޯލިޝަންގެ ހުޅުގަނޑު ރޯވާނެއެވެ. މި ޕުރަމަރީސް އަބުދުﷲ ޔާމީންއަށް ކާމިޔާބު ކުރެވެން އޮތީ މައުމޫނުގެ ތާއިދާއެކީގައެވެ. އެހާހިސާބުން ގޯސްވީއެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ