• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަހަރެން އޭނާ ދުށީ ބަރުހެލި ކަސްތޮޅުތަކުގައި، މަރުގެ ތުންފަތްމަތީގައި އޮތް ތަނެވެ.

Posted by faradays on Tuesday, November 15, 2011 No comments

sifiange_veryiya
ޚަލީފާ މައުމޫންގެ ދުވަސްވަރު ފުލުހުންގެ އިސްވެރިޔަކަށް ހުރި ޢައްބާސް ކިޔައިދިނެވެ:
އެއް ދުވަހަކު އިރުއޮއްސުނު ވަގުތު ޚަލީފާ އަހަރެން ގެންދެވިއެވެ. ޚަލީފާގެ ކުރިފުޅުމަތީގައި އަތްފައި ބަނދެ ކަސްތަޅުއަޅާފައިވާ މީހަކު އޮތެވެ. ޚަލީފާ އަހުރެންނަށް ބަސްފުޅު ވިދާޅުވުމުން އާދެ މަސާހިބޭ ދެންނެވީމެވެ.
ޚަލީފާ ވިދާޅުވިއެވެ: މީނާ ގެންދާށެވެ. އަދި ރަނގަޅަށް ބަލަހައްޓާށެވެ. ބަލަހައްޓަންވާނީ ސީދާ ކަލެއެވެ.އަދި މާދަން ހެނދުނު މައިރާ އޭނާ އަހަރެންގެ ގާތަށް ގެންނާށެވެ. ނަމަނަމަ އޭނާ ދޫވެގެން ދިޔަ ނުދޭތިވެއްޔެވެ! ދޫވެގެން ގޮސްފިނަމައީ އޭގެ ބަދަލަށް ކަލެއަށް ޢުޤޫބާތްދެވޭނެއެވެ.
ހަރަކާތްނުކުރެވޭ ވަރަށް ކަސްތަޅުއަޅާފައި ވާތީ، ހައެއްކަ ފުލުހުން ލައްވާ އަހަރެން އޭނާ ގެންދުވީމެވެ. އަދި ދަރުބާރުން ނުކުމެފައި ބުނީމެވެ:
އަމީރުލްމުއުމިނީން އެ ދެއްވި ވަޞިއްޔަތަށް ފަހު އޭނާ ހުރަގޭގައި ބަހައްޓައިފި ނަމަ ފިލައިގެން ގޮސް، އޭގެ ބަދަލަށް އަހަރެންނަށް ޢުޤޫބާތްލިބިދާނޭ ކަމާ މެދު ބިރުހީވެއެވެ. އެހެންވީމާ އަހަރެންގެ ގޭގައި ބައިންދައިގެން އޭނާގެ ފާރަވެރިކަން އަހަރެން އަމިއްލައަށް ބެލެހެއްޓުން ނޫން ގޮތެއް ނެތެވެ.
ދެން އޭނާ އަހަރެންގެ ގެއަށް ގެންދިޔައިމެވެ. ބަލާބެލުމަށް އޭނާގެ ފަރާތުން ފެންނަނީ ހައިބަތްތެރިކަމާއި މީސްވަންތަކަމެވެ. މާތް ބޭކަލެއްގެ ސިފަތަކެވެ. ފާފަވެރި މުޖުރިމެއްގެ ނިޝާންތަކެއް ނޫނެވެ.
ދެން އަހަރެން ވަރަށް އޯގާތެރިކަމާއެކު އޭނާއަށް ބުނީމެވެ: ތިޔައީ ކާކުހެއްޔެވެ؟
އޭނާ އަހަރެންނާ ދިމާއަށް ބަލާލި ގޮތަށް ކަޅިޖަހައިނުލައި އެތައް އިރަކު ހުރެފައި ދިމިޝްޤު މީހެކޭ ބުންޏެވެ. އޭނާއަށް ކުރީގައި އަހަރެން އެނގިފައިވާހެން އަހަރެންނަށް ހީވާވަރުވިއެވެ.
ފުލުހުންގެ ވެރިޔާ ދިމިޝްޤު ހަދާންވުން
އޭނާ ދިމިޝްޤު ގެ ވާހަކަ ހަމަ ފަށާއިރަށް،އަހަރެންގެ ގާތުގައި ވަރަށް ޚާއްސަވެފައިވާލޮބުވެތި ހަނދާނެއް ހިތުގައި ދިރޭގޮތްވެއްޖެއެވެ. އަދި ބުނީމެވެ:
ދިމިޝްޤަށް ﷲ ބަރަކާތްލައްވާށިއެވެ!ދިމިޝްޤަށްޓަކައި އަހަރެންގެ ކަނދުރާގައި އެޅިފައިވާ ދަރަންޏެއް ވެއެވެ.ދުވަހަކު ހަނދާން ނުނެތޭނޭ ފަދަ އިޙްސާންތެރިކަމެއް ވެދިން މީހެއް ދިމިޝްޤުގައިވެއެވެ.އަހަރެންގެ ދަރިފުޅާއި ރައްޓެހިންގެ ދޫދޫ މަތިންވެސް އޭނާގެ ނަން އިވޭ ފަދަ ދަރަޖައަށް، އަދި އަދަށް ދާންދެންވެސް އޭނާގެ ވާހަކަ އަހަރެންގެ އެކުވެރީންނާއި އަހުލުވެރީން ގާތު ދައްކާ އުޅެމެވެ. އަދި މީހަކު ދިމިޝްޤުން އަތުވެއްޖެ ކަމުގައިވާ ނަމަ އޭނާއާ ބެހޭ ގޮތުން ސުވާލުވެސް ކުރަމެވެ.
އޭނާ ބުންޏެވެ: އެއީ ކާކުހެއްޔެވެ؟
އެއީ މިވެނި މީހާއެވެ. ކަލޭ އޭނާ ދަންނަންހެއްޔެވެ؟
މުޖުރިމު ބުންޏެވެ: އާނއެކެވެ. އެކަމަކު ސާހިބާގެ ކިބައިން އޭނާގެ އިޙްސާންތެރިކަމުގެ ވާހަކަ އަޑުއަހާފައި މެނުވީ ސާހިބާއަށް އޭނާގެ ޚަބަރު އަހަރެންނެއް ނުދޭނަމެވެ.
ދިމިޝްޤުގައި އިންގިލާބެއް
އަހަރެން ބުނީމެވެ. އަހަރެން އުޅުނީ ދިމިޝްޤު އަމީރުގެ ކާތިބަކަށެވެ.ދިމިޝްޤަކީ އެރަށުގެ އަހުލުވެރިންނަށްޓަކައި ޢަޖައިބުވާންޖެހޭ ފަދަ ރަށެކެވެ. އެބައިމީހުންނަކީ އަމާންކަމުގައި އޮމާންވެފައި ހިމޭން ބައެކެވެ. ހަލަބޮލިވެ ހިލިގަނެގެން އުޅޭ ނަމަ ވަރަށް ވެސް ހަރުކަށިބައެކެވެ. އެރަށުގައި ވާއިރު ނަފުސު އަމާންވެފައި ހާލަތު އަރާމުވާނެއެވެ.އެހެންހުއްޓާ ކަލެއަށް ފެންނާނީ ފައިދަށުން އަލިފާނުގެ ފަރުބަދަތައް ގޮވާތަނެވެ.އެއްފަހަރަކު އަހަރެމެންނަށް ވެސް އޭގެ ކަމަކާ ކުއްލިއަކަށް ލައިގަތެވެ. އަހަރެމެން ވެރިކަމުގެ ކޮއިލުގައި ތިބޭއިރު މާބޮޑު ބިރުވެތިކަމެއް ނެތެވެ. އަހަރެމެން ހަވީރުކުރީވެސް ނުހަނު ހިމޭންކަމާއި އަމާންކަމުގައެވެ. ނަމަވެސް ރަށުގައި އުފެދިފައިވާ ފިތުނައިގެ ހުޅުފަޅައިގެން ހިނގައްޖެއެވެ. އޭގެ ކަނިތައް މުޅިތަނަށް ފެތުރިއްޖެއެވެ.ޢާންމުން އެއްވެ ވެރިކަމުގެ ކޮއިލު ހިސާރުކޮށްފިއެވެ. އެމީހުން ބޭނުންވީ އަމީރާއި އަހަރެންނާ ދެމީހުންގެ ބޯ ކަނޑާލާށެވެ.  އެހިސާބުން  ބޮޑު ޖާޑިއެއްގެ ވަތަށް ފައިބާ އަމީރު ފިއްލަވައިފިއެވެ. ކުޑަދޮރުން  ވާގަނޑެއް ބާލައިގެންގަނޑުވަރުގެ ބިއްދަށް ފަރާތުގައި އޮތް ހަނި ގޯޅިގަނޑަކަށް އަހަރެން ފައިބައިފީމެވެ. މާތްރަސްކަލާނގެ ދަރުމަވަންތަވެރިކަމުން ނަސީބަކުން އޭރު އަހަރެންގެ ދަރިޔަކު އަނތްބަކުނެތެވެ. އަހަރެން ފިލީ ވަޒީފާގެ ފޭރާމުގައި ކަމަށްވާތީ، ރޭގަނޑުގެ އަނދިރީގައި އަހަރެން ހިނގަމުންދިޔައީ ސިހުންވެހުރެ ފަރުވާތެރިކަމާއެކީގައެވެ.އިންގިލާބީންގެ އަޑުފައްގަނޑު އޭރުވެސް އިވެމުންދެއެވެ. ދާނެ ވަކި ދިމާއެއް އަހަންނަކަށް ނޭނގެއެވެ.
ހިމާޔަތަށް އެދުން
އެހެން ހިނގާފައި ދަނިކޮށް ވަރަށް ބޮޑު ގެއެއްގެ ދޮރުމަތީގައި ހުރި ރަނގަޅު ސިފަޖަހާ ފިރިހެނަކު ފެނުމުން އޭނާއަށް ބުނީމެވެ:އަހަރެން ރައްކާތެރިކަމަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ. އެއަށްފަހު ކަލޭގެ މަދަދުންނެވެ. ކަލޭގެ ކިބައިގައި އަހަރެންނަށްޓަކައި ދަރުމަވެރިކަމެއް ވޭހެއްޔެވެ؟
އޭނާ ބުންޏެވެ: އުފާކުރާށެވެ.
އަދި އޭނާގެ އަހުލުވެރީންނަށް ވެސް ސިއްރުން އެގެއަށް އަހަރެން ވެއްދިއެވެ. އަދި ވަރަށް ތާށި ސިޑިއަކުން އަހަރެން ގޮވައިގެން މައްޗަށް އެރިއެވެ. އެކަން އޭނާގެ އަނބިމީހާއަށް ފިޔަވައި އިތުރު މީހަކަށް ނޭނގޭނެއެވެ. އަހަރެންގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިނުދޭން އޭނާވަނީ އެކަމަނާ ލައްވާވެސް ހުވާކުރުވައި ޢަހުދުކަށަވަރު އަތުލައިފައެވެ.
އެ ގޭތެރެ ބަލައި ފާސްކުރުން
މާގިނައިރުތަކެއް ނުވެ އާންމުންގެ ބައިގަނޑު ހަޅޭފަޅޭ ޖަހަމުން އެހިސާބަށް އަތުވެއްޖެއެވެ. އެމީހުން އަހަރެން ކޮބައިހޭ އެހުމުން ތިމަންނާ އެއްވެސް މީހަކު ނުދެކެމޭ އޭނާ ބުންޏެވެ. ތިހެންވީއިރު ކޮންމެހެންވެސް ގޭތެރެ ފާސްކުރަންޖެހޭ ކަމުގައި އެމީހުން ބުންޏެވެ.ގެ އެހެރީ ކަލޭމެންނަށޭ، އެކަމަކު ގެއަށް ވަދެ ފާސްކުރާނޭ ކޮންމެވެސް އެކަކު ޢައްޔަންކުރާށޭ ބުނުމުން، އެމީހުންގެ ތެރެއިން އެކަކު އެކަމަށް އައްޔަންކޮށްފިއެވެ. އެމީހާ ވަދެ އެނބުރިއެނބުރިފައި މީހަކު ނުފެނިގެން އެންމެ ފަހުން އަހަރެން ފިލައި އިން ކޮޓަރިއާ ދިމާއަށް އަންނަން ފެށުމުން އެ ގޭގެ އަންހެން މީހާ އެކަމަށް ހުރަސްއަޅާ ހަޅޭއްލައިގަތީމާ އެމީހުން އެނބުރި ހިނގައްޖެއެވެ.
ގޭވެރިމީހާގެ އަންހެނުން އޭނާއަށް ޚިދުމަތްކޮށްދިނުން
ދެން އެގޮތުގައި އަހަރެންގެ މުޅި ދުވަސް ހޭދަކުރަނީ ބިރުން ހުރެއެވެ. ގޭގެ އަހުލުވެރީންނާ ނޭނގޭނޭހެންގޭވެރިމީހާ އަހަރެންނަށް ކާތަކެތި ގެނެސްދީ އަހަރެންގެ އެކަނިވެރިކަން ފިލުވައިދެއެވެ. އެއަށްފަހު އެތައް ދުވަހަކަށް އޭނާގެ ޚަބަރެއް ނެތި ގެއްލުނެވެ. އެ ދުވަސްވަރު ކާތަކެތި ގެނެސްދެނީ އޭނާގެ އަންހެނުންނެވެ. ހިލޭ ފިރިހެނަކާއި އަންހެނަކާއި އެކެހެރިވުން ހުއްދަވެގެން ނުވާތީ އެކަމަނާ ސިޑީގެ މެދާ ހަމައަށް އަރާފައި ކާތަކެތި ބަހައްޓާފައި އަހަރެންނަށް ގޮވާލާފައި ތިރިއަށް ފައިބައިގެންދިއުމުން، އަހަރެން ތިރިއަށް ފައިބައިފާ ކާއެއްޗެހި ހިފައިން މައްޗަށް އަރަނީއެވެ.
ގޭވެރިމީހާ އެނބުރިއައުން
އޭގެ ދުވަސްތަކަކަށްފަހު ގޭވެރިމީހާ އަތުވެއްޖެއެވެ. ބަލިވެ ލޮޑުވެފައިވާ ހާލުގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާއާއި ގެއްލުންތަކުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އަހަރެން ކިހިނެއްވަފައިހޭ އެހުމުން ތަނަކުން ވެއްޓި އަނިޔާވީކަމުގައި އޭނާ ބުންޏެވެ.
އިންގިލާބީން ގޭވެރިމީހާއަށް އަނިޔާކުރުން
ފަހުން އެނގުނު ގޮތުގައި އޭނާ ވެއްޓުނީއެއް ނޫނެވެ. އެކަމަކު އިންގިލާބީން އަހަރެން ފިލައިހުރިތަން ހޯދުމަށްޓަކައި އޭނާ ހިފައިގަތީއެވެ. އަހަރެން ހުރީ ކޮންތާކުކަން ނޭނގެއޭ ބުނުމުން އެމީހުން އޭނާތަޅައި އަނިޔާކޮށް ގައިން ލޭ އަންނަވަރުކޮށްލީއެވެ.އަތްފައި މުގުރާ ހެދީއެވެ. އެވަރުން ވެސްއޭނާ އަހަރެން ވީ ތަނެއް އެމީހުންނަށް ބުނެއެއް ނުދިނެވެ. ދެންވެސް އެމީހުން ކުރުނުކުރީމާ އޭނާ ބުންޏެވެ:
އެއީ ބަރީއަވެގެންވާ މީހެކެވެ. އޭނާ ކުށެއް، އަނިޔާއެއް ކުރިކަމެއް މަށަކު ނުދެނެހުރީމެވެ. މަވީ ކަލޭމެން އޭނާ މަރާލަން އޭނާ ވީތަން ދައްކާފައި މާދަމާ ﷲ ގެ ޙަޟްރަތަށް އޭނާގެ ލެޔާއިގެން  ދާންހެއްޔެވެ؟ ﷲ ގަންދެމެވެ. އޭނާ އޮތީ އަހަރެންގެ ދެފައިތިލައިގެ ދަށުގައި ކަމަށް ކަލޭމެންނަށް އޭނާ ނުދައްކާނަމެވެ. ބޭނުންހާ ކަމެއް ކޮށްބަލާށެވެ. ﷲ ގެ ޙަޟްރަތަށް ނިޔާކަނޑައެޅުމަށް މީހުންތައް ޖަމާކުރެވޭނެއެވެ.
އެމީހުންނަކީ މުއުމިނުންކަމުން ޤިޔާމަތް ދުވަސް ހަނދާންކޮށްދީ ﷲ އާ މެދު ބިރުގެންނެވުމުން ޖެހިލުންވެ މާތްކަލާނގެ ހަނދާންވެގެން އޭނާއަށް އަނިޔާކުރުން ހުއްޓާލާ ދޫކޮށްލައިފިއެވެ.
ބަޣްދާދަށް ފުރުން
އަހަރެން އޭނާގެ ގާތުގައި ހަތަރު މަސްދުވަހު ހުރީމެވެ. އެންމެ ފުރިހަމަ މެހެމުނާންދާރީގައެވެ. އޭނާއަށް އަހަރެންނަކީ ކާކުކަމެއް ވެސް ނޭނގޭ ހާލުގައެވެ. އަހަރެންގެ ނަމަކީ ކޮބައިތޯ ވެސް އަހައިލުމެއް ނެތިއެވެ. ނުކިޔަމަންތެރިވެގަތް މީހުންމުޅި ރަށަށް ވަކިހިއްޕައިފައި އޮތް އިރުއެވެ. ެން ފަހުން އަހަރެން ހޯދުމުގެ ކަންތައް މަޑުޖެހުނުމުން، އޭނާއަށް އަހަރެން ބުނީމެވެ: ބަޣްދާދަށް ދިއުމަށް އަހަރެން ޢަޒުމްކަނޑައަޅައިފީމެވެ.
އޭނާ ބުންޏެވެ:މީގެ ތިން ދުވަސް ފަހުން ބަޣްދާދަށް ދާން ގާފިލާ ނުކުންނާނެއެވެ. އެއަށްފަހު އޭނާގެ ނޯކިރީކުއްޖަކަށް ގޮވާލާފައިވާ ސަވާރީއާއި ދަތުރަށް ބޭނުންވާނޭ ތަކެތި ތައްޔާރުކުރުމަށް އެންގި ގޮތުން، އަހަރެން ހީކުރީ،އޭނާ ވެސް އެއުޅެނީ އޭނާގެ ކޮންމެވެސް ބޭނުމެއްގައި ބަޣްދާދަށް ނުވަތަ އެނޫންވެސް ކޮންމެވެސް ދިމާއަކަށް ދަތުރަކަށް ނުކުންނާށެވެ.
އެމީހުން އެ ދުވަހަށް ވަރަށް ބުރަ މަސައްކަތުން ތައްޔާރުވެއްޖެއެވެ. ދެން ގާފިލާ ނުކުންނަން އޮތް ރޭގެ ދަންވަރު އަހަރެންގެ ގާތަށް އައިސް އޭނާ ބުންޏެވެ. ގާފިލާ ނުކުންނަނީ މި ގަޑީގައެވެ.
އަހަރެން ހިތަށް އެރިއެވެ. އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ؟ ދަތުރުމަތީގައި ކާނެ އެއްޗެއް ވެސް އަހަރެންގެ އަތަކު ނުވެއެވެ. ސަވާރީއެއް ކުއްޔަށް ހިފުމަށްޓަކައި ދޭނޭ އަގެއްވެސް އަހަރެންގެ އަތުގައި ނުވެއެވެ. ކޮންމެއަކަސް ކޮޅަށް ތެދުވިއިރު އޭގެ ދެމަފިރީން ތިބީ ދަބަހެއް ހިފައިގެންނެވެ. އޭގައި އެންމެ ރީތި ފޭރާމާއި އާ ދެޚުއްފާއި ދަތުރަށް ބޭނުންވާނޭ އެހެނިހެން ސާމާނުވެސް ހުއްޓެވެ. އަދި ކަނޑިއެއް ހިފައިގެން އައިސް އަހަރެންގެ ކޮނޑުގައި އަޅުވާލަދިނެވެ. އަދި ސަވާރީއާއި ނޯކިރީ ކުއްޖާ އަހަރެންނަށް ވެދުމަށް އެރުވިއެވެ. އަދި އަހަރެންގެ އަތަށް ފަސްހާސް ދިރުހަމު އޭގައިވާ ކީސާއެއްވެސްދިނެވެ. އެވަރުން ނުވެގެން އޭގެ ދެމަފިރީން އަހަރެންގެ ޙައްޤުއަދާކުރުމުގައި އިހުމާލުވެވިފައިވާ ނަމަ މާފަށް އެދި އުޒުރުވެރިވިއެވެ.
ދެން އަހަރެންނާމެދު އެވީ އިހުސާންތެރިކަމަށްޓަކައި ހެޔޮ ބަދަލު ދިނުމަށް ﷲ ގަންދީ ހުވާކުރީމެވެ.
މުޖުރިމުގެ ގޮތުގައި ހައްޔަރުކުރެވިފައިވަނީ އެއީ ހަމަ އޭނާ
މުޖުރިމު ބުންޏެވެ: އޭނާއަށް ވަފާތެރިވެ ބަދަލު ދެވޭނޭ ގޮތް ﷲ ސާހިބާއަށް މިންވަރުކޮށްދެއްވައިފިއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެމީހަކީ އަހަރެންނެވެ. އަހަރެން މިވަނީ ދޮގުވެރިއެއްގެ މަކަރުވެރި ރޭވުމުގެސަބަބުން ހައްޔަރުވެ އަނިޔާލިބިފައެވެ.މާދަމާ އަހަރެން ގެންދެވި ޤަތުލުކޮށްލެވޭނެއެވެ. އަހަރެންނާ މެދު ﷲ އަށްޓަކައި އޯގާތެރިވެލައްވާށެވެ.
ދެން އަހަރެން ވިސްނާލާ ބެލިއިރު އެއީ ހަމަ އޭނާއެވެ. ކޮށްލާފައި  ހުރިވަރުން އެއީ އޭނާކަން ކުރީގައި ވަކިވާ ގޮތް ނުވީއެވެ. ދެން ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަރެމެންގެ ދެމެދުގައި ހިނގާދިޔަ ކަންކަމާއި އޭނާގެ ކަންތައް ތަފުސީލުކޮށް ހަދާންކޮށްދޭން ފަށައިފިއެވެ.
އެހިނދު އޭނާގެ ކައިރިއަށް ޖެހި ބައްދައިގަނެ، އޭނާގެ ބޮލުގައި ބޮސްނުދީއެއް އަހަރެންގެ ނަފުސު ހިފަހައްޓައެއް ނުލެވުނެވެ.
އަހަރެން ބުނީމެވެ: ކަލޭގެ ޚަބަރަކީ ކޮބައިހެއްޔެވެ؟ އަހަރެންނަށް މިފެންނަ ހާލަށް ކަލޭ ވެއްޓެން ޖެހުނީ ކޮންކަމަކާހުރެހެއްޔެވެ؟
އޭނާ ހައްޔަރުކުރެވުނު ސަބަބު
އޭނާ ބުންޏެވެ. ސާހިބާގެ ދުވަސްވަރު ހިނގިފަދަ ފިތުނައެއް ދިމިޝްޤުގައި ބޮޑުވީއެވެ. ދެން އަހަރެންގެ ޢަދުއްވުންތަކެއް ދޮގު ތުހުމަތުތަކެއް އަހަރެންގެ މައްޗަށް ނިސްބަތްކުރީއެވެ. އެހިނދު އަމީރުލްމުއުމިނީން ލަޝްކަރީން ފޮނުއްވާ ރަށް ހަމައަކަށް އަޅުއްވާލެއްވީއެވެ. އަދި އަހަރެން ހިފައިގަނެ، މަރަށް ހުށައެޅޭ ވަރަށް ތެޅުމަށްފަހު ކަސްތޮޅު އަޅާ، އަމީރުލްމުއުމިނީންގެ އަރިހަށް ފޮނުވުނީއެވެ. އަހަރެން އަހުލުންނާ ވަކިވެގެން އައީ އެއްވެސް ވަދާޢެއް ވަސިއްޔަތެއް ކުރުމެއް ނެތިއެވެ. އެމީހުންނަށް އަހަރެންގެ ޚަބަރު ގެންގޮސްދޭން އައި މީހާ މިވެނި މީހާގެ ގޭގައި ފައިބާ ހުންނާނެއެވެ. އަހަރެން ބޭނުންވާ ވަސިއްޔަތެއް ކުރުމަށްޓަކައި މީހަކު ފޮނުވައިގެން އޭނާ މިތަނަށް ގެނެސްދިނުމުގެ އިތުރަށް އެއްވެސް ބަދަލެއް ސާހިބާގެ ކިބައަކުން ބޭނުމެއް ނޫނެވެ. އެހެން އެކަން ކޮށްދީފި ނަމަ ބަދަލުދިނުމުގައި ސާހިބާ އިތުރުކޮށްފީމުއެވެ. އަދި އެންމެ ފުރިހަމައަށް ވަފާތެރިވެއްޖައީމުއެވެ.
ދެވާޖިބުގެ މެދުގައި
އެހިނދު އަހަރެންނަށް އިހުސާސްކުރެވުނީ ގެއްލިގެން އުޅުނު ޖަވާހިރެއް، ފެނުމުން ވާނެއުފާވެރިކަމެވެ. އަހަރެން ހުރީ އޭނާ ނައިސްގެން ދިގު އިންތިޒާރެއްގައި ކަހަލައެވެ. އޭނާއަށް ހެޔޮކޮށް ހިތައި އުފާވެރިކުރުވާނޭ އެތައް ގޮތެއް ވިސްނީމެވެ. ނަމަވެސް އޭނާއަކީ ހައްޔަރުކުރެވިފައިވާ މީހެއް ކަމާއި ޚަލީފާގެ ކުރިމަތީގައި އޭނާއާ މެދު މަސްއޫލުވާންޖެހިފައިވާ މީހަކީ އަހަރެންކަން ހަނދާންވި ހިނދު، ވެގެންދިޔައީ ލޯބިވާ މީހަކާ ބައްދަލުވިތަން ހުވަފެނަކުން ފެނިފައި ހޭލެވުން އިރު، އޭނާ ފެންނަން ނެތުމުން ވާ ގޮތެވެ. ޚިޔާލީ ދުނިޔެއިން ޙަޤީޤީ ދުނިޔެއަށް އާދެވުމުންވަށައިގެން ބަލާލީމާ ފެނުނީ ޟަމީރުގެ އިމްތިޙާނަކަށް ހުށައެޅިފައިވާ ތަނެވެ. އެމީހާ އަހަރެން މަރުން ދިފާޢުކޮށްދިނެވެ. މާދަމާ އަހަރެންނަށް މިޖެހެނީ އޭނާ ގެންގޮސް މަރަށް ހުށައަޅާށެވެ. އޭނާގެ އަމިއްލަ ނަފްސުން އަހަރެންގެ ހަޔާތް އަމާންކޮށްދިނެވެ. އެކަމަކު މިއަދު އޭނާގެ ޙަޔާތް ނިގުޅައިގަންނަން އަހަރެން ފާރަވެރިވަނީއެވެ.
އަހަރެން ހަދަންވީ ކިހިނެއްހެއްޔެވެ؟ އޭނާއަށް ވަފާތެރިވެ، ދަރަނި އަދާކޮށް، ވަޒީފާގެ އަމާނަތަށް ޚިޔާނަތްތެރިވެ، ޚަލީފާގެ ކޯފާއަށް ހުށައެޅިގަންނަންވީހެއްޔެވެ؟ ނުވަތަ ވަޒީފާގެ އަމާނާތް އަދާކޮށް، ޚަލީފާ ރުއްސާފައި އަމާން ދިރިއުޅުމާއި މަތިވެރި ޖާހާއިގެން އަރާމުކޮށްފައި،އަހަރެންގެ ނަފުސާއި ދަރީންނާ އަނބިމީހާގެ ލޯމަތީގައި ކުޑަވެގެން އުޅެންވީހެއްޔެވެ؟
ދަރީންނާއި އަނބިމީހާ ހަނދާންވި ހިނދު، އަހަރެން މީނާއަށް ވަފާތެރިވުމުން، ނެތިދާނީ އަހަރެންގެ އަމިއްލަ ނަފުސު އެކަނި ނޫންކަމާއި، އަހަރެންގެ އަނބިމީހާ ހުވަފަތްވެ، ދަރީން ޔަތީމުވާނީކަންވެސްހިތަށް އެރިއެވެ.
އަހަރެންގެ ސިކުނޑީގައި އެތަކެއް ފިކުރުތަކެއް އެނބުރެމުން ސެނބުރެމުން ދިޔައެވެ. މޭގައި ރީއެޅިފައިވާ ކަހަލައެވެ. ފުރާނަދާން އުޅޭ ކަހަލައެވެ.
އަހަރެންގެ ބޯ، ދެއަތްތިލައިގެ މައްޗަށް ވައްޓާލުމަށްފަހު، ހަދާނެ ގޮތަކާމެދު ވިސްނަން ފެށީމެވެ.
ޚަލީފާއަށް ކިޔަމަންތެރިވުމުގެ ޙައްޤާއި މަގާމަށް އަމާނާތްތެރިވުމުގެ ޙައްޤާއި ދަރިއަށް ދޭންޖެހޭ ބަފާވަންތަކަމުގެ ޙައްޤު އަހަރެންގެ މައްޗަށްވެއެވެ. އަނެއްކޮޅުން އަހަރެންގެ ޙަޔާތް މަރުން ސަލާމަތްކޮށްދިން މީހާއަށް ވަފާތެރިވުމުގެ ޙައްޤު ވެސް އަހަރެންގެ މައްޗަށްވެއެވެ. އޭނާ ދިރިއުޅުމަށް ދޫކޮށްލުމާއި މަރުގެ މައްޗަށް ހުށައަޅާލުން އައިސްފައި މިއޮތީ އަހަރެންގެ އަތްމައްޗަށެވެ.
އަހަރެންނަކީ ފިނޑިއެއް ކަމުގައި ނުވަމެވެ. ހިތްވަރެއް ނެތް ނިކަމެއްޗަކަށް ވެސް ނުވަމެވެ. ގަދަފަދަ ހަނގުރާމަތައް ވެސް ކޮށްފީމެވެ. ޖަންގަލިތަކުގެ ސިންގާތަކަށް ވެސް ކުރިމަތިނުލެވޭ ފަދަ ދަތި އުނދަގޫ ދުވަސްތަކުގައި އަހަރެން ސާބިތުވީ ގުޑުން ނާރާނޭ ހިލަގަނޑުތަކަށް ވެސް ސާބިތު ނުވެވޭނޭ ފަދައިންނެވެ. އެހެނަސް މިއީ އަދި މީގެ ކުރިން ކުރިމަތިވެފައި ނުވާ ފަދަ ކަމެކެވެ. ކުރިން އެނގިފައިނުވާ އިމްތިޙާނެކެވެ.
މި ވަޒީފާއިން އަހަރެން ވަކިކުރެވި ޖަލަށްލެވި ނުވަތަ ޤަތުލުކުރެވުމުން، ދަރީން ބިކަވެ، އެމީހުންނަށް ޖެހޭނެ ދަތި ހާލަތް ތަސައްވަރުކޮށްލީމެވެ. އަދި މިމީހާ ޤަތުލުވާން ދޫކޮށްލީމާ އަހަރެންގެ ޟަމީރަށް ލިބޭ ޢަޒާބުގެ ރަހަދެކެމުން، ދަރީންގެ ކުރިމަތީ އަގެއް ނެތި، ހުންނަންޖެހޭނޭ މަންޒަރު ވެސް ތަސައްވަރުކޮށްލީމެވެ. އެމީހުންގެ ގާތުގައި އަބަދާއި އަބަދު އެމީހެއްގެ ޚަބަރުން ވާހަކަކިޔާ އޭނާގެ މާތްކަމާއި ޝަރަފުވެރިކަމުގެ ވާހަކަދައްކާ އުޅޭ މީހާ ޤަތުލުވެދިއުމަށް އަހަރެން ހުށައެޅީމާ، އަހަރެންގެ ދަރީން އަހަރެންނާ މެދު ދެކޭނީ ކޮންފަދަ ގޮތަކަށްހެއްޔެވެ؟ ޟަމީރަށް އަރާމުވެފައި، ދަރީންގެ ކިބައިން ލިބޭ އަގުވަޒަންކުރުމާއި މީހުންގެ އިޙްތިރާމު ނެތަމަ ޙަޔާތަކީ ދެން ކީއްކުރާނެ އެއްޗެއް ހެއްޔެވެ؟
ހަދާނީ ﷲ ރުހިވޮޑިގަންނަވާނެ ގޮތަށެވެ.
ދެން އަހަރެންނަށް ރަނގަޅު ގޮތް ވިސްނުނެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެންނަކީ މުސްލިމެކެވެ. މުސްލިމަކު ދެފުށުއެޅޭހިނދުގައި ދާންޖެހޭނީ ﷲ ބޮޑަށް ރުއްސަވާ ކޮޅަކަށެވެ. އަދި ޙައްޤާއި ބޮޑަށް ގާތް ދިމާއަކަށެވެ. އަނިޔާވެރިއަކަށް ވުމަކަށް ވެސް އަދި އަނިޔާއަކަށް ވާތްގެއް ދިނުމަކަށް ވެސް ﷲ ނުރުއްސަވާނެއެވެ. ޚަލީފާއަށް ކިޔަމަންވެވޭނީ ހެޔޮ ކަންކަމުގައެވެ. ޚާލިޤަށް އުރެދުމުގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނުވެއެވެ. އަދި ޢިރާޤުގެ ވާލީއެއް ކަމުގައިވިއިބްނު ހުބައިރާއަށް ޙަސަނުލްބަޞްރީ ދެއްވި ޖަވާބު ހަނދާނަށް އައެވެ. އޭނާ ދެންނެވިއެވެ: ޔަޒީދު ބުނު ޢަބްދުލްމަލިކް ފަހަރެއްގައި ﷲ އަށް އުރެދުމެއް ހުރި ކަމަކަށް އަމުރުކުރައްވައިފި ނަމަ ތިމަންނާ އޭނާގެ ވަޒީފާގައި ހުރެ އޭނާއާ ޚިލާފުވުމަކީ ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ވީއިރު އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ؟ ދެން ޙަސަނުލްބަޞްރީ ވިދާޅުވިއެވެ. އޭ ހުބައިރާގެ ދަރިޔާއެވެ. ޔަޒީދަށް އުރެދިފައި ﷲ އަށް ކިޔަމަންގަނެއްޖެ ނަމަ، ﷲ ކަލެއަށް ޙިމާޔަތްދެއްވާނެއެވެ. އަދި ﷲ އަށް އުރެދުމުގައި ޔަޒީދާއެކު ކަލޭ ވިޔަކަސް، ﷲ ގެ ކިބައިން ޔަޒީދަކަށް ކަލޭ ޙިމާޔަތެއް ނުކޮށްދެވޭނެއެވެ.
ރިވެތި ބަދަލު
ﷲ ރުހިވޮޑިގެންވާ ގޮތަށް ޢަމަލުކުރުމަށް އަހަރެން ޢަޒުމްކަނޑައެޅީމެވެ. އަދި ކަނބުރުވެރިޔަކު ގެނެސް އޭނާގެ ކިބައިން ކަސްތޮޅުތައް ނައްޓުވާލުމަށްފަހު އޭނާ ފާޚާނާއަށް ވެއްދީމެވެ. ދެންއަހަރެންގެ އެހީތެރިޔާއަށް ގޮވާލުމަށްފަހު ބުނީމެވެ. އަހަރެންގެ ސަވާރީއާއި އަހަރެންގެ މިލްކިއްޔާތުން އިތުރު ތިން ބަޣުލާއި، ދިހަ ހާސް ދިރުހަމާއިގެން އައިސް، މިމީހާ ތައްޔާރުކޮށްގެން އޭނާގެ ރަށަށް ފޯރައްޖައުމަށް ދާންދެން އޭނާއާ އެކު ދާށެވެ. އޭނާގެ ބޮލުން އިސްތަށްޓެއް މަދުވިޔަސް އެޔާމެދު ކަލެޔާ ސުވާލުކުރާނަމެވެ.
އެހިނދު ކުށްވެރިވެފައިވާ މީހާ ބުންޏެވެ. ނޫނެކެވެ. ތިޔަހެން ތިޔަކަން ކޮށްގެން ނުވާނެއެވެ. އަހަރެން ނަޖާވެފައި ސާހިބާއާ ސުވާލުވެވިގެނެއް އެއްގޮތަކަށް ވެސް ކަމަކު ނުދާނެއެވެ. ކިއެއްހޭ! އަހަރެންގެ ނިމުމާއި އަހަރެން ބައްދަލުކުރާނީއެވެ.
އެހީތެރިޔާއަށް އަހަރެން ބުނީމެވެ. މީނާ ގެންގޮސް އެވެނި ތާކު ފޮރުވާށެވެ. މާދަމާ އަހަރެން ސަލާމަތްވެއްޖިއްޔާ އޭނާގެ ގާތަށް އަންނާނީއެވެ. އަދި އަހަރެންނަށް ކަމެއް ވެއްޖެ ނަމަ، އޭނާ އަހަރެންގެ ނަފުސު ޙިމާޔަތްކުރި ފަދައިން އަހަރެންނަށް ވެސް އޭނާގެ ނަފުސު ޙިމާޔަތްކުރެވުނީއެވެ.
އަމީރުލްމުއުމިނީންގެ އަރިހުގައި
އެގޮތަށް އެކަން ކަނޑައެޅުނީމާ ކުޑަކޮށް އަރާމުކޮށްލާފައި ހިނދުކޮޅަކު ނިދާލެވުނެވެ. ދެން ތެދުވެ ކަރުނައިން ފުރިގެންވާ ދެލޮލުން އަހަރެންގެ ދަރީންނަށް ބަލާފައި ވަދާޢުކުރީމެވެ. އަދި ހާރުދަންވުމުން ވުޟޫކޮށްގެން ނަމާދުކޮށް އިސްތިޣްފާރާއެކު ﷲ އަށް ދުޢާކުރީމެވެ. ދުވާލުގެ އަލިކަން ހަމަ ފާއްދާލާއިރަށް އަމީރުލްމުއުމިނީން އަހަރެން ބަލައިފޮނުވީމާ، ދިޔައިރު އަމީރުލްމުއުމިނީން އިންނެވީ ގަނޑުވަރުގެ މެދުގޯތީގައި ހުރި ގޮނޑިކޮޅެއްގައި އަހަރެންގެ އިންތިޒާރުގައެވެ. ދެން އަހަރެން އެކަނި އައީމާ ސުވާލުކުރެއްވިއެވެ. އެމީހާ ކޮބައިހެއްޔެވެ؟ އަހަރެން އެއްވެސް ޖަވާބެއް ނުދީ މަޑުންހުރީމެވެ. ދެން ހަޅޭފުޅުލައްވާފައި ވިދާޅުވިއެވެ. ކަލެއަށް ހަލާކުހުއްޓެވެ. އެމީހާ ކޮބައިހެއްޔެވެ؟ ދެންވެސް އަހަރެން ހަނުހުރެއްޖައީމެވެ.
ޚަލީފާ ވިދާޅުވިއެވެ: ﷲ ގަންދެމެވެ. އެމީހާ ފިލީކަމުގައި ކަލޭ ބުނެފިނަމަ ކަލޭގެ ބޯކަނޑާލާހުށީމެވެ.
އަހަރެން ދެންނެވީމެވެ. އޭ އަމީރުލްމުއުމިނީނެވެ. އޭނާއެއް ނުފިލައެވެ. އެކަމަކު އަޅުގަނޑު ކިބައިން އަޑުއައްސަވާށެވެ.
ވަރަށް ކޯފާވެފައި ވިދާޅުވިއެވެ. ކިޔާބަލާށެވެ. އަހަރެން ދެންނެވީމެވެ. އޭ އަމީރުލްމުއުމިނީނެވެ. އަޅުގަނޑުމެން ވަފާތެރިކަން ދަސްކުރީ މާތް މަނިކުފާނުގެ އަރިހުންނެވެ. ޢަދުލުވެރިކަމުގެ ޢާދަތަށް ލިބިގަތީ މާތް މަނިކުފާނުގެ ކިބައިންނެވެ. އެމީހާއާ ބެހޭ ގޮތުން ވާހަކައެއް އެބަ އޮތެވެ. (ދެން އަހަރެން ވާހަކަ ކިޔައިދިނީމެވެ.)
އަދި ދެންނެވީމެވެ. މަނިކުފާނު ބޭނުން ގޮތެއް ހައްދަވާށެވެ. އޭނާއަކީ އަނިޔާލިބިފައިވާ މީހަކުކަމުގައި ދެކެވަޑައިގަންނަވާ ނަމަ އޭނާއަކީ އެމީހެއްގެ ކިބައިން އަނިޔާ ދުރުކޮށްދިނުން އެންމެ އައުލާވެގެންވާ މީހާއެވެ. އޭނާއީ މުޖުރިމެއް ކަމުގައި ދެކެވަޑައިގަންނަވާނަމަ އޭނާގެ ކަނދުރާގެ ބަދަލަށް އަހަރެން     ގެ ކަނދުރާ މި އޮތީއެވެ. އަހަރެން ދިރިއުޅެ، އަމީރުލްމުއުމިނީންގެ ރުހުން ލިބި، މަނިކުފާނުގެ ފުލުހުންގެ ވެރިޔާކަމަށް ވުމަށް އަހަރެން ޤަތުލުވިޔަ ނުދީ ސަލާމަތްކޮށްދިނީ އޭނާއެވެ. އަހަރެން އަހަރެންގެ ދަރަނި އަދާކުރަނީއެވެ. އަހަރެން ސަލާމަތްކޮށްދިން ފަދައިން އަހަރެން އޭނާ ސަލާމަތްކޮށްދެނީއެވެ. އަހަރެން މިހުރީ ހުވަނދުލައި ތައްޔާރުވެގެން، ކަފުންވެސް ހިފައިގެން އައިހެވެ. ދަރީންނާއި އަހުލުވެރީންނަށް ވަދާޢުކިޔާފައި މަރާއި ކުރިމަތިލާން އައިހެވެ.
ޚަލީފާ އަށް އަސަރުކޮށް ދެ ލޯފުޅުން ކަރުނަ އައުން
އަމީރުލްމުއުމިނީނަކީ އޯގާވެރި ޙިލްމުވެރި ބޭކަލެއް ކަމުން އޭނާގެ ދެލޯފުޅުން ކަރުނު ފާއްދާލިއެވެ. އަދި އޯގާތެރިކަމާއެކު ވިދާޅުވިއެވެ. އޭނާ ރަށުން ބޭރުކޮށްލުމުގެ ކުރީގައި ކަލޭ އޭނާއާ އެކު އައިސް، އޭނާގެ ޚަބަރު ކިޔައިދިންނަމަ ކޮންފަދަހެއްޔެވެ؟ އޭނާގެ އިޙްސާންތެރިކަމަށްޓަކައި ބަދަލުދޭ މީހަކީ އަހަރެން ކަމުގައި ވުމަށެވެ.
އަހަރެން ދެންނެވީމެވެ. އޭނާވީ މިވެނި ތަނުގައެވެ. އޭނާވަނީ އަހަރެން ސަލާމަތްވެއްޖަކަން ނޭގެނީހުން މި ރަށުން ނުފުރުމަށް ހުވާކޮށްފައެވެ.
ޚަލީފާ ވިދާޅުވިއެވެ. ތިޔައީ އަދި ކުރީގެ އިޙްސާންތެރިކަމަށް ވުރެ ބޮޑު އިޙްސާންތެރިކަމެކެވެ.
އެމީހާ އައުން
ދޮރުވާނުކަލޭގެ ކުއްލިއަކަށް އެތެރެއަށް ވަދެފައި ޚަލީފާއަށް ދެންނެވިއެވެ. އޭ އަމީރުލްމުއުމިނީނެވެ. ދޮރުމަތީގައި ބީރައްޓެއްސަކު އެބަހުއްޓެވެ. އޭނާ ބުނަނީ އޭނާއައީ ނިކަން އަވަސްކުރަންޖެހިފައިވާ ބޮޑު ކަމަކާއިގެންކަމަށާއިއަމީރުލްމުއުމިނީނަށް ނޫނީ އެކަން ނާންގަވާނެކަމަށެވެ.
ވިދާޅުވިއެވެ. ވައްދާށެވެ.
އެމީހަކަށް މިވީ ކުށްވެރިވެގެން އުޅޭ މީހާއެވެ.
ވިދާޅުވިއެވެ. ކަލޭގެ ބޭނުމަކީ ކޮބާހެއްޔެވެ؟
އެމީހާ ދެންނެވިއެވެ. އޭ އަމީރުލްމުއުމިނީނެވެ. އަހަރެން މިއައީ އަހަރެންނާ މެދު ޙުކުމްކުރެއްވުމަށް އެދިގެންނެވެ. އަހަރެންގެ ކުށުގެ ސަބަބުން އެހެން މީހަކަށް ޢުޤޫބާތް ލިބުމަށް ނޭދޭތީ އަވަސްވެގެން އައީއެވެ.
ޚަލީފާ މައުމޫން ވިދާޅުވިއެވެ: ﷲ ގަންދެމެވެ. ކަލޭމެން ދެމީހުންކުރެ ހެވީ އަނެކަކު ކަމެއް ނިންމާންވެސް އަހަރެންނަށް ނޭނގެއެވެ. ކަލޭގެ ޚަބަރަކީ ކޮބާހެއްޔެވެ؟
ދެން ފިތުނައިގެ ވާހަކައާއި ހައްޔަރުކުރެވުނު ގޮތާއި އަނިޔާކުރެވުނު ވާހަކަ ދެންނެވުމުން ޚަލީފާއަށް އޭނާގެ ވާހަކަ ތެދުކަމުގައި ޤަބޫލުފުޅުކުރެވި، އޭނާ އަރިސް މީހަކަށް ހައްދަވާ، ގާތްކޮށް ހިއްތަވާ، ޚަލީފާއާ އެއް ސުފުރާއިން ކާންދެއްވާ ހެއްދެވިއެވެ. އަދި ގަވަރުނަރުކަން ހުށައެޅުއްވުމުން އެކަން އެމީހާ ރައްދުކުރެއްވީއެވެ. ދެން ޚަލީފާ އެމީހާއަށް ސަތޭކަ ހާސް ދިރުހަމާއި ދިހަ ހާސް ދީނާރާއި ދެއްވުމަށް އަމުރުކުރައްވާ، ދިމިޝްޤުގެ ގަވަރުނަރަށް އެމީހާއާ މެދު މާތްކޮށް ހިއްތެވުމަށް ފަތްކޮޅު ފޮނުއްވިއެވެ. އަދި ފުލުހުންގެ ވެރިޔާއަށް ވިދާޅުވިއެވެ. އޭނާ ގެންގޮސް ކަލޭ ބޭނުން ގޮތަކަށް އޭނާއަށް މާތްކޮށް ހިތާށެވެ.
ހަމަކަށަވަރުން ﷲ ހެޔޮކޮށް ކަންތައްކޮށްފި މީހާގެ ދަރުމަ ގެއްލެނި ނުކުރައްވައެވެ.
ޚަލީފާގެ ގަނޑުވަރުން ފުލުހުންގެ ވެރިޔާ ނުކުތް ތަނުން ދޮރުމަތީން އޭނާގެ އެހީތެރިޔާއާ ދިމާވެއްޖެއެވެ. އެހީތެރިޔާއަށް އޭނާގެ ސާހިބު މީހާ ފެނުނުހިނދު ލަދުވެތިކަމާ އެކު ދެންނެވިއެވެ. ސާހިބާއެވެ. އޭނާ އަހަރެންގެ ބެލުމުގެ ދަށުގައި ހުރެފައި ފިލައިގެން ހިނގައްޖެއެވެ.....
އެހެން ބުނެފައި ބަލާލިއިރު އެމީހާ އުފަލުން ފޮޅިގެންހުރެ، ޚަލީފާގެ ގަނޑުވަރުން ނުކުންނަތަން ފެނިފައި، އެހީތެރިޔާ ގަމާރެއްހެން އަނގަހުޅުވި، ހައިރާންވެގެން ހުއްޓުންއެރިއެވެ.
ފުލުހުންގެ އިސްވެރިޔާ ބުންޏެވެ. ފިލައިގެންދިޔައީ ކާކުހެއްޔެވެ؟
އެހީތެރިޔާ ބުންޏެވެ. ފިލައިދިޔައީ އަހަރެންގެ ބުއްދިއެވެ. އަހަރެންގެ ބުއްދިއަކީ ފިލައިގެން ދިޔަ އެއްޗެވެ. މި މީހާގެ ކަންތަކާމެދު އަހަންނަކަށް ހަމަ އެކައްޗެއް ވެސް ނުވިސްނުނެވެ. ރޭގައި އަހަރެން އޭނާ ދުށީ ބަރުހެލި ކަސްތޮޅުތަކުގައި، މަރުގެ ތުންފަތްމަތީގައި އޮތް ތަނެވެ. މިހާރު މަށަށް މިފެންނަނީ ފައިސާތަކާ މުދާތަކައިގެން ދަރުބާރުން ނުކުންނަ ތަނެވެ.
ފުލުހުންގެ ވެރިޔާ ހީލާފައި ބުންޏެވެ. އެއީ ތެދުވެރިކަމުގެ ނިމުމާއި އިޙްސާންތެރިކަމުގެ މޭވާއެވެ.
" ހަމަކަށަވަރުން ﷲ ހެޔޮކޮށް ކަންތައްކޮށްފި މީހާގެ ދަރުމަ ގެއްލެނި ނުކުރައްވައެވެ. "

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments