• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ހަރާންދަރިއަކު ލިބުމުން އެ ދަރިފުޅަށް ދެރަ ގޮތެއް ހަދަންއުޅޭ ކޮންމެ ޖިންސް ލަޠީފަކަށް މިވާހަކަ ވިދާޅުވެދެއްވާށެވެ

Posted by faradays on Saturday, October 08, 2011 No comments

މިއީ ވެސް ހަރާމް ދަރިއެކެވެ،އެހެނަސް ކެތްތެރިކަމާއި އެކު ކިޔާލަބަލާށެވެ
. އޭނާއަކީ، އެފަދަ ކުދިންނާމެދު ނާތަހުޒީބު މުޖުތަމަޢުތަކުގެ މީހުން ދެކެމުންދިޔަ ނޭދެވޭ ނަޒަރު ބަދަލުކޮށްލި ބައިނަލްއަގުވާމީ ޝަޚުޞިއްޔަތެކެވެ. "ލަވް ޗައިލްޑް" އަކީ ވެސް އެހެން ކުދިންނަށް ލިބިގެންވާ ޤަދަރާއި ޢިއްޒަތުއްނަފުސު ލިބިގެންވާ ކުއްޖެއްކަން އޭނާވަނީ ސާބިތުކޮށްދީފަ އެވެ.

ވާހަކަ ފެށުނު ހިސާބުން ފަށަމާ ހިންގަވާށެވެ! މިފެށުމާމެދު ތިޔަ ކިއުންތެރިޔާ ކުޑަކޮށް ނުވަތަ ވަރަށް ބޮޑަށް ފޫހިފުޅުވާ ގޮތް ވެދާނެ އެވެ. ނަމަވެސް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. ވަކި ހިސާބަކުން ފެށިގެން އުފެދިދާނެ ބޮޑު ޝައުޤުވެރިކަމެއްގެ އުންމީދު އޮތަތީ އެވެ!!!

މީލާދީ ސަނަތުން 1931 ވަނަ އަހަރު ޝާމުކަރައިގެ ސީރިއާ (سوريا) (Syria) ގެ ޙިމްޞު (حمص) (Homs) ގައި ކުއްޖަކު އުފަންވި އެވެ. އެކުއްޖާގެ ބައްޕައަކީ، ވަރަށް މުއްސަނދި މަހުޖަނެކެވެ. އެހެންކަމުން އެކުއްޖާ ބޮޑުވަމުން ދިޔައީ، ނުހަނު އުފަލާއި އަރާމާއި ޢިއްޒަތުގަ އެވެ. އަދި އެހައިމެ ފުރިހަމަ ޒަމާނީ ތަޢުލީމެއް ވެސް އޭނާއަށް ދެވުނެވެ. އޭނާގެ ޢުމުރުން 18 އަހަރުގައި އެމެރިކަން ޔުނިވަރސިޓީ (American University) އިން މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި، ބައިރޫތު (بيروت) (Beirut) އަށް ދިޔަ އެވެ. އޭނާ މަޝްހޫރުވެފައިވަނީ ޖަންދަލީ (جندلي) (Jandali) ގެ ނަމުންނެވެ.

ބައިރޫތުގައި ތަޢުލީމު ޙާޞިލުކުރުމަށްފަހު، އޭނާވީ، އެޒަމާނުގައި ޢަރަބީންގެ ހައިބަތާއި ޝަޚުޞިއްޔަތު ނަގަހައްޓަން މަސައްކަތްކުރި ހީވާގި ފަހުލަވާނެއް ކަމުގަ އެވެ. އޭނާގެ ތަރި ހަލުއިކަމާއެކު އުދަރެހަށް އެރި އެވެ. ނަތީޖާއެއްގެ ގޮތުން، "އަލްޢުރުވަތުލް ވުޘްޤާ" (العروة الوثقى) ޖަމްޢިއްޔާގެ ރައީސްކަން އޭނާއަށް ލިބުނެވެ. އެއީ، އެޒަމާނުގައި ޢަރަބީންގެ ގައުމީ ފިކުރާއިގެން ތެދުވި އެންމެ ހައިބަތުހުރި، އެންމެ ވަރުގަދަ އެއް ޖަމްޢިއްޔާ އެވެ. އެ ޖަމްޢިއްޔާ ވުޖޫދަށް އައީ، 1918 ވަނަ އަހަރު އެވެ.

އޭރު ލުބްނާން (لبنان) (Lebanon) ގެ ރައީސަކަށް ހުންނެވި ޚޫރީ (بشارة الخوري) ގެ ވެރިކަން ވައްޓާލުމަށްޓަކައި، 1954 ވަނަ އަހަރު، ޞުލްޙަވެރި މުޒާހަރާތަކެއް ފެށުނެވެ. އެ މުޒާހަރާތައް ފެށުނީ، ދުސްތޫރާ ޚިލާފަށް އޭނާ ވެރިކަމުގައި ދެމިހުންނަވަން އުޅުއްވާތީ އެވެ. އެ މުޒާހަރާތައް ފެށުމާ ވިދިގެން، "އަލްޢުރުވަތުލް ވުޘްޤާ" (العروة الوثقى) ޖަމްޢިއްޔާ އުވާލެވުނެވެ. ނަމަވެސް ޚޫރީގެ ވެރިކަން ވައްޓާލެވެންދެން، ހުއްޓުމެއްނެތި މުޒާހަރާތައް ކުރިޔަށް ދިޔަ އެވެ. ޚޫރީއަކީ، މަގުތަކާއި، މައިދާންތަކުގައި މުޒާހަރާކޮށްގެން މެދުއިރުމަތީގައި ވައްޓާލެވުނު ފުރަތަމަ ރައީސެވެ.

ޚޫރީގެ ސަރުކާރު ވައްޓާލުމަށްޓަކައި ކުރެވުނު މުޒާހަރާތަކުގެ ސަބަބުން، ޖަންދަލީއަށް ބައިރޫތުގައި ހުންނާކަށް ނުކެރުނެވެ. ސިޔާސީ އޮއިވަރު ދެމެދުން ދިޔަ ގޮތުން، އޭނާއަށް ރައްކާތެރިކަން ބޮޑީ އެހެން ގައުމަކަށް ހިޖުރަކުރުން ކަމަށް ވިސްނުނެވެ. ދެން އެމެރިކާ (USA) އަށް ހިޖުރަކުރި އެވެ. އޭނާ އެމެރިކާ އިޚުތިޔާރުކުރީ ސަބަބެއް ނެތިއެއް ނޫނެވެ. އޭރު އދ (UN) ގައި ހުންނަވާ ސީރިއާގެ މަންދޫބަކީ، އޭނާއާ ތިމާގެ ބޭފުޅެކެވެ. އެމެރިކާއަށް ގޮސް ކޮލަމްބިޔާ ޔުނިވަރސިޓީ (Columbia University) ގައި އެއްއަހަރު ވަންދެން ކިޔެވި އެވެ. އެއަށްފަހު، ޔުނިވަރސިޓީ އޮފް ވިސްކޮންސިން (University of Wisconsin) ގައި ކިޔެވި އެވެ. އޭނާ މާސްޓަރސް ޑިގްރީ އާއި، ޕީއެޗްޑީ ޙާޞިލުކުރީ އެ ޔުނިވަރސިޓީ އިންނެވެ. ރޮނގަކީ، އިޤުތިޞާދާއި، ޕޮލިޓިކަލް ސައިންސެވެ.

ޖަންދަލީ ކިޔަވަން އުޅުނުއިރު، ޔުނިވަރސިޓީ އިން ދިމާވި އަންހެން ދަރިވަރަކާ ރައްޓެހިވި އެވެ. އެއީ ޖޮއޭން ކެރޯލް ޝިބްލް (Joanne Carole Sciebele) އެވެ. ލޯބީގެ ގޮތުން ރައްޓެހިވި ރައްޓެހިވުން، ކާވެންޏަކާ ހަމައަށް ނުދަނީސް ޖޮއޭން ގެ ބަނޑުބޮޑުވި އެވެ. މިވާހަކައިގެ ބަޠަލަކީ، އޭނާގެ ބަނޑުގައި އަށަގަތް މި ހަރާންދަރިކަން ހަނދުމަފުޅު ބަހައްޓަވާށެވެ!

މާބަނޑުވުމުން، ކާވެނިކުރަން އެ ދެ ޒުވާނުން ގަސްދުކުރި އެވެ. ނަމަވެސް އަންހެން ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއެޅި އެވެ. އެހިސާބުން ދެ ލޯބިވެރިން ވަކިވާން ޖެހުނެވެ. ނަތީޖާއަކަށްވީ، ޖޮއޭން ގެ ޙަޔާތުން އޭނާގެ ލޯބިވެރިޔާ ޖަންދަލީ ގެއްލުމެވެ. ވިހެއުމަށްފަހު ދަރިފުޅު ބަލައި ބޮޑުކުރާކަށެއް ޖޮއޭން ބޭނުމެއްނުވި އެވެ. އެހެންކަމުން، ދަރިއަކު އެޑޮޕްޓްކުރަން އުޅުނު ދެމަފިރިއަކަށް، ޝަރުޠަކާއެކު ދަރިފުޅު ދޫކޮށްލި އެވެ. އެ ޝަރުޠަކީ، އެ ކުއްޖާ ބޮޑުވުމުން އޭނާއަށް ޔުނިވަރސިޓީ ތަޢުލީމު ދިނުމެވެ!!! އެހިސާބުން ފެށިގެން އެ ދަރިފުޅު އެޑޮޕްޓްކުރި ދެމަފިރިންގެ އެޑްރެސް މަޑުމަޑުން ބަދަލުވަމުން ދިޔަ އެވެ. އެއާއެކު، އަސްލު މަންމައާއި ބައްޕައަށް ދަރިފުޅު ވީނުވީ ތަނެއް ނޭނގި، ޒަމާނުގެ ދުވަސްތަކާއެކު މާޒީގެ ތެރެއަށް ފާއިތުވެގެން ހިނގައްޖެ އެވެ!!!

ދަންނާށެވެ! މިހިރީ ހައްތާވެސް، ގުދުރަތު ރޭއްވެވުމުގެ ދަށުން ހިނގަމުންދާ ކަންކަމެވެ. ކަންހިނގާއިރު ހާދަހާ ހިއްޗެވެ! ލޮލުން ލޭކަރުނަ އޮހޮރެ އެވެ! ނަމަވެސް މަޢުޞޫމު ކުއްޖަކަށް މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، ތަނަވަސް ދޮރުތަކެއް ހުޅުވެނީ އެވެ!! އޭނާއަކީ، ދުނިޔެ ބަދަލުކޮށްލާނެ ބަޠަލަކަށް ވުމަށް އެކަލާނގެ މިންވަރުފުޅުގައި އިރާދަކުރައްވާފައިވާތީ އެވެ!!!

ޖޮއޭން ދޫކޮށްފައި ޖަންދަލީ ދިޔަތާ މަސްތަކެއްފަހުން، 1957 ވަނަ އަހަރު، ޖޮއޭންގެ ކައިރިއަށް އޭނާ އެނބުރި ދިޔަ އެވެ. މިފަހަރު، އެ ދެ ޒުވާނުން ކާވެނިކޮށްގެން ޒަވާޖީ ޙަޔާތެއް ފެށި އެވެ. އެ ކާވެނިން އެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބުނެވެ.... އެދުވަސްވަރު ޙާލަތު ނިޔާކުރި ގޮތުން، ޑިޕްލޮމެޓިކް ވަޒީފާއެއް ހޯދުމުގެ އުންމީދުގައި، ޖަންދަލީ މެދުއިރުމައްޗަށް ދިޔަ އެވެ. އޭނާ މިޞްރާބުޖެހީ، މިޞްރާއި ސީރިއާ އެއްކޮށްގެން ހަދާފައިވާ ޖުމްހޫރިއްޔާ (الجمهورية العربية المتحدة) (The United Arab Republic) އަށެވެ. ނަމަވެސް އޭނާ އުންމީދުކުރި ފަދަ ވަޒީފާއެއް ނުލިބުނެވެ. ދެން ޙިމްޞް ގެ ސަރަހައްދުގައިވާ ތެޔޮ ސާފުކުރާ ތަނެއްގެ، މެނޭޖަރަކަށް ދިޔަ އެވެ. ޙިމްޞަކީ އޭނާގެ އުފަން ރަށެވެ. ތެޔޮ ސާފުކުރާތަނުގައި އޭނާ އެއްއަހަރުދުވަހު މަސައްކަތްކުރި އެވެ. އެދުވަސްވަރު، އޭނާގެ އަންހެނުން، ޖޮއޭން ވަރިވާން އެދި ކޯޓަށް ދިޔަ އެވެ. ކޯޓުން އޭނާ ވަރިކޮށްދިނީ، 1962 ވަނަ އަހަރު އެވެ. ޖަންދަލީގެ ގާތުން ވަރިވުމަށްފަހު، ޖޮއޭން އާ އެހެން މީހަކު އިނދެގެން ދިރިއުޅުން ކުރިޔަށް ގެންދިޔަ އެވެ. އޭނާއާ އިނީ، ސިމްޕްސަން (Simpson) އާއިލާގެ ފިރިހެނެކެވެ.

ޖަންދަލީ އަނެއްކާ ވެސް އެމެރިކާއަށް ދިޔަ އެވެ. އޭނާގެ ގާތުން ވަރިވި، އޭނާގެ ދަރިފުޅުގެ މަންމަ އެހެން މީހަކާ ކާވެނިކުރި ކަމެއް އޭރަކު އޭނާއަކަށް ނޭނގެ އެވެ. އެކަން އޭނާއަށް އެނގުނީ އޭގެ އެތައް އަހަރެއް ފަހުން އެ ދެ މީހުން ބައްދަލުވުމުންނެވެ. ދެން ވީކަމެއް ވެ ނިމިދިޔަ ހިސާބުގައި ބާއްވާފައި، ޖަންދަލީ ދިޔައީ ޔުނިވަރސިޓީގެ ވަޒީފާއަކަށެވެ. އޭނާ މަސައްކަތްކުރީ ޔުނިވަރސިޓީ އޮފް މިޗިގަން (University of Michigan) ގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ ގޮތުގަ އެވެ. އެއަށްފަހު ޔުނިވަރސިޓީ އޮފް ނެވާޑާ (University of Nevada) އަށް ބަދަލުވި އެވެ. އޭގެފަހުން އޭނާ ތަފާތު މަސައްކަތްތައް ކުރި އެވެ.

އާދޭހެވެ! ޖަންދަލީ މަސައްކަތުގެ ފުން ކަނޑަށް ޣަރަޤުވި އެވެ. އެކަމުގެ ނަތީޖާއަކަށްވީ، އޭނާގެ ޙަޔާތުގައި ޙާޞިލުވި އެންމެ ފޮނި މޭވާތަކުގެ މަތިން އޭނާ ހަނދާންނެތުމެވެ. ނުވަތަ އޭނާގެ ހަނދާނުން އެ މޭވާތައް ފަނޑުވުމެވެ. ޙަޔާތުގެ ހަލަބޮލިކަމުގެ ތެރޭގައި އިންސާނުންގެ ހަނދާނުން މުހިންމު ކަންތައްތައް ފަނޑުވެގެންދާކަމީ ދުނިޔެ ދައްކަމުންދާ ޢިބްރަތްތެރި ފިލާވަޅެކެވެ!

ޖަންދަލީ ކުރި ތަފާތު މަސައްކަތްތަކުގެ ތެރޭގައި، ރެސްޓޯރެންޓެއް ގަނެގެން އެތަން ހިންގުން ހިމެނެ އެވެ. އެއަށްފަހު، މަޝްހޫރު ކުންފުނިތަކާއި މުއައްސަސާތަކުގެ މެނޭޖަރުކަން ވެސް ކުރި އެވެ. އެއަށްފަހު، އަނެއްކާވެސް ރެސްޓޯރެންޓް ހިންގުމުގެ މައިދާނަށް އެނބުރި ދިޔަ އެވެ. އެނޫނަސް އެފަދަ ތަފާތު މަސައްކަތްތައް އޭނާ ކުރި އެވެ. އޭނާގެ އުމުރުން މިހާރު 80 އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާ ދެކޭ މީހަކު ބުނާނީ އޭނާއަކީ އުމުރުން 70 ވަރަކަށް އަހަރުގެ މީހެއް ކަމަށެވެ. ނުވަތަ އޭނާއަކީ އެއަށްވުރެ ވެސް ހަގު މީހެއް ކަމަށެވެ!

ޖަންދަލީ ސީރިއާއަށް ނުދާތާ މިހާރު ގާތްގަނޑަކަށް 35 އަހަރު ވެދާނެ އެވެ. އޭނާގެ ފުރިހަމަ ނަމަކީ ޢަބްދުލްފައްތާޙު ޖަންދަލީ (عبد الفتاح جندلي) (Abdulfattah Jandali) އެވެ. ފަހުން ޢަބްދުލްފައްތާޙު ޖޯން ޖަންދަލީ (Abdulfattah John Jandali) އެވެ. އޭނާއަކީ މުސްލިމެއްކަމަކު، އަޅުކަންކޮށެއް ނޫޅެ އެވެ. ކަޢުބަތު ﷲ ގެފުޅަށް ގޮސް މިހާތަނަށް ޙައްޖުގެ އަޅުކަން އަދާކޮށްފައެއް ވެސް ނުވެ އެވެ. ނަމަވެސް ޢަޤީދާއާއި، ސަގާފަތާއި، އާއިލީ ގޮތުން އޭނާއަކީ މުސްލިމެކެވެ. އޭނާ ގަބޫލުކުރަނީ އިސްލާމްދީނެވެ.

ޖަންދަލީގެ ޙަޔާތުގައި އޭނާއަށް ޙާޞިލުވި އެންމެ މުހިންމު މޭވާތަކަކީ، އޭނާއަށް ލިބުނު ދެ ދަރިންނެވެ. އެއީ، ފިރިހެން ދަރިއަކާއި، އަންހެން ދަރިއެކެވެ. ފިރިހެން ދަރިއަކީ ދުނިޔޭގެ ތާރީޚުން އޭނާގެ ނަން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ހައިބަތުހުރި ފިރިހެންދަރިއެކެވެ!!! އަންހެން ދަރިއަކީ، ހުޅަނގުގެ އަދަބިއްޔާތުގެ އުދަރެހަށް އެރި އަލިގަދަ ތަރިއަކަށް ވެގެންދިޔަ އަންހެންދަރިއެކެވެ!!! އާދޭހެވެ! އިތުރު ތަޢާރުފަކަށް ބޭނުން ނުވާނެ ސްޓީވް ޖޮބްސް (Steve Jobs) (ستيف جوبز) އާއި، މުނާ ސިމްޕްސަން (Mona Simpson) (منى سيمبسون) އެވެ!!!!!!

ސްޓީވް ޖޮބްސް (Steve Jobs) އަކީ، މަޝްހޫރު އެޕަލް ކުންފުނީގެ އެއް ބާނީ އެވެ. އަދި އެކުންފުނީގެ ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރެވެ. އައިފޯނާއި، އައިޕެޑަކީ، އޭނާގެ ޚިޔާލާއި ފިކުރުން ވުޖޫދަށް އައި ވަސީލަތްތަކެކެވެ. ކޮމްޕިއުޓަރ ހިންގައިދޭ ސިސްޓަމްތަކާއި، ކޮމްޕިއުޓަރގެ ޑެސްކްޓޮޕުން ފެންނަ އައިކަންތަކާއި، މައުސްއަކީ ވެސް އޭނާގެ އީޖާދީ ޚިޔާލުން ފަރިވެ ފޮޅުނު މާތަކެވެ.... އޭނާގެ ވިސްނުމާއި ފިކުރުވަނީ މިހާރު މުޅިދުނިޔެއަށް ވެރިވެފަ އެވެ. އޭގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އޭނާއަކީ، ހަމައެކަނި އެމެރިކާގެ ތާރީޚު ދުށް އެންމެ ވަރުގަދަ އެއް ސިކުނޑި އެއް ނޫނެވެ. އެކަމަކު އޭނާއަކީ، އީޖާދީ ފިކުރާއި، ބުއްދީގެ ގޮތުން މުޅި ދުނިޔެވެސް މަދުން ނޫނީ ނުދެކޭވަރުގެ ޙިކުމަތްތެރިއެކެވެ!!!

ކޮންމެ މޮޅު އަހެއްގައި ކޮންމެވެސް އުނިކަމެއް ވާ ފަދައިން ސްޓީވް ޖޮބްސް ގެ ކިބައިގައި ވެސް ކަމެއްވި އެވެ. އެއީ ކެންސަރެވެ. 2004 ވަނަ އަހަރުއްސުރެ އޭނާ ގެންދެވީ ކެންސަރަށް ފަރުވާކުރައްވަމުންނެވެ. އެ އާލާސްކަންފުޅުގައި އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 5 އޮކްޓޯބަރ 2011 ވީ ބުދަ ދުވަހު އެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 24 ފެބްރުއަރީ 1955 ގަ އެވެ. އޭނާ މިދުނިޔޭގައި އުޅުއްވި މުއްދަތަކީ، 56 އަހަރެވެ. އޭނާ މިދުނިޔެއާ ވަކިވެވަޑައިގެންނެވިޔަސް، އޭނާގެ ފިކުރާއި އީޖާދުތައް މިދުނިޔެއާ ވަކިވެގެނެއް ނުދެ އެވެ. އެއީ، އެތައް ޤަރުނެއް ވަންދެން މިދުނިޔޭގައި ދެމިހުންނާނެ ހެޔޮ ޒިކުރާއެކެވެ!!! އެއަށްޓަކައި، އޭނާއަށް އެތައް ބަޔެއްގެ ދުލުން ހެޔޮ ބަސްތަކާއި، ހެޔޮ ދުޢާތައް ތަކުރާރުވަމުންދާނެ އެވެ. މާތް ﷲ، ސްޓީވް ޖޮބްސް (Steve Jobs) ގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ! އާމީން!

މިވާހަކަ ވިދާޅުވި ޢިއްޒަތްތެރި ކިއުންތެރިޔާ އެވެ! ހަރާންދަރިއަކު ލިބުމުން އެ ދަރިފުޅަށް ދެރަ ގޮތެއް ހަދަންއުޅޭ ކޮންމެ ޖިންސް ލަޠީފަކަށް މިވާހަކަ ވިދާޅުވެދެއްވާށެވެ! އޭނާގެ ހިތަށް މިވާހަކައިން ޢިބްރަތެއް ފޯރުކޮށްދެއްވޭތޯ ބައްލަވާށެވެ! ހަރާންދަރިއަކީ، "ހަޑަބަރަނޑަބަންގުޅި" އެއް ކަމަށްވިޔަސް، ނުވަތަ "ޝަރުޢީ ދަރި" އެއް ކަމަށް ވިޔަސް، ނުވަތަ "ލަވް ޗައިލްޑް" (Love child) އެއް ކަމަށް ވިޔަސް އެ ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. އެކުއްޖާއަކީ، އެހެން ކުދިންނެކޭ އެއްފަދައިން، އެއްވެސް ކުށެއް، ފާފައެއް ނެތް މަޢުޞޫމު ކުއްޖެކެވެ. ހަލާލު ކުދިންނަށް ލިބިގެންވާ ޤަދަރާއި ޢިއްޒަތުއްނަފުސު އެ ކުއްޖާއަށް ވެސް ލިބިގެންވެ އެވެ.... ކަތިފިޔަވަޅެއް އެޅޭ ކޮންމެ ފަހަރަކު، އެއާ ވިއްދައިގެން އިތުރު ކަތިފިޔަވަޅުތައް އެޅުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ހުދު ހެދުމެއްގައި ވެސް ކުޑަކުޑަ ކަޅުތިއްކެއް ހުރެދާނެ އެވެ. ނަމަވެސް އެއާހެދި، މުޅި ހުދުހެދުން ކަޅުކޮށްލާކަށެއް ނުޖެހެ އެވެ!

<><><><><>
 
ސްޓީވް ޖޮބްސް
 
 
ސްޓީވް ޖޮބްސް ގެ އަސްލު މަންމައާއި ބައްޕަ: ޖޮއޭން އާއި ޢަބްދުލްފައްތާޙު ޖަންދަލީ
 
 
ސްޓީވް ޖޮބްސް ގެ ކޮއްކޮ: މުނާ ޖަންދަލީ ނުވަތަ މުނާ ސިމްޕްސަން
 
 
ސްޓީވް ޖޮބްސް އާއި މުނާ ގެ އަސްލު ބައްޕަ: ޢަބްދުލްފައްތާޙު ޖަންދަލީ
 
 
ސްޓީވް ޖޮބްސް އާއި އޭނާގެ ޙަޔާތުގެ ބައިވެރިޔާ ލޯރަންސް (Laurene)
 
 
ސްޓީވް ޖޮބްސް އަށް ކާވެނީގެ އިމުން ބޭރުގައި ލިބުނު ދަރިފުޅު: ލީޒާ
 
<><><><><>
 
 
 
ކުރުކޮށް ފޮނިކޮށް

1. ސްޓީވް ޖޮބްސް (Steve Jobs) ގެ އަސްލު މަންމަ އޭނާ އެޑޮޕްޝަނަކަށް ދޫކޮށްލިއިރު ކުރި ޝަރުޠު ފުރިހަމަކުރުމަށް އޭނާ އެޑޮޕްޓްކޮށްގެން ގެންގުޅުނު ދެމަފިރިން މަސައްކަތްކުރި އެވެ. އެއީ، ޕޯލް (Paul Jobs) އާއި ކްލޭރާ ޖޮބްސް (Clara Jobs) އެވެ. ނަމަވެސް އޭނާ ޔުނިވަރސިޓީ ތަޢުލީމު ފުރިހަމައެއް ނުކުރެ އެވެ. ޔުނިވަރސިޓީގައި އޭނާ ކިޔެވީ ސެމިސްޓަރއެއް ހައި ދުވަހު އެވެ. އޭނާ ގްރެޖްއޭޓްވި އެއްވެސް ޔުނިވަރސިޓީއެއް ނެތެވެ. އެކަމަކު، އޭނާ ގްރެޖްއޭޓްވީ ޙަޔާތުގެ އެކަޑެމީ އިންނެވެ!!! އޭނާގެ ޝަޚުޞިއްޔަތު ބިނާވެފައިވަނީ، އެމެރިކާގެ އިލެކްޓްރޯނިކް އިންޑަސްޓްރީގެ މައި މަރުކަޒު ކަމަށްވާ ސިލިކޮން ވެލީގަ (Silicon Valley) އެވެ. ދުނިޔެއާ ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުން ދާއިމަށް ބަދަލުކޮށްލުމުގެ ވިސްނުމާއި ފިކުރު އޭނާއަށް ލިބުނީ އެ ވާދީގަ އެވެ.

2. ސްޓީވް ޖޮބްސް (Steve Jobs) ގެ އުފަން ތާރީޚު ކަމަށް ވިކިޕީޑިއާގައި ވަނީ، 24 ފެބްރުއަރީ 1955 އެވެ. ނަމަވެސް އޭނާގެ މަންމަ އޭނާ ވިހެއީ 1956 ވަނަ އަހަރު ކަމަށް ބައެއް ލިއުންތަކުގައިވެ އެވެ. އަދި އޭނާގެ އުފަން ތާރީޚަކީ، 20 ފެބްރުއަރީ 1955 ކަމަށް ވެސް ބައެއް ލިއުންތަކުގައިވެ އެވެ. އޭނާ އުފަންވީ، އެމެރިކާ (USA) ގެ ކެލިފޯނިޔާ (California) ގެ ސެން ފްރެންސިސްކޯ (San Francisco) އަށެވެ. ކެންސަރުގެ ބައްޔަކަށް ޝިފާނުލިބި، އޭނާ މިދުނިޔެއާ ވަކިވީ، 5 އޮކްޓޯބަރ 2011 ވީ ބުދަ ދުވަހު އެވެ.

3. ސްޓީވް ޖޮބްސް (Steve Jobs) ގެ އަސްލު މަންމައަކީ، ޖޮއޭން ސިމްޕްސަން (Joanne Simpson) އެވެ. އޭނާ އަކީ ސްޕީޗް ލެންގުއޭޖު ޕެތޮލޮޖިސްޓް (speech language pathologist) އެކެވެ. އަސްލު ބައްޕައަކީ، ސީރިއާ (Syria) ގެ މުސްލިމެއް ކަމަށްވާ ޢަބްދުލްފައްތާޙު ޖަންދަލީ (عبد الفتاح جندلي) (Abdulfattah Jandali) އެވެ. ސްޓީވް ޖޮބްސް އަށް ބަނޑުބޮޑުވުމުން އެ ދެ މީހުން ކާވެނިކޮށްގެން ދިރިއުޅުން ފަށަން އުޅުނެވެ. އެކަން ނުކުރެވުނީ، ޖޮއޭންގެ ބައްޕަ އެކަމަށް ހުރަސް އެޅުމުންނެވެ. ސްޓީވް ޖްބްސް އެޑޮޕްޓްކުރަން މެދުވެރިވި އަސްލު ސަބަބަކީ އެއީ އެވެ. އޭގެ ފަހުން، ޖޮއޭން އާއި ޖަންދަލީ ކާވެނިކުރި އެވެ. އެ ކާވެނިން އެ ދެމަފިރިންނަށް ލިބުނު އަންހެން ދަރިއަކީ، މުނާ ސިމްޕްސަން (Mona Simpson) (منى سيمبسون) އެވެ. އެއަށްފަހު، ޖޮއޭން ކޯޓް މެދުވެރިކޮށް، ޖަންދަލީގެ ގާތުން ވަރިވި އެވެ. އޭރު ޖަންދަލީ ހުރީ މެދުއިރުމަތީގަ އެވެ. އޭނާގެ ގާތުން ވަރިވެގެން ޖޮއޭން ކާވެނިކުރީ ސިމްޕްސަން (Simpson) އާއިލާގެ ފިރިހެނަކާ އެވެ.

4. މުނާ ޢަބްދުލްފައްތާޙު ޖަންދަލީ (منى عبد الفتاح جندلي) ނުވަތަ މުނާ ސިމްޕްސަން (Mona Simpson) އަކީ، އެމެރިކާގެ މަޝްހޫރު ވާހަކަ ލިއުންތެރިއެކެވެ. އޭނާ ވަނީ ފަސް ވާހަކަ ފޮތް ލިޔެފަ އެވެ. އެއީ، 1986 ވަނަ އަހަރު ނެރުނު (Anywhere But Here) އާއި، 1992 ވަނަ އަހަރު ނެރުނު (The Lost Father) އާއި، 1996 ވަނަ އަހަރު ނެރުނު (A Regular Guy) އާއި، 2000 ވަނަ އަހަރު ނެރުނު (Off Keck Road) އާއި، 2010 ވަނަ އަހަރު ނެރުނު (My Hollywood) އެވެ. މީގެ ތެރެއިން އެންމެ އަސަރުގަދަ، އަދި އެންމެ މަގުބޫލު ވާހަކައަކީ، "ގެއްލުނު ބައްޕަ" (The Lost Father) އެވެ. އެއީ، އޭނާގެ އަސްލު ބައްޕަގެ ވާހަކަ އެވެ. އޭނާ މަޝްހޫރުވެފައިވަނީ، މުނާ ސިމްޕްސަން (Mona Simpson) ގެ ނަމުންނާއި، މުނާ ޖަންދަލީ (منى جندلي) ގެ ނަމުންނެވެ.

5. ސްޓީވް ޖޮބްސް (Steve Jobs) ގެ އެންމެ ގާތް އެކުވެރިއަކީ، ސްޓީވް ވޮޒްނައިކް (Steve Wozniak) އެވެ. އެދެމީހުން އެޕަލް ކުންފުނީގެ މަސައްކަތް ފެށީ، އޭނާގެ ގޭގެ ގަރާޖު ތެރޭގައި ކަމަށް ބުނެވެ އެވެ. އެއީ، 1976 ވަނަ އަހަރު އެވެ. އޭރު ސްޓީވް ޖޮބްސް (Steve Jobs) ގެ އުމުރަކީ، 21 އަހަރެވެ.

6. ސްޓީވް ޖޮބްސް (Steve Jobs) އޭނާގެ ކޮއްކޮ މުނާއާ ވަރަށް ގާތް އާއިލީ ގުޅުމެއް ބޭއްވި އެވެ. އަދި އޭނާގެ އަސްލު މަންމައާ ވެސް ބައްދަލުކޮށް ގުޅުން ބޭއްވި އެވެ. އެކަމަކު، އޭނާގެ މަންމައާއި ބައްޕަ ކަމުގައި އަބަދުވެސް ބުނަމުން ގެންދިޔައީ، އެޑޮޕްޓްކުރި މަންމައާއި ބައްޕަ އެވެ. އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އޭނާ އެ ދެމަފިރިންނަށް ކުރި ވަރަށްވެސް ބޮޑު ތަކުރީމެކެވެ. ނަމަވެސް އެފަދަ ތަކުރީމެއް އޭނާގެ އަސްލު ބައްޕަ ޢަބްދުލްފައްތާޙު ޖަންދަލީ އަކަށް ނުކުރެ އެވެ. ޖަންދަލީ ހުރީ ސްޓީވް ޖޮބްސް އާ ކޮންމެވެސް ދުވަހަކުން ބައްދަލުވެ އެއް މޭޒެއްގެ ކައިރީގައި ތިބެ ކޮފީ ތަށްޓެއް ބޯލުމުގެ އުންމީދުގަ އެވެ. ނަމަވެސް ސްޓީވް ޖޮބްސް އެކަން ކުރާކަށެއް ބޭނުމެއް ނުވި އެވެ. ޙަޤީޤަތުގައި ސްޓީވް ޖޮބްސް އެޑޮޕްޓްކުރަން ޖެހުނީ، ޖަންދަލީގެ ސަބަބަކުންނެއް ނޫނެވެ. އަބަދުވެސް ޖަންދަލީ ބުނަމުން ގެންދިޔައީ، "(ސްޓީވް ޖޮބްސް ގެ އަސްލު މަންމަ) ޖޮއޭން (Joanne) ދެކެ އިންތިހާ ދަރަޖައަށް ލޯބިވާ ކަމަށެވެ. އަދި އޭނާއާއެކުގައި މުޅި ޙަޔާތް ވޭތުކުރަން ބޭނުން ކަމަށެވެ." ނަމަވެސް ތަޤުދީރުގައި އެކަން ވުމަށް މިންވަރުކުރައްވާފައި ނުވާތީ އެކަން ނުވީތާ އެވެ!

7. ސްޓީވް ޖޮބްސް (Steve Jobs) ގެ ޙަޔާތުން ލިބިގަންނަންޖެހޭ އެހެން ޢިބްރަތްތެރި ފިލާވަޅެއް ވެ އެވެ. އެ ފިލާވަޅު ލިބެން އޮތީ، އަސްލު ބައްޕައަށް އޭނާ މާބޮޑު އިޙުތިރާމެއް ނުކުރި ހިސާބުންނެވެ. ސްޓީވް ޖޮބްސް ބުނެފައިވަނީ، އޭނާއަށް ލިބިފައިވާ މޮޅު ވިސްނުމާއި، ތޫނުފިލި ބުއްދިއަކީ، އަސްލު މަންމައާއި އަސްލު ބައްޕަގެ ފަރާތުން ވާރުތަވި އެއްޗެއް ނޫން ކަމަށެވެ. އެކަމަކު އެއީ އޭނާ އުޅެބޮޑުވި ތިމާވެށިން ލިބުނު އެއްޗެއް ކަމަށެވެ. ސްޓީވް ޖޮބްސް އަށް ފުރިހަމައަށް އިޙުތިރާމުކުރާ ޙާލު، ބުނަން ޖެހެނީ އޭނާގެ މި ބުނުމަކީ ގަބޫލުކުރެވޭނެ ބުނުމެއް ނޫން ކަމަށެވެ! އެހެނީ، އޭނާގެ އަސްލު މަންމައާއި ބައްޕަގެ ކިބައިން އޭނާއަށް ވާރުތަވި ޖެނެޓިކް ސިފަތަކެއްގެ ސަބަބުން އޭނާއަކީ ބުއްދީގެ ނިޢުމަތުން މަޙުރޫމުވެފައިވާ ނުކުޅެދޭ މީހެއް ކަމަށްވީނަމަ، އޭނާގެ ކިބައިގައިވާނީ ކޮން މޮޅުކަމެއްތޯ އެވެ؟

8. ސްޓީވް ޖޮބްސް (Steve Jobs) ދުނިޔޭގައި ހުރިއިރު، އޭނާގެ އަސްލު ބައްޕަ، ޢަބްދުލްފައްތާޙު ޖަންދަލީ (عبد الفتاح جندلي) (Abdulfattah Jandali) ވަނީ، އޭނާއާމެދު ކިތަންމެ ހެޔޮބަސްތަކެއް ބުނެފަ އެވެ. އަދި އޭނާދެކެ ނުހަނު ލޯބިވާ ކަމަށާއި، އެންމެ ފަހަރަކު ނަމަވެސް އޭނާއާ ބައްދަލުކޮށްލަން ބޭނުން ކަމަށް ވެސް ބުނެފަ އެވެ. ހެޔޮލަފާ ބައްޕައަކަށް އޭނާގެ އަތުގައި ނުޖެހުނު ދަރިއަކާމެދު ފާޅުކުރެވޭނެ ހުރިހައި ރީތި ޝުޢޫރެއް ޖަންދަލީ ވަނީ ފާޅުކޮށްފަ އެވެ. ނަމަވެސް، ސްޓީވް ޖޮބްސް (Steve Jobs) މިދުނިޔެއާ ވަކިވުމުން، ޖަންދަލީ އެއްވެސް އެއްޗެއް ނުބުނެ އެވެ. މިކަމުގެ ސަބަބެއް ވެ އެވެ. ދަރިފުޅު މަރުވުމުން އެހިސާބުން ޖަންދަލީއަށް އޭނާއާ ބައްދަލުނުކުރެވޭނެކަން ކަށަވަރުވީ އެވެ. އަދި ދަރިފުޅުގެ މުއްސަނދިކަމާއި ތަނަވަސްކަމުން ޒައްރެއްގެ މިންވަރު ވެސް ޖަންދަލީ ބޭނުން ނުވީ އެވެ. އެހެނީ، އޭނާއަށްވުރެ އެ މުއްސަނދިކަން ލިބުން ޙައްޤުކަން ބޮޑު ދަރިންތަކެއް ސްޓީވް ޖޮބްސް (Steve Jobs) ވަނީ، މިދުނިޔެއަށް ދޫކޮށްފަ އެވެ. އެއީ ޖަންދަލީގެ ކާފަދަރިންނެވެ. އެ ކުދިންގެ ޢަދަދަކީ 4 އެވެ.

9. ތާރީޚު އޭގެ އަމިއްލަ ނަފުސު އިޢާދަކުރެޔޭ ބުނާ ބީދައިން، ޖަންދަލީއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ ވަނީ، ސްޓީވް ޖޮބްސް އަށް ވެސް ކުރިމަތިވެފަ އެވެ. ކާވެނީގެ އިމުން ބޭރުގައި ލިބުނު "ލަވް ޗައިލްޑް" (Love child) އަކާ އޭނާ ވެސް ވަކިވާން ޖެހުނެވެ. އެއީ އަންހެން ކުއްޖެކެވެ. ނަމަކީ، ލީޒާ (Lisa Brennan-Jobs) އެވެ. ފަހުން އޭނާވަނީ، ލީޒާއާމެދު ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކޮށްފަ އެވެ... ސްޓީވް ޖޮބްސް އާ، އޭނާގެ އަސްލު ބައްޕައާ ދެމެދުގައި ހިނގި ކަންތައް، އޭނާއަށް ވެސް ދެއްކެވުމަށް ތަޤުދީރުގެ ނިޔާއިން ނިންމެވީތާ އެވެ!
 

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments