• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ފާފަކޮށްގެން މައްސަލަ ޙައްލުކުރާ ފަޤީރު އަންހެން ކުއްޖެއް!!!

Posted by faradays on Monday, October 17, 2011 No comments

މިޒަމާނުގެ މެދުއިރުމަތީގެ މުޖުތަމަޢުތަކުގައި ފާފައެއް ކޮށްގެން މައްސަލައެއް ޙައްލުކުރުމަކީ، ފެންފޮދެއް ބޯލުން ކަހަލަ ލުއިލުއި ކަމަކަށް ވެއްޖެ އެވެ. "ހަނދުގެ އަތްތިލަ" އަކީ، މިކަން ތަމްސީލުކޮށްފައިވާ އެއް ފިލްމެވެ. އެ ފިލްމުގެ ޢަރަބި ނަމަކީ، "ކައްފުލް ޤަމަރް" (كف القمر) އެވެ. އެފިލްމުގައި އުޅޭ ފާފަ ކޮށްގެން މައްސަލަ ޙައްލުކުރާ އަންހެން ކުއްޖަކީ، ޖުމާނާ މުރާދު (جمانة مراد) އެވެ. އޭނާ ބުނެފައިވަނީ، އެ ފިލްމުގައި އޭނާ ހަންބަދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަދާކުރި ދައުރާމެދު ވެސް ނުހަނު ހިތްހަމަޖެހޭ ކަމަށެވެ. އޭނާއަކީ، ސީރިޔާގެ އަންހެން ފަންނާނެކެވެ.

"ހަނދުގެ އަތްތިލަ"އިގައި ޖުމާނާ އެންމެ މޮޅަށް ކޮށްފައިވާ ކަމަކީ، ފާފަތަކާއި އެކިއެކި ނުބައިކަންތައް ކުރުމެވެ. އެގޮތުން އޭނާ ތަމްސީލުކުރީ އެކިއެކި އަރަބި ގައުމުތަކުގައި އެކަން އޮތް ގޮތެވެ. އެފިލްމުގައި، އޭނާއަކީ، ފަޤީރު އަންހެން ކުއްޖެކެވެ. ލިޔަންކިޔަން ނުދަންނަ ޖާހިލެކެވެ. އޭނާއަށްވަނީ ނަފުސާނީ ގޮތުން ވެސް އެތައް މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެފަދަ ކޮންމެ އަންހެން ކުއްޖަކު ވެސް މައްސަލަ ހައްލުކުރަން ނިކުންނަނީ ނުބައިކަމުގެ ވަރައަޅައިގެން ފާފަކުރުމުގެ މައިދާނަށެވެ.

ސުވާލަކީ، ކުށްވެރިންނަކީ އެފަދަ އަންހެން ކުދިން ހެއްޔެވެ؟ ނުވަތަ އެފަދަ އަންހެން ކުދިން ދިރިއުޅޭ މުޖުތަމަޢު ހެއްޔެވެ؟ މިޞްރުގެ އިސްކަންދަރިއްޔާގައި އޮތް ފިލްމީ މަހުރަޖާންގައި އެ ފިލްމު ދެއްކުމުން، ގިނަބަޔަކަށް ހޭލެވުނެވެ. މުޖުތަމަޢު އޮތް ޙާލަތު ވިސްނުނެވެ. ހެޔޮކަންކަމަށް އަމުރުކުރައްވާފައިވާ އާޔަތްތައް ކޮބައިހެއްޔެވެ؟ ފަޤީރުންނާ އަޅާލަން އިރުޝާދުދެއްވާފައިވާ ޙަދީޘްތައް ކޮބައިހެއްޔެވެ؟ އެއަށް ޢަމަލުކުރާ ބަޔަކު އިސްލާމީ މުޖުތަމަޢުތަކުގައި ނެތްފަދަ އެވެ. ނަމަވެސް އޭގެ ވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ!!!

ގިނަބަޔަކު ހީކުރީ، އެ ފިލްމުގައި ޖުމާނާ އަދާކޮށްފައިވަނީ، ބަދުއަޚުލާޤީ މަންޒަރުތައް ފެންނާނެ ދައުރެއް ކަމަށެވެ. ނަމަވެސް އެއީކީ ޙަޤީޤަތެއް ނޫނެވެ. ބަދުއަޚުލާޤީ މަންޒަރުތައް ނުހިމަނައި ވެސް ކަމެއް ހިނގާ ގޮތް ތަސްވީރުކުރެވިދާނެ ކަން އެ ފިލްމުގެ ޑައިރެކްޓަރ ޚާލިދު ޔޫސުފު ވަނީ ސާބިތުކޮށްދީފަ އެވެ.

މުޖުތަމަޢުގެ އާންމު އަފުރާދުންގެ ޝުޢޫރުތަކާ ގުޅިފައިވާ ދައުރެއް ފިލްމުގައި އަދާކުރުމަށް ޖުމާނާ ކުރިމަތިލީ ކީއްވެގެންތޯ ވެސް ސުވާލުކުރެވެ އެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ، އެއީ މުޖުތަމަޢު ތަމްސީލުކުރާ ގިނަ ބަޔަކީ އާންމު އަފުރާދުން ކަމަށެވެ. އަދި އެފަދަ ދައުރުތަކަކީ، ޙަޤީޤަތް ހާމަކޮށްދޭ ދައުރެއް ކަމަށް ވެސް ވާތީ އެވެ.

ޖުމާނާގެ ގައުމު ކަމަށްވާ ސީރިޔާ ގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާމެދު، އޭނާ ކަންބޮޑުވާކަން ވަނީ ފިލްމީ މަހުރަޖާންގައި ހާމަކޮށްފަ އެވެ. ބައްޝާރުލް އަސަދުގެ ވެރިކަމުގެ ފަރާތުން ސީރިޔާގައި ހިންގާ މިނިކަތިލުމުގެ ޖަރީމާތަކުގެ މަންޒަރުތައް ފެނުމުން އެއްވެސް ހިފެހެއްޓުމެއް ނެތި، އޭނާގެ ދެލޮލުން ކަރުނަ އޮހޮރޭ ކަމަށް ވެސް ބުންޏެވެ. ސީރިޔާގެ ސަރުކާރުން މިހާރު ހިންގަމުން ގެންދަނީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ވަރަށް އަނިޔާވެރި ޢުދުވާނީ ޢަމަލުތަކެކެވެ. އެހެންކަމުން، ސީރިޔާގެ ސަރުކާރުން ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި އެމީހަކަށް ކުރެވުނު ސުލްޙަވެރި ކޮންމެ ކަމެއް ކުރުމަށް ޖުމާނާ ވަނީ އެދިފަ އެވެ. އެހެނީ، ފާފަކޮށްގެން މައްސަލަތައް ޙައްލުކުރުމަށްޓަކައި، ފަޤީރު އަންހެން ކުދިން ރަށްމެދަށް ނިކުންނަން ޖެހެނީ ވެސް ގައުމުގައި އޮންނަ ވެރިކަމުގެ ނިޒާމު ފަސާދަވުމުންނެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments