• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އޭނާ ބަރަހަނާކޮށް، އޭނާގެ ޢައުރަ ބެލީ އެތައް ބަޔެއްގެ ކުރިމަތީގަ އެވެ

Posted by faradays on Tuesday, November 22, 2011 No comments

ބަރަހަނާކުރުމާއި ބަރަހަނާވުމާ ދެމެދުގައިވާ ތަފާތުތަކާމެދު ވިސްނަވާލެއްވިންތޯ އެވެ؟ މި ދެ ކަމުންކުރެ ކޮންމެ ކަމެއް ކުރިޔަސް ފެންނާނީ އެކައްޗެކެވެ. އެއީ އޮރިޔާމެވެ! ނަމަވެސް މި ދެ ކަމުގައި ތަފާތުތަކެއް ވެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އެކަމާމެދު އަޅާލާނެ މީހަކު މަދުން ނޫނީ ނުފެންނާނެ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، ގިނަބަޔެއްގެ ސަމާލުކަމަށް އެކަން އަންނާނެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އޭނާގެ ޙައްޤު ލިބޭނީ މަދުފަހަރަކު އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އޭނާއަށް ޙައްޤުހޯދައިދޭނެ އެތައް ފަރާތްތަކެއް ވާނެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އޭނާގެ ޢިއްޒަތާއި ޤަދަރު ވެއްޓި ވެއްޔާ މޮޑެވުނީ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އޭނާގެ ޢިއްޒަތާއި ޤަދަރު އުފުލި އޭނާގެ އަގު މަތިވެރިވީ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އެތައް ބަޔަކު އޭނާއަށް މަލާމާތްކޮށް އާޑަކިޔާނެ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އެތައް ބަޔަކު އޭނާއަށް ހިތްވަރާއި ސާބަސްދޭނެ އެވެ.

ޖިންސްލަޠީފަކު ބަރަހަނާކޮށްފިނަމަ، އޭނާގެ އަތުން ހުރިހައި އެއްޗެއް ގެއްލިގެން ދިޔައީ އެވެ.
ޖިންސްލަޠީފަކު ބަރަހަނާވެއްޖެނަމަ، އޭނާއަށް ހުރިހައި އެއްޗެއް ލިބުނީ އެވެ.

މިއީ، މި ކަންކަން މިޒަމާނުގައި، މިދުނިޔޭގައި އޮތްގޮތެވެ. މި ޙަޤީޤަތްތައް ތިބާއަށް ޤަބޫލުނުކުރެއްވޭ ކަމަށްވަނީނަމަ، ސަމީރާ އިބްރާހީމް (سميرة ابراهيم) އާއި، ޢާލިޔާ މަހުދީ (عالية المهدي) ގެ ކަންތައް ހިނގާދިޔަ ގޮތަށް ބައްލަވާލައްވާށެވެ!

ސަމީރާއަކީ، ބަރަހަނާކުރެވުނު ޖިންސްލަޠީފެކެވެ. އޭނާގެ ޙައްޤުތައް ވަނީ ގެއްލިފަ އެވެ!
ޢާލިޔާ އަކީ، ބަރަހަނާވި ޖިންސްލަޠީފެކެވެ. އޭނާގެ ޙައްޤުތަކުގެ އަޑުން ދުނިޔެވަނީ ގުގުމާލާފަ އެވެ!!!

ސަމީރާއަށް ލިބެންވާ ޙައްޤަކީ، އޭނާ ބަރަހަނާކުރި ޖަރީމާ ހިންގި މުޖުރިމުންގެ އަތުން ލިބެންވާ ބަދަލެވެ.
ޢާލިޔާ އަށް ހޯދައިދޭން އަޑުއުފުލޭ ޙައްޤަކީ، ބަރަހަނާވުމާއި ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މިނިވަންކަމެވެ!!!

ސަމީރާ އާއި، ޢާލިޔާއަކީ އެއް ޤައުމަކަށް ނިސްބަތްވާ ދެ ޖިންސްލަޠީފެކެވެ.
އެ ދެ ޖިންސްލަޠީފުންގެ ޤައުމަކީ މިޞްރެވެ.

މިޞްރު މީހުން މިޞްރަށް ކިޔަނީ، އުއްމުއްދުންޔާ އެވެ.
އުއްމުއްދުންޔާގެ މާނައަކީ، ދުނިޔޭގެ މަންމަ އެވެ.
އެހެންކަމުން، ދުނިޔޭގައި ލެއްވިހައި ހެޔޮ ކަންކަމަކާއި، ނުބައި ކަންކަމެއް، އެ ގައުމުގައި ވާކަމަށް ބުނެވެ އެވެ.
އަދި އެއީ، "ތިން ޖީމުގެ ގައުމު" ކަމަށް ވެސް ބުނެވެ އެވެ.
ފުރަތަމަ ޖީމަކީ، ޖިންސީ ގުޅުންތަކާއި ފާޙިޝް ޢަމަލުތަކުގެ ޖީމެވެ.
ދެވަނަ ޖީމަކީ، ޖަރީމާއާއި އަނިޔާވެރިކަމުގެ ޖީމެވެ.
ތިންވަނަ ޖީމަކީ، ޖާސޫސްކުރުމާއި ނެތިނުބައި މޮށުމުގެ ޖީމެވެ.
ނަޢޫޛު ބިއްލާހި!

ސަމީރާގެ އުމުރަކީ 25 އަހަރެވެ.
ޢާލިޔާގެ ޢުމުރަކީ 20 އަހަރެވެ.

މިޞްރު ސިފައިން ސަމީރާ ހައްޔަރުކުރީ، އޭނާ މަގުމަތީގައި ހިނގާފައި ދަނިކޮށްނެވެ.
ސަމީރާ ގެންގޮސްފައި އޭނާގެ ގާތުގައި ބުނީ ސަލާންކުރަން އަތް ދިއްކޮށްލަބަލާށެވެ!
ސަލާންކުރަން އަތްދިއްކޮށްލިތަނާ، އޭނާގެ ބަނޑުގައި ޖެއްސީ ކަރަންޓް މުގުރެވެ!!!
ހަށިވިއްކާ ކަސްބީއެއްގެ ތުހުމަތު، ސިފައިން އޭނާގެ ބޮލުގައި އެޅުވި އެވެ!
ކަސްބީން ގެންގުޅޭ ތަކެތި އޭނާއާއެކުގައި ބަހައްޓާފައި ސިފައިން ފޮޓޯނެގި އެވެ!!!
އަމިއްލައަށް އެދުންފުއްދަން އަންހެން ކުދިން ގެންގުޅޭ ތަކެއްޗާއެކުގައި ވެސް ފޮޓޯނެގި އެވެ!!!
ސިފައިން އޭނާގެ ބޮލުގައި އެތައް ތުހުމަތެއް އެޅުވި އެވެ.
މަގުމަތީގެ ދުވާރުގައިވާ ގާތައް ތަޅައި މުގުރިކަމުގެ ތުހުމަތެވެ.
މަގުމަތީގައިވާ ކާރުތަކުގެ ބިއްލޫރިތައް ތަޅައި ފުނޑުފުނޑުކުރިކަމުގެ ތުހުމަތެވެ.
މިފަދަ މިފަދަ އެތައް ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތު އެޅުވުމަށްފަހު ޝަރިއަތްކުރި އެވެ.
ޝަރިއަތްކުރަން އިނީ މަރުމޯލެއް ފަދަ ގާޒީއެކެވެ! ނަމަވެސް ވަރަށް ޢިއްޒަތްތެރި އެވެ!!!
ސަމީރާގެ މައްޗަށް ދަޢުވާއުފުލި ވަކީލަކީ ރަނގަޅަށް ލިޔަންކިޔަން ވެސް ނުދަންނަ މީހެކެވެ!
އޭނާއަކީ މަގުމަތިން ހޮވައިގެން އެކަމަށްޓަކައި ހައްޔަރުކުރެވުނު އާދައިގެ މީހެކެވެ!!!

ސިފައިން، ސަމީރާ ބަރަހަނާކުރީ، އޭނާގެ ބިކުރުވެރިކަން ސަލާމަތުންހުރިތޯ ބެލުމަށްޓަކަ އެވެ!!!
އެހެނީ، (އެމީހުން ހަދަން އުޅޭ ގޮތުގައި) އޭނާއަކީ ހަށިވިއްކާ ކަސްބީއެކެވެ!!!
އޭނާ ބަރަހަނާކޮށް، އޭނާގެ ދެފައި ފޭކޮށް، އޭނާގެ ޢައުރަ ބެލީ އެތައް ބަޔެއްގެ ކުރިމަތީގަ އެވެ!
އެކަންކުރަން ޑަކުޓަރެއްގެ ގޮތުގައި ހުރި ފިރިހެނެކެވެ!
އޭރު، ކުޅިބަލަން ތިބި ސިފައިންގެ މީހުން، ސަމީރާއަށް މަލާމާތްކޮށް އާޑަކިޔަމުން ގެންދިޔަ އެވެ!
އެމީހުން ސަމީރާއާ ދިމާއަށް ހަޑިހުތުރު އެއްޗެހި ވެސް ގޮވި އެވެ!

ނަމަވެސް ....
ސަމީރާގެ ދިފާޢުގައި ތެދުވީ ކޮން މުސްލިމެއް ހެއްޔެވެ؟؟؟؟؟
ޢާލިޔާގެ ދިފާޢުގައި މިހާރުވެސް ޔަހޫދީންގެ 40 (ސާޅީސް) ޖިންސްލަޠީފުން ބަރަހަނާ ވެއްޖެއެވެ!!!!!
މިޞްރަކީ ކުޅިވަރަށް ލޯބިކުރާ ރައްޔިތެއް އޮތް ގައުމެކެވެ.
ކުޅިވަރުކުޅޭ ތަންތަނަށް ޒިޔާރަތްކުރުމަކީ އެމީހުން ދެވިހިފާފައިވާ ކަމެކެވެ.
ނަމަވެސް ޢާލިޔާގެ އޮންލައިން ޞަފުޙާތަކަށް ޒިޔާރަތްކުރުމަށް އެމީހުން ވަނީ މާބޮޑަށް ދެވިހިފާފަ އެވެ!
ބޮޑު 5 ފުޓްބޯޅަ މެޗް ބަލަން ދާވަރަށްވުރެ ގިނަމީހުން، ޢާލިޔާގެ ބްލޮގަށް އެންމެ ދުވަހަކު ޒިޔާރަތްކޮށްފައިވެ އެވެ!!!

ސަމީރާއާއި ޢާލިޔާގެ އެހެން ތަފާތެއް ވެސް ވެ އެވެ.

ސަމީރާ އަކީ، ނިވާކަން ބޮޑު ގޮތަކަށް މުސްލިމުންގެ ސަގާފީ ހެދުންއަޅާ ޖިންސްލަޠީފެކެވެ!
ޢާލިޔާ އަކީ، ނިވާކަން ކުޑަ ގޮތަކަށް ޣައިރު މުސްލިމުންގެ ސަގާފީ ހެދުންއަޅާ ޖިންސްލަޠީފެކެވެ!

ސަމީރާއަށް އަނިޔާކުރީ، ޙުސްނީ މުބާރަކުގެ ސަރުކާރު ސަލާމަތްކުރަން ނިކުތް ސިފައިންނެވެ.... ޙުސްނީ މުބާރަކާއި، ގައްޒާފީއާއި، ބިންޢަލީ ފަދަ ވެއްޓުނު ޒަޢީމުން ދިރުވައި އާލާކުރީ އެ އަނިޔާވެރި ސަގާފަތެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments