• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މޮޔަފެން ކޯރުން އަހަރެންނަށް ފެންތައްޓެއް ގެނެސްދޭށެވެ"! މޮޔައިންގެ ދުނިޔޭގައި ބުއްދިވެރިއެއްގެ ގޮތުގައި ހުރުމަކީ މޮޔަކަމެކެވެ."

Posted by faradays on Tuesday, November 15, 2011 No comments

moyafenugekoaru
ބުއްދި ސަހަރުގެ މައި ފެންކޯރުގައި މޮޔަވައިރަސް އަށަގަތެވެ. ނަތީޖާއަކަށްވީ އެކޯރުން ފެންބޯ ހަމަ ކޮންމެ މީހަކުވެސް މޮޔަވުމެވެ. އެކޯރުން ފެންބޮއިގެން މޮޔަވާ އެންމެންވެސް ވާހަކަ ދައްކައި ހަދަނީ ހޭޖެހޭމީހުންގެ ބަހުރުވަޔާއި ތަފާތު ބަހުރުވަޔަކުންނެވެ. ކިޔާނުކިޔާ އެއްޗެއްގެ ލަފްޒީ މާނަތަކެއް ދޭހަވިއަސް ދައްކަނީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެވެ.
ވާނީވެސް އެހެންތާއެވެ. މޮޔަވަނީއެވެ. މިބަލި ދުވަހެއް ދުވަހަކަށް ބޮޑުވެ ރޯގާއެއްގެ ސިފަޖެހި މުޅި ސަހަރުގައި ވަރަށް ބާރަށް ފެތުރެމުން ދާންފަށައިފިއެވެ.
މޮޔަބައްޔަށް ފަރުވާކުރުމަށް އެސަހަރުގެ ރަސްގެފާނު ވަރަށް ގިނަގުނަ ފިކުރު ކުރެއްވިއެވެ. ނަމަވެސް ބަލިފެތުރުކަމަށް ހުއްޓުމެއް މަޑުޖެހުމެއްނެތި ކުރިއަށް ދިޔައެވެ. ކޮންމެދުވަހެއްގެވެސް އިރުއެރުމުން ޚަބަރުބައްލަވާއިރު ކުރިން މޮޔަނުވާ އެތައްބަޔަކު ތިބެނީ މޮޔަވެފައެވެ.
އެއްދުވަހަކު ޚަބަރުދަބަރު ބެއްލެވިއިރު ކަމަކުދާކަށް ނެތެވެ. ރަނިކަމަނާވެސް އިންނެވީ މޮޔަވެފައެވެ. އެކަމަނާގެ ކަމަކީވެސް މޮޔައިންގެ މައިދާންތަކުގައި ބައިވެރިވެ ރަސްގެފާނާއި އަޢުވާނުންގެ މޮޔަވާހަކަ ދެއްކުމެވެ. ރަސްގެފާނާއި ސަހަރުގެ ކަމުވޮށިވެގެންވާ މީހުންނަކީ ނުވިސްނޭ މޮޔައިންކަމަށް އެމައިދާންތަކުގައި ވާހަކަދެކެވެއެވެ. އެކަމާ ވަރަށް ހިތާމަފުޅުކުރައްވާ، އެހާމެ ކޯފާވެ ވަޒީރަށް ވިދާޅުވިއެވެ. " ރަނިކަމަނާ މޮޔަފެންބޯ ހިސާބަށް ދިޔައިރު އެކަމަނާގެ ފާރަވެރިން ކޮބާހެއްޔެވެ؟ "ޖަވާބުގައި ވަޒީރު ވިދަޅުވީ އެކަމަނާ އެކޯރުގެ ފެން ހިއްޕެވުމުގެ ކުރިން ފާރަވެރިން އެފެން ބުއީ ކަމުގައެވެ. ފާރަވެރިން މޮޔަވެފައި ތިބުމުން އެކަމަނާއަށް އެކަން ކުރައްވަން ހުރަސްއެޅުމުގެ ބަދަލުގައި އެމީހުންވެސް އެކަމަށް ހިއްވަރުދެއްވީކަމަށް ބެލެވެއެވެ. ލަސްނުކޮށް ޑަކްޓަރ ގެނައުމަށް ރަސްގެފާނުގެ އަމުރުފުޅު ނެރުއްވިއެވެ. ދުވަސްކޮޅެއްފަހުން، ވަރަށް މޮޅިވެރި ރާގަކަށް ވަޒީރު ވިދާޅުވީ، ޑަކްޓަރވެސް ހަމަ އެފެން ބޮއިގެން މޮޔަވެފައިވާ ކަމުގައެވެ.
ވަމުންމިދާ ގޮތާމެދު ރަސްގެފާނު ވަރަށް ފުންކޮށް ވިސްނަންޖެހިވަޑައިގެންފިއެވެ. އަދި މި ސަހަރުގައި މޮޔަނުވެ މިހާރު ތިބީ ކޮންބައެއްތޯ ރަސްގެފާނު ވަޒީރުކުރެން ސުވާލުކުރެއްވިއެވެ. ޖަވާބުގައި ވަޒީރު ދެންނެވީ މިހާރުދެން މޮޔަބަލިނުޖެހި ތިބީ ރަސްގެފާނާއި ވަޒީރު އެކަނިކަމުގައެވެ.
އަހަރެންނަށް ރަސްކަންކުރަން ޖެހިފައި މިއޮތީ ހުސް މޮޔައިންތަކެއްގެ މައްޗަށް ހެއްޔެވެ؟ ރަސްގެފާނަށް ބުނެވުނެވެ.
ވަޒީރު: މާފުކުރައްވާށެވެ.! މޮޔަބަލިޖެހިފައިވާ މީހުން ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ދެމީހުންނަކީ މިހާރު މިސަހަރުގައި މޮޔަވެފައިވާ ދެމީހުންނެވެ. ހޭޖެހޭ، ބުއްދިވެރިންނަކީ އެމީހުންނެވެ.
ރަސްގެފާނު: ތިޔަދައްކަނީ ކޮންޒާތެއްގެ ވާހަކައެއް ހެއްޔެވެ؟ މޮޔަކޯރުން ފެންބުއީ އެމީހުން ނޫންހެއްޔެވެ؟ އެކަމުގެ ސަބަބުން މޮޔަބަލި ޖެހުނީ އެފެން ބުއި މީހުންނަށް ނޫންހެއްޔެވެ؟
ވަޒީރު: އެމީހުން ކިޔާ އެއްޗެއް ދަންނަވަންތޯއެވެ؟ އެމީހުން ދެކޭގޮތުގައި އެމީހުން އެކޯރުން ފެންބުއީ މޮޔަކަމުން ސަލާމަތް ވުމަށެވެ. އަޅުގަނޑާއި މަނިކުފާނު އެފެންނުބޮއި މިތިބީ އަޅުގަނޑުމެންގެ މޮޔަކަމުންނެވެ. އެހެންކަމުން މިހާރު މޮޔައިންގެ ގޮތުގައި ތިބީ އަޅުގަނޑުމެންނެވެ. އެމީހުންނަކީ މިހާރު ހަމަ އެކަނި އަޣުލަބިއްޔަތެއް ނޫނެވެ. މުޅި ސަހަރުގެ ރައްޔިތުންނެވެ. އަޅުގަނޑުމެންނަކީ ސަހަރާއެއްގެ ތެރޭގައިވާ ދެފުށް ވެއްޔަށްވުރެވެސް ނިކަމެތި ބައެކެވެ. ޙައްޤާއި ބާޠިލު ކަނޑައަޅަނީ އެމީހުންނެވެ. ޢަދުލު އިންސާފާއި ރީއްޗާއި ހުތުރު ކަނޑައަޅަނީ އެމީހުންނެވެ. މޮޔައިންނާއި ބުއްދިވެރިންގެ މެދުގައިވާ ފަރަގުގެ މިންގަނޑުތައްވެސް ކަނޑައަޅަނީ އެމީހުންނެވެ.
އެވަގުތު ރަސްގެފާނު ފުން ނޭވާއެއްލުމަށްފަހު ވިދާޅުވިއެވެ. "މޮޔަފެން ކޯރުން އަހަރެންނަށް ފެންތައްޓެއް ގެނެސްދޭށެވެ"! މޮޔައިންގެ ދުނިޔޭގައި ބުއްދިވެރިއެއްގެ ގޮތުގައި ހުރުމަކީ މޮޔަކަމެކެވެ."

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments