• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އުމުރުފުޅުން 115 އަހަރުގައި މާވަށު ހުސައިން ކަލޭފާނު އަވަހާރަވެއްޖެ

Posted by Shall3y on Friday, January 21, 2011 No comments


ރައީސް މުހައްމަދު އަމީން ލ. މާވަަށަށް ވަޑައިގަތުމުން އަތިރިމަތީގައި ހުންނަވާފައި " މުހައްމައިދީ، ޅޭއް، ޅޭއްޔޭ!" ވިދާޅުވެ އަމީންގެ މުލައްދަނޑީގައި ހިއްޕެވީ ކޮންބޭފުޅެއްކަން އެނގޭ ހެއްޔެވެ؟ އެބޭފުޅަކު އުމުރުފުޅުން 115 އަހަރު ދުނިޔޭގައި ހުންނެވުމަށްފަހު މިދިއަ އާދީއްތަ ދުވަހުގެ ރޭ މެންދަމު އަވަހާރަވެއްޖެ އެވެ.

މި ހާއްސަ ބޭފުޅަކީ ރަސްމީ އައިޑެންޓިޓީ ކާޑުން ދައްކާ ގޮތުގައި ޖޫން 8، 1910 ގައި އުފަންވެ ވަޑައިގެންނެވި ލ. މާވަށު ހީނާމާގޭ ހުސައިން ކަލޭފާނެވެ. ރަސްމީ އައިޑެންޓީ ކާޑުން ދައްކާ ގޮތުން ކަލޭފާނުގެ އުމުރުފުޅަކީ 101 އަހަރެވެ. ނަމަވެސް ކަލޭފާނުގެ ހަނދާންތަކަށް ރިއާޔަތްކޮށް އާއިލާއިން ބުނަނީ ކަލޭފާނުގެ އުމުރުފުޅަކީ 115 އަހަރު ކަމަށެވެ.

"101 އެއީ އައިޑީ ކާޑުން ފެންނަ ތާރީހު، އަޅުގަނޑުމެން ލަފާ ކުރަނީ ބައްޕައަށް 115 އަހަރު ވެދާނެ ކަމަށް،" ދުނިޔޭގައި ތިއްބެވި ކަލޭފާނުގެ ބޭފުޅުންގެ ތެރެއިން މާވަށު ސީނިއާ މެޖިސްޓްރޭޓް އަލީ ޝަރީފު ވިދާޅުވި އެވެ.
ހުސައިންކަލޭފާނު އަވަހާރަވީ މުސްކުޅި ބަލީގެ އާލާސްކަންފުޅުގައި އޮންނަވާތާ ދުވަސްތަކެއް ވުމަށްފަހު ނޭވާލާން ދަތިފުޅުވެ މާވަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށެވެ.

ލޯ އަނދިރިވެ ކަންފަތަށް އިވިވަޑަިގތުމުން މަހޫރުވެވެޑައިގެންފައި ވިޔަސް ކަލޭފާނު އަވަހާރަވިއިރު ވެސް ބުއްދިފުޅަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބަރާބަރަށް ވާހަކަފުޅު ދައްކަވާ ކަފާ ދަރިންނާއި މުނިކާފަ ދަރިންނާ ސަމާކުރައްވާ އާއިލާގެ ބޭފުޅުންގެ ހާލު ބައްލަވައެވެ.

"ފަހަކާ ޖެހޭދެންވެސް ވަރަށް ހަރަކާތްރިކޮށް އުޅުއްވި، މަދުމަދުން ކޭންބެއްލެވި ނަމަވެސް ފައިދާ ހުރި ރަނގަޅު ކާނާ ކޭން ބެއްލެވި ހާއްސަކޮށް ފަތްޕިލާވެލު ކޭންބެއްލެވި،" އުމުރުން 60 މައްޗަށް ގޮސްފައިވާ ދަރިކަލުން އަލީ ޝަރީފު ވިދާޅުވި އެވެ.

ކަލޭފާނު އަވާހަރަވި އިރު 41 ކާފަދަރިން އެބަ ތިއްބެވި އެވެ. އެއީ 23 އަހެން ބޭފުޅުންނާއި 18 ފިރިހެން ބޭފުޅުންނެވެ. މުނިކާފަ ވިދާޅުވާ 43 ބޭފުޅުން އެބަތިއްބެވި އެވެ. ހުސައިން ކަލޭފަށް އުފަން 12 ކުދިން ލިބިވަޑައިގެވެ. މިވަގުތު ދުނިޔޭގައި ތިއްބެވީ އޭގެ ތެރެއިން ހަތް ކުދިންނެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުންނެވެ.
އޭނާގެ އެންމެ ފަހުގެ އަނބިކަނބަލުން އަވަހާރަވީ 1990 ވަނަ އަހަރު އެވެ. ދެބޭފުޅުންނާ ކައިވެނި ބައްލަވައިގަތެވެ.

ލ. އަތޮޅު ތާރީހު ދިރާސާ ކުރައްވާ މުންޑޫ މުހައްމަދުފުޅު ވިދާޅުވި ގޮތުގައި ހުސައިން ކަލޭފާނަކީ ލ. އަތޮޅުގައި ތައުލީމު އާލާ ކުރެއްވުމަށް، ހާއްސަކޮށް މާވަށުގައި ތައުލީމް ފުޅާ ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ގާތް އަރިސް ބޭފުޅެއް ކަމަށެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments