ދިވެހި ޤައުމު ސިޔާސީ ވެއްޖެއެވެ. ގޭތެރޭގައި އާއިލާ ތަކުދެމެދުގައިވެސް ދެރަޙުމަތްތެރިއެއް ކަމަށް ވިޔަސް ދެކެވޭނީ ކޮންމެވެސް ސިޔާސީ ވާހަކައެވެ. ކޮންމެ ސިޔާސީ ބޭފުޅެއްގެ ނުވަތަ ސިޔާސީ ލީޑަރެއް ގެ ނުވަތަ ޕާޓީއެއްގެ ވާހަކައެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ މުޅި ދިވެހި ޤައުމު އޮތީ ސިޔާސީ ވެފައެވެ. ކުޅިވަރެއް ކުޅުނު ނަމަވެސް އެއްޓީމު ރީނދޫ ޖާރޒީ ބޭނުން ކުރިއްޔާ އަނެއްޓީމު ބޭނުން ކުރާނީ ނޫ ޖާރޒީއެވެ. އަދި ގެއެއްގައި ނޫދަވާދު ލައިފިނަމަ ، ޖެހިގެން ހުންނަގޭއިން ފެންނާނީ ރީނދޫ ކުލައެވެ. މުޅިގައުމު ސިޔާސީ މައިދާނަކަށްވެ ސިޔާސީ ކަންކަމާއި ހެދި އެކަކު އަނެކަކު ރުޅިވެ ތިމާ ޕާޓީއަށް ސަޕޯޓް ނުކުރާތީ ވަރިފަރަށް އަރާފައި ތިބީ ކިތައް ދެމަފިރީން ބާވައެވެ. ފަންގަޑު މަތީގައި އިންނަ އައިޝަ އާއީ މަހަށް ގޮސް ހުރި ކެޔޮޅު ވެސް ދައްކާ ވާހަކައިން އެމީހުންނަކީ ސިޔާސީ ދާއިރާއިން މަތީތައުލީމް ޙާސިލް ކޮށްފައިވާ މީހުންކަމަށް ފާހަގަ ކުރެވޭ ވަރުވެއެވެ. އާދެ މުޅި ޤައުމު ސިޔާސީ ވެ މިތިންލައްކަ ދިވެހިންނަކީވެސް އެހެން ކަމެއް ނެތް ސިޔާސީ ލީޑަރުންނެވެ. އެހެން ކަމެއް މިދިވެހިޤައުމަކު ނެތެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސިޔާސީ ބޭފުޅުން ދެއްކެވި އަސަރުގަދަ “ފޮނި” ވާހަކަ ތަކުގެ އަޑު ނުކެނޑެ އުޅެނިކޮށް ފެށުނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ވާހީތުން ސިޔާސީ ބޭފުޅުންގެ “އަޗާ” އަޑު ތަކެވެ. ރައްޔިތުންގެ ޝުޢޫރޭ ރައްޔިތުންގެ ވިންދޭ ކިޔައިގެން ދެއްކެވި ފޮނި “ބައިސާ”ތަކުގެ އަޑު އަދި ކެނޑޭ ހާ ދުވަހެއް ނުވެއެވެ. ކުރިން މިދެންނެވި ދެއިލެކްޝަނުގައިވެސް ކެންޑިޑޭޓުން ގޭގޭ ބަދިގެ ދޮށަށް ވަޑައިގެން ވޯޓް ހޯއްދެވުމަށް ކުރެއްވި މަސައްކަތް މިހާރުވެސް އަޅުގަޑަށް ސިފަވެއެވެ. މިއިން ކޮންމެ ކަމަކާއި ވެސް ގުޅިގެން ގައުމު ސިޔާސީ ލޮޅުމެއް އަރައެވެ. ދެން ފެނުނީ މަޖިލީހުގެ ޖަލްސާތަކެވެ. ޖަލްސާތަކަށް ތިމާ ހިތްހަމަ ނުޖެހޭ އިރަށް މަޖިލިސް ދަށަށް އެއްވުމަށް ގޮވާ ސިޔާސީ ހަލަބޮލި ކަމެއް ގެނައުމަށް ސިޔާސީ ލީޑަރުން ކުރައްވާ މަސައްކަތް ފެނިފައި ވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ސަރުކާރު ކުރައްވާ ކަންތަކަށް ފާޑު ކިޔާ ރައްޔިތުން ހަލަ ބޮލި ކުރުމުގައި ވެރިކަން ކުރާ ޕާޓީވެސް މަސައްކަތް ކޮށްފައިވަނީ މަދެއްކޮށްނޫނެވެ. މީސްމީހުގެ ގޯތި ގެދޮރަށް އެއްވުމަށް ގޮވާ ރައްޔިތުން ރަތަށް އެރުވުމުގައި އިދިކޮޅު ޕާޓީ ތަކާއި އެއްވަރަށް ވެރިކަން ހިންގާ ޕާޓީ ވެސް މަސައްކަތް ކުރުމުން ދޭހަވަނީ މިގައުމު ރައްޔިތުން ހަމަ ހިމޭނުން ތިބޭން އެއްވެސް ސިޔާސީ ބޭފުޅަކު ބޭނުންނުވާކަމެވެ. އެއީ ސަރުކާރު ހިންގާ ކަންކަން ހަމަ މަގަށް އެޅުވުމަށް ސަރުކާރު ހިންގާ އެކަމެއް އިސްލާޙް ކޮށް ރަގަޅު ކުރުމުގެ ބާރު ސަރުކާރުހިންގާ ޕާޓީއަށް ލިބިގެންވާނެނޫންތޯއެވެ. އަދި މީހަކު ކުށެއް ކުރާއިރު ނުވަތަ ކުށެއް ކޮށްފައިވާނަމަ އިންސާފު ގެ ކުރިމައްޗަށް ގެނެސް އެމީހެއްގެ މައްސަލަ ހައްލު ކުރުމުގެ އިޚްތިޔާރާއި ބާރު ސަރުކާރަށް ލިބިގެންވެއެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަ ބަލާ ތަޙްޤީޤް ކުރާނެ މިނިވަން މުއައްސަސާތައް އަތުގެ ފަސްއިގިލިން ގުނާލަށް ދަތިވާ މިންވަރަށް މިޤައުމުގައި އެބަހުއްޓެވެ. އަދި ކީއްތޯއެވެ. އެއިދާރާތަކުގެ މެމްބަރުންނަށް މަހަކު ދެއްވާ މުސާރަފުޅު “މައް” ދިވެއްސެގެ އެއް އަހަރު ދުވަހު ލިބޭ އާމްދަނީ އާއި ނުބައްދަލްވާއިރު، ކާންބޯން މަސައްކަތް ކުރަން ތިބި ރައްޔިތުން ކޮޅު ކަނޑު އަތްވައް ނެރެ ހަލަބޮލި މިކުރުވަނީ ކޮންބޭނުމެއްގައި ބާވައެވެ. ތިމާގެ މަޝްހޫރުކަން ނުވަތަ ރައްޔިތުންގެ ތެރޭގައި ތިމާގެ ސަޕޯޓް ހޯދުމުގެ ނިޔަތުގައި ބާވައެވެ. މަގުމަތީން ކަންކަން ޙައްލު ކުރުމަކީ “އިހަކު” ދިވެހިން ދުށް ކަންތައްތަކެއް ނޫންތޯއެވެ. ކޮންމެ ކަމެއް ބޮޑުވާއިރަށް ރައްޔިތުން ހޯބޯލަވަމުން މަގުތަކަށް ނުނިކުންނަނަމަ، އެއްވެސް ކަމެއް މިޤައުމުގައި ހަމަމަގުން ހިގަން މިއަދު ނެތީތޯއެވެ. ކޯޓު ތަކުގެ ފަޑިޔާރުންގެ ނިންމުމަށް ހިތްހަމަ ނުޖެހުން ، ކުރީގެ ރައީސުންނަށް ދޭންވި އިނާޔަތްތައް، ސްޕްރީމް ކޯޓްގެ ތަޅުއެޅުވުން ފަދަ މައްސަލަތަކަކީ ކަމަކާ ނުލާ ދިވެހިން ހޫނު ކުރުވި މައްސަލަތަކެވެ. މަޖީލީހުގައި ތިއްބެވީ އަޅުގަޑުމެންގެ މެމްބަރުންނެވެ. އަޅުގަޑުމެން ރުހުން ދީފައި ތިއްބެވި ބޭކަލުންނެވެ. އެބޭކަލުންގެ ޚިޔާލު ތަފާތުވާއިރަށް ރައްޔިތުންނަށް ގޮވާ އިދިކޮޅު މެމްބަރުންނަށް ޖެއްސުން ކުރުމަށް ހިތްވަރު ދެއްވުމުން ދޭހަވަނީ މެމްބަރުކަމަށް ކުފޫ ހަމަ ނުވާކަމެވެ. ކުފޫ ހަމަ ނުވާ ބަޔަކު މަޖިލީހުގައި ތިއްބަވާނަމަ އެކަމުން ރައްޔިތުންނަށް ލިބެނީ ގެއްލުމެވެ. ވީމާ، ޤައުމު ސިޔާސީ މައިދާނަކަށް ހަދާ ޤައުމު ހަލަ ބޮލި ކުރަނީ ސިޔާސީ އިސްފަރާތްތަކެވެ. ރައްޔިތުން ހަމަ ހިމޭނުން ތިބޭ ނަމަ، ސިޔާސީ ބޭފުޅުން ކަންބޮޑުވަނީއެވެ
.ވަޒީރުން އިސްތިއުފާ ދެއްވި ދަނޑިވަޅުގައި ރައީސުލްޖުމުހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބާއި އަދި ރައްޔިތުންގެ މަޖިލީސް އިސްތިއުފާ ނުދެއްވުމުން ރައްޔިތުންގެ “ރުހުން” ހޯދާން ނުޖެހުނު ކަމީ ރައްޔިތުން އުފާކުރާނެ ކަމެކެވެ. އެހެން ނޫންނަމަ އިލެކްޝަން ކޮމިޝަން މިވަގުތު އުޅުއްވަން ޖެހިލައްވާނީ ހަތްއެއްކަ އިލެކްޝަން ބޯމަތިވެގެން ނެވެ. އަދި ޤައުމުގެ ތަރައްޤީއަށް ހުރި ފައިސާ ކޮޅު އިލެކްޝަންގެ ތެރެއިން ވޯޓްކަރުދާހަށް “ހުސްވަމުން” ދާތަން ދިވެހިންނަށް އިތުރަށް ފެނިގެންދިޔައީހެވެ. ސިޔާސީ ގިނަ ބޭފުޅުން މަހުންމަހަށް މުސާރަފުޅު ނަންގަވާއިރު އާއްމުންގެ ގިނަމީހުން މިދަނީ އާމްދަނީ އެއް ހޯދުމަށްޓަކައި ބުރަ މަސައްކަތް ކުރަމުންނެވެ. މާދަމާ ދިރިއުޅުމުގެ ކަންތައް ހަމަޖައްސާނެ ގޮތަކާމެދު ވިސްނަމުންނެވެ. ވީމާ ،ރައްޔިތުންގެ ކޯޓް ތައް އުފައްދާ ހަލަބޮލި ވެފައިވާ ދިވެހީން މިއަދު އިންތިޒާރު ކުރަނީ ސިޔާސީ ފަނޑިޔާރުގެ އަކަށެވެ. ސިކުނޑިއަށް “ސިޔާސީ” އަރާމެއް ލިބޭނެ ދުވަހަކަށެވެ. ސިޔާސީ ޑްރާމާތަކުގެ ޕްރޮޑިއުސަރުންގެ ޖީބުތައް ފުރެމުން ދާއިރު ޑްރާމާތަކުގެ ތަރިން ގެއަށް ދަނީ ޖީބަށް ލާނެ ލޯލާރިއެއް ވެސް ނެތިއެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ