• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ޖަރުމަނުގެ މޮޔަ ބޯވަ

Posted by faradays on Thursday, May 19, 2011 1 comment

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާއި ޖަރުމަނުގެ ޤައުމީ ޓީމު ކުރިމަތިލީ މޮޅެތި ކުޅުންތެރިންތަކެއްގެ އިތުރުން " ޕޯލް " ނަމަކަށް ކިޔާ މޮޔަބޯވަޔަކާއި އެކުގައެވެ. މިމުބާރާތުގައި ޖަރުމަނު ޓީމު ކުޅުނު 06 މެޗުގެ ނަތީޖާ މެޗް ފެށުމުގެ އެތަށް އިރެއް ކުރިން މިބޯވަ ދިމާކުރެއެވެ. މިގޮތުން ގްރޫޕް ސްޓޭޖުގައި ސާބިއާ އަތުން ޖަރުމަނު ބަލިވާނެ ކަމަށް ބުނެފައިވާ އިރު 2 ވަނަ ބުރުގައި އިނގިރޭސިން އަދި ކުއާޓާރ ފައިނަލުގައި އައިޖެންޓީނާ ގެ މައްޗަށް ކުރި ހޯދާނެ ކަމަށް ބުނެފައިވެއެވެ. ސެމީފައިނަލުގައި ސްޕޭން އަތުން 1-0 (އެކެއް ސުމަކުން) ޖަރުމަނު ބަލިވާނެ ކަމަށް ޕޯލް ލަފާކޮށްފައިވެއެވެ. ގިނަ ބަޔަކު ހައިރާން ކުރުވީ ސްޕެއިން މޮޅުވުމުގެ އިތުރުން ސްކޯރ ވެސް ދިމާކުރުމުންނެވެ.
2008 ވަނަ އަހަރުގެ ޔޫރޯ ގައި ޖަރުމަނު ކުޅުނު 7 މެޗުގެ ތެރެއިން 5 މެޗުގެ ނަތީޖާ ދިމާކޮށް ފައިނަލުގައި ޖަރުމަނާޢި ސްޕެއިން ބައްދަލު ކުރި މެޗުން ޖަރުމަނު ޓީމު މޮޅުވާނެކަމަށް ބުނެ ދިމާނުވި މި ބޯވަ 2008 ން ފެށިގެން ޖަރުމަނުގެ ޤައުމީ ޓީމު ކުޅޭ ކޮންމެ މެޗެއްގެ ނަތީޖާ ދިމާކުރުމަށް ވަނީ މަސައްކަތް ކޮއްފައެވެ. އިނގިރޭސި ވިލާތަށް އުފަން މި " ޕޯލް" ކިޔާ ފިރިހެން ބޯވަ ދިރިއުޅެނީ ޖަރުމަނުގެ 'އޮބާހައުސެން' ގައި ހުންނަ ސީ ލައިފް އަކުއޭރިއަމްގައެވެ.

ނަތީޖާ ދިމާ ކުރާ ގޮތް
އެއް ވައްތަރުގެ 02 ބިއްލޫރި ކޮންޓޭނަރ އަށް ( ކުޅޭ ދެ ޤައުމުގެ ދިދަ ހަރުކުރެވިފައިވާ) ތަފާތު ކާތަކެތި އެޅުމަށް ފަހު ބޯވަ ޓޭންކަށް ލަ އެވެ. ބޯވައަށް ކަމުދާ ކެއުން ލެވިފައިވާ ކޮންޓޭނަރަށް މިބޯވަ ވަދެއެވެ. ބޯވަ ވަންނަ ކޮންޓޭނަރުގައި ހަރުކުރެވިފައިވާ ދިދަ ރަމްޒު ކޮށްދޭ ޤައުމަކީ މޮޅުވާނެ ކަމަށް ބެލެވޭ ޤައުމެވެ. ބައެއް ފަހަރު ވަރަށް ގިނަ އިރު ފަހުން ވެސް ވަދެފައި ވެއެވެ. މީގެން ކޮންޓޭނަރަކަށް ވަންނަން ނަގާ ވަގުތަކީ ޖަރުމަނު ޓީމު ލެންޑެއް ޖެހުމަށް ނަގާނެ ވަގުތު ކަމަށް ބެލެވޭކަމަށް މިބޯވަ ގެންގުޅޭ ފަރާތްތަކުން ބުނެއެވެ.

ބޯވަ މަޝްހޫރުވުން
ކުއާރޓަރ ފައިނަލުގައި އައިޖެންޓީނާގެ މައްޗަށް ޖަރުމަނު ޓީމު ހޯދި ނަތީޖާ ދިމާކުރުން ވެގެން ދިޔައީ 2 އަހަރުގެ މިބޯވަ ވިދާލަން ލިބުނު ފުރުސަތުކަމުގައެވެ. ޖަރުމަނުގެ މީޑިއާ ތަކުގެ އިތުރުން ދުނިޔޭގެ މީޑިއާގެ ސަމާލުކަން ޕޯލް ހޯދާފައިވެއެވެ. ސެމީ ފައިނަލުގައި ޖަރުމަނާއި ސްޕެއިން ބައްދަލު ކުރި މެޗް ދިމާކުރުމަށް ޓޭންކަށް ބޯވަ ލީ މަންޒަރު ލައިވްކޮށް ޖަރުމަނުގެ ޓީވީ ޗެނެލަކުން ވަނީ ދައްކާފައެވެ. މަޝްހޫރު ވުމުގެ އިތުރުން މަރުގެ އިންޒާރު ވެސް ޕޯލްއަށް ލިބިފައިވެއެވެ. މިގޮތުން އައިޖެންޓީނާ ގެ މައްޗަށް ޖަރުމަނު މޮޅުވާނެ ކަމަށް ބުނެ ދިމާވުމުން އައިޖެންޓީނާގެ ސަޕޯޓަރުން ވަނީ ޕޯލް ހޯދައި ކުދިކޮށް ކޮށާލުމަށް ފަހު ރަނގަޅު ކެއުން ގަޑެއް ތައްޔާރު ކުރާނެ ކަމަށް ބުނެފައެވެ. ކޮށާލުމުގެ ކުރިން ގިނަ އިރުތަކެއް ވަންދެން ހޫނު ފެންގަޑެއްގައި ބާއްވާނެކަމަށް ވެސް ބުނެފައިވެއެވެ.

ބޯވަ ފިލުން
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަރުމަނުގެ މައްޗަށް ސްޕެއިން ކުރި ހޯދުމުން ، މިބޯވަ ގެންގުޅޭ ފަރާތްތަކުން ވަނީ މީގެ ސަލާމަތްތެރިކަމަށް ނަންހާމަ ނުކުރާ ތަނެއްގައި ފޮރުވާފައެވެ. އަދި މީގެ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ނުދިނުމަށް މިމީހުންގެ ތެރޭގައި ހުވާ ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ތިންވަނަ ހޮވާ މެޗުގައި އުރުގުއޭ އާއި ދެކޮޅަށް ޖަރުމަނު ކުޅެން ޖެހޭ މެޗުގެ ނަތީޖާ ދިމާކުރަން މިބޯވަ ބޭނުން ކުރާނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

1 comments:

އަހަރެން ކޮންމެ ދުވަހަކު ބައިވަރު ފަހަރު މި ސައިޓް ބަލަން.ފަރަޑޭގެ ލިޔުމެއް ކިޔާލާހިތުން .މިކަމަށް ކޮންސާން ވެބަލަ.ވަރަށް އުފާވިސް ކޮންޓެކްޓް ނަމް ފެންނަން އިންނަނަމަ

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments