"ރަން ދުވެލި" ލޯންޗް މަޑު ދުވެއްޔެއްގައި ގޮސް ބަނދަރު ތެރެއަށް ވަދެއްޖެއެވެ. ކެތްމަދުވެފައި ތިބި ދަތުރުވެރިން ވާ އައްސާލުމުގެ ކުރިން ތެދުވެގެންފިއެވެ. ބަނދަރުމަތީގައި އިސްތިޤުބާލުގައި ތިބި މީހުންތައްވެސް އެދިމާއަށް ބޮޑިވެގެންފިއެވެ.
މިސްބާ އިނީ ނުތެދުވެފިފައެވެ. ބޮލަށް ވަނީ އެބުރުން އަރާފައެވެ.އުގުގައި އިން ކުޑަދަރިފުޅާ އެކު ދަބަސް ހިފައިގެން ދާނެ ގޮތެއް ނުވިސްނިފައެވެ. އޭނާ ބަނދަރު މައްޗަށް ނަޒަރު ހިންގައިލިއެވެ. ހައްތަހާވެސް ދަތުރުވެރިންގެ އިސްތިޤްބާލުގައި ތިބި މީހުންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ދުވަސްތަކަކަށްފަހުލޯބިވާ މީހުން ފެނުމުން އެކުރެވޭ އިހުސާސަކީ ވަރަށްވެސް ފޮނި އިހުސާސެކެވެ. އޭނާގެ ތިމާގެ މީހުން ކޮބާ ހެއްޔެވެ؟ މަންމަ އާއި ބައްޕަ ކޮބާ ހެއްޔެވެ؟ އޭނާ ދެކެ ލޯބިވާ މީހުން ކޮބާ ހެއްޔެވެ؟
މިސްބާއަށް ހިތުންވެލެވުނީ ލޯންޗަށް އަރައިގެން އައި ފިރިހެންމީހާ ފެނުމުންނެވެ. ބޮލުގައި ހިސާބަކަށް ނުރަޖަހާފައި ހުރި ދެބައި އުމުރުގެ އެފިރިހެންމީހާ އައިސް މިސްބާގެ ފައި ކައިރިގައި ހުރި ދަބަސް ނަގައިފިއެވެ. އޭނާގެ ނިތްކުރީގައި ހުރި އޮށްދާތަކުން ދުވަހުގެ ހޫނުކަން މިސްބާއަށް އަންދާޒާކޮށްލެވުނެވެ.
"ދަރިފުޅާ!މިސްބާ!ހިގާ ދާން!" ޝާހިދު އެހެން ބުނުމުން މިސްބާ ތެދުވެއްޖެއެވެ. އަދި ބައްޕަގެ އެހީއާއި އެކު ފައިބަން ހިގައިގަތެވެ.
ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއެކު އުއްމީދެއް ނެތް ނަޒަރަކުން ވަށައިގެން ހޯދައިލެވުނެވެ.ކޮންމެވެސް މީހަކު ހޯދާފަދަ ގޮތަކަށެވެ. ދަރިފުޅުގެ ބޭޤަރާރީކަން ފެނުމުން ޝާހިދުއަށް އެމޫނަށް ބަލަހައްޓައިގެން ހުރެވުނެވެ.
ކުއްލިއަކަށް އައިނައި ގޮތެއް ނޭގި މިސްބާގެ ކޮއްކޮމެންނާއި މަންމައާއި ދެބެންގެ ދެދަރި ކުދިންތައް އައިސް މިސްބާ ވަށައިލިއެވެ.
"ދަރިފުޅާ! މިސްބާ! ދައްތާ!އީމާ!" އެންމެން ވާހަކަ ދައްކަން ފެށުމުން މިސްބާއަށް މަޖްބޫރުވީ އެދިމާއަށް ސަމާލުކަން ދޭށެވެ.
"ދެން މިތާގަތަ ތިބެނީ؟އީމާ ފިހިދާނެއްނު؟ސިޔާން އެބަހުރި ޖިޕްގަ އައިސް" ޕޮލިސް ޔުނިފޯމުގައި ހުރި އާނިޔާ މިސްބާގެ މަންމަ ސާނިޔާ އަތުން އީމާ ނަގާ އުރާލިއެވެ. މިސްބާ ބަލައިލީ މަންމައާއި ދިމާއަށެވެ. ސާނިޔާ މިސްބާގެ ބުރަކަށީގައި ފިރުމާލަމުން ގޮވައިގެން ޖިޕާ ދިމާއަށް ހިގައިގަތެވެ. އޭރު މިސްބާގެ ބައްޕަ ޖިޕަށް ސާމާނުތައް އަރުވައިލިއެވެ.
"ކިހިނެތްތަ މިސްބަ؟" ޑިކީގެ މަތި ޖަހާލުމަށްފަހު އައިސް މިސްބާއަށް ޖިޕްގެ ދޮރުފަތް ހުޅުވާލަދެމުން ސިޔާން އަހައިލިއެވެ. ސިޔާންއަކީ އިސްކޮޅާ އެއްވަރުގެ ރޫފަރީތި ހަށިގަނޑެއްގެ ވެރިއެކެވެ. މޫނު ރީތި ނަމަވެސް އޭނާއަށް ލިބިފައިވަނީ އަނދިރި ކުލައެކެވެ. މޫނުމަތީގައި ހުރީ ދެކޭ މީހުން ޖެހިލުންވާފަދަ ހަރުކަށި ގޮތެކެވެ. އެހެންނަމަވެސް ހިތްހެޔޮކަމާއެކު ހީލާއިރު އެލޮލުން ފެންނަނީ އޯގާތެރިކަމާ ކުލުނެވެ.
"ރަނގަޅު!ސިޔާން ކިހިނެތް؟"މިސްބާގެ ކަޅު ބުރުގާ ރަނގަޅުކޮށްލަމުން ސިޔާންގެ ހާލު އަހައިލިއެވެ. އަދި ޖިޕަށް އަރާ އިށީނެވެ.
އީމާ ގޮވައިގެން އާނިޔާ އެރީ ކުރިއަށެވެ.ސާނިޔާ މިސްބާ ގޮވައިގެން ފަހަތު ސީޓުގައި އިށީދެ މިސްބާގެ ދަތުރުގެ ވާހަކަތައް އަހަންފެށިއެވެ. އުދަގުލުން ނަމަވެސް މިސްބާ މަންމަގެ ހުރިހާ ސުވާލަކަށް ފުރިހަމައަށް ޖަވާބުދެމުންދިޔައެވެ. އެހެންނަމަވެސް އޭރުވެސް އޭނާގެ ދެލޯ އަމާޒުވެފައިވަނީ މަގުމައްޗަށެވެ. އޭނާގެ ދެލޯ ކޮންމެވެސް އެއްޗެއް ހޯދާކަހަލައެވެ. ނޫނީ ފެނި ގެއްލެމުންދާ ދަނޑުތަކާ ފެހިގަސްތަކުން ފުރިގެންވީ މާހައުލު އޭނާ ބަލާ ފޫހިނުވަނީއެވެ.
"އާރޕޯޓްގެ މަސައްކަތް ކިހާ ހިސާބަކަށް ގޮސްފިތަ؟" އިރުއިރު ކޮޅާ ސިޔާން ލޯގަނޑުން އޭނާގެ މޫނަށް ބަލަމުންދާކަން އެގުމުން ވީހާވެސް ބޮޑަށް އޭނާގެ ނުތަނަވަސްކަން ފޮރުވަން މިސްބާ ބޭނުންވިއެވެ.އެހެންކަމުން އެންމެންނަށް އަމާޒުކޮށް އޭނާ އެސުވާލުކޮށްލިއެވެ.
"ނިމުނީމަ ނޫނީ ނިމޭނެއެކޭ މަންމައެއް ނުބުނާނަން. އެކަމަކު ނިމިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. އޭރުން މަންމަމެންނަށް ނުޖެހޭނު އެލޯންޗުގަނޑު ތަޅަން ދާކަށް" ސާނިޔާ ބުނީ ރަށު އެންމެން ކަހަލަ ގޮތަކަށް ބުނާ ވާހަކައެކެވެ. އެންމެންވެސް ތިބީ އުއްމީދެއްގެ މަތީގައެވެ.
"އަނެއްކޮޅުން ކިހާ ބަޔަކަށް ވަޒީފާ ލިބޭނެ؟" މިސްބާ އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
"އެކަމަކު ކިހާ ބައެއްގެ ދަނޑުބިންތަކެއް ގެއްލިގެން އެދިޔައީ؟ އެމީހުންގެ އާމްދަނީޔޯ؟ އަނެއްކޮޅުން މިރަށުގެ ތިމާވެށިން އުނިވެގެން އެދަނީ ކިހާ ބޮޑު ބައެއް؟" ސިޔާންއަކީ އެމީހުންނާ ތަފާތު ވިސްނުމެއް ގެންގުޅޭ މީހެކެވެ. ވެދާނެއެވެ. ކަންތަކުގެ ދެކޮޅާ މެދު ވިސްނާ މީހަކަށް ވީމަ އެހެންވަނީއެވެ.
"އެއްކަލަ ޔާން! އެކަމަކާ އަހަރެމެންނަށް ކީއް؟ ރާސްޓަސްހާ ފަސޭހައިން އަހަރެމެންނަށް ރަށަށް އާދެވުނީމަ އަހަރެމެންނަށް ނިމުނީނު؟" އާނިޔާ ސިޔާންގެ ވިސްނުން ބަދަލުކުރަން ބޭނުންވިއެވެ. ސިޔާން އެވާހަކައަށް ރައްދު ނުދިނުމުން މިސްބާގެ ދެމައިންވެސް އެވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއްނުވިއެވެ. އެކަމުގެ ސަބަބުން ސިޔާން ނުރުހުންވާކަށް އެމީހުން ނޭދެއެވެ.
"މިސްބާ!މިހާރުވެސް އީމާ ވައްތަރީ އިމާޒުއާއި ދޯ؟"އީމާގެ މޫނަށް އެތައްއިރަކު ބަލަން ހުރުމަށްފަހު ނުހުރެވިގެން އާނިޔާ ބުނެލެވުނެވެ. މިސްބާގެ ދުލުގައި ތަޅުލެވުނުކަހަލައެވެ. އޭނާގެ ތުންފަތްމަތީގައި ހުރި ހިނިތުންވުން އޭނާގެ ތުންފަތް މަތިން ފުހެވިގެން ހިގައްޖެއެވެ. ސިޔާން އާނިޔާއާއި ދިމާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލަމުން ހިމޭންވުމަށް އިޝާރާތްކޮށްލިއެވެ.
"އާނީ ދައްކާ ވާހަކަ ދެން އިމާޒުއާއި ވައްތަރުނުވެ ވައްތަރުވާންވީ އާނީއާތަ؟" މާހައުލަށް އައި ކިލަނބުކަން ސިޔާން ވަގުތުން ދެނެގަތެވެ.
"އެއީ ތެދެއް. އެހެންނޫނަސް އިމާޒުއާއި ވައްތަރުވި ވަރަކަށްނު މިދަރިފުޅު ނަސީބުވެރިވާނީވެސް!" މިސްބާ އޭނާގެ ނުތަނަވަސްކަން ސިއްރު ކުރަމުން ބުނެލިއެވެ. އެއީ ދިވެހިންގެ ތެރޭ ކުރިއްސުރެ ކިޔައިއުޅޭ އެއްޗެކެވެ.
ގެއަށް ދެވުމާއެކު ސާނިޔާ އަވަސްވެގަތީ މިސްބާއަށް ކާންދޭށެވެ. އާނިޔާއާއި ސިޔާން ދިޔައީ އަނެއްކާވެސް އޮފީހަށެވެ. މިސްބާއަށް ފަސޭހަ ގޮތަކަށް ގޭގެ ކަންތައް ހަމަޖައްސައިދޭން ޝާހިދު މަސައްކަތްކޮށްފައިވާ މިންވަރު މިސްބާއަށް ފެނުނެވެ. މިސްބާގެ ކޮޓަރި ހުރީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައެވެ. ކަޅުކުލައިގެ ބެޑްރޫމް ސެޓެކެވެ.ކަޅު ބެޑްޝީޓެއް އަޅާފައިވާ އެދުގައި ހުދުކުލައިގެ ބާލީހެވެ. އަޅި ކުލައަކަށްދާ ފާރުތަކާ ގުޅޭގޮތަށް ބެޑްރޫމް ދޮރުފޮތިތަކާ ފައިފުހިތައް އެހާވަރަށް ގުޅުވާފައި ހުރުމުންވެސް މަންމަމެން އޭނާގެ ބޭނުންތަކަށް އިސްކަންދޭކަން މިސްބާއަށް އިހުސާސް ކުރެވުނެވެ.
މިސްބާގެ ކޮއްކޮމެން އީމާ ފެންނަ ހިސާބުން ދުރަށްވެސް ނުދެއެވެ. އީމާއަށް ހަމަޖެހިލެވޭވަރުވީ އީމާއަށް ނިދުމުންނެވެ.
މިސްބާ އީމާ އެނދުގައި ބޭއްވުމަށްފަހު ތެދުވީ ފެންވަރަން ދާންވެގެންނެވެ. އެވަގުތު އޭނާ ފައި ހުސްކަން އޭނާއަށް ހީވިއެވެ. އޭނާ ގުދުވެ ފައިގައި އަތް ޖައްސައިލިއެވެ. އޭނާގެ އެއްފައިގެ ކެވެލިފަށް ނެތެވެ. މިސްބާ ކަންބޮޑުވެފައި އަނެއް ފައިގައި އޮތް ކެވެލިފަށް ނަގައިލިއެވެ. އޭނާގެ ފަށް ވެއްޓުނީ ކޮންތަނަކަށް ހެއްޔެވެ؟
ޖިޕުގެ ފަހަތު ސީޓްމަތީގައި އޮތް ރިހިކުލައިގެ ކެވެލިފަށް އިމާޒު ލޮލުގައި އަޅައިގަތީ ހަމަ ޖިޕަށް އެރިތަނާއެވެ. އޭނާ ފަށް ނަގައި ބަލައިލިއެވެ. ފުރަތަމަ ނަޒަރުންވެސް އޭނާއަށް އެއީ ކާކުގެ އެއްޗެއްކަން އެގުނެވެ. ހިތަށް ހީވީ ފެން އެއްޗެއް އޮއްސައިލިހެންނެވެ. މިސްބާގެ ދޮންމޫނު ހިތަށް ސިފަވުމާއެކު އޭނާއަށް ލޯމަރައިލެވުނެވެ.
"ތިއީ ކޮން ކެވެލިފަށެއް؟" ސިޔާން އިމާޒު ކައިރީގައި އިށީންނަމުން އަހައިލިއެވެ.
"މިއީ މިތާ އޮތް އެއްޗެއް. ސިޔާންއަކަށްނު އެގެންވީ ކާކުގެ އެއްޗެއްކަން."އިމާޒު ކެވެލިފަށް ސިޔާން އަތަށް ދިއްކޮށްލިއެވެ.
"ތިއީ ވެދާނެ މިސްބާގެ އެއްޗަކަށްވެސް"އިމާޒު އެހެން ބުނީ މިސްބާގެ ނަންވެސް ކިޔަން ބޭނުންނުވާތީކަން އެގިހުރެ ސިޔާން އެވާހަކަ ފެށިއެވެ.
"އީމާ ހާދަ ވައްތަރޭދޯ އިމާޒުއާއި" ސިޔާން އިމާޒު އަތުން ކެވެލިފަށް ނަގައި ޖީބަށްލިއެވެ.
"އަޑެއްނީވޭތަ އިމާޒުއަކަށް. މިދައްކަނީ އިމާޒުގެ ދަރިފުޅުގެ ވާހަކައޭ" ސިޔާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ކުޑަކޮށް ނުރުހިފައެވެ.
"އެހެންތަ؟ ދެން މަކީއްތަ ކުރަންވީ؟"
އިމާޒު އެހެން ބުނުމުން ސިޔާން އުޅުނީ އެއްޗެކޭ ބުނާށެވެ. އެހެންނަމަވެސް ސާޖިދުމެން އައިސް ޖިޕަށް އެރުމުން އޭނާއަށް މަޖްބޫރުވީ ހިމޭންވާށެވެ.އިމާޒުއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އެއްގޮތަކަށްވެސް މިސްބާގެ ވާހަކަ ދައްކާކަށް ބޭނުމެއްނުވެއެވެ. މިސްބާގެ ނަންވެސް އަޑުއަހާކަށް އޭނާ ބޭނުމެއްނުވެއެވެ.
މިސްބާ ފެންވަރައިގެން ނުކުތްއިރުވެސް އީމާ އޮތީ އަރާމްކޮށް ނިދާފައެވެ.އީމާގެ ދޮންމޫނު މަތިން ފެންނަނީ މައްސޫމްކަމެވެ.. މިސްބާ ގޮސް އީމާ ކައިރީ އިށީނެވެ. މިހާ ކުރިއްސުރެ އީމާ ވައްތަރީ އިމާޒުއާއެވެ. ހަމައެބުމައެވެ. އެހަމަ ދިގު ނޭފަތެވެ. އެދެކަފި ތންފަތެވެ.
ކުއްލިއަކަށް އިވުނު އަޑަކުން މިސްބާގެ ހިތަށް ގަނޑުފެން އެއްޗެއް އަޅައިލިކަހަލައެވެ. ކޮޓަރިން ނުކުމެގެން ބޭރަށް ދުއްވައިގަނެވުނެވެ. އޭނާއަށް ނުކުމެވުނުއިރު ޖެހިގެން ހުރި ގޭގެ ދޮރާށި ދޮށަށް ސައިކަލު މަޑުކޮށްލުމަށްފަހު ސައިކަލްގައި އިން މީހާ ސައިކަލުން ފައިބަނީއެވެ. މިސްބާ ކުޑަކޮށް ނިވާވެލުމަށްފަހު ޝައުގުވެރިކަމާއެކު ބަލައިލިއެވެ.ހެދިހުރި ބިޔަ ހަށިގަނޑެކެވެ. އަތްދިގު ފެހިކުލައިގެ ގަމީހެއްލާފައި އަތުކުރި އޮޅާލާފައި ހުރިއިރު މަގުމަތީގެ ހުރި ރަތްއަލީގައި އެހާ ދުރުންވެސް އޭނާގެ ދޮން ހަށިގަނޑާ އެގަމީސް ގުޅޭވަރު އެގެއެވެ. ލާފައި ހުރީ ނޫކުލައިގެ ޖިންސެކެވެ. ހަފޫޓް ހަމަނުވެ ދެތިން އިންޗް ހުރި ނަމަވެސް އެހަށިގަނޑުގެ ފުރިހަމަކަމުން އެއަށްވުރެވެސް ދިގުކަމަށް އޭނާ ދައްކައެވެ. އޭނާގެ ނަޒަރު މިސްބާއަށް ހުއްޓުނު ވަގުތު ބޭރަށް ނުކުތް ވަރުގެ ކޮޅަށް ނަލަ ހެދިގެން ނުކުމެގެން އައި އަންހެންކުއްޖާ އޭނާގެ ގައިގައި އެލިގަތެވެ. މިސްބާއަށް އޭނާއަށް ނުފެންނާނެހެން ފާރާ ނިވާވެލެވުނެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ